بســم اللّـه الرّحمـن الرّحيــم

މިއަދަކީ 17 ޖުލައި 2009ވީ ހުކުރު ދުވަސް. މިއަދު އެންމެ ފުރަތަމަ، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ރޭ ނަތީޖާ ފާޅުކުރެވިގެންދިޔަ ޤުރްއާން މުބާރާތުގެ އެކިވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔައި މަރްޙަބާ އަދާކުރަމޭ. ރީތިކޮށް ޤުރްއާން ކިޔަވާ ހުނަރުވެރި ވަރަށްގިނަ ކުދިން މިމުބާރާތުން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، މިފަދަ ކުދިން އަޅުގަނޑުމެންގެ ތެރޭގައި ދުވަހެއް ދުވަހަކަށް ގިނަވަމުންދިއުން.

އެނގިވަޑައިގަންނަވާނެ، ބޭންކް އޮފް މޯލްޑިވްސްގެ އޯޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ތަޙުޤީޤު ކުރިއަށްނުދާތީ، ސަރުކާރުން ޚާއްޞަ ގޮތެއްގައި އެކަން މިހާރުވަނީ ބަލަން ފަށާފައި. މިކަމުގައި ފުލުހުންގެ ތަޙްޤީޤަށް ބޭންކުން ހޯއްދެވުމަށް ބޭނުންވާ މަޢްލޫމާތު ހޯއްދެވުމަށް އެކަށީގެންވާ ހެއްކާއެކު ޖިނާއީ ކޯޓަށްވަނީ ހުށަހަޅާފައި. އެހެންނަމަވެސް، މިކަމުގައި އެކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު ޢަމަލު ކުރައްވާފައިވަނީ، އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު، ޢަމަލު ކުރެއްވުން އެކަށީގެންވާ ގޮތަކަށެއް ނޫން. ކޮރަޕްޝަންގެ ޤާނޫނާ ޚިލާފަށް ކުށްތައް ތަޙްޤީޤު ކުރުމަކީ، ފުލުހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ބޭންކާބެހޭ ޤާނޫނެއް ނެތުމުގެ ސަބަބުން، އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއް ތަޙްޤީޤު ކުރުމަށް ބޭނުންވާ މަޢްލޫމާތު ހޯދުމަށް އަމުރެއް ދެއްވެން ނެތް ކަމުގައި، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދުވަނީ ވިދާޅުވެފައި.

މި ވިދާޅުވުމުގައި، ޤާނޫނީ ހަމަ އެކުލެވޭ މިންވަރު ކުޑަކަމުންނާއި، ޤާނޫނީ މަސައްކަތް ހުއްޓުވުމަށް ޢަމަލު ކުރައްވާފައިވަނީ، ޤާނޫނީ ހަމަތަކަށް ފެތޭ އަމުރެއް ކުރައްވައިގެން ނޫންކަމަށްވަނީ ފާހަގަކުރެވިފައި. މިކަން އެބޭފުޅާ ކުރައްވާފައިވަނީ، ވަކި ސަބަބުތަކެއް ހުރެގެންތޯ ބައްލަވަން ކެބިނެޓުން ނިންމަވައި، މީގެކުރީގެ ދައުރުގައިވެސް މި އޮފީހަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވާ މަޢްލޫމާތުގެ މައްޗަށް ބުރަވެ، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދުގެ އަޚްލާޤީ މިންގަނޑު ތަރުތީބުވެފައި ހުރިގޮތުން، އޭނާގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި އެ މައްސަލަވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިހާރު ހުށަހެޅިފައި. އަދި ކޯޓު އަމުރު ނެރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފް ކުރުމަށްވެސް ސަރުކާރުން ފަހެއް ނުޖެހޭނެ.

އަޅުގަނޑު މިކަމުގައި އަދި އިތުރަށް ސާފުކޮށް ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑަށްވެސް ގަބޫލުކުރެވޭ، ޝަރީޢަތުގެ ދާއިރާ މުސްތަޤިއްލު ގޮތުގައި، މިނިވަން ގޮތުގައި އޮތުމަކީ ކިތަންމެހާވެސް މުހިންމު ކަމެއް. އެހެންވީމާ، ޤާޟީންނާ ގުޅޭގޮތުން، ޚާއްޞަކޮށް، ކޯޓުގެ ސުލޫކީ ކަންކަމާ ގުޅޭގޮތުން ޤާޟީންނާ ތަޙުޤީޤުކޮށް ހެދުމަކީ، ފުލުސް އޮފީހުގެ ވާޖިބެއް ކަމަކަށް އަޅުގަނޑެއްވެސް ނުދެކެން. އެހެން ނަމަވެސް، ޤާޟީންގެ ކަންކަމާ ގުޅޭގޮތުން ތަޙްޤީޤެއް ކުރުމަކީ ނެތް ކަމެއް ނޫން. ޚާއްޞަކޮށް، ސުލޫކީ ކަންކަމާ ގުޅޭގޮތުން ތަޙްޤީޤެއް ކުރުމަކީ ނެތް ކަމެއް ނޫން. އެކަން ކުރުމަށް ޤާނޫނުއަސާސީ ކަނޑައަޅައި ބަޔާންކޮށްފައިވާ މުއައްސަސާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ ޤާޟީއާ ގުޅޭގޮތުން ތަޙްޤީޤެއް ކުރަން. ވަޒީރުންގެ މަޖިލީހަކުން ކަނޑައެއްނާޅުއްވާ، އެ ތަޙްޤީޤު ކުރަންވީ ކޮން މުއައްސަސާއަކުން ކަމެއް. އެ މުއައްސަސާއަކީ ހަމަކަށަވަރުންވެސް ސުލޫކީ މިންގަނޑާ ގުޅޭގޮތުންނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަން. ބޭފުޅެއްގެ ޖިނާއީ މައްސަލައަކާ ގުޅޭގޮތުން ހިންގާ ތަޙްޤީޤެއް، އެބޭފުޅާއަކީ އަޅުގަނޑު ކަމުގައިވިޔަސްވެސް، އެ ތަޙްޤީޤު ހިންގާނީ ފުލުސް އޮފީހުން. އަޅުގަނޑު މިކަން މިދެންނެވި ނުކުތާ، މި ތަޙްޤީޤު ކުރުމަށް މިދާ މަގު، ސާފުކޮށްމިދިނީ، އަދި ކޮށްދެވޭތޯ އަޅުގަނޑު މިބަލަނީ، ބައެއް ބޭފުޅުންނަށް މިކަމުގައި ބައެއް ބާވަތުގެ އޮޅުން އަރަމުންދާ ކަމަށް އަޅުގަނޑަށް ފެންނާތީ.

މިދިޔަ ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި، ކަން ހިނގާދިޔަ ގޮތާމެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަން އަޅުގަނޑަށް އިޙްސާސް ކުރެވޭ. ރައްޔިތުންގެ މަޖިލީހުގައި ނޫނަސް، އަދި އެހެން ތަނެއްގައި ނަމަވެސް، އެއް އިންސާނަކު އަނެއް އިންސާނަކަށް ޖިސްމާނީ ޙަމަލާއެއް ދީފާނެ ކަމުގެ އިންޒާރެއް ކުރުން އެއީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އެއްވެސް ބޭފުޅަކު އަތް އިސްކުރާނެ ކަމަށް، އަނެއް ބޭފުޅަކަށް ޙަމަލާއެއްދޭނެ ކަމަށް އަޑުން އަޑުހަރުކޮށް ވިދާޅުވެ، އެބާވަތުގެ ވާހަކަ ދައްކަވައި ހެއްދެވުމަކީ ރަނގަޅު ގޮތެއް ނޫން.

ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ޤާނޫނުއަސާސީން ކަނޑައަޅާފައިވީހިނދު، ޤާނޫނުއަސާސީ ދަމަހައްޓައި ދިފާޢު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް. މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެއް ޤާއިމު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރު ފަހަކަށް ނުޖެހޭނެ.

ދައުލަތުން ނުހަނު ބޮޑު ޚަރަދު ކުރައްވައިގެން ޤާނޫނީ އަދި ޝަރުޢީ ދާއިރާއިން މަތީ ތަޢްލީމް ޙާޞިލު ކުރައްވާފައިވާ އަދި ނިސްބަތުން ގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވި. މިފަދަ ބޭފުޅުންގެ ތެރެއިން، ޤާބިލުކަމާއި ޝައުޤުވެރިކަން ހާމަކުރައްވާ ބޭފުޅުންނަށް ޝަރުޢީ ދާއިރާގައި މާނަވީ ގޮތެއްގައި ޚިދްމަތް ކުރައްވަން ފުރުޞަތު ދެއްވުމަށް އަޅުގަނޑުގެ މީގެކުރީގެ ރޭޑިޔޯ އެޑްރެހެއްގައި ވާނީ ދަންނަވާފައި.

އަޅުގަނޑު މި ވާހަކަ މިދަންނަވަނީ، އަޅުގަނޑު މިއީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ. ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ބާރުއެޅުމަކީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، އަޅުގަނޑު ކުރަން މަޖުބޫރު ކަމެއް. ޤާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް ލާޒިމު ކުރޭ.

އެހެންކަމުން، ޤާނޫނުއަސާސީގައި ބުނާ މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން އަބަދުވެސް ފިޔަވަޅު އަޅާނެ. ސަރުކާރުން ޝަރީޢަތަކާ ނުބެހޭނެ. އެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އެހެންނަމަވެސް، ކަނޑައެޅިގެން މާބޮޑަށް ޤާނޫނީ ހަމަތަކާ އެއްފަރާތަށް ޖެހިވަޑައިގެން ހުންނަވާ ޤާޟީއަކު ހާމަވެއްޖެނަމަ، އެފަދަ ބޭފުޅުންގެ މައްސަލަ ތަޙްޤީޤު ކުރެވެންވާނެ. އަޅުގަނޑުމެން މިއެދޭ ދައުލަތާއި ހެޔޮވެރިކަން ޤާއިމުކުރުމަށް، ޚިޔާނާތްތެރިންނަށް މި ޤައުމުގައި ޖާގައެއް ނޯންނާނެ.

ތަޙުޤީޤުތައް ހިންގުމުގެ އިސް ސަފުގައި ހުންނެވި ބޭފުޅަކީ، ހޯމް މިނިސްޓަރ މުޙަންމަދު ޝިހާބް. ރައްޔިތުންގެ އިތުބާރާއި އެއްބާރުލުން، ހޯމް މިނިސްޓަރަށް އޮތް މިންވަރުދެކެ ޖެހިލުންވެވަޑައިގަންނަވާ ބޭފުޅުންނަށް ރައްޔިތުން ޖާގައެއް ނުދޭނެ.

ޤާޟީއަކާބެހޭގޮތުން ކަންތައްތަކެއް ބެލެވެން ފެށުމުން، އެކަމާ ކަންބޮޑުވުން ހާމަކުރައްވާ ބޭފުޅުންގެ ތެރޭގައި، ކުރީގައި ބަންޑާރަނައިބުކަން ކުރައްވާފައިވާ ބޭފުޅުންނާއި، ބަންޑާރަނައިބު އޮފީސް މީގެކުރީގައި ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނާއި، ޤާނޫނީ ބައެއް ވަކީލުން ހިމެނޭ. މިފަދަ ބޭފުޅުންނަށް ހާމަވާންޖެހޭ ޙަޤީޤަތަކީ، ދައުލަތުގެ މުއައްސަސާއެއް ދިފާޢު ކުރެއްވުން އެއީ ވަކިކަމެކޭ. މުއައްސަސާއެއް ދިފާޢު ކުރުމުގެ ނަމުގައި ވަކި މީހަކު ޙިމާޔަތް ކުރާނަމަ އެއީ، އެކަމާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމެއް.

އަޅުގަނޑު ދެން ދަންނަވާލަން އޮތް ވާހަކައަކީ، ކުރިން އަޅުގަނޑު މިދެންނެވި ވާހަކަތަކާ ވަރަށް ތަފާތު ވާހަކައެއް. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ، ރައްޔިތުންގެ ތެރެއިން ވަރަށްގިނަ އަދަދެއްގެ ބައެއް، ރާއްޖޭގައި ދީނީ ތަޢްލީމު ދެމުން އަންނަގޮތާ ގުޅޭގޮތުން ނުވަތަ އެކިއެކި މަތީ ތަޢްލީމުދެވޭ ގޮތާ ގުޅޭގޮތުން ޝައުޤުވެރިކަމެއް އެބަ ބަހައްޓަވާ. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަކީ ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައޭ. ޤައުމީ ޔުނިވަރސިޓީ ފެށުމުގެ ކުރިންވެސް މިހާރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީއެއްގެ ގޮތުގައި ކުއްލިއްޔާ ހަމަޖެއްސުމުގެ އިންތިޒާމުތައް މިހާރުން މިހާރަށް ފެށުމަށްވެސް ސަރުކާރުންވަނީ ނިންމާފައޭ. އެއްވެސް ހާލެއްގައި މިއިން އެއްވެސް މަދަރުސާއެއް، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއެއްވެސް، އަޅުގަނޑުމެންގެ ސަރުކާރަކުން އެތަންތަނަށްދޭ އަހަންމިއްޔަތުކަން އަޅުގަނޑުމެންނެއް ކުޑައެއް ނުކުރާނަން. މި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތަކީ، ހުރިހާ މުއައްސަސާއެއް ނުވަތަ މިހެން ހުރި ތަޢްލީމުދޭ ހުރިހާ މަރްކަޒުތަކެއްވެސް، ރަނގަޅު ހަރުދަނާ، އެއް އޮނިގަނޑެއްގެ ތެރެއަށް ގެނައުން. އިރާދަކުރެއްވިއްޔާ، އެޑިޔުކޭޝަން މިނިސްޓްރީގެ މަސައްކަތާއެކުގައި އެ މިނިސްޓަރުގެ ހީވާގިކަންމަތީގައި މިކަންކަން އަޅުގަނޑުމެންނަށް ފުރިހަމައަށް ފަހިވެގެންދާނެކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން.

ނިންމާލަމުން ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ބަރަކާތްތެރި ރޯދަމަސް. މިމަހާ ދިމާވެ އަދި މިމަހާ ގުޅޭގޮތުން އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގަށް ބަދަލު އަންނަތަން އެބަ ފެނޭ. ސަރުކާރުން މިއަދު މަސައްކަތް ކުރަމުން މިގެންދަނީ، މިއަންނަ ބަދަލުތައް ވީހާވެސް ހެޔޮގޮތެއްގައި ބެހެއްޓޭތޯ. ސަރުކާރުން މިދަނީ މިކަމުގައި ވިޔަފާރިވެރިންނަށް ދިމާވެދާނެ ދަތިތަކެއް އޮތްތޯ ބަލައި ހޯދަމުން. ސަރުކާރަށްވީ މިންވަރަކުން އެދަތިތައް ފިލުވައިދޭނެ ކަމުގެ ޔަޤީންކަން، ވިޔަފާރިވެރިންނަށް އަޅުގަނޑުވާނީ އަރުވާފައި. އަޅުގަނޑު އުންމީދު މިކުރަނީ، މި ރޯދަމަހަކީ މީގެކުރީގެ ރޯދަމަސްތަކަށްވުރެ އަދި ވަކިން ތިޔާގި އަދި ހިތްހެޔޮ އަދި އަޅުގަނޑުމެންނަށް އުފާވެރި ރޯދަމަހަކަށް ވެގެންދާނެ ކަމަށް.

އަޅުގަނޑު، ހުރިހާ ރައްޔިތުންނަށްވެސް އެދެނީ، ބާއްޖަވެރިކަމާއި އުފާވެރިކަން. އަޅުގަނޑުގެ އުންމީދަކީ، މާދަމާ އިރާދަކުރެއްވިއްޔާ ވެގެންދާނީ، މިއަދަށްވުރެ އަދި މާ އުފާވެރި ބާއްޖަވެރި ދުވަހަކަށޭ.

والحمد للّـه. والسّـلام عليـكم


______________________