بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 31 ޖުލައި 2009ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާ އަޅުގަނޑުމެން މިހޭދަކުރީ، މިނިވަންދުވަހުގެ އިޙްތިފާލުތައް ފާހަގަކުރުމުގައި. އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ރައްޔިތުންނަށް ޝުކުރު ދަންނަވަން ބޭނުން. މިނިވަންދުވަހުގެ އިޙްތިފާލުތަކުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށްބޮޑު ކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ފާހަގަކުރެވުނު. އަދި އޭގެ އުފާ، ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބައެއްގެ ހިތްތަކުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަވެގެންދާކަން، ދިޔަކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެންދިޔަ. މާލޭގައިވެސް އަދި އަތޮޅުތަކުގެ ތެރޭގައިވެސް، މިނިވަންދުވަހުގެ އެންމެހާ އިޙްތިފާލުތައް ފާހަގަވެގެންދިޔައީ ވަރަށް އުފަލާއެކީގައި.

އެ އިޙްތިފާލުތަކުގެ ތެރޭގައި، އަޅުގަނޑު ހއ. ހޯރަފުށްޓަށް ދަތުރެއް ކުރިން. ހޯރަފުށީގެ ރައްޔިތުން ތިއްބެވީ ވަރަށް އުފަލުގައި. އެބޭފުޅުންގެ މިނިވަންދުވަހާ ގުޅޭ އެކިއެކި އައިޓަމްތައް ހޯރަފުށީގެ ސްޓޭޖްތަކުގައި ފާހަގަވެގެންދިޔައީ ނުހަނު ކުލަގަދަކޮށް. ހޯރަފުށްޓަށްފަހުގައި އަޅުގަނޑުމެން ދެން މާލެ އައިސް، ހަމަ އޭގެ އަނެއް ދުވަހުހެން ފުރައިގެން މިދިޔައީ އައްޑުއަތޮޅަށް. އައްޑުއަތޮޅުގައިވެސް މިނިވަންދުވަހުގެ ކަންތައްތައް ފާހަގަވެގެންދިޔައީ ވަރަށް ކުލަގަދަ ގޮތަކަށް.

މިފަހަރު އަޅުގަނޑު އައްޑުއަތޮޅަށް މިކުރި ދަތުރުގައި، އައްޑޫ ރައްޔިތުން އަޅުގަނޑުމެންނާއެކު، މި ސަރުކާރާއެކު، ބައިވެރިވެފައި ތިބި މިންވަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވި. އެބޭފުޅުން ތިއްބެވީ ނުހަނު ސާބިތުކަމާއެކީގައި މިހާރު މިއޮތް ޑިމޮކްރެޓިކް ވެރިކަން، އޭގެ ގޮތުގައި ބިނާކުރުމަށް ވަރަށް ތައްޔާރަށްކަން އަޅުގަނޑަށް ސާފުކޮށް އެނގިގެންދިޔަ. އަޅުގަނޑު އައްޑުއަތޮޅު ހުރިހާ ރަށަކަށްވެސް ދިޔައިން. އަދި އޭގެއިތުރުން، އައްޑުއަތޮޅު ހިތަދޫ ވަރަށްގިނަ ގޭގެއަށް އަޅުގަނޑު ޒިޔާރަތް ކުރިން. އެކިއެކި ގިންތީގެ އެކިއެކި މަސައްކަތްތަކުގައި އުޅުއްވާ ރައްޔިތުން. އެބޭފުޅުންނާ ވާހަކަ ދައްކާލައި ހެދުމުގެ ފުރްޞަތު އަޅުގަނޑަށް ލިބިގެންދިޔަ. އެކަން އައްޑުއަތޮޅުގައިވެސް ދިޔައީ ހަމަ އެހާމެ ފުރިހަމަކޮށް. އަދި އެއަށްފަހު، މުޙިއްބުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ހިނގާދިޔައީވެސް އަޅުގަނޑުމެން މިފަހަކަށްއައިސް އެބާވަތުގެ ޖަލްސާއެއް ދުށް އެންމެ ފުރިހަމައަށް.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުކުރުމުގެ ނިޒާމުން ގުޅުވާލުމުގެ މަޝްރޫޢަކީ، މި ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދީފައިވާ މަޝްރޫޢެއް. އަޅުގަނޑުމެންގެ ނަޒަރުގައި ޤައުމެއް ތަރައްޤީވެ ދިއުމަށް ކޮންމެހެން ބޭނުންވާ އެއްކަމަކީ، ފަސޭހަކަމާއެކުގައި އެއްތަނުން އަނެއް ތަނަށް ރައްޔިތުންނަށް ދަތުރު ކުރެވޭނޭ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުން. ވިޔަފާރި ކުރިއަރާނީ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވީމާ. ވިޔަފާރިއަކީ މުދާ އެއްއަތުން އަނެއް އަތަށް ބަދަލުވުން ކަމަށްވާތީ. މިހާރު ފުރަތަމަ ފަހަރަށް އަޅުގަނޑުމެންނަށް މިފަށައިގަނެވެނީ، ޙަޤީޤަތުގައި ތ. އަތޮޅާއި ލ. އަތޮޅުގެ ދަތުރުފަތުރުގެ މަޝްރޫޢު. އެ ޕްރޮވިންސްގެ މަޝްރޫޢު. އެއީ މިހާރު ބިޑް ކޮށްފައި ހުރި ފަރާތްތަކުގެ ތެރެއިން ކަމަށް މުޅިން އެކަށީގެންވާ ކަމަށް އެ ބިޑް އިވޭލުއޭޓް ކުރި ފަރާތްތަކަށް ފެނި އަދި އެ ކާމިޔާބު ކުރި ފަރާތާ ސަރުކާރުން ވާހަކަ ދައްކައި، އެ ފަރާތާއެކުގައި އިތުރަށް އެއްބަސްވާން ހުރި އެއްބަސްވުންތައް ހިމަނާފައި، ރަނގަޅު އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އެކަމުގެ ތެރެއަށް ޢަމަލީގޮތުން ވަދެވޭނެ.

މާދަމާ މިފެށޭ ހަފްތާ، އޯގަސްޓްމަހު 1 ން 7 އަށް އެއީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ގާތުން ކިރު ދިނުމުގެ ހަފްތާ. ގާތުން ކިރު ދިނުމަކީ، ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ޞިއްޙީ ދާއިރާތަކުން ވަރަށް ބޮޑަށް އިލްތިމާސް ކުރަމުން އަންނަ ކަމެއް. ތުއްތު ކުއްޖާއަށާއި އަދި މައިމީހާއަށް އެކަމުގައި ހުރި ފައިދާ، ސައެންސުންނާއި އަދި ޢާންމު ތަޖުރިބާއިން މީހުންތައް ދަނީ ފާހަގަކުރަމުން. ރާއްޖޭގައިވެސް ގާތުން ކިރު ދިނުމުގެ ޕްރޮގްރާމްތައް ބާރަށް ހިންގުމަށް މަސައްކަތް ކުރެވެމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ. ތުއްތު ދަރިފުޅަށް ހަމަކަށަވަރުންވެސް އެންމެ ރަނގަޅު ކާނާއަކީ މައިމީހާގެ ގާތުންދޭ ކިރު. އަޅުގަނޑުމެން، ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅަން ބޭނުން މައިންނަށް، ގާތުން ކިރު ދިނުމަށް ފަރިތަވުމަށް. އެއީ، ފުރިހަމަގޮތުގައި، ރަނގަޅު ގޮތުގައި ދަރިއަކު ބޮޑުކުރުމަށް، ތަރުބިއްޔަތު ކުރުމަށްވެސް އަދި ރަނގަޅު ޞިއްޙަތެއްގައި ބެހެއްޓުމަށްވެސް ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު އުންމީދު ކުރަން، މިހަފްތާގެ ތެރޭގައި މިކަމާގުޅޭ އިތުރު ތަފްޞީލުތައް އަޅުގަނޑުމެންނަށް ލިބެމުންދާނެ ކަމަށް. އަދި ރައްޔިތުންވެސް މިކަމުގައި އިތުރަށް ބައިވެރިވާނެ ކަމަށް.

އަޅުގަނޑު ރާއްޖޭގެ އާބާދީ ބަދަލުވަމުން އަންނަގޮތް މަޑުމަޑުން ބަލައިލިން. އަދި އަޅުގަނޑަށް މިހެން ކުރެވޭ ދަތުރުތަކުގައި ފާހަގަވާ ކަންތައްތަކެއް އެބަހުރި. މިހާރު ކުއްލިއަކަށް މިއަހަރާއި އަދި މީގެ ދެއަހަރެއް ކުރިއާ އެކުގައި ބައްލަވައިފިއްޔާ ފެންނާނެ، ތަންކޮޅެއް ގިނަވެއްޖެކަން ކުދިން ނުވަތަ އަންހެނުން ވިހާ ޢަދަދު، މިދިޔަ ދެއަހަރެއްގެ ތެރޭގައި، އެހެން އަހަރުތަކާ އަޅާބަލާފައި. ކުއްލިއަކަށް މިބުނާ ބާވަތުގެ ބޭބީ ބޫމެއް ނުވަތަ ކުޑަކުދިން އިތުރުވުމުގެ ދުވަސްކޮޅެއް އަޅުގަނޑުމެންނާ މިއޮތީ ކުރިމަތިވެފައި. އެހެންވީމާ، މިދުވަސްކޮޅު މިހެން ކުރިމަތިވެފައިވާކަމުން، އަދި ޚާއްޞަ ގޮތެއްގައި ގާތުން ކިރުދިނުމުގެ ކަންކަމަށް އަޅުގަނޑުމެންގެ ނަޒަރުގައި ރައްޔިތުން އެބަ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ.

އަޅުގަނޑުމެން، މިހަފްތާއަކީ މިނިވަންދުވަހުގެ އިޙްތިފާލުތައް ނިމި، އަނެއްކާވެސް އަނބުރާ ވަރަށް ބާރަށް ސަރުކާރުގެ އެންމެހާ ކަންކަމާއިގެން ކުރިއަށް ދާން އޮތް ހަފްތާއެއް. ހަމަ މިހަފްތާގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާނީ، މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫޢުތައް ބާރަށް ހިންގުމުގެ ޢަމަލީ މަސައްކަތުގައި. އަޅުގަނޑަށް ޔަޤީން. އަޅުގަނޑު މިއަދު މިހުރީ އަދި ކުރިއަށްވުރެ މާބޮޑު އުންމީދެއްގައި. ޔަޤީން ކަމެއްގައި. އަޅުގަނޑުމެންގެ ވަޢުދު، ސަރުކާރުގެ ވަޢުދު، ސަރުކާރަށް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފުއްދައިދެވޭނެ. އެކަމުގައި މި ފުއްދުމުގައި ރައްޔިތުންގެ މަޖިލީހާއި ޢާންމު ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުން. ސަރުކާރަށް ކަންކަން ރިވެތި ގޮތުގައި ބާރަށް ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ލިބިގެން. އަޅުގަނޑު މިދަންނަވަނީ، މިހާރު ނުލިބޭ ވާހަކައެއް ނޫން. އަޅުގަނޑު ހަމަ ފަށައިގެންހިނދުވެސް ދެންނެވީމު، އައްޑުއަތޮޅުގައިވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ ތާއީދާއި ތަރުޙީބު ލިބިގެންދިޔައީ ވަރަށްމަތީ ދަރަޖައަކަށް، ވަރަށްބޮޑު ދަރަޖައަކަށް. އަޅުގަނޑުމެން އެކަމާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިދިޔަ މަހުގެ ތެރޭގައި، އެނގިވަޑައިގަންނަވާނެ، ނޫސްތަކުގައި އިޝްތިހާރު ޖެހުން ނުވަތަ ނޫސްތަކުގައި ސަރުކާރުގެ އިޝްތިހާރު ޖެހުން ހުއްޓާލުމާ ގުޅޭގޮތުން އެޑިޓަރުން އެބައޮތް މިއޮފީހަށް އެކަމާ ކަންބޮޑުވެ ޕެޓިޝަނެއް ފޮނުއްވަވާފައި. އަޅުގަނޑުމެން އޭގައި ކެބިނެޓުން ވިސްނިއިރުގައި، ކެބިނެޓަށްވެސް އަދި އަޅުގަނޑަށްވެސް، އަޅުގަނޑުމެންނަށް މިފެންނަނީ ނޫސްތަކުގައި އިޝްތިހާރުގެ ނަމުގައި ނޫސްތަކަށް ސަބްސިޑީއެއް ދިނުން އެއީ، ރަނގަޅު ކަމެއް ނޫނޭ. ނޫހަކަށް ސަބްސިޑީއެއް ދޭން ބޭނުންވަންޏާ ހަމަ ކަނޑައެޅިގެން އެއީ މިވެނި ނޫހަކަށްދޭ މިވެނި ވަރެއްގެ ސަބްސިޑީއެކޭ. ބަޖެޓުގައި އެބައޮތް ހިމަނާފައި. އެ ނޫހަކަށް ދިނީމާ، އެކަމަކާއެއް އަޅުގަނޑުމެންނަށް ދެއްކޭނެ އިތުރު ވާހަކައެއް ނޯންނާނެ. އެހެންނަމަވެސް، ނޫސްތަކަށް ވިޔަފާރީގެ ދަތިކަމެއް ކުރިމަތިވެދާނެތީވެ ނުވަތަ ފައިސާގެ ދަތިކަމެއް ކުރިމަތިވެދާނެތީވެ، އެ ދަތިކަން ޙައްލުކޮށްދިނުމަށްޓަކައި އިޝްތިހާރެއް ޖަހަން ސަރުކާރުން ދިނުން އެއީއަކީއެއް ސީދާ މަޤްޞަދާއި އަދި އެކުރާ ކަންތަކާ ދިމާވާ ކަމެއްގެ ގޮތުގައެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ. ނޫހަށް ސަބްސިޑީއެއް ދޭން ބޭނުންނަމަ، ސަބްސިޑީއެއް ދޭނީ. ނޫހަށް އިޝްތިހާރެއް ދޭން ބޭނުންވީމާ، ނޫހަށް އިޝްތިހާރެއް ދޭނީ. އިޝްތިހާރެއް މިކުރަނީކީއެއް ނޫސް ދެކޮޅު ޖައްސައިދިނުމަކަށެއް ނޫން. އިޝްތިހާރެއް މިކުރަނީ، އިޝްތިހާރު ފޮނުވާ މީހާއަށް އެއިން ފައިދާއެއް ހޯދުމަށްޓަކައި. ނޫސް ދެކޮޅު ޖައްސާކަށެއް ނޫން. ނޫސް ދެކޮޅު ޖައްސަން ސަރުކާރުން އެއްޗެއް ދޭން ބުއްދިވެރިވާނީ އެހެންވީމާ، ހަމަ ސީދާ އެނަމުގައި ދެވުނީމާ. އަޅުގަނޑުމެން މިއަންނަނީ ނޫސްތަކަށް ވާގޮތް ބަލަމުން. އަދި ތަފްޞީލުކޮށް ނޫސްތަކުގެ ހިސާބުވެސް އެނގުމަށް އަޅުގަނޑުމެން ބޭނުންވާނެ. އެއަށްފަހުގައި، އަޅުގަނޑުމެންނަށް ނޫސްތަކަށް ސަބްސިޑީއެއް ދިނުން އެއީކީއެއް ނެތް ކަމެއްގެ ގޮތުގައެއް އަޅުގަނޑުމެން ދަންނަންވީކީއެއް ނޫން. އެހެން ޞިނާޢަތްތަކަށްވެސް ސަރުކާރުން ސަބްސިޑީދޭ. އެހެންވީމާ، ނޫސްވެރިކަމަށްވެސް އެ ސަބްސިޑީއެއް ދޭންޖެހިއްޖެ ތަނެއްގައި ނުދިނުން އެއީކީއެއް އެއްވެސް ޙާލެއްގައި މި ސަރުކާރުން ވިސްނާނެ ކަމެއް ނޫން. ނޫސްވެރިކަން ތަރައްޤީ ކުރުމާއި، ނޫސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއްދޭނެ ކަމެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މި ސަރުކާރުން މި ރާއްޖޭގައި ފޮހެވިގެންނުދާނެ މިންވަރަށް އަށަގަންނުވަން ބޭނުންވާ ކަމަކަށްވާތީ.

އަޅުގަނޑު މިއަދުގެ މިކުރު ވާހަކަކޮޅު އަނެއްކާވެސް މި ނިންމާލަނީ، ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމުން. އަދި އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން، އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!


______________________