بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 14 އޯގަސްޓް 2009ވީ ހުކުރު ދުވަސް. އަޅުގަނޑު ތިޔަބޭފުޅުންނާ އަނެއްކާވެސް މިބައްދަލުކޮށްލީ، ކޮންމެ ހަފްތާއަކުވެސް ހުކުރު ދުވަހު އަޅުގަނޑު މި ރޭޑިއޯ މެދުވެރިކޮށް ރައްޔިތުންނާ މިބައްދަލުވާ ވަގުތުކޮޅުގެ ތެރޭގައި.

އެނގިވަޑައިގަންނަވާނެ، ބަރަކާތްތެރި ރޯދަމަސް ފެށެން އެންމެ ހަފްތާއަކަށްވެފައި މިވަނީ. ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެގޮތް ހެދުމަށް ސަރުކާރުން މިގެންދަނީ މަސައްކަތްތަކެއް ކުރަމުން. މިކަމުގައި އެސް.ޓީ.އޯ. އިން އަދި އިކޮނޮމިކް މިނިސްޓްރީންވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި. އެތެރެކުރަން ބޭނުންވާ މުދަލަށް އެލް.ސީ ހުޅުވޭނެގޮތް މިހާރުވަނީ ހަމަޖެހިފައި. މުދާ ގެނައުން ދަތިވެގެން އަގުތަކަށް ބަދަލު ނާންނާނެ ގޮތަކަށް ސަރުކާރުން މިހާރުވަނީ ފިޔަވަޅުތަކެއް އަޅާފައި. އިރާދަކުރެއްވިއްޔާ، މިރޯދަމަސް ވެގެންދާނީ ވަރަށްވެސް އުފާވެރި ބާއްޖަވެރި މަހަކަށް.

ރޯދަމަހަށް ތައްޔާރުވުމުގައި އަޅުގަނޑުމެން އާދަވެގެން ބާއްވާ އުފާވެރި އަދި އެކުވެރި ޙަފްލާތައް، މި ހަފްތާގެ ތެރޭގައި އެންމެހާ ދިވެހި ރައްޔިތުން އުފާވެރި މާޙައުލެއްގައި ބާއްވަވަމުން ގެންދަވާނެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުގެ އުންމީދަކީ، އެފަދަ އެކުވެރި ކަންތައްތައް ކާމިޔާބުކަމާއެކު ކުރިއަށް ދިއުން. ރޯދައަށް ގެދޮރު ސާފުކޮށް، އާބާތުރަފިލުވުމާއި، މާހެފުން ބޭއްވުމާއި، މޫދަށް ދިއުމާއި، ދަތުރުދިއުންފަދަ ކަންތައްތަކަކީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށްދޭ އާދަތަކެއް. އަޅުގަނޑު މި އުންމީދު ކުރަނީ، މި ރޯދަމަހާ ގުޅިގެން، އެންމެ ބޭފުޅުންވެސް މިކަންތައްތައް، މިދެންނެވި ބާވަތުގެ އެކުވެރި ކަންކަން އަދި ކުރިއަށްވުރެ މާ ފުރިހަމަ ގޮތުގައި ހުރިހާ ބޭފުޅުންވެސް ކުރައްވަމުން ގެންދަވާނެ ކަމަށް.

ރޯދަ ފެށިގެން އަންނައިރު، ދިވެހި ގިނަ ޢާއިލާތަކުން ޝައުޤުވެރިކަމާއެކު އަޑު އައްސަވަން އިސްކަންދެއްވި ޚަބަރަކީ، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އެޅިގެންދިޔަ ފިޔަވަޅުތައް. ޚާއްޞަ ގޮތެއްގައި ފާހަގަވާ އެއްކަމަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަވެގެންދިއުން. އަޞްލުގައި މިކަން މިފެށެނީ ސެޕްޓެމްބަރުން ފެށިގެން ނުވަތަ ރޯދައިގެ ފަހުން. ދައުލަތުގެ މުވައްޒަފުންގެ މުސާރަ، މީގެ 6 މަސް ކުރިންވަނީ ބޮޑުކުރެވިފައި. މިހާރު މި ކުޑަކުރަނީ ކީއްވެގެންތޯ މިއީ އުފެދޭނެ ސުވާލެއް. އެނގިވަޑައިގަންނަވާނެ، އޭރު ގެނެވުނު ބަދަލަކީ، ސަރުކާރާއި ސިވިލް ސަރވިސްގެ މަގާމުތައް ވަކިގޮތަކަށް ތަރުތީބުކޮށް ހަމަޖެއްސުމުގައި މެދުވެރިވާ ފަރަޤުތައް ހަމަހަމަކޮށްލުމުގެ ބޭނުމުގައި މައިގަނޑު ގޮތެއްގައި ގެނެވުނު ބަދަލެއް. މިހާރުގެ ބަދަލަކީ، ޤައުމުގެ އިޤްތިޞާދީ ޙާލަތާ ގުޅިގެން ގެންނާންޖެހޭ ބަދަލުތަކެއް. މީގެކުރިން ރަސްމީ ސިފައެއްގައި ދަންނަވާލެވިފައިނެތަސް، އަޅުގަނޑު މިދަންނަވަނީ، ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް މިހާރު ސައްތައަކުން ތިރީހަށް އަރާ. ވަގުތުން މުހިންމު ފިޔަވަޅުތަކެއް ނާޅައިފިނަމަ، އަހަރު ނިމެންވާއިރަށް މިޤައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ދެރަވަރު ހިސާބަކަށް ހިނގައިދާނެ ކަމަށް. މިހާރު ދެމުން ގެންދާ ގޮތަށް މުސާރަ ދޭންވެއްޖެ ހިނދެއްގައި، ފައިސާގެ ޢަދަދު ގިނަވި ކަމުގައިވިޔަސް، އޭގެ އަގު ވެއްޓި، ފައިސާއަށް ގަންނަން ލިބޭ މުދަލާއި ޚިދްމަތް، މުސްތަޤްބަލުގައި މަދުވެގެންދާނެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި، ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާ ކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން މިހާރު މިވަނީ ނިންމަވާފައި. ސަރުކާރުން މުސާރަތަކަށް ހިނގާ ޚަރަދު ކުޑަކުރުން ވަރަށް މުހިންމު. ބޭރުގެ އެހީދޭ ފަރާތްތަކުންވެސް ޚާއްޞަކޮށް، އައި.އެމް.އެފް. އެއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، މިކަމަށް ބާރުއަޅުއްވައި ސަރުކާރަށްވަނީ ވަރަށް ބޮޑަށް ލަފާދެއްވާފައި. މިބަދަލުތައް އަޅުގަނޑުމެން މިހާރު ނުގެނެސްފިނަމަ، އެހީދޭ ޖަމާޢަތްތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން އަދި ދިވެހިރާއްޖޭގެ މާލިއްޔަތާ ގުޅޭގޮތުން ދެކޭނީ ވަރަށްވެސް ނިކަމެތި ގޮތެއްގައި. އަޅުގަނޑުމެންނަށް އެހީގެ ގޮތުގައި ނުވަތަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލިބިދާނެ ލޯނު ނުވަތަ އެހެންވެސް ބާވަތްބާވަތުގެ ފެސިލިޓީޒްތައް ލިބުމަށް ވަރަށް ބޮޑަށް ދަތިވެގެންދާނެ.

ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވެގެންދާނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި، އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޤައުމުގެ ހެވާއި ލާބައަށްޓަކައި މިކަމުގައި އެއްބާރުލެއްވުން ދެއްވައިގެން. ރައްޔިތުންގެ މަޖިލީހުންވެސް އަދި އެހެންވެސް މުއައްސަސާތަކުން، އެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ، ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ މުސާރަތައް، ސިޔާސީ މުވައްޒަފުންގެ މުސާރަތަކުން އެ ކުޑަކުރި ނިސްބަތުގެ ޢަދަދަކުން ކުޑަކުރުމަކީ، ސަރުކާރަށް ފެންނަ ގޮތުގައި މިވަގުތު ކޮންމެހެންވެސް އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. މިކަމަށްޓަކައި ހުރިހާ ފަރާތަކަށް ސަރުކާރުން މިގެންދަނީ އިލްތިމާސް ކުރަމުން. އެ ނިޔަނެތި އިލްތިމާސް، މި ފުރްޞަތުގައިވެސް އަޅުގަނޑު ތަކުރާރު ކުރަން.

ދިވެއްސެއްގެ ގައިން އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގައިވަނީ އެޗް.ވަން.އެން.ވަން ފެނިފައި. މިދަނޑިވަޅުގައި ހެލްތް މިނިސްޓްރީގެ ލަފާގެ މަތިން ކަންތައްތައް ކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ކަމާބެހޭ ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުމަށްވެސް އަޅުގަނޑު ދަންނަވަން. ރާއްޖޭގައިވެސް އެޗް.ވަން.އެން.ވަން ޓެސްޓް ކުރެވޭނެ ގޮތްތައް ރޯދަމަހަށްފަހު ޤާއިމު ކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރަން. ސަރުކާރުން މިބަލަނީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުން އަޅުއްވައިގެން ތިއްބެވުމަށް، ހަމަ ސަރުކާރަށްވީ މިންވަރަކުން ރައްޔިތުންނަށް ނަޞޭޙަތްތެރިވަމުން ގެންދިއުމަށް.

ޞިއްޙީ ކަންކަމުގައި ޢާންމުކޮށް ފަރާތްތަކުގެ އެހީތެރިކަން ސަރުކާރުން ގަބޫލުކުރަނީ ވަރަށްވެސް ޝުކުރުވެރިކަމާއެކުގައި. އެގޮތުން، އަޅުގަނޑު މިއަދު ދަންނަވާލާނަން. ޖަރުމަނުވިލާތުގެ ޑޮކްޓަރުންތަކެއް ކުރު މުއްދަތަކަށް، އެއީ ތިން ހަތަރު ފަސް ހަމަހަށް ރާއްޖޭގައި މަސައްކަތް ކުރައްވާނެ މަޝްރޫޢެއް އެކުލަވާލައި، އެކަން ހިންގަވައިދެއްވާތީ އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކުގައި އެކަމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަންނަވާ ހެންވޭރު ހާޖަރާގޭ ނާދިޔާ ތައުފީޤަށް ޝުކުރު ދަންނަވަން ބޭނުން. ނާދިޔާ ނޫނަސްވެސް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުން، ދިވެހިރާއްޖެއާ އަޅާލުމަކީ އަޅުގަނޑަށް ހަމަ ވަރަށް ސާފު، އެބޭފުޅުން ވަރަށް ކުރައްވަން ބޭނުންވެލައްވާ ކަމެއް. އަޅުގަނޑު ހަމަ އެބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، އެބޭފުޅުން މި ސަރުކާރާ ގުޅިގެން ނުވަތަ އެހެންވެސް އަމިއްލަ ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖެއަށް ފައިދާހުރި ކަމެއް ކުރަން ވެއްޖެނަމަ، އެކަމަށް އިރާދަކުރެއްވިއްޔާ ސަރުކާރުންވީ މިންވަރަކުން މަގުފަހިކޮށްދޭނަމޭ. އަޅުގަނޑަށް ޝައްކެއްވެސްނެތް، ނާދިޔާގެ މިމަސައްކަތްޕުޅަކީ ޤައުމީ ލޯތްބާއި ވާޖިބު ރަމްޒުކޮށްދޭ މުހިންމު ފާލެއް، ރަމްޒެއް.

މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ޤައުމީ އިނާމާބެހޭ ކަންތައްތައް، އަޅުގަނޑު އުފެއްދި ޤައުމީ އިނާމާބެހޭ ކޮމިޓީއިން އެބަ ކުރިއަށް ގެންދަވާ. ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ ދާއިރާތަކާއި، އިނާމު ދިނުމުގައި ބެލޭނޭ މިންގަނޑުތައް ކަނޑައަޅުއްވައި، އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ އާދީއްތަ ދުވަހު އެ ކޮމިޓީއިން ހުޅުއްވާލައްވާނެ. އަދި އެކަމުގެ މަޢްލޫމާތު، އެ ކޮމިޓީއިން ދެއްވަމުން ގެންދަވާނެ.

މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މިކަމުގައި ކުރިއަށް ދެވޭނޭ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލުމަށް ބާއްވާ ކޮންފަރެންސެއް، މާދަމާ އާރަށުގައި އެބަ ފެށޭ. މި ކޮންފަރެންސްގައި ބައިވެރިވާނީ، ޒުވާނުންނާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޖްތަމަޢުގައި މަސައްކަތްކުރާ ފަރުދުންނާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި، ޝަރްޢީ ދާއިރާގެ ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެހީދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތައް.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އިތުރު ޓެކްސީ ސެންޓަރުތައް ހުޅުވުމުގެ ހުއްދަދޭން ސަރުކާރުން ނިންމި ވާހަކަ. ޓެކްސީ ސެންޓަރުތައް ވަކިވަރެއްގައި ހިފަހައްޓާކަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ލާޒިމެއް ނުކުރޭ. އަދި ހުއްދައެއްވެސް ނުކުރޭ.

ހަމައެހެންމެ، މި ހަފްތާގައިވެސް ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ގެޒެޓްގެ ވާހަކަ. އިރާދަކުރެއްވިއްޔާ، 1 ސެޕްޓެމްބަރުން ފެށިގެން ސަރުކާރުން އިޢްލާނުތަކާއި، ދެންނެވުންތަކާއި، އެންގެވުންތައް ހަމައެކަނި ޝާއިޢު ކުރެވޭނީ ގެޒެޓްގައި. ސަރުކާރުގެ އޮފީސްތަކަށް ކަމާބެހޭ މަޢްލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ދެމުން އެބަގެންދޭ. މި ފުރްޞަތުގައި، ރާއްޖޭގެ އަމިއްލަ ރޭޑިއޯ ޗެނަލެއް ކަމަށްވާ ރޭޑިއޯ އެޓޮލް 96 FM އަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ، އެ ސްޓޭޝަނުން ނިންމަވައިފި، 1 ސެޕްޓެމްބަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ދުވާލަކު 1 ގަޑިއިރު، ސަރުކާރުގެ އިޢްލާނުތަކާއި، ނޫސްބަޔާންތަކާއި، ދެންނެވުންތައް ހިލޭ ބްރޯޑްކާސްޓްކޮށްދޭން. މުޅި ރާއްޖެއަށް FM ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ މި ޗެނަލުން މިކަން މިގޮތަށް ކޮށްދެއްވަން އިސްނެންގެވި ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން.

ނިންމާލުމުގެ ކުރީގައި އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާ ވާހަކައެއް އެއީ، ލާ މަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމާ ގުޅޭގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންއެދާ ބަޙުޘާއި، އަދި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ނުކުތާތައް ފާހަގަކޮށްލަން ބޭނުމޭ. ވާދަވެރި ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ނުކުތާއަކީ، ޕްރޮވިންސް އުފެއްދުން ރަނގަޅެއް ނޫނޭ، އަތޮޅޭ އޮންނަންވީ. އަޅުގަނޑު ހަމަ މީގައި މި ދަންނަވަން ބޭނުންވާ ވާހަކައަކީ، އަތޮޅަކީ އިދާރީ ދާއިރާއެއްގެ ގޮތުގައި، ލާ މަރްކަޒީ ކޮށްގެން ހިންގުމަށް މާ ކުޑަ ނިސްބަތެކޭ، ޖާގައެކޭ، ސަރަޙައްދެކޭ، އަދި މާކުޑަ ޢަދަދެއްގެ މީސްކޮޅު އުޅޭ ސަރަޙައްދެކޭ. އެއް އަތޮޅު އެއީ އިދާރީ ދާއިރާއެއްގެ ގޮތުގައި ނުވަތަ ލާ މަރްކަޒީ ޔުނިޓެއްގެ ގޮތުގައި ބަލައިގެން، އަޅުގަނޑުމެން މިކަން ކޮށްފިނަމަ، އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ބަޖެޓަށާއި، އަދި ހިންގުމަށާއި އަދި އަޅުގަނޑުމެން މިނެރެން މިއުޅޭ ނަތީޖާއަށް ނުހަނު ހީނަރުކަމެއް އަންނާނެއޭ. އަޅުގަނޑު އުންމީދު ކުރަނީ، މަޖިލީހުގެ މެންބަރުން، މި ބިލާ ގުޅޭގޮތުން ފުންކޮށް ވިސްނަވާނެ ކަމަށް. އަޅުގަނޑަށް ޔަޤީން، މެންބަރުން ނިސްބަތްވާ ޕާޓީގެ ބައެއް ބޭފުޅުންގެ ފިކުރަށްވުރެ، މިކަމުގައި ފްރީ ވިޕެއް ނުވަތަ ޕާޓީތަކުން މެންބަރުންނަށް ޢަމަލު ކުރަންވީގޮތް ވިދާޅުނުވެ، ވިޕް ނުކުރައްވައި ދޫކޮށްލައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަޙްމަދު ތަސްމީން ޢަލީއަށާއި، އަދި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު، ދެބޭފުޅުންގެ ކިބައިންވެސް އެދެން، މިކަން މިގޮތަށް ކޮށްދެއްވުމަށް. ލާ މަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް، އަތޮޅުތައް ހިންގުމާ ގުޅޭގޮތުން ސަރުކާރުން ހުށަހަޅާފައިއެވާ ބިލަށް ޕާޓީތަކުގެ ވިޕް ނުނެރުއްވުމަށް ނުވަތަ މަޖިލީހުގައި ޕާޓީތަކުގެ މެންބަރުން ވޯޓް ދެއްވަންވީގޮތް ކަނޑައަޅުއްވައި ޕާޓީތަކުން ނޭންގެވުމަށް އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަޙްމަދު ތަސްމީން އަރިހުން އަޅުގަނޑު އެދެން.

މަޖިލީހުގެ މަންޒަރުތައް އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ ހިތްހެޔޮވަމުންދާތަން. ބައެއްފަހަރަށް ހޫނުގަދަވެ ޖޯޝް ގަދަވެގެންދޭ. އެހެން ނަމަވެސް، ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާނީ، މަޖިލީހަށް އެބަ ހިތްހަމަޖެހުމެއް ނުވަތަ ހިތްހެޔޮކަމެއް އެބަލިބެއޭ. ހަމަޖެހުމެއް އެބައާދެއޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ހަމަޖެހުން ލިބުމުގައި މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އަންހެން މެންބަރުންގެ ދައުރު ވަރަށް ފުޅާ، ވަރަށްބޮޑު. އަބަދުވެސް ކޮންމެ ގެއެއްގެތެރެއަށްވެސް އަންހެން ބޭފުޅުން، ޖިންސުއްލަޠީފުން ނުހިމެނޭ ކަމަށްވަނީވިއްޔާ، ދެން ކަންކަން މިހުންނަނީ ވަރަށް ބޮޑަށް ދިއްވެފައި. ފަސޭހަނުވާގޮތްވެފައި. އަންހެންބޭފުޅުންނާ އެކީގައި ރައްޔިތުންގެ މަޖިލީހުގައި ޙަރަކާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ ފުރްޞަތު މި ދައުލަތަށް ލިބެމުންދާކަމީ، އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ ވަރަށްބޮޑު ނަޞީބެއް. މަޖިލީހުގެ ހުރިހާ އަންހެން ބޭފުޅުންނަށްވެސް އަޅުގަނޑު މިއަދު ވަރަށް ބޮޑަށް މިކަމާ ޝުކުރު ދަންނަވަން. އަޅުގަނޑު މިހެން ދެންނެވީމާ، އެއްވެސް ހާލެއްގައި މަޖިލީހުގެ ފިރިހެން ބޭފުޅުންގެ މަސައްކަތާއި، އެބޭފުޅުން ކަންކަން ޙަލާލު ކުރުމަށާއި ހަމަޖެއްސުމަށް ކުރައްވަމުން އެގެންދަވާ މަސައްކަތް އަޅުގަނޑު ފާހަގަ ނުކުރަނީކީއެއް ނޫން. އެހެންނަމަވެސް، ހަމަ އަޅުގަނޑުގެ ނަޒަރުގައި މުޅި ޖުމްލަ ހިތްހަމަޖެހުމެއް އެބަލިބޭ، މުޅި ޖުމްލަ އަމާންކަމެއް އެބައާދޭ، އަންހެން ބޭފުޅުން މަޖިލީހުގައި ޙަރަކާތްތެރިވަމުން ގެންދަވާލެއް ބޮޑުކަމުން.

ނިންމާލުމުގެ ކުރީގައި، އަޅުގަނޑު އަނެއްކާވެސް ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________