بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 4 ސެޕްޓެމްބަރ 2009ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، ރޯދަމަސް އަޅުގަނޑުމެންނަށް ދެބައިވަނީ. ރޯދަމަސް ދެބައިވާއިރު، މި ރޯދަމަހުގައި އެހެން ރޯދަމަސްތަކާ އަޅާބަލައި ބާޒާރުގައި ތަކެތީގެ އަގު މައްޗަށް އުފުލިގެން ނުދިޔަކަމަށްޓަކައި އަދި ހަމަ މާތްރަސްކަލާނގެ އިރާދަފުޅުން މިހާރު މަސްވެރިކަންވެސް ރަނގަޅުވަމުން އަންނަކަމުންނާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޢަދަދުވެސް އިހު ހުރިވަރަށް އިތުރުވަމުން އަންނަކަމުންނާއި، ދިވެހިރާއްޖެއަށް ޖުމްލަ ގޮތެއްގައި ތިޔާގިކަން މެދުވެރިވަމުން އަންނާތީ، މާތްﷲގެ ކިބައަށް ޙަމްދުކޮށް ޝުކުރު ދަންނަވަން.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައުމަށް ސަރުކާރުންވަނީ ނިންމާފައި. އެގޮތުން، ސިވިލް ސަރވިސް ކޮމިޝަނާއި އަދި އެހެން މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންނާއި، އެ ކޮމިޝަންތަކާ ސަރުކާރުން މިގެންދަނީ ވާހަކަ ދައްކަމުން. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ މިއަހަރުގެ ކުރިއަށް މިއޮތް ދުވަސްކޮޅު، ކޮންމެ މަހަކުމެ ސަތޭކަ މިލިއަނެއްހާ ރުފިޔާ، ސަރުކާރުގެ މުސާރައިގެ ޚަރަދުން ކުޑަކުރެވޭތޯ. އެކަން ކުރުމަށް އަޅުގަނޑުމެން ބެލިއިރުގައި ކިތަންމެ ދަތިތަކަކާ ދިމާވޭ. ފުރަތަމައަށް ސަރުކާރުގައި މުސާރަ ދެވޭ މުވައްޒަފުންގެ ޢަދަދަކީ ކޮބައިތޯ، މުވައްޒަފުންގެ ނަންތަކަކީ ކޮބައިތޯ، މުވައްޒަފުން މަސައްކަތް ކުރާ ދާއިރާތަކަކީ ކޮބައިތޯ، މިހެންގޮސް މިބާވަތުގެ ކިތަންމެ މަޢްލޫމާތެއް އަޅުގަނޑުމެންނަށް ޖެހުނީ އަލަށް ހޯދަން، އެކުލަވާލަން. އެމަސައްކަތް، އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. ނިމުނުއިރު އަޅުގަނޑުމެންނަށް ސަރުކާރަށް ފެނުނީ، މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެނައި ނަމަވެސް، މި ސަރުކާރު އަމާޒު މިކުރާ ސަތޭކަ މިލިއަން ރުފިޔާގެ ސޭވިންގ ނުވަތަ އުނިކުރުމެއް، މަދުކުރުމެއް ގެނެވިދާނެ ކަމަށް ބެލެވެނީ، ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ އިތުރު ޢިނާޔަތްތަކަށް ބައެއް ބައެއް ބާވަތުގެ ބަދަލު ގެނެސްގެން.

އަޅުގަނޑުވެސް ޢަޖާއިބުވި. ސަރުކާރު މުވައްޒަފުންނަށް އެބަދެވެއޭ މަދުވެގެން ސައްވީސް ބާވަތެއްގެ ތަފާތު އެކި ޢިނާޔަތްތައް. އޭގެތެރޭގައި، އެއްރަށެއްގައި ހުރެ އަނެއް ރަށެއްގައި މަސައްކަތް ކުރާތީއާއި، އޯވަރޓައިމް އެއީ އެންމެ ބޮޑުކޮށް ދެވޭ އެއް އެލަވަންސް. ދަތުރުފަތުރުގެ އެލަވަންސް. މިހެންގޮސް މިދަންނަވާހެން ސައްވީސް ބާވަތެއްގެ އެލަވަންސް، ސަރުކާރު މުވައްޒަފުންނަށް އެބަދެވޭ. އަޅުގަނޑުމެންނަށް ފެނުނީ، ބައެއް އެލަވަންސްތަކުން ކޮންމެވެސް މިންވަރަކަށް މަދުކުރީމާ، ސަރުކާރުން މި މަސައްކަތް ކުރަމުން އައި ނުވަދިހަ ދެމިލިއަން ނުވަތަ ސަތޭކަ މިލިއަން ރުފިޔާ ސަލާމަތް ކުރުމުގެ ފުރްޞަތު، މަގު ފަހިވެގެން އެބަދާކަން.

މި ސަރުކާރު އުފެދިފައި މިއޮތީ، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައޭ، ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައޭ. މި ސަރުކާރު އުފެދުމުގެ ކުރީގައި، އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި ވާދަކުރަމުން އައިއިރު، އެމް.ޑީ.ޕީ.ގެ ސަރުކާރެއް އުފެދިއްޖެނަމަ، އެ ސަރުކާރަކުން ގެންގުޅޭނެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކުރަމުން ދިޔައިރުގައި، އަޅުގަނޑުމެން ވަރަށް ފާހަގަކުރަމުން އައިން، ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހުން، އެކަން އެއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނެ ކަމެކޭ. ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދްމަތް ފަސޭހަ ގޮތުގައި ލިބޭނެ، ހެޔޮގޮތުގައި ލިބޭނެ ގޮތެއް ހަދައިދިނުމަކީ، ސަރުކާރުގެ އަމާޒެއް. އަޅުގަނޑުމެން އޭރު އުންމީދު ކުރީ، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވާތާ މަދުވެގެން 18 މަސް ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ ކަމަށް. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ އިރާދަކުރައްވައިގެން މިކަން ތަންކޮޅެއް އަވަހަށް ކުރެވޭތަން. ”މަދަނަ“ ނުވަތަ ޞިއްޙީ ޚިދްމަތް ދިނުމުގެ އިންޝުއަރެންސް އެހީދޭ އުޞޫލުތަކެއް އަދި ނިޒާމްތަކެއް ކަނޑައެޅި މިހާރު އޭގެ ދަށުން މިދަނީ އެ ޚިދްމަތް ތަޢާރުފު ކުރެވިގެން. ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅު ކުރައްވަންވީ، ގިނަވެގެން އަހަރެއްގެ މައްޗަށް އެންމެ ދެހާސް ރުފިޔާ ޚަރަދުކުރީމާ، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެއޭ. ދެހާސް ރުފިޔާ އެއީ، އާމްދަނީ ރަނގަޅަށް ލިބޭ ރައްޔިތުން ޚަރަދު ކުރަންޖެހޭ މިންވަރު. އާމްދަނީ މަދުން ލިބޭ ރައްޔިތުން މި ހެލްތް އިންޝުއަރެންސަށް ޚަރަދު ކުރަންޖެހޭ މިންވަރު ކުޑަވާނެ. ބައެއްފަހަރަށް ބާރަސަތޭކަ ރުފިޔާ، އަނެއްބައިފަހަރަށް އެއްހާސް ރުފިޔާ، އަނެއްބައިފަހަރަށް އަށްސަތޭކަ ރުފިޔާ. އަދި އަޅުގަނޑު ހިތުން ބައެއްފަހަރަށް އެއްވެސް އެއްޗެއް ނުދީވެސް. މީހެއްގެ އާމްދަނީއާ ގުޅިގެން ހެލްތް އިންޝުއަރެންސްގެ ޕްރީމިއަމް ސަރުކާރުން މި ޗާޖް ކުރަމުން މިގެންދަނީ. ދެން ބާކީއޮތްބައި އެއީ، ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ.

މިދިޔަ ހަފްތާގައިވެސް އަޅުގަނޑު ފާހަގަކޮށްލިން. އަޅުގަނޑުމެންނަށް މި ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ ދަތީގައި ދިރިއުޅެމުން ގެންދާން މިޖެހޭ ޖެހުމަށް ލުއެއް، ބަދަލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ހިންގާ ކަންތައްތަކެއް އެބަހުރެއޭ. ތަންފީޒު ކުރާނެ ސިޔާސަތުތަކެއް އެބަވެއޭ. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައިން އަޅުގަނޑުމެންގެ އުންމީދަކީ، އަމާޒަކީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު ހޯދައިދިނުމޭ. އެއީ ފޯން ބިލް ނުދެއްކި، ފެން ބިލް ނުދެއްކި، ކަރަންޓް ބިލް ނުދެއްކި، ގޭގެ ކުލި ނުދެއްކި، ދަރިންނަށް ކިޔަވައިދޭނެ ފައިސާ އަތުގައި ނެތި، ބޭސްފަރުވާ ނުކުރެވި، މި ހާލުގައި ދިރިއުޅެން ނުޖެހޭނެ ގޮތްތަކެއް ހޯދައިދިނުމަކީ، މި ސަރުކާރުގެ އަމާޒެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އެކަން ޙަޤީޤަތަކަށް ހެދުމަށް. އަޅުގަނޑުމެންނަށް ވަރަށް ޔަޤީން، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ހަދައިދެވޭނެ. މިދެންނެވި ކަންކަން އެއީ ރިވެތި ގޮތުގައި ދިރިއުޅެވޭނެ، ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެކަން މިއަދު އަޅުގަނޑުމެންނަށް އިއްޔެއަށްވުރެ ބޮޑަށް ޔަޤީންވޭ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވޭނެ. އަޅުގަނޑުމެން މިއެދޭ ހާސްކަމެއް ނެތް ދިރިއުޅުން ރައްޔިތުންނަށް އުޅެވޭނެ މަގު އަޅުގަނޑުމެންނަށް ހޯދައިދެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި އެދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވި. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ޤާނޫނު ހެދުން. އެއްވެސް ޤާނޫނެއް ހެދިފައެއް ނެތް މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި. އެއީ ޤާނޫނު ހަދާ މަޖިލިސް. ޤާނޫނުއަސާސީ ވަރަށް ސާފު. ވާދަވެރި ޑީ.އާރު.ޕީ.ގެ އަމާޒަކަށްވެފައި އޮތީ، މުޅި މަޖިލިސް ބޭނުންކޮށްގެން، އެބޭފުޅުން ބޭނުންވާ ހަމަ އެންމެ ކަމަކާ ގުޅޭ ބިލެއް، އުޞޫލެއް ކަނޑައަޅައި ނިންމުން. އެއީ ކުރީގެ ރައީސުންނާ ގުޅޭގޮތުން ފާސްކުރަންޖެހޭ ބިލެއް ފާސްކުރުން. އަޅުގަނޑު ދެތިން ފަހަރަކު އެކަމާ ގުޅިގެން އަޅުގަނޑު ދެކޭގޮތް ފާހަގަކޮށްފިން. ދެން ހަމަ އަނެއްކާވެސް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނީ، ކުރީގެ ރައީސުންނަށް ޙިމާޔަތް ދިނުމަކީ ވަރަށް މުހިންމު ކަމެކޭ. އެބޭފުޅުންގެ ޤަދަރާއި ޢިއްޒަތް އަޅުގަނޑުމެންނަށް ހިފެހެއްޓެން ޖެހޭނެއޭ. ދެމެހެއްޓެން ޖެހޭނެއޭ. ހަމައެހެންމެ، އެބޭފުޅުންނަށް، ކުރީގެ ރައީސުންނަށް ކުށުގެ ތުހުމަތުގެ ބަރީޢަވެވޭނޭ މަގުތައްވެސް އޮންނަން ޖެހޭނެއޭ. އަޅުގަނޑު މިހިތަށްއަރަނީ، އަޅުގަނޑަށް، އަޅުގަނޑުގެ މައްޗަށް މިހާރުވެސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާނެ ބައެއް ބާވަތުގެ ކަންކަމާ. އެއީ އެކަން ހިނގާނެ ގޮތް. އެއިން ތުހުމަތަކުން އަޅުގަނޑަށް ބަރީޢަވެވޭނީ، އެންމެފަހުން އައިސް ޝަރީޢަތުގެ މަޖިލީހެއްގައި. އެހެންވީމާ، އެ މަޖިލީހަށް އަޅުގަނޑަށް ނުދެވޭ ގޮތަކަށް ޤާނޫނެއް އޮތުން އެއީ، އަޅުގަނޑު ނުދެކެން އަޅުގަނޑުގެ ޙިމާޔަތެއް ކަމަކަށް. އެއީ، އަޅުގަނޑަށް ލިބުނު ދައްޗެއް ކަމަށްވާނީ، ތުރާއެއް ކަމަށްވާނީ. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް.

ހަމައެހެންމެ، އަޅުގަނޑު މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވަން އޮތް ވާހަކައަކީ، މި ވެރިކަމުގައި ދުވަސްތައް އަޅުގަނޑު ހޭދަކުރަމުންދާއިރުގައި، އަޅުގަނޑާވެސް ދިމާވެއޭ ދަތިވާ ކަންކަން. ކޮންމެހެން ވަކިގޮތަކަށް އަޅުގަނޑުގެ ނަޒަރުގައި ކުރަންޖެހޭ ކަންކަން. އެކަން ނުކުރެވި ދޫކޮށްލާން މިޖެހެނީ، ޤާނޫނީ ތާށިކަމެއް އެކަން ކުރުމަށް އޮންނާތީ. ޤާނޫނީ ތާށިކަމެއް ނުވަތަ ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައި އޮއްވާ، އެހެން ގޮތަކަށް ކަމެއް ނުކޮށް މިދޫކޮށްލަނީ، ކޮންމެހެން ބައެއްފަހަރަށް ހިތުގެ އަޑީން އެކަން އެހެން ނުކުރުމަށް އެދޭތީކީއެއް ނޫން. އެހެންނަމަވެސް، ފަހުން ވެދާނެ ގޮތެއްގެ މައްޗަށް، ކަން ހިނގައިދާނެ ގޮތެއްގެ މައްޗަށް ބަރޯސާ ކުރެވޭތީ.

ވެރިކަމުގެ ދައުރުގައި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތް. އަޅުގަނޑަކީ ސިފައިންގެ އެންމެމަތީ ވެރިޔާ. އަޅުގަނޑަށް ބާރު އެބައޮތް. އެ ބާރު ވަކި ގޮތަކަށް އަޅުގަނޑު ބޭނުންކުރަމުން މިގެންދަނީ، ހަމަގައިމުވެސް އަޅުގަނޑުގެ ނަޒަރުގައި ވެރިކަމުން ފޭބުމަށްފަހުގައި ދެން ވެދާނެ ގޮތެއްގެ މައްޗަށް ވިސްނަންޖެހޭތީ. ގޯހެއް ހެދިފައި އޮތިއްޔާ، ނުވަތަ ކަނޑައެޅިގެން ހަދާފައި އޮތިއްޔާ، އެ ގޯހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެ. އެހެންވީމާ، އެ ދަޢުވާ އަޅުގަނޑުގެ މައްޗަށް ނުކުރެވޭ ގޮތަށް އޮވެއްޖެނަމަ، ވެރިކަމުގައި އަޅުގަނޑު ހުންނައިރުގައި، ޤާނޫނާ އެއްގޮތަށް ކަންކުރުމަށް އެޅޭ ބާރު ކުޑަވެގެންދާނެ. އަޅުގަނޑު ކުރުކޮށް ދަންނަވަނީނަމަ، މިހާރު މިއޮތް ބިލް، އެ އޮތްގޮތަށް ފާސްވެއްޖެނަމަ، ދިވެހި ވެރިން އަނެއްކާވެސް ޚުދުމުޚްތާރު ކުރުމަށް އެ ޖާގަ ދެވެނީއޭ. މަގުފަހިކުރެވެނީއޭ. އަޅުގަނޑު ހަމަގައިމުވެސް ޚުދުމުޚްތާރު ވެރިއަކަށްވާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ އުންމީދަކީ، ރައްޔިތުންގެ މަޖިލީހުންވެސް އެމަގަށް ވެރިންނަށް ބާރު ނޭޅުއްވުން.

މަޖިލީހުން ކުރައްވަން މުހިންމު ކަންތައްތައް އެބަހުރި. ޚާއްޞަ ގޮތެއްގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލް، އެއީ ޤާނޫނުއަސާސީގައި ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅާފައި އޮތް ކަމެއް. އެމުއްދަތު ފަހަނަޅައި ހިނގައްޖެ. އެހެންނަމަވެސް، ޤާނޫނުތަކެއް ނުއެއް ނިންމުނު. އެހެންވީމާ، ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް މުއްދަތުގައި، އެ އިންތިޚާބުތައް ބޭއްވޭނެ ގޮތެއް، މިދަންނަވަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ އިންތިޚާބުތައް ބޭއްވޭނެ ގޮތެއް މިހާރަކު ނެތް. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވަނީ، އަތޮޅު ކައުންސިލް އެއީ، ޕްރޮވިންސް ކައުންސިލްގެ ގޮތުގައި މާނަކުރުމަކީ އޮޅުވާލުމެކޭ. އޮޅުވާލުމަކީ އަޅުގަނޑުގެ ހިތުން އެ ސާފުނުކޮށްދީ ބޭއްވުން. އަޅުގަނޑުމެން ވަރަށް ސާފުކޮށް މިދަންނަވަނީ، އަތޮޅު ކައުންސިލަކީ ޕްރޮވިންސް ކައުންސިލެއްގެ ގޮތުގައި މާނަ ކުރެވިދާނެއޭ. ސަރަޙައްދެކޭ. އަތޮޅެއްގެ މާނައަކީ އެއްވެސް ހާލެއްގައި މި ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން އަތޮޅެއްގެ މާނަ، މާނަކުރަމުން އައީކީއެއް ޖިއޮގްރަފިކަލް ނުވަތަ ޤުދްރަތީ އުފެދުމުގެ ބާވަތަށް ބަލައިގެނެއް ނޫން. ހަމަ އެއިރެއްގައި އިދާރީ ގޮތުން ހިންގަން ބޭނުންވާ ގޮތަކަށް އޮތުން. އެހެންވީމާ، އަޅުގަނޑުމެން ހުށަހެޅި ބިލްގައި ”އަތޮޅު“ މާނަކޮށްފައި އޮންނާނީ މިހާރު މި ”އަތޮޅު“ މާނަކުރާ އުޞޫލެއްގައެއް ނޫން. އެ ތަފާތު އަޅުގަނޑުމެންނަށް ފާހަގަވޭ. އެ ތަފާތު އަޅުގަނޑުމެންނަށް ސާފުވޭ. ކޮންމެ ގޮތެއްވިޔަސްވެސް ސަރުކާރުން ހުށަހަޅާފައި މިއޮތީ ފަސޭހަ ގޮތުގައި މިކަން ކުރެވޭނެގޮތް. އަޅުގަނޑުމެންގެ ހަމައެކަނި ނުކުތާއަކީ 21 އިދާރީ ދާއިރާގައި، 21 ސަރަޙައްދީ ސަރުކާރު ނުވަތަ ކުދި ސަރުކާރު އުފައްދައިގެން ހިންގުން އެއީ، ވަރަށް އަގުބޮޑު ޙަރަކާތަކަށްވާނެއޭ. އަޅުގަނޑުމެންގެ މާލިއްޔަތަށް ވަރަށް ނުކަތާވަރު ކަމަކަށް ވެގެން ހިނގައިދާނެއޭ. އެހެންވީމާ، ކޮންމެވެސް މިންވަރަކަށް އެ އިދާރީ ދާއިރާތައް މަދުކުރުން އެއީ ބުއްދިވެރި ކަމަކަށްވާނެއޭ. މިވަގުތު އެދިމާއަށް މިޞްރާބު ޖެހުމަކީ ހަމަގައިމުވެސް އަޅުގަނޑުގެ ނަޒަރުގައި މި ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށްވާނީ.

އިތުރަށް ދަންނަވަން އޮތް ވާހަކައަކީ، މިހާރު މިހިންގާ ޕްރޮވިންސްތައް އެ ހިންގަނީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން. ”ވެރިކަން ހިންގުމުގެ ބާރުގެ ދަށުން“. އެހެންވީމާ، އެކަމަކާ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި އެވާ ލާމަރްކަޒީ އުޞޫލުން އަތޮޅުތަކާއި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތައް ހިންގުމާ އޮތް ގުޅުމެއް ނެތް. ޕްރޮވިންސްތަކަކީ އިދާރީ ހިންގުމެއް. ލާމަރްކަޒީ އުޞޫލުގެ ޤާނޫނަކުން ޕްރޮވިންސް ހިންގުމަކަށް ބަދަލެއް ނާންނާނެ. ހުރަހެއް ނޭޅޭނެ. ޕްރޮވިންސްތައް ދާނީ ކުރިއަށް. އަޅުގަނޑު ކުރީ ދުވަހުވެސް ދަންނަވައިފިން، ޤާނޫނު އޮތަސް، ޤާނޫނު ނެތަސް، މިދަންނަވަނީ ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާގުޅޭ ޤާނޫނު އޮތަސް ނުވަތަ ނެތަސް ޕްރޮވިންސްތައް އަޅުގަނޑުމެންނަށް ހިންގޭނެއޭ. އެ ޕްރޮވިންސްތައް ހިންގުމުގެ މަސައްކަތް ދާނީ ކުރިއަށޭ.

ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުން. އަންނަ އަންގާރަ ދުވަހަކީ ނުވަތަ މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހަކީ، ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަކީ، އަސާސީ ތަޢްލީމުގެ ފެންވަރު ލިބިފައިވާ މީހުން. ދެން އަޅުގަނޑުމެން ބަލަންވީ، އެނޫން އެހެން ފެންވަރަކަށް ދިއުމަށް. ގިނައިން ލިޔެކިޔާ އުޅުމަށް. މިހާރު އަޅުގަނޑުމެންނަށް އަނެއްކާ ރޭޑިއޯއާއި ޓީ.ވީ.ގެ ޚިދްމަތް ފުޅާވެގެން ދިޔަދިޔަހެން ގަނޑާއި ގަލަމާ ދުރުވާތަން އަޅުގަނޑު ހިތުން އެބަ ފެނޭ. އަޅުގަނޑުގެ ނަޞޭޙަތަކީ، އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ރައްޔިތުން، ވީހާވެސް ގިނަ ބަޔަކު ފޮތާ ގާތްވުން. ގަނޑާއި ގަލަމާ ގާތްވުން. ލިޔެކިޔާ އުޅުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. السّـلام عليـكم.
______________________