بســم اللّـه الرّحمـن الرّحيــم


السّـلام عليـكم


މިއަދަކީ 22 އޭޕްރިލް 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުންނަށް ހިންގާ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން އެމުވައްޒަފުންނަށް ޢިނާޔަތްތަކެއް ހަމަޖެއްސުމަށް މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުޞަތު މިހާރު ހުޅުވިފައިވާ ވާހަކަ. އަދި މިކަމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން މިހާރުވަނީ ދޫކުރައްވަން ފަށްޓަވާފައި.

ސަރުކާރުގެ މަސައްކަތްކުރާ ގިނަގުނަ މުވައްޒަފުންނަށް މިހާރު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެއްޗަކަށްވުރެ އަދި ހުރި ފުރުޞަތުތަކަށްވުރެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ، ދައުލަތަށް ލިބޭ އާމްދަނީގެ ވަކި ނިސްބަތަކަށް ޚަރަދުކުރެވޭ އަދަދެއްގެ މުވައްޒަފުންގެ ގޮތުގައި ކަންކަން ކަނޑައެޅިފައި އޮތުމަކީ، ފުރިހަމަ ގޮތުގައި ހިނގާ އިޤްތިޞާދެއް އަދި މާލީ ނިޒާމެއް ހިނގުމުގައި ކޮންމެހެން ބޭނުންތެރިކަމެއް. މިދެންނެވި ކަންކަމަކީ، މިއަދު މި ސަރުކާރަށް، އަޅުގަނޑުމެންނަށް ވަކިން ޚާއްޞަކޮށް ދެނެގަނެވިފައިހުރި ކަންކަމެއް ނޫން. އިޤްތިޞާދީ އަދި މާލީ ޢިލްމު އަދި ޤައުމާއި ދައުލަތް ހިންގުމުގެ މާލިއްޔަތެއް ބިނާކުރުމުގެ ހުރިހާ އަސާސްތަކާއި މައިގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން މިކަންކަން ހިނގި ރޭވިފައި އޮންނަންޖެހޭ ގޮތް.

ދައުލަތަށް ލިބޭ އެއްޗެއްގެ ބޮޑު ބަޔަކީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި ވެއްޖެނަމަ ދެން ތަރައްޤީގެ ފުރުސަތުތައް އޮންނާނީ ވަރަށް ހަނިވެފައި. ކެޕިޓަލް ޚަރަދު އެބަ ބޮޑުވާންޖެހޭ. އެންމެ ރަނގަޅު ގޮތަކީ، ދައުލަތުގެ އާމްދަނީ އެތައްއެތައް ގުނައަކުން ބޮޑުކުރުން. އެހެންނަމަވެސް، އެކަން ކުރުމަށް އަދިވެސް ދުވަސް ނަގާނެ. މިހާރުވެސް މިދިޔަ އަހަރަށްވުރެ އަދި މީގެ ތިން ހަތަރު އަހަރަށްވުރެ ދައުލަތަށް ލިބޭ އާމްދަނީ އެތައް ތަނަކުން އިތުރުވެއްޖެ. އެހެންނަމަވެސް، މިބޭނުންވާ ބޮޑު ޖާގަ ފުރުމަށްޓަކައި ދައުލަތުގެ އާމްދަނީ، މިހާރު މިލިބޭ އާމްދަނީއަށްވުރެ ދެގުނަ އެބަވާންޖެހޭ. އެހެންވީމާ، އެފަދަ ހިސާބަކަށް ދައުލަތަށް ދިޔުމަށް އަދި ދުވަސް ނަގާނެ. އެދުވަސްތަކުގައި ނުވަތަ އެހިސާބަށް ދިޔުމަށްޓަކައިވެސް އަޅުގަނޑުމެންގެ ސަރުކާރުގެ ރިކަރަންޓް ޚަރަދު ވަކި ހަމައެއްގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ސަރުކާރުން މިގެންދަނީ މިދެންނެވި ހަމަ ހޯދަމުން. އެކަމުގައި މަސައްކަތް ކުރަމުން. އެގޮތުން ސަރުކާރުގެ މަޤްޞަދަކީ، ބޭނުމަކީ، މުވައްޒަފުންނަށް އެމީހުންގެ ދިރިއުޅުން ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯދައިދިނުން. ސަރުކާރުން ހިންގާ، މެދު އަދި ކުދި ފަންތީގެ ވިޔަފާރީގެ ލޯނު ޕްރޮގްރާމުގައި ބައިވެރިވެ، ވިޔަފާރީގެ ރޮނގުން ކުރިއަށް ދިޔުމުގެ މަގު ފަހިކޮށްދިނުން.

ރަށު ކައުންސިލްތައް އިންތިޚާބުވީ ފަހުން، އަޅުގަނޑު މިގެންދަނީ ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އަދަދެއްގެ ރަށު ކައުންސިލްތަކާ ބައްދަލުވުމުގެ މަސައްކަތްތަކެއް ކުރަމުން. އެނގިވަޑައިގަންނަވާނެ، ކައުންސިލްތައް މިހާރު ބާރަށް މަސައްކަތް ކުރުމަށް އާރޫޙަކާއެކީގައި ސަރުކާރުން އެބޭފުޅުންނަށް، ކައުންސިލްތަކަށް ހިތްވަރު ދިނުމަކީ، އެހީތެރިވެދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑަށް ފެންނަނީ އިންތިޚާބުވެފައިވާ ކައުންސިލްތަކުގެ މަސައްކަތްތައް ހަމަ އެކަށީގެންވާ ގޮތަކަށް ކުރިއަށްދާތަން. އަދި އަޅުގަނޑަށް ފާހަގަވޭ، ދެޕާޓީ އެއީ، ޑީ.އާރު.ޕީ.އާއި އެމް.ޑީ.ޕީ. މިދެޕާޓީގެ މެންބަރުން އެއް ކައުންސިލެއްގައި ތަމްސީލުވާއިރުގައިވެސް ވަރަށް ރަނގަޅު އެކުވެރި ރޫހަކާއި އަދި ހަމަ ސިޔާސީ ނިޒާމު، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ފުރިހަމަ މިސާލުތައް ދައްކަމުން، ރާއްޖޭގެ ކުދިކުދި ރަށްރަށުގައި މިކަން ހިނގަމުންދާ މިންވަރު މާ ފުރިހަމަ، މާ ރަނގަޅު.

އަޅުގަނޑުމެންނަށް މާލޭގައި ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ހިންގުމުގައި ވަރަށްގިނަ އަރައިރުމާއި، ނަފްރަތާއި، ޙަސަދައާއި އަދި ހަމައެހެންމެ، ބާވަތްބާވަތުގެ ބަސްތަކާއި ވާހަކަތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ރައްދުކުރަމުން އެބަގެންދެވޭ. އެއީ، ދެރަކަމެއް. އަޅުގަނޑަށް މިފެނުނީ، އަދި އަޅުގަނޑަށް ފެންނަމުން މިދަނީ ބޮޑުމާލޭގެ މަންޒަރުގައި ތަމްސީލުމިވާ އެކިއެކި ފަރާތްތަކާއި މީޑިއާގެ ފަރާތްތައްވެސްމެ، ހަރަކާތްތެރިވަމުންދާ ގޮތާއި، ރާއްޖޭގެ ރަށްރަށުގައި ކައުންސިލްތައް އިންތިޚާބުވެގެން ޑިމޮކްރަސީގެ ރޫޙުގައި ރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރަމުން އަންނަ ގޮތް ވަރަށް ތަފާތުކަން. ކައުންސިލްތައް އިންތިޚާބުވުމަށްފަހުގައި އަޅުގަނޑަށް އެކާވީހަކަށް ކައުންސިލާ މިހާރު ބައްދަލުކުރެވިއްޖެ. މީގެތެރޭގައި ހުސް އެމް.ޑީ.ޕީ.ގެ ކައުންސިލަރުން ތިއްބެވި ކައުންސިލްތައް އަދި ޑީ.އާރު.ޕީ.ގެ އަޣްލަބިއްޔަތު އޮންނަ ކައުންސިލްތައްވެސް އަދި މަދު އެއްވެސް ފަރާތަކަށް ވަކި ޚާއްޞަ ވަކި ބާރެއް ނެތިފައިވާ ކައުންސިލްތައްވެސް، އެހެންނަމަވެސް، މިހުރިހާ ކައުންސިލެއްގައިވެސް މަސައްކަތް ހިނގަމުން ގެންދަވާ ގޮތާއި އަދި އެބޭފުޅުންގެ މަޝްވަރާތަކާއި، އެބޭފުޅުންގެ ނިންމުންތައް އަޅުގަނޑަށް ފެންނަނީ ފުރިހަމަކަމަށް.

އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވަން ބޭނުން، ހުޅަނގު ރީތިކޮށް އަޅުގަނޑުމެންނާ އަރާ ހަމަވެއްޖެ. އަދި ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ރަނގަޅަށް ހުޅަނގުގެ ތެރެއަށް ވަދެވިއްޖެ. ފުރަތަމަ އައްސިދައިގެ ވިއްސާރަ، ލަސްކޮށް ނަމަވެސް އަޅުގަނޑުމެންނަށް މިވަނީ މިހާރު ލިބިފައި. އަޅުގަނޑު އިއްޔެގައި ކޮޅުމަޑުލުގައި ހުރިއިރުގައި ވަރަށް ރަނގަޅަށް އެއަތޮޅަށް ވާރޭ ވެހެމުންދޭ. އެހެންވީމާ، ގަސްއިންދުމުގެ ފުރުސަތެއްވެސް އަޅުގަނޑުމެންނަށް ލިބުނު. އަޅުގަނޑު އެންމެ ބޭފުޅުންގެ ކިބައިން އެދެން، މިހުޅަނގުގައި، ވިއްސާރައިގައި ވީހާވެސް ބޮޑަކަށް ރަށްރަށް ފެހި ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކޭ. އަދި ވަކިން ޚާއްޞަކޮށް އަލަށް ބިން އިތުރު ކުރެވުނު ރަށްރަށުގެ އެ ބިންތަކުގައި، ހިއްކުނު ބިންތަކުގައި ވީހާވެސް ބޮޑަކަށް ގަސް ޖެހުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް މިހާރު މިލިބޭ ފެން މިގޮތަށް ލިބެން ބޭނުންވެފައިވާ ވަރަށް ގިނަދުވަސްވެއްޖެ. ރާއްޖޭގައި ވަރަށްގިނަ ދުވަސްވަންދެން ވާރޭކޮޅެއް ނުވެހި ހަނަފަސްކޮށް ދިޔުމަށް ފަހުގައި މިލިބެމުން މިއަންނަ ފެނަކީ އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ ރަޙްމަތެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________