بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 15 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، ފަންނީ އަދި އަދަބީ ޘަޤާފަތާއި ހުނަރުވެރިކަން ހާމަކޮށް ފާހަގަކުރުމަށް، ރާއްޖޭގައި ބޭއްވޭ ވަރަށް ޚާއްޞަ ކާނިވަލެއް، ފެސްޓިވަލެއް، ރޭ މިވަނީ ފެށްޓިފައި. މިކަންކަމުގައި އިނގިރޭސިވިލާތުގެ ކުރި ހޯދައިފައިވާ "ހޭ ފެސްޓިވަލް"ގެ މުހިންމު ބައެއް، މިފަހަރު ރާއްޖޭގައިވެސް ބޭއްވުމަކީ އަޅުގަނޑުމެންގެ ލިޔުންތެރިން، ޅެންވެރިން، ފަންނާނުން އަދި ހުނަރުވެރީންނަށް ލިބިގެންދާނޭ އުންމީދީ ފުރުސަތުތަކެއް. މިއީ، ރާއްޖޭގައި ބޭއްވޭ މި ބާވަތުގެ ފުރަތަމަ ފެސްޓިވަލް. މިޙަރަކާތްތައް ބޭއްވެނީ، މިމަހުގެ 17 ވަނަދުވަހާ ހަމައަށް މާލެއާއި އާރަށުގައި. އެހެންކަމުން، "ހޭ ފެސްޓިވަލް"ގެ އެންމެހާ ބައިވެރިންނަށް، މި ޙަރަކާތްތަކަކީ ފައިދާ ލިބިދޭ ފެސްޓިވަލެއް ކަމުގައި ވެގެންދާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން. މި ފެސްޓިވަލްގައި ބައިވެރިވުމަށް ވަރަށް މަޝްހޫރު ލިޔުންތެރިން، ދުނިޔޭގެ އެތަން މިތަނުން އެބަ ވަޑައިގަންނަވާ. އަޅުގަނޑު އުންމީދު ކުރަން، ޓިކެޓްތައް ބައްލަވައިގެންފައި ތިއްބެވި ބޭފުޅުންނަށް، އެ ލިޔުންތެރިންނާ ބައްދަލުވެ، އެ ލިޔުންތެރިންގެ ލިޔުންތައް ހުރިހާ ބައިވެރިންނަށްވެސް ފާހަގަވެގެން، ސާފުވެގެން، އޮޅުންފިލައިގެންދާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، މިއަހަރުގެ އެސް.އެސް.ސީ. އިމްތިޙާނު ނިމި، ކެމްބްރިޖް އިމްތިޙާނު މިހާރު މިވަނީ ފަށާފައި. ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ދަރިވަރުންވެސް ގަދައަޅައި މަސައްކަތް ކޮށްފައިވާނެ ކަމަށް އަޅުގަނޑު މިދެކެނީ. ހަމައެއާއެކު، އަހަރުގެ ފަހު އިމްތިޙާނު، ޕްރޮމޯޝަން ޓެސްޓްވެސް، މިއަންނަ ހަފްތާގައި ބައެއް ސްކޫލްތަކުގައި ފެށޭނެ. އެހެންކަމުން، މިއީ، އެ އިމްތިޙާނަށް ތައްޔާރުވެ، ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ޢަޒުމް ކަނޑައަޅަންވީ ވަގުތު.

ދެން ދަންނަވާލަން އޮތީ، ކުޑަކުދިންނާ ގުޅޭ ވާހަކައެއް. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އެކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުމުގެ ޙާދިޘާތައް އިތުރުވާން ފަށައި، ވަރަށް ނުރައްކާތެރި އަގަލުކުޑަ ހާނިއްކަތައް ކުޑަކުދިންނަށް ކުރެވޭ ކަމުގެ ވާހަކަތަކާމެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ. މައިންނާއި ޅަދަރިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، މިސަރުކާރުގެ މުހިންމު އަމާޒެއް. ގެވެށި ހާނިއްކައާއި އަނިޔާ އަޅުގަނޑުމެން އަބަދުވެސް ކުށްވެރި ކުރަން. މިވަގުތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޑީ.އާރު.ޕީ.ގެ ތުލުސްދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމަށް ޝުކުރު ދަންނަވަން. އެބޭފުޅާ އެ ބިލް މިހާރު އެވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި. އަޅުގަނޑު މި އުންމީދު ކުރަނީ އެބިލަށް ތާއީދު ލިބި، ފަސޭހަކަމާ އެކީގައި ފާސްވެގެންދާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
______________________