بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم 
 
މިއަދަކީ، 28 ޖެނުއަރީ 2011 ވީ ހުކުރު ދުވަސް. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާ، ކުޅުދުއްފުށީގައި ބޭއްވިގެންދިޔަކަން އެއީ، ކުޅުދުއްފުށީ ރައްޔިތުން ވަރަށް އުފަލާއެކު ފާހަގަކުރި ކަމެއް. އެދުވަހުގެ ޖަލްސާއިން ނިންމުނު އެންމެ މުހިންމު ކަމަކީ، މަތި އުތުރު ޕްރޮވިންސްގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ފެށެންހުރި މަޝްރޫޢުތައް، ވީހާވެސް އަވަހަކަށް ފެށުމަށް ނިންމި ނިންމުން. މިގޮތުން އެ ސަރަޙައްދުގެ ބައެއް ރަށްރަށުގެ ބަނދަރު ހެދުމާއި، ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމާއި، އެ ސަރަޙައްދުގެ ތަޢްލީމާއި ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުން ހިމެނޭ. އަދި އެ ސަރަޙައްދަށް ފަތުރުވެރިކަން އިތުރަށް ފުޅާކުރުންވެސް ހިމެނޭ.
 
2010 ވަނަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ، މިދިޔަ ހޯމަ ދުވަހު ވަނީ އިޢްލާން ކޮށްފައި. 2009 ވަނަ އަހަރަށްވުރެ 2010 ވަނަ އަހަރުގެ ނަތީޖާ ރަނގަޅުވެފައިވުމަކީ،     މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.
 
2008 ވަނަ އަހަރު ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރު، 5 މާއްދާއިން ފާސްވެފައިވާ ކުދިންގެ ނިސްބަތަކީ، 27 އިންސައްތަ. މި ސަރުކާރުގެ އަމާޒަކީ، 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް، 60 އިންސައްތައަށް ބަދަލުކުރުން.
 
ސްކޫލުތައް ނިންމާ ނުކުންނަ ކުދިންނަކީ، ކިޔެވުމުގެ މަރްޙަލާ ކާމިޔާބާއެކު ނިންމާ ކުދިންނަށް ހެދުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. މިއަމާޒަށް ވާޞިލުވުމަށްޓަކައި މިދިޔަ ދެއަހަރު ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދީގެން މަސައްކަތް ކުރަމުން ގެންދެވިފައިވޭ. މާތްރަސްކަލާނގެ އިރާދަފުޅާއެކު، އަޅުގަނޑުމެންނަށް އެ ނަތީޖާ މިދަނީ ފެންނަމުން. 2009 ވަނަ އަހަރު ކުރި މަސައްކަތުން 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް، 5 އިންސައްތައަށް އިތުރުކުރެވިފައިވޭ. އަދި މިދިޔަ އަހަރު، 2010 ވަނަ އަހަރު 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތްވަނީ 3 އިންސައްތައަށް އިތުރުކުރެވިފައި. އެހެންކަމުން، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 2008 ވަނަ އަހަރާ އަޅާބަލާއިރު 8 އިންސައްތައަށް މަތިކުރެވިއްޖެ. މިއީ ކުރިންވެސް ދެންނެވިހެން، އަޅުގަނޑުމެންނަށް، މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.
 
ވަކިވަކި ސްކޫލްތަކުން މިދިޔަ އަހަރު ހޯދި ނަތީޖާއަށް ބަލާއިރު، 100 ސްކޫލަކުން 2009 ވަނަ އަހަރަށްވުރެ ނަތީޖާ ރަނގަޅުކޮށްފައިވޭ. މިދެންނެވީ 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް، އެސްކޫލްތަކުން އިތުރުކުރެވިފައިވާ ވާހަކަ.
 
ހަމައެއާއެކު ފާހަގަކޮށްލެވޭ އަނެއްކަމަކީ، ވަރަށްގިނަ ކުދިން ދުނިޔޭގެ ފެންވަރުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް މިފަހަރު ހޯދާފައިވާކަން. އެމާއްދާއަކުން ހޯދަންޖެހޭ ފުރިހަމަ މާކްސް، ސަތޭކައިންސަތޭކަ ހޯދާފައިވާ ކުދިންގެ ޖުމްލަ ޢަދަދު ގިނަކަން އެއީވެސް، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރާ ކަމެއް.
 
މިފުރްޞަތުގައި އޯ ލެވެލް އިމްތިޙާނުން މަތީ ވަނަތައް ހޯދި ކުދިންނަށާއި، އަދި     މި އިމްތިޙާނުން ފާސްވި ކުދިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔަން. އެކުދިން ކުރި މަސައްކަތަށާއި ކުރި ހިތްވަރަށް އަޅުގަނޑު ސާބަސްދެން. އަދި ނަތީޖާ ރަނގަޅުކުރި ސްކޫލްތައްވެސް، މި ތަހުނިޔާގައި އަޅުގަނޑު ހިމަނަން. ޚާއްޞަކޮށް ދަރިވަރުންގެ ބެލެނިވެރިން، އެކޮށްދެއްވި މަސައްކަތްތައް އަޅުގަނޑު ޝުކުރުވެރިކަމާއެކު ހަނދާންކުރަން. މި ނަތީޖާ މި ނެރެވުނީ، ބެލެނިވެރިންގެވެސް ވަރަށްބޮޑު އެހީތެރިކަމަކާއެކު، އެބޭފުޅުން ސްކޫލަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން. ހަމައެއާއެކު، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ އަށާއި، މިހާރުގެ މިނިސްޓަރ ޝިފާ މުޙަންމަދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި، ޓީޗަރުންނަށާއި، ދަރިވަރުންގެ ބެލެނިވެރިންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މިމުނާސަބަތުގެ ތަހުނިޔާ އަރިސްކުރަން. 
 
މިހިނގާ 2011 ވަނަ އަހަރުގެ ނަތީޖާވެސް، މިދިޔަ ދެއަހަރަށްވުރެ ރަނގަޅުކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ތަޢްލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިފުރްޞަތުގައިވެސް އިލްތިމާސް ކުރަން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمدللّـه. والسّـلامعليـكم.
 
       ______________________