بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 21 އޯގަސްޓް 2009ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިއޯގެ ޒަރީޢާއިން ބައްދަލުވާއިރު، އެނގިވަޑައިގަންނަވާނެ، އެންމެ ފުރަތަމަ ކަމަކަށްވެސް އެންމެ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަން ބޭނުން، ބަރަކާތްތެރި ރޯދަމަހުގެ އެންމެހާ ހެޔޮއެދުންތައް.

މިއަހަރުގެ ރޯދަމަހަކީ، ކުރީ އަހަރަށްވުރެ ތިޔާގި އަދި ތަނަވަސް މައްސަރެއް ކަމުގައި ވެގެންދާނެކަމުގެ އުފާވެރި ޚަބަރުތަކަށް ހިޔަނި އެޅޭ ބާވަތުގެ ބައެއް ވާހަކަ އެބަ ދެކެވޭ. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް ސީދާ މީގެ ޙަޤީޤަތް އެނގިވަޑައިގަންނަވާނެ. ބާޒާރުގައި ތަކެތީގެ އަގު ހުރިގޮތްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އިރާދަކުރައްވައިގެން، މައިގަނޑު ގޮތެއްގައި ރޯދަމަހު ބޭނުންކުރާ ތަކެތީގެ އަގު، ކުރިއާ އަޅާބަލާއިރު ބޮޑުވެފައެއްނުވޭ.

އަދި ހަމައެހެންމެ، މިއަހަރު ރޯދަމަހުގެ ޢިނާޔަތުގެ ގޮތުގައި ސަރުކާރުން ދެވުނު ފައިސާގެ ޢަދަދު، ކުރީ އަހަރުތަކަށްވުރެ ގިނަވާނެ. ހަމައެއާއެކުގައި، ސަރުކާރަށް މަޖުބޫރުވެގެން ޚަރަދު ކުޑަކުރުމުގެ ގޮތުން ބޭފުޅުންގެ މުސާރައިން ބައެއް އުނިކުރުމަށް ނިންމި ނިންމުން ތަންފީޒު ކުރަން ފަށަން މިއޮތީ މިއަންނަ މަހު. އެހެންވީމާ، މިއަހަރުގެ ރޯދަމަހު ތިޔަބޭފުޅުންނަށް ތަކެތި ގަތުމަށް، ބާޒާރު ކުރުމަށް އަތުގައި ހުރި ފައިސާ ހަމަގައިމުވެސް ސަރުކާރު މުވައްޒަފުންނަކަށް، ކުރީ އަހަރާ އަޅާބަލާއިރު މަދެއް ނުވާނެ.

އަޅުގަނޑު މީގެ ދެތިން ދުވަސް ކުރިއްސުރެ ފެށިގެން ދައްކަމުން، ފާހަގަކުރަމުން އެބަ އަންނަން ޚާއްޞަ ނުކުތާއެއް. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން މިއެދޭ ބަދަލުތައް، އަޅުގަނޑުމެން އެންމެ ފުރަތަމަ ގެނައީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް. ސިޔާސީ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގައި އުޅެ، އެބަދަލުތައް އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މި އަންނަނީ ތަންފީޒު ކުރެވެމުން. މިދަންނަވަނީ، އާ ޤާނޫނުއަސާސީއާއި އަދި އެ އާ ޤާނޫނުއަސާސީއާ ގުޅިގެން ދެން ބޭއްވުނު އިންތިޚާބުތަކާއި، މުސްތަޤިއްލު މުއައްސަސާތަކާ، މި އެންމެހާ ކަންކަމެއް އަޅުގަނޑުމެންގެ ތެރޭގައި މިއަންނަނީ ފުރިހަމަވަމުން.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖެ، އަންނަން އޮތް ޖީލުތަކަށް، މުސްތަޤްބަލުގެ ދަރިންނަށް ހެޔޮގޮތުގައި ރައްދުކޮށްދިނުމަށްޓަކައި، މި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެކަންޏެއް ނޫން ބަދަލުތަކެއް ގެންނާން ޖެހިފައި މިވަނީ. ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ، ކޮންމެހެން ބޭނުން ކަމެއް. އިޤްތިޞާދީ، މާލީ ސިޔާސަތެއް ބިނާކުރާއިރުގައި، ބަލަން މިޖެހެނީ ހަމަ ވަރަށް އާދައިގެ ބައެއް ކަންކަމަށް. އަޅުގަނޑުމެން ގޭތެރޭގައިވެސް އަދި އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައިވެސް ހަމަ ފައިސާގެ ކަންތަކަށް ބަލަންޖެހޭ ގޮތަށް ދައުލަތުގެ ކަންކަންވެސް ބެލީމާ، މި އިޤްތިޞާދީ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އިންސާނީ ތަޖުރިބާ މިވަނީ ދައްކާފައި. ލިބޭ އެއްޗަކުން ދެކޮޅު ޖައްސަންޖެހޭނެއޭ. ދަރަނިވެރިވެގެން ނުވާނެއޭ. ނުލިބޭ މިންވަރުގައި އުޅެގެން ނުވާނެއޭ. އެ މައިގަނޑު އުޞޫލަށް ބަދަލުވުން އަޅުގަނޑުމެންގެ ބޭނުމަކީ.

މިހާރު ކަން ހިނގާ ގޮތަކީ، އަޅުގަނޑުމެން ރާއްޖޭގައި ވަޒީފާ އަދާކުރާ އެބައުޅޭ، އެއްލައްކަ ފަންސާސް ހާސް މީހުން. އޭގެތެރެއިން ބައްތިރީސް ހާހެއްހާ މީހުން ވަޒީފާ މި އަދާކުރަނީ، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި. އަނެއް އެއްލައްކަ އަށާރަހާސް މީހުން ވަޒީފާ އަދާކުރަނީ، އަމިއްލަ މަސައްކަތުގައި، އަމިއްލަ ވަޒީފާތަކުގައި. އަޅުގަނޑުމެންގެ ސިޔާސަތެއްގެ ސަބަބުން، ނުވަތަ އަޅުގަނޑުމެން ކަންކުރާ ގޮތުގެ ސަބަބުން، މިދެންނެވި އެއްލައްކަ އަށާރަހާސް މީހުންނަށް އިންޞާފެއް ނުލިބި، ހެޔޮގޮތެއްނެތި، ހަމައެކަނި ބައްތިރީސްހާސް މީހުންގެ ކަންތަކާ އަޅާލައިގެން، ސަރުކާރުން އުޅުމަކީ ހެޔޮގޮތެއްވެސް ނޫން، ބުއްދިވެރި ގޮތެއްވެސް ނޫން. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަށް މި ބޭނުންވާ އިޤްތިޞާދީ ތަރައްޤީ އަޅުގަނޑުމެން ހޯދަން ބޭނުންނަމަ، އަޅުގަނޑުމެން ރާއްޖޭގެ މިދަންނަވާ މާލީ އަދި އިޤްތިޞާދީ ކަންކަން ވަރަށް ބޮޑަށް ބަދަލުކުރާން އެބަޖެހޭ. ރާއްޖެއަށް މިލިބެނީ އާމްދަނީގެ ގޮތުގައި މިހާރު ހަތް ބިލިއަން ރުފިޔާ. އެ އާމްދަނީގެ ތެރެއިން މުސާރައިގެ ގޮތުގައި އަޅުގަނޑުމެން ފަސް ބިލިއަން ރުފިޔާ އެބަ ޚަރަދު ކުރަން. ދެން ވިސްނަވާ، މުޅި ހުރިހާ ބަނދަރެއް ހެދުމަށް، ހުރިހާ މަދަރުސާއެއް އެޅުމަށް، ހުރިހާ ހެލްތް ސެންޓަރެއް އެޅިޔަސްވެސް، ނަރުދަމައެއް އެޅިޔަސްވެސް، އަދި އެނޫންވެސް ޢުމްރާނީ ކޮންމެ މަސައްކަތެއް ހިންގިޔަސްވެސް އަދި ހިންގުމުގެ ޚަރަދާވެސް އެކުގައި ކަންކަން ކުރަން އަޅުގަނޑުމެންނަށް އެހެންވީމާ މިއޮންނަނީ ދެބިލިއަން ރުފިޔާ. އަޅުގަނޑުމެންނަކަށް އެ ޢަދަދަކުންނެއް އަޅުގަނޑުމެން މިބޭނުންވާ މަސައްކަތްތަކެއް ކުރެވޭކަށެއް ނެތް. ދެން ބޭފުޅުން ވިދާޅުވާނީ، އެ އަނެއް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ދަރަންޏަށް ފައިސާ ނެގީމާ ރަނގަޅުވާނެއޭ.

ދަރަންޏަށް ފައިސާ ނެގުމުގައި، ބަޔަކު މީހުން މީހަކަށް ފައިސާ މިދެނީ، ނުވަތަ ދަރަނީގެ ގޮތުގައިވެސް ފައިސާ މިދެނީ، އަނެއްކާވެސް ހަމަ އަޅުގަނޑު ދަންނަވާނީ، އާދައިގެ ވިޔަފާރިއެއްގެ ނަޒަރުން ނިކަން ބައްލަވާ. ފައިސާ ބަޔަކަށް މިދެނީ، އެމީހަކަށް ނުވަތަ އެބަޔަކަށް އެފައިސާ އަނބުރާ ދެއްކޭނެކަން ހިސާބުތަކުން ފެންނާން ހުރީމާ. ބޭންކަކަށް ދިޔައީމާ ބޭންކުން އަހާނެ. މިފައިސާ އަނބުރާ ދެއްކުމަށް ކުރަނީ ކޮންކަމެއްހޭ؟ އެކަންކަން ކުރަން ރާވާފައި އޮތް ގޮތާއި، އަދި ފައިސާ ލިބޭނެގޮތާއި، ޚަރަދުވާނެ ގޮތްތައް އެނގެންޖެހޭނެ. އަޅުގަނޑުމެން، ހަތް ބިލިއަން ރުފިޔާ ލިބޭ ބަޔަކު، ފަސް ބިލިއަން ރުފިޔާ މުސާރައަށް ޚަރަދުކޮށް، ދެންހުރި ހުރިހާ އެއްޗެއް ދަރަންޏަށް ނަގަމުން ނަގަމުން ނަގަމުން ގެންދެވޭނީ ކިހާ ދުވަހެއްގައިތޯ؟ އަނބުރާ ނުދެއްކޭހާ ޙާލަތުގައި، އަޅުގަނޑުމެންނަކަށް ދަރަންޏަށް ފައިސާ ދޭނެ ބައެއްވެސް ހޯދަން ދަތިވާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް ލިބޭ މިންވަރުން އުޅެވޭނެ ގޮތެއް ހޯދަން. އެ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން މި ނިންމަނީ، ސަރުކާރު މުވައްޒަފުންގެ ޢަދަދު އަށާރަހާސް މީހުންނަށް ތިރިކުރަން. ރަނގަޅަށް މަސައްކަތްކުރާ، ރަނގަޅަށް މުސާރަ ދެވިފައި ތިބި، ޤާބިލު، ކަމަށް އެކަށީގެންވާ، ރައްޔިތުންނަށް ޚިދްމަތްކޮށްދޭ އަށާރަހާސް މުވައްޒަފުން ތިބެގެން، ދިވެހި ސަރުކާރު ކިތަންމެ ފުރިހަމައަކަށްވެސް ހިންގޭނެ.

އެހެންވީމާ، ސަރުކާރުން މިޤަޞްދު މިކުރަނީ، 2011 ވަނަ އަހަރުގެ ތެރެއަށްދާއިރަށް އަޅުގަނޑުމެންނަށް މިބަދަލުތައް ގެނެވޭނެ ކަމަށް. ސަރުކާރުން މިދެކެނީ، ސަރުކާރުން މީހުން ދޫކޮށްލާއިރުގައި ދެގޮތަކަށް އެކަން ކުރެވޭނެއޭ. ފުރަތަމަ އެއްގޮތަކީ، ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ އުޞޫލުން ހިނގާ ކަންކަން ފާހަގަކޮށް، އެކަންކަން ވިޔަފާރީގެ އުޞޫލުން ހިންގުމަށް ދޫކޮށްލުން ނުވަތަ ކޯޕަރަޓައިޒް ކުރުން. މިސާލަކަށް، ޕަބްލިކް ވަރކްސް ބައްލަވައިފިއްޔާ، އެމިނިސްޓްރީގެ ތެރޭގައި، 225 މުވައްޒަފުން އެބަ ކުރޭ، އެކިއެކި ކޮންސްޓްރަކްޝަންގެ ވިޔަފާރިއާ ގުޅޭ މަސައްކަތް. އަޅުގަނޑުމެންނަށް އެ 225 މީހުންގެ މަސައްކަތް ވަކިކޮށް، އެއީ ވިޔަފާރީގެ އުޞޫލުން ހިންގާ މަސައްކަތްތަކަކަށް ހަދައި، އެ އެކުލަވާލެވޭ ކުންފުންޏާއެކުގައި ޙިއްޞާވާނެ އެހެން ބައިވެރިއެއް ހޯދައި، ސީދާ ވިޔަފާރީގެ އުޞޫލުން އެކަން ކުރަމުން ގެންދިޔައީމާ، ދެން އަޅުގަނޑުމެން މިދެކެނީ، ސަރުކާރުގެ ޕޭ ރޯލުން ނުވަތަ މުސާރައިގެ ލިސްޓުން މިދެންނެވި 225 މީހުން އަމިއްލަ ވިޔަފާރިއެއްގެ ޕޭ ރޯލަށް ބަދަލުވެގެންދާނެއޭ. ބަޖެޓަކާ އެކަމަކާ ގުޅުމެއް ނޯންނާނެއޭ. އެ އުފެދޭ ކުންފުނި މެދުވެރިކޮށް، ސަރުކާރަށް މަސައްކަތެއް ކުރުވަން ބޭނުންވެއްޖެނަމަ، ހަމަ ކޮންޓްރެކްޓްގެ އުޞޫލުން އެ ކުންފުނި ލައްވައި މަސައްކަތް ކުރުވީމާ ނިމުނީ. ކުރާ މަސައްކަތަކަށް ސަރުކާރުން އަގު ދިނީމާ ފުރިހަމަވާނެ.

މި އުޞޫލުން އަޅުގަނޑުމެން ދެކެނީ، ދިހަވަރަކަށްހާސް ސަރުކާރު މުވައްޒަފުން، ސަރުކާރުގެ މިހާރުގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ބޭރަށް ގެންދެވިދާނެ ކަމަށް. އަދި ހަމަ އޭގެއިތުރުން، މިހާރު ސަރުކާރުން މިގެންދަނީ، ކޮންމެ މިނިސްޓްރީއެއްވެސް މިނަމުން. އެމިނިސްޓްރީގެ މެނޭޖްމަންޓް އޮޑިޓެއް ހަދަމުން. އޭގައި ސަރުކާރުން ބަލަމުން މިގެންދަނީ، ކޮންމެ މިނިސްޓްރީއެއްގައިވެސް ހިނގަނީ ކޮންކޮން މަސައްކަތެއްތޯ؟ އެ މަސައްކަތްތައް ހިންގުމަށް ތިއްބެވީ ކޮންކޮން ބޭފުޅުންނެއްތޯ؟ ކިހާ ބޭފުޅުންނެއްތޯ؟ ކޮން މަގާމުތަކެއްގައިތޯ؟ މިކަންކަން ބެލުމަށްފަހުގައި ހިންގާ މަސައްކަތަށް ބޭނުންވާ މީހުންގެ އިތުރުން ތިބި ބައެއް ވެއްޖިއްޔާ، ސަރުކާރަށް ޖެހޭނީ ދޫކޮށްލަން. އެ ދޫކޮށްލާއިރު، ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަންތައްތަކެއް އެބަހުރި. ފުރަތަމަ ކަމަކަށް ރިޑަންޑަންސީ ޕޭމަންޓް ނުވަތަ ވަޒީފާއިން ދޫކޮށްލެވޭއިރު ގަނޑުކޮށްދެވޭ ފައިސާ، ކޮންމެ ބޭފުޅަކަށްވެސް ދެވޭނެ. އެފައިސާގެ ޢަދަދު، އަޅުގަނޑު ދަންނަވާފައި އޮންނާނެ، ބައެއްފަހަރަށް ދޮޅުލައްކަ ރުފިޔާއަށް އަރައިގެންދޭ. ސިވިލް ސަރވިސް ކޮމިޝަނާއެކުގައި ސަރުކާރުން އެފައިސާގެ ޢަދަދު ކޮންމެ މުވައްޒަފަކަށްވެސް އަރާ މިންވަރު ހޯދައި ކަނޑައަޅައި، އެގޮތުގެ މަތިން އެކަން ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ވިސްނާނެ.

ހަމައެއާއެކުގައި، އަޅުގަނޑުމެން ރާއްޖޭގައި އެބައުޅޭ އެއްލައްކައެއްހާ ބޭރުގެ މީހުން މަސައްކަތުގެ އެކިއެކި ދާއިރާތަކުގައި. ސަރުކާރުން މިދެކެނީ، އަޅުގަނޑުމެންނަށް ލިބިފައިވާ މަޢްލޫމާތަށް ބަލާއިރު، ބޭރު މީހެއް ލައްވައި މަސައްކަތް ކުރުމަށް ހިނގާ ޚަރަދަކީ، ގާތްގަނޑަކަށް މަހެއްގެ މައްޗަށް -/4500 ރުފިޔާވަރު. އެއާ ޚިލާފަށް، ދިވެއްސެއް މެދުވެރިކޮށް މަސައްކަތް ކުރުމަށް އެބަ ޚަރަދުވާ ކަމަށްވަނީ، -/6500 އާއި -/7000 ރުފިޔާއާ ދެމެދު. އެހެންވީމާ، ދިވެހިންނަށް ވަޒީފާގެ ފުރްޞަތު ފަހިކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެބަޖެހޭ ބައެއްބައެއް ގިންތީގައި މަސައްކަތްކުރާ ބޭރު މީހުންގެ މަސައްކަތުގެ އަގު ދިވެހިންގެ އަގާ އެއްހަމައަށް ގެންނަން. އެކަން ކުރުމަށްޓަކައި ވަރކް ޕަރމިޓްގެ ފީއެއް ނަގައި، ބޭރު މީހުން ބައެއް ބާވަތުގެ މަސައްކަތްތައް ރާއްޖޭގައި ކުރުމުގެ އަގު ބޮޑުކުރުން އެއީ، ސަރުކާރުގެ ސިޔާސަތަކީ. އަޅުގަނޑުމެން މިދެކެނީ، އެގޮތަށް އެކަން ކުރުމުން ސަރުކާރުން ދޫކޮށްލެވޭ ވަރަށްގިނަ ބަޔަކަށް ވަޒީފާގެ ފުރްޞަތުތައް ޕްރައިވެޓް ސެކްޓަރުގައި ހުޅުވިގެންދާނެ ކަމަށް.

އަޅުގަނޑުމެންނަށް މިމަސައްކަތްތައް މިހެން ކުރިއަށް ގެންދާއިރުގައި، އަދި އިތުރު މަސައްކަތެއް ކުރަން އެބަޖެހޭ. އެމަސައްކަތުގެ އެންމެހާ ކަންކަން މިހާރު ހުރީ އިންތިޒާމުވެފައި. އެއީ، ސަރުކާރުން ދޫކޮށްލެވޭ ބައެއް ބޭބޭފުޅުން، އެހެން ވަޒީފާއަކަށް ދިއުމަށްޓަކައި ތަމްރީނުތަކެއް ބޭނުންވެދާނެ. މިސާލަކަށް، ކާތިބަކަށް ހުންނެވި ބޭފުޅަކު ބަދަލުވާން މިޖެހެނީ، ރިޒޯޓެއްގެ ސްޓޮކް ކީޕަރަކަށް ނުވަތަ ރިޒޯޓެއްގެ ފްރޮންޓް އޮފީހަކަށް. އެބަދަލު ގެނައުމަށްޓަކައި ތަމްރީނެއް އެބަ ދޭންޖެހޭ. ސަރުކާރުން ޓިވެޓް ޕްރޮގްރާމް އުފެއްދީ މިދެންނެވި ތަމްރީނު ދިނުމަށްޓަކައި. އަޅުގަނޑުމެން މިހާރު އެ ޕްރޮގްރާމް އެކުލަވާލާފައި އެވަނީ، ސަރުކާރުން އެ ޕްރޮގްރާމް އެކުލަވާލާފައި އެވަނީ، 5000 މީހުންނަށް އެޕްރޮގްރާމުން ޖާގަ ލިބޭނެ ގޮތަށް. އެހެންވީމާ، ސަރުކާރުން ދޫކޮށްލެވޭ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންނަށް ރަނގަޅު ތަމްރީނެއްދެވި، އެހެން ވަޒީފާއަކަށް އެ މުވައްޒަފުންތައް އަހުލުވެރިކުރުވުމުގެ އިންތިޒާމް، ސަރުކާރުން ހަމަޖައްސާނެ.

ސަރުކާރުގެ ނިޔަތަކީ އެއްވެސް ހާލެއްގައި އެއްވެސް ބޭފުޅަކަށް ދެރައެއް ދިނުމެއް ނޫން. ދެރަގޮތެއްވާފަދަ ކަމެއް މެދުވެރިކުރުވުމެއްވެސް ނޫން. ސަރުކާރުގެ ބޭނުމަކީ، އަޅުގަނޑުމެން ރާއްޖޭގައި ރަނގަޅު އިޤްތިޞާދެއް ހިންގައި، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށް ދެވޭނެ އެންމެހާ ގޮތްގޮތް ހޯދުން. އަޅުގަނޑު ދަންނަވަމުން މި އަންނަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި، މި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ބަދަލުކޮށް، ރާއްޖެއަށް އިންވެސްޓްމަންޓްގެ ގޮތުގައި އެއްބިލިއަނެއްހާ ޑޮލަރު ފަހިކޮށް، ރާއްޖެ އަލުން އަނބުރާ އިޤްތިޞާދީ ގޮތުން ރަނގަޅު ބިންގަލަކަށް ގެނެވޭނެއޭ.

ބައެއް ބޭފުޅުން އަޅުގަނޑު އެއްބިލިއަން ޑޮލަރޭ ދެންނެވީމާ، އެއީ ކިހިނެއް ހިނގާ ކަމެއްތޯ؟ އެއީ ބަޖެޓަށް އަންނަ ރުފިޔާތޯ؟ ނުވަތަ ޑޮލަރުތޯ؟ މިބާވަތުގެ ސުވާލު ކުރައްވާ. ދެން ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވަންޖެހޭނެ، އެއީ ބަޖެޓަށް އަންނަ ޑޮލަރު ނޫންކަން. އަޅުގަނޑު މިދައްކަނީ އެ ބެލެންސް އޮފް ޕޭމަންޓްގެ ވާހަކަކަން. ޖުމްލަ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެއަށް ކުރިއަށް މިއޮތް ހައެއްކަމަސް، އަހަރެއްހާ ދުވަހުގެ ތެރޭގައި، އެއްބިލިއަން ރުފިޔާ އަންނަން ޖެހޭނެއޭ. ދެން އަޅުގަނޑުމެންނަށް ފެންނަނީ، އެފައިސާ ނުވަތަ އެ ޢަދަދުގެ އިންވެސްޓްމަންޓްތައް ފަހިވަމުން އަންނަތަން. އޭގެތެރޭގައި، އެއަރޕޯޓަށް އިތުރަށް ކުރާ އިންވެސްޓްމަންޓް. އެއީ، އަޅުގަނޑުމެން މިހާރު ސަރުކާރުން މިދާ ޖޮއިންޓް ވެންޗަރ ޕާޓްނަރާއެކުގައި. އެ ޕާޓްނަރ އެއަރޕޯޓަށް ކުރާ އިންވެސްޓްމަންޓް، އޭގެތެރޭގައި ވަރަށް ބޮޑަށް ފާހަގަވެގެންދާނެ. އަދި ސަރުކާރުގެ ދިހަހާސް ގެ އެޅުމުގެ ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެން ހަމަ އަދިވެސް ޔަޤީން ކުރަނީ، މިއަހަރުގެ ތެރޭގައި އޭގެ ބޮޑުބައެއް ފަށައިގަނެވޭނެއޭ. އެ ގެތައް އެޅުމަށްވެސް ގިނަ ޢަދަދެއްގެ ޑޮލަރު ރާއްޖެއަށް ފަހިވެގެން އަންނާނެ. ދަތުރުފަތުރުކުރުމުގެ ނިޒާމު ކާމިޔާބުކުރާ ފަރާތްތަކަށް ލޯނު ހޯދައިދިނުމަށް ސަރުކާރުން އެހީތެރިވެދޭނެ. އެކަމާ ގުޅިގެން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އަދިވެސް އެހެން ބޭންކްތަކާވެސް ސަރުކާރުން މިދަނީ ވާހަކަ ދައްކަމުން. އެހެންވީމާ، އެ މަސައްކަތަށްވެސް އެކަށީގެންވާ ޢަދަދެއްގެ އިންވެސްޓްމަންޓް ރާއްޖެއަށް އަންނާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަން.

ހަމައެހެންމެ، މިދިޔަ ޑިސެމްބަރުގައި އަޅުގަނޑު އިންޑިއާއަށް ކުރި ދަތުރުގައި، އިންޑިއާ ސަރުކާރުގައި އެދުނު އެންމެހާ ކަންކަން މިހާރު މިވަނީ އިރާދަކުރައްވައިގެން ފުރިހަމަވެފައި. އަޅުގަނޑު އެދުނީ، ސަތޭކަ މިލިއަން ޑޮލަރުގެ ސްޓޭންޑް ބައި ލޯނެއް ދެއްވުމަށާއި، އިންޑިއަން އެގްޒިމް ބޭންކްގައި ތިންސަތޭކަ މިލިއަން ޑޮލަރުގެ ލޯނެއް ދިވެހިރާއްޖެއަށް ފެސިލިޓީއެއް އުފައްދައިދިނުމަށާއި، ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރައުސްމާލު، އެއްބިލިއަން ޑޮލަރަށް އިތުރުކޮށްދިނުމަށް. ސްޓޭޓް ބޭންކްގެ ރައުސްމާލުވެސް މިހާރު މިވަނީ އެޢަދަދަށް އިތުރުވެފައި. އެގްޒިމް ބޭންކުންވެސް މިހާރު ދިވެހި ސަރުކާރަށް އަދި ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް މިވަނީ ފުރްޞަތުތައް ހުޅުވިފައި. އަދި ސްޓޭންޑް ބައި ލޯން، ސަތޭކަ މިލިއަން ޑޮލަރު މިހާރު އަޅުގަނޑުމެންނަށް މިވަނީ ލިބިފައި.

ހަމައެއާއެކީގައި، ޗައިނާގެ އެގްޒިމް ބޭންކުން ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނެއްގެ ފެސިލިޓީވެސް މިހާރު ސަރުކާރުންވަނީ ހަމަޖެއްސުމުގެ މަގުމަތީގައި ވާހަކަތައް ދައްކަމުން ގެންދަނީ. މެލޭޝިއާ އެގްޒިމް ބޭންކުންވެސް އެފަދަ ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު މިދަނީ ކުރަމުން. ޔޫރަޕްގެ އެކިއެކި ބޭންކްތަކުންވެސް ސަރުކާރުން މިދަނީ ކުރަމުން.

އަޅުގަނޑުމެންނަށް މިއަދު އެކިއެކި ޑިވެލޮޕްމަންޓް ބޭންކް ނުވަތަ ތަރައްޤީއަށް ފައިސާދޭ ބޭންކްތަކުން ލޯނު ހޯދުމުގެ ފުރްޞަތު މިއަދު މިއޮތީ ވަރަށްބޮޑުތަނުން ފަހިވެފައި. ފުޅާވެފައި. އެއީ، އައި.އެމް.އެފް. އާއި ވާރލްޑް ބޭންކާ، މިބާވަތުގެ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ދެކޭ މަންޒަރު، ދެކޭގޮތް މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އެނގިވަޑައިގަންނަވާނެ، އިއްޔެވަނީ އައި.އެމް.އެފް.ގެ ޕްރެސް ރިލީޒެއް ނެރުއްވާފައި. އޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ގެންނަ ބަދަލުތައް އެބޭފުޅުން ގަބޫލު ކުރައްވައި، އެއީ ރަނގަޅު ކަންތައްތައް ކަމަށް ދެކެވަޑައިގަންނަވާ. ދިވެހި ސަރުކާރަށް މިވަގުތުން ވަގުތަށް އެހީތެރިވެދިނުމަށް ފަސްދޮޅަސް މިލިއަން ޑޮލަރުގެ ލޯނު ދެއްވާނެ ކަމަށް، ސްޓޭންޑް ބައި އެގްރީމެންޓްގެ ލޯނު ދެއްވާނެ ކަމަށް އައި.އެމް.އެފް. އިން މިހާރު މިވަނީ އިޢްލާނު ކުރައްވާފައި. ހަމައެއާއެކުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ވާރލްޑް ބޭންކާއި، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާ އަދި މިހެންގޮސް ދުނިޔޭގެ އެތައް ކިތަންމެ ޑިވެލޮޕްމަންޓް ބޭންކަކުން އަޅުގަނޑުމެންނަށް މާލީ އެހީތެރިކަން މިބަދަލު ގެނައުމުގައި ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް.

އަޅުގަނޑު ދެކޭގޮތުގައި، މިއީ އުނދަގޫ ކަންތައްތަކެއް. އަޅުގަނޑަށްވެސް ކުރާންވެސް ވަރަށް އުނދަގޫ ކަންތައްތަކެއް. އެހެންނަމަވެސް، އެއިރެއްގައި ކުރަންޖެހޭ ކަމެއް، އެއިރެއްގައި ކޮށްގެން ނޫނިއްޔާ، ހެޔޮގޮތުގައި، ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް މުސްތަޤްބަލެއް ހޯދޭނެ ގޮތެއް ނޯންނާނެ. ދަތި ކަންތައްތައް ބައެއްފަހަރު އަޅުގަނޑުމެންނަށް ކުރަންޖެހޭނެ. މި ދަތި ދުވަސްކޮޅު އިރާދަކުރެއްވިއްޔާ، މި ނިމެނީ. އަޅުގަނޑުމެންނަށް އެދުވަހުން މި އަރައިގަނެވެނީ. ޑޮލަރުގެ ދަތިކަން ފޯރާފައި ހުރި މިންވަރު، ޢާންމު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެދަތިކަންވެސް އިރާދަކުރެއްވިއްޔާ މިދަނީ ފިލަމުން. ކުރިއަށް މިއޮތް ހަފްތާއެއްގެ ތެރޭގައި ވަރަށްބޮޑުތަނެއް ލުއިވެގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން. ޚާއްޞަ ގޮތެއްގައި، މިދަންނަވާ ޕްރޮގްރާމްތައް ސަރުކާރުން ފެށީމާ، އެއީ ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމާއެކު، ލިބޭ އެއްޗަކުން ފޫބެއްދުމަށް ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ކަނޑައެޅުނީމާ، ދެން އަޅުގަނޑުމެންނަށް ލިބިގެންދާ ފައިދާއާއި، ލިބިގެންދާ ފަސޭހަތައް އަޅުގަނޑުމެން އެންމެންނަށްވެސް ފެނިގެން އިރާދަކުރެއްވިއްޔާ ދާނެ.

އިޤްތިޞާދުގެ ވާހަކަ ނުވަތަ ރުފިޔާގެ ވާހަކަ އަޅުގަނޑުމެންނަށް އަބަދު ދެކެވޭ ކަމަށް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. ރުފިޔާގެ ވާހަކައަކީ ދައްކާން ބައެއް ފަހަރަށް އުނދަގޫ ވާހަކައެއް. އެހެންނަމަވެސް، އެ ދައްކާންޖެހޭ ވަގުތުގައި އަޅުގަނޑުމެންނަށް އެ ރުފިޔާގެ ވާހަކަ ދައްކާންޖެހޭނެ.

އަޅުގަނޑު ވާދަވެރި ޑީ.އާރު.ޕީ.ގެ ނައިބު ޒަޢީމް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަޙްމަދު ތަސްމީން ޢަލީއާ މިދިޔަ ހަފްތާގައި ބައްދަލުކުރީމު. އެބޭފުޅާ އަރިހުގައި އަޅުގަނޑު މިވާހަކަތައް ދެންނެވީމު. އަދި އޭގެއިތުރަށް، މިދޭތެރެއަކުން އަޅުގަނޑުމެން އިންޑިއާ ސަރުކާރާ ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ބާރުވެރިކަން، ދިވެހި ވެރިކަމަށް ނޯންނަ ނުވަތަ ކެއްސިގެންދާނެ ބާވަތުގެ ޢަމަލެއް އަޅުގަނޑުމެން ހިންގާފާނެ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން އަޅުގަނޑު ތަސްމީނާ ވާހަކަ ދެއްކިން.

ދެން ކުރުގޮތަކަށް ދަންނަވަންޏާ، އަޅުގަނޑު ދަންނަވަން އޮތީ އެއީ ހަމަ ހުސް ދޮގޭ. އަޅުގަނޑު ހަމަ އުންމީދު ކުރަން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް، ޙިމާޔަތުގެ އުނގު އެއީ ކޮން އެއްޗެއްކަން އަޅުގަނޑަށްވެސް ވަރަށް ސާފުކޮށް އެނގޭ. 1887 ވަނަ އަހަރު ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ އުނގަށް ވެއްޓިގެންދިޔަގޮތް އިރާދަކުރައްވައިގެން މީގެ ތަންކޮޅެއް އަހަރުތަކެއް ކުރީގައި އަޅުގަނޑަށް އޮތީ ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލެވިފައި. އެހެންވީމާ، އަޅުގަނޑު ހިތަކަށްނާރާ ޙަޤީޤަތުގައި ޢާންމު ރައްޔިތުން، ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ ކަމަކަށް، އަޅުގަނޑުގެ ޒަޢާމަތެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއެއްއަރައިދާނެފަދަ ކަމެއް ނުވަތަ ސިޔާސަތެއް ސަރުކާރުން ހިންގަވާފާނެ ކަމަކަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ މިނިވަންކަމަކަށް އިރާދަކުރެއްވިއްޔާ ކުޑަވެސް ގުޑުމެއް ނާންނާނެ. ލޮޅުމެއް ނާރާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކަން އަރުވަން. މުސްތަޤްބަލް އަޅުގަނޑުމެންނަށް އޮތީ އުޖާލާކޮށޭ.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް އެންމެންނަށްވެސް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم.

______________________