بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 7 އޯގަސްޓް 2009ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މީގެ އެއްއަހަރު ދުވަސް ކުރީގައި، އަޅުގަނޑުމެން މިހާރު މި ޢަމަލު ކުރަމުންމިދާ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ލިބިގަތީ. ޤާނޫނުއަސާސީ ތަޞްދީޤުވީ މިއަދަށް އަހަރެއްވީތަނާ ކުރީގައި. އަޅުގަނޑުމެން މިހާރު މި ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީއަކީ، މީގެކުރީގައި ރާއްޖޭގައި އަޅުގަނޑު ދަންނަވާނީ، ދުވަހަކުވެސް އެކަށައެޅިފައިނުވާފަދަ އަސާސެކޭ. ދިވެހި ވެރިކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި ޤާނޫނުއަސާސީއެއް. ރާއްޖޭގެ ވެރިކަމަށް، ރާއްޖޭގެ މި ވެރިކަމުގެ ދިގު ތާރީޚުގައި، އެކި އިރުއިރު އެކި ގޮތްގޮތަށް، އެކި ސަބަބުތަކާހުރެ ބަދަލުއައިސްފައި އެބަހުރި. މިފަހަރުގެ މިބަދަލު އަޅުގަނޑުމެންނަށް ގެނެވިފައި މިވަނީ، ދުސްތޫރީ ޙުކޫމަތެއް އަޅުގަނޑުމެންގެ ތެރެއަށް ގެނެސް، އެ ޙުކޫމަތުގެ ތެރެއިން އަދި ޤާނޫނުއަސާސީގެ ތެރެއިން އިޞްލާޙު ކުރުމަށް، ކުރީގައި އޮތް ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ޤާނޫނުއަސާސީ ގެނެވުނީ.

މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން އަޅުގަނޑުމެން މިފެށިތާ އަހަރެއްވާއިރުގައި، އަޅުގަނޑުމެން ހަމަ ހަނދާންކޮށްލަން. އަޅުގަނޑުގެ ނަޒަރުގައި މުނާސިބު ކަމެއް އެއީ. މީގެކުރީގައި، މިސާލަކަށް 1932 ގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނުއަސާސީ. އެ ޤާނޫނުއަސާސީއަކީވެސް އެ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރީގައި ރާއްޖޭގައި ކަން ހިނގަމުން އައި ގޮތްތަކާ ވަރަށް ތަފާތު ގޮތަކަށް ކަންތައްތައް ހިންގުމަށް ބަޔާންކުރެވި ކަނޑައެޅިފައި އޮތް ޤާނޫނުއަސާސީއެއް. އެފަހަރު 1932 ގައި އެބަދަލުތަކާއެކީގައި، އެ ޤާނޫނުއަސާސީ އޮތީ ނުހިންގި. ނަތީޖާއަކަށްވީ ހިސާހިތަކު ދުވަސްތަކެއްނުވެ ރަޖަބްމަހާ ހަމައަށް އާދެވުނުއިރު، އަޅުގަނޑު ހަނދާންވަނީ ރަޖަބްމަހުން 22ގައޭ، އެހިސާބަށް އާދެވުނުއިރު، އެ ޤާނޫނުއަސާސީ އުވާލެވި، ޤާނޫނުއަސާސީ އުލު ބޭންދި، މިކަހަލަ އެތައް ކަމެއް ހިނގާގޮސް، ޤާނޫނުއަސާސީއަށް ޢަމަލުކުރުން ހުއްޓުނީ. އަދި ހަމައެއާއެކީގައި، ދިވެހި ވެރިކަމުގެތެރެއަށް ވަރަށް ގިނަގުނަ ބޮޑެތި ލޮޅުންތަކެއްވެސް އަރައިގެންދިޔައީ.

މިފަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ޤާނޫނުއަސާސީ އެބަ ހިންގޭ. އަދި އޭގެ މައިގަނޑުތައް އަޅުގަނޑުމެންނަށް އެބަ ދެމެހެއްޓޭ. އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިޤާނޫނުއަސާސީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގައިދޭނަމޭ. މި ސަރުކާރަށް، މި ޤާނޫނުއަސާސީއާ އެއްގޮތަށް ދިވެހި ވެރިކަން ހިންގަމުން ދިއުމަކީ އުނދަގޫ ކަމެއްގެ ގޮތުގައެއް އަޅުގަނޑުމެންނެއް ނުދެކެމޭ.

ޤާނޫނުއަސާސީއަށް އަހަރެއް ފުރޭ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެކަމާ އެންމެބޮޑު އުފަލެއްކޮށް އަދި ފާހަގަކުރުން ޙައްޤު އެއް މުއައްސަސާއަކީ، ހަމަކަށަވަރުންވެސް ރައްޔިތުންގެ މަޖިލިސް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޭފުޅުންނަށް މިއަދު ނުހަނު މަރްޙަބާ ދަންނަވަން. މިރޭ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މަޖިލީހުގެ މެންބަރުންގެ ފުޓްބޯޅަ މެޗެއް ގަލޮޅު ދަނޑުގައި، ރަސްމީ ދަނޑުގައި އެބައޮތް. އަޅުގަނޑު އުންމީދު ކުރަން، ވީހާވެސް ގިނަ ބޭފުޅުން އެ މެޗް ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ ކަމަށް.

މި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ނުވަތަ މި ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރާން ފެށުނީ، އެނގިވަޑައިގަންނަވާނެ ފަދައިން، 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ވަރަށް ފަހުކޮޅު. އެއީ، ޚާއްޞަ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް އެ ހިސާބުއްސުރެ ފެށިގެން އައިސް އަޅުގަނޑުމެންނަށް 2007 ވަނަ އަހަރާ ޖެހުނުއިރު އޮތީ ޤާނޫނުއަސާސީގެ މައިގަނޑުތައް ނިމި، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ މަރްޙަލާގައި ކަންތައްތައް ހިމުންވެފައި. އައިސް 2008 ވަނަ އަހަރުގައި އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް އޮތީ ޤާނޫނުއަސާސީ ނިންމި، އެ ޤާނޫނުއަސާސީއަށް ޢަމަލު ކުރުމުގެ ކަންކަން ފެށިފައި. މި ޤާނޫނުއަސާސީއަށް ޢަމަލު ކުރުމުގެ ތެރޭގައި، އެންމެ ފުރަތަމަ ހިނގައިގަތް އެއްކަމަކީ، ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބެއް ބާއްވައި، އެ އިންތިޚާބު މެދުވެރިކޮށް ރާއްޖޭގެ ވެރިކަން ކަނޑައެޅުން. މާތްރަސްކަލާނގެ އިރާދަފުޅާއެކީގައި އަޅުގަނޑުމެންނަށް މިހާރު މިވަނީ އެކަން ކުރެވިފައި. އަދި އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައި، އެ މަޖިލިސްވެސް އަޅުގަނޑުމެންނަށް މިހާރު މިވަނީ އެކުލަވާލެވިފައި. އަދި ހަމަ ކުރިއަށް އޮތް ތަނުގައި ލޯކަލް ގަވަރންމަންޓް ނުވަތަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިންތިޚާބުތައް ބާއްވައި، އެ ކައުންސިލްތައް މެދުވެރިކޮށްގެން ރާއްޖޭގެ ވެރިކަމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އުޞޫލުތަކާއި ހަމަތައް ކަނޑައެޅުންވެސް އެއީ ދާދި އަވަހަށް އަޅުގަނޑުމެންނަށް ވެގެންދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު އުންމީދު ކުރަން.

އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީއަށް އަހަރެއްވީމާ، އަޅުގަނޑުމެންނަށް އެލިބުނު އުފަލުގައި، ހަމަ އެ މިންވަރުގެ ފަޚްރުވެރިކަމެއް، އުފަލެއް ހަމަކަށަވަރުންވެސް މި ސަރުކާރަށް ލިބިގެންދާ އަނެއްކަމަކީ، އިއްޔެގައި އަޅުގަނޑުމެންނަށް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތް، ޢަމަލީ މަސައްކަތް އިރާދަކުރައްވައިގެން ފަށައިގަނެވުނު. އިއްޔެގައި ކޮޅުމަޑުލަށާއި ހައްދުންމައްޗަށް މި ނިޒާމު ތަޢާރުފު ކުރުމުގެ ކޮންޓްރެކްޓެއްގައި ބަޔަކާއެކީގައި، ކުންފުންޏަކާއެކީގައި އަޅުގަނޑުމެންނަށް ސޮއިކުރެވުނު. އެ ކުންފުނި ހޯދުމަށް، އެއީ ކޮން ކުންފުންޏަކުންތޯ އެކަން ކުރާނީ ބެލުމަށްޓަކައި އަޅުގަނޑުމެން މިދިޔަ ހަތް މަސްދުވަހު މިހޭދަކުރީ. އެ ހަތްމަސްދުވަހުގެ ތެރޭގައި، އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިއޮތީ މިކަން ހަމައަކަށް ގެނެވިފައި.

އެނގިވަޑައިގަންނަވާނެ، މިފެށޭ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނާ އެބަ ބައްދަލުކުރޭ ވަރަށް މުހިންމު ދެތިން ދުވަހެއް. އޭގެތެރޭގައި، 10 އޯގަސްޓްވެގެން މިދަނީ ދަނޑުވެރިންގެ ދުވަހަށް. އެކަމުގެ އުފާފާގަތިކަމާއި އަދި އެކަން ފާހަގަކުރުމުގެ އިޙްތިފާލުތައް، ޙަފްލާތައް އަޅުގަނޑު ހިތުން މިހާރުވަނީ ރޭވިފައި. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ނިލަންދޫގައި މި އިޙްތިފާލުތައް މި ހޯމަ ދުވަހު ހިނގަމުންދާނެ.

އަދި އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް އަޅައިގަންނަ އަދި ފާހަގަވާ އެއްކަމަކީ، މިހަފްތާގެ ތެރޭގައޭ 12، 13، އޯގަސްޓް މަހުގެ 12، 13، މިދެދުވަސް ފުރޮޅިގެން މިއަންނަނީ. އޯގަސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހަކީ، ރާއްޖޭގެ އިޞްލާޙީ ޙަޔާތުގައި، ނުވަތަ މި ޢަމަލުކުރެވޭ ޤާނޫނުއަސާސީ އެކުލަވާލުމުގައި، އެ ޤާނޫނުއަސާސީ އުފެދުމުގައި ދިވެހިންގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ރޫޙުތަކަކާއި މިސާލުތަކެއް ފެނިގެންދިޔަ ދުވަހެއް. އެދުވަހަކީ މި ރާއްޖޭގައި ދުވަހަކުވެސް އޭގެކުރީގައި އެއްތަނަކަށް ރައްޔިތުން އެއްވެ، ޖަމާވެގެން އިޞްލާޙަށް އަޑު ނުއުފުލާ މިންވަރަކަށް އިޞްލާޙަށް އަޑު އުފުލި ދުވަހެއް. އެހެންވީމާ، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އިރާދަކުރެއްވިއްޔާ އާ ކުރާނަން. އަދި އެދުވަހަކީ، އަޅުގަނޑުމެން އުފަލުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން.

އޯގަސްޓް 12، 13 ފުރޮޅިގެން މިދަނީ، ޒުވާނުންގެ ދުވަސްވެސް އެއީ އެދުވަސް ކަމަށްވެގެން. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން އިތުރު އެހެން ގޮތްތަކަކުންވެސް މިދުވަސް ފާހަގަކުރުން މުހިންމުވެގެންދޭ. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ޒުވާނުންވެސް އުފަލާ އެކީގައި 12، 13 ވަނަ ދުވަސް، މިދެދުވަސް ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް.

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ބައެއް ބަޙުޘްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފާހަގަވާ އެއްކަމަކީ، ދައުލަތުގެ ރިޒަރވެއް، މާލީ ރިޒަރވެއް ކަނޑައެޅުމާ ގުޅޭގޮތުން މަޖިލީހުގައި މިހާރު ދެކެވެމުންދާ ވާހަކަތަކާއި ކުރެވޭ ބަޙުޘްތައް. އަޅުގަނޑު އުންމީދު ކުރަން، މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް، އޮޅުންފިލާވަޑައިގަންނަވާނެ ކަމަށް، ދައުލަތުގެ ރިޒަރވެއް ޤާއިމު ކުރުމުގައި، ސަރުކާރުގެ ދައުރެއް އޮންނަންޖެހޭނެ ގޮތާއި، އަދި އެކަހަލަ ކަންތައްތައް ބެލެހެއްޓުމުގައި މަޖިލީހުގެ ދައުރަކީ ކޮބައިކަންވެސް ސާފުވެފައި އޮންނަންޖެހޭނެ. އަޅުގަނޑު މިހާރު މިދެކެނީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަކީ އަދި ވަރަށްގިނަ މެންބަރުންނަކީ، އެއީ ވާދަވެރި ޕާޓީތަކުގައި ތިއްބެވި މެންބަރުން ކަމުގައިވިޔަސްވެސް އަދި ސަރުކާރާ އެއްކޮޅު ޕާޓީތަކުގައި ތިއްބެވި މެންބަރުން ކަމުގައިވިޔަސްވެސް، މި ގިނަ މެންބަރުންނަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ފުންކޮށް ވިސްނައި، އެކަންތައްތަކާ ގުޅޭގޮތުން އެބޭފުޅުންގެ ނަޒަރުގައި އިޞްލާޙު ކުރަން ހުރި ކަންތައްތައް ފާހަގަކޮށް، ބިނާކުރަނިވި ގޮތުގައި ވަކާލާތު ކުރަމުން ގެންދާ މަޖިލީހެކޭ. ދުވަހުން ދުވަހަށް އަޅުގަނޑުމެންނަށް މަޖިލިސް މިދެންނެވި ބައްޓަމަށް ބަދަލުވަމުން އަންނަތަން އެބަ ފެނޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އެ ރޫޙު އަދި މިހާރަށްވުރެވެސް ބޮޑަށް އާލާވެ، އެކަމުގެ ބޭނުންތެރިކަމާއި އެކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެންހުރި ފައިދާއާއި މަންފާ އަޅުގަނޑުމެން، ރައްޔިތުންނަށް ލިބިގެންދާނެ.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައިވެސް އަދިވެސް އެއްފަހަރު ދަންނަވާލަން އޮތީ، އެންމެ ބޭފުޅުންވެސް ރައްޔިތުންގެ މަޖިލީހުގެ ފުޓްބޯޅަ މެޗް ބައްލަވާލެއްވުމަށް ގަލޮޅު ރަސްމީ ދަނޑަށް މިރޭ ވަޑައިގަންނަވާނެ ކަމުގެ އުންމީދު އަޅުގަނޑު ވަރަށް ބޮޑަށް ކުރަމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެ މެޗް ބަލަން ދެވޭތޯ ބަލާނަން. ދެން އަޅުގަނޑު އެ މެޗްގައި ކޮންމެވެސް އެއްކޮޅަކަށް ތާއީދު ކުރާނަން. މީގައި މިވާގޮތަކީ، ދެ ޕާޓީ އޮތީ ބަހާލެވިފައި. އެހެން ނަމަވެސް، އެއް ކެޕްޓަނަކަށް މި ހުންނަވަނީ މޫސާ މަނިކު. އަނެއް ކެޕްޓަނަކަށް މި ހުންނަވަނީ ތަސްމީން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މޫސަގެ ޓީމަށް އެބަ ކުޅުއްވާ ވަރަށްގިނަ ޑީ.އާރު.ޕީ ބޭފުޅުންވެސް. އަދި ތަސްމީންގެ ޓީމަށް އެބަ ކުޅުއްވާ ވަރަށްގިނަ އެމް.ޑީ.ޕީ ބޭފުޅުންވެސް. ދެން މިއީ ބޯޅަ ދަނޑުގައި އެ ރޫޙު އެކުވެރިކަމާއެކީގައި ފެނިގެން ދިއުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް. އިރާދަކުރެއްވިއްޔާ އުފަލާއެކީގައި އަޅުގަނޑުމެންނަށް މިރޭގެ މި މެޗް ބަލައިލެވޭނެ.


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަށްވެސް މިއަދަށްވުރެ އަދި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!


______________________