السّـلام عليـكم

މި ދަތުރުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ލިބިގެންދިޔަ. އަޅުގަނޑުމެން، ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާއި ބޮޑެތި ވިޔަފާރިވެރިންނާއެކު ބައްދަލުވެ، ވާހަކަ ދައްކައި މަޝްވަރާކޮށް ހެދިން. އަދި ކޮޅުނބުގައި ތިއްބަވާ، ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެކިޤައުމުތަކުގެ ސަފީރުންނާވެސް އަޅުގަނޑުމެން ބައްދަލުކޮށް ހެދިން. މިދަތުރުގެވެސް އަޅުގަނޑުމެންގެ އެންމެބޮޑު މަޤްޞަދަކަށްވީ، ރާއްޖޭގައި ހިންގާ އެކިއެކި އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމުގައި، ސިލޯނުގެ އެކިއެކި ވިޔަފާރިވެރިންނާއި އަދި ސްރީލަންކާގައި، ކޮޅުނބުގައި ތިއްބަވާ ބޭރުގެ އެހެން ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން، ރާއްޖޭގައި އެބޭފުޅުންގެ މަސައްކަތްތައް ހިންގުމަށް އެބޭފުޅުން ޝައުޤުވެރިކުރުވުން، އަހުލުވެރިކުރުވުން. ހަމައެހެންމެ، ދެޤައުމުގެ ދެމެދުގައި ހަރުދަނާ ކުރެވެންހުރި ކަންކަމާއި، ކުރިއަށް ގެންދެވެންހުރި ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅޭގޮތުން ސްރީލަންކާ ސަރުކާރާ ވާހަކަ ދެއްކުނު. މިދެރޮނގުންވެސް މިދަތުރުގައި ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް ލިބުނު. އެހެންވީމާ، އަޅުގަނޑުމެން މާލެ މިއައީ، ހިތްހަމަޖެހުމާ އެކުގައި. ތިޔަބޭފުޅުންގެ ސުވާލެއްވާނަމަ، އަޅުގަނޑު ޖަވާބު އަރުވާނަން. އެއަށްފަހު، އަޅުގަނޑުމެން ވަކިވެލާނަން.

ސުވާލު 1: ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު

ދެޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ކޮންކޮން ކަންތައްތަކަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގެ އެކިއެކި އާޘާރީ ބިނާތައް ބަލައި ހޯދައި، އެތަކެތި ޓުއަރިޒަމަށާއި އަދިވެސް އެހެން ގޮތްގޮތަށް ބޭނުންކުރެވޭނެ މަގަކާއި، ބޭނުންކުރެވޭނެ ގޮތަކަށް، ރައްކާތެރިކަންމަތީގައި ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވުނު. އެހެންވީމާ، އެކަމާ ގުޅިގެން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މަސައްކަތް ހިނގަން ފަށާނެ.

ސުވާލު 2: ޖާދުﷲ ތައުފީޤު - ޓެލެވިޜަން މޯލްޑިވްސް

އާދެ، އެކޮޅުގެ ވިޔަފާރިވެރިން، މިކޮޅުގައި އިންވެސްޓް ކުރަން އެއްވެސް ވަރަކަށް ޝައުޤުވެރިކަން ދެއްވިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެބޭފުޅުން ވަރަށް ބޮޑަށް ޝައުޤުވެރިވެ ތިއްބެވި ތަން. އަދި ކޮޅުނބުގެ ވިޔަފާރިވެރިން، ސްރީލަންކާ ވިޔަފާރިވެރިން އެކަންޏެއް ނޫން، ކޮޅުނބުގައި ވަރަށްގިނަ އަދަދަކަށް ތިއްބަވާ ބޭރުގެ އެހެން ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ވެރިން، އަދި އެކުންފުނިތަކުގެ އެކިއެކި ސަފީރުން، އެބޭފުޅުންނާވެސް އަޅުގަނޑުމެން ދިގުކޮށް ވާހަކަ ދެއްކީމު. އަޅުގަނޑުމެންނަށް ފެނުނީ އެބޭފުޅުންގެ ޝައުޤުވެރިކަން ވަރަށްބޮޑު ކަމަށް.

ސުވާލު 3: ޖާދުﷲ ތައުފީޤު - ޓެލެވިޜަން މޯލްޑިވްސް

ހިއުމަން ރިސޯސަސް ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއިރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު، މިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ބެލެވޭތޯ؟ އެކަމާ ގުޅިގެން ނިންމެވި ނިންމެވުންތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި މިހާރު މިތިބޭ ބިދޭސީންގެ އަދަދު، މި މިންވަރުގައި ހިފެހެއްޓޭތޯ ބެލުން އެއީ މި ސަރުކާރުގެ އަމާޒެއް. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިހާރު މިހުރި މިންވަރުގައި، އެ އަދަދު ހިފެހެއްޓުމަށް.

ސުވާލު 4: ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް

އަޅުގަނޑު ދެސުވާލެއް ކޮށްލާނަން އިނގޭތޯ! ފުރަތަމަ ސުވާލަކީ، މަނިކުފާނު މިފަހަރު ތިޔަކުރެއްވި މަޝްވަރާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް، ޤައުމަށް، ރައްޔިތުންނަށް އެންމެ ފުރަތަމަ ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވަނީ ކޮންކަމެއްތޯ؟ އެއީ ހުރިހާ ކަމެއް އެއްފަހަރާ އިމްޕްލިމެންޓް ނުވާނެ ކަމަށް ގަބޫލު ކުރެވޭތީ. ދެން ދެވަނަ ސުވާލަކީ، އަޅުގަނޑުމެން މިހާތަނަށް އެންމެ ކަންބޮޑުވާ، މުޅި ޤައުމުވެސް އެންމެ ކަންބޮޑުވާ ކަމަކަށް އޮތީ، ޤައުމުގެ އޮޑިޓް ނިޒާމު. އެކަމާ ބެހޭގޮތުން އަޅުގަނޑު ކުރި ސުވާލަކަށް މަނިކުފާނު ޖަވާބު ދެއްވަމުން ވިދާޅުވި، އިރާދަކުރެއްވިއްޔާ، އިތުރު އޮޑިޓަރުން ބިނާކުރުމުގެ މަސައްކަތްތަކެއް، ސިލޯނުގެ ކޮލެޖްތަކާއެކު ކުރައްވާނެ ވާހަކަ. އެކަމުގައި އެއްވެސް ކާމިޔާބީއެއް ލިބިވަޑައިގެންނެވިތޯ؟ އެއީ، 30 އަހަރު ވަންދެން ވަރަށް ބޮޑަށް އިހުމާލުވެވިފައި އޮތް ކަމެއް، ރާއްޖޭގައި އޮޑިޓް ކުރުމަކީ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަކަށްވާތީ، މިފުރްޞަތުގައި އެސުވާލު މި ދަންނަވާލަން ޖެހުނީ؟

ރައީސުލްޖުމްހޫރިއްޔާ

އާދެ، އިރާދަކުރެއްވިއްޔާ، އެންމެ ފުރަތަމަ ފެނިގެންދާނެ ކަމަކީވެސް، ހަމަ ތިޔަ ވިދާޅުވި ބާވަތުގެ ކަންކަން. އެއީ އޮޑިޓަރުންނާއި އަދި ޖަޖުންނާއި އަދި ސިވިލް ސަރވަންޓުން، މިމަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުން، ސްރީލަންކާގައި އެމަސައްކަތްތައް ކުރާގޮތާއި، އެތަނުގައި އެ ފަންނީ ކަންކަން ހިނގަމުންދާގޮތް ބެއްލެވުމާއި، އަދި އެތަނުގެ މަދަރުސާތަކުގައި، ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޝަންތަކުގައި، ދިވެހި ދަރިވަރުން ބައިވެރިވެގެން، މިކަންކަމާ ގުޅޭ ޢިލްމާއި، ހުނަރު ބޮޑަށް ލިބިގަތުން އެއީ، އަޅުގަނޑުމެން މިފަހަރު ދެކެވުނު ވާހަކަތަކުގައި ފާހަގަކުރެވުނު ކަންކަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންކަން ދާދި އަވަހަށް ފެށިގެންދާނެ.

ސުވާލު 5: ޢަބްދުﷲ މުޙަންމަދު - ދި ޓީ.ވީ

މަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މަނިކުފާނު ވިދާޅުވި، ގާތްގަނޑަކަށް 700 މިލިޔަން ޑޮލަރާއި 800 މިލިޔަން ޑޮލަރު، ފައިސާއިން އަގުކުރާނަމަ ލިބިގެންދިޔަ ކަމަށް. މިދަތުރުފުޅުން އެގޮތަށް އަގު ކުރައްވާނަމަ، ކިހާވަރެއް ލިބިގެންދިޔަތޯ، ދިވެހިރާއްޖެއަށް؟

ރައީސުލްޖުމްހޫރިއްޔާ

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސްރީލަންކާއަށް ކުރި ދަތުރު ކުރީ، އިންޑިޔާއަށް ކުރި ދަތުރުގެ އަމާޒުގައެއް ނޫން. އެކިތަންތަނަށް އެކި ދަތުރު ކުރެވޭއިރުގައި، އެކިފަހަރު އަޅުގަނޑުމެން މިގެންގުޅެނީ އެކި އަމާޒު. ސްރީލަންކާއަށް ކުރި ދަތުރުގެ އެންމެބޮޑު އެއް އަމާޒަކަށްވެފައި އޮތީ، އާޘާރީ ބިނާތަކާއި، މިކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުން. އެކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބި، ކުރިއެރުން ލިބި އަދި އެއްބަސްވުމަށް އާދެވިފައި މިއޮތީ. ދެން އަޅުގަނޑުމެން މަސައްކަތް ކުރީ، ސްރީލަންކާގައި ރަޖިސްޓްރީ ކުރެވިފައިވާ، ވަޒަންވެރިވެފައިވާ ކުންފުނިތަކުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް. ސްރީލަންކާގައި ވަޒަންވެރިވެފައިވާ ބޭރުގެ ކުންފުނިތައް، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމާ ގުޅޭގޮތުން ވާހަކަ ދެކެވުނީ. މި ދެބާވަތުގެ ކުންފުނިތައްވެސް ރާއްޖޭގައި އިންވެސްޓް ކުރުމަށް އެކަށީގެންވާ ޝައުޤުވެރިކަން ދެއްކި. އެބޭފުޅުން މި ދިވެހިރާއްޖޭގައި ކުރައްވާނީ، ކިތައް މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތޯ މިވަގުތު އަޅުގަނޑުމެންނަށް އަދި ދަންނަވާކަށެއް ނޭނގެ. އަޅުގަނޑުމެންނަށް މި ލަފާ ކުރެވެނީ، ބޮޑެތި ޕްރޮޖެކްޓްތަކުގައި އިންވެސްޓް ކުރުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް ހުރިހާ ބޭފުޅުންގެ އެބަހުއްޓޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުމެންގެ މިދަތުރު، ތިޔަބޭފުޅުންވެސް ދުރާއި ގާތުން ބައްލަވަމުން ގެންދަވާތީވެ، އަޅުގަނޑުމެންނަށް އިތުރު ހިތްވަރެއް ލިބޭ. ރާއްޖޭގެ ނަމުގައި އިތުރު މަސައްކަތް ކޮށްގެން، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެ ފައިސާއާއި ތަނަވަސްކަން ދިވެހިރާއްޖެއަށް ހޯދުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ.

اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والسّـلام عليـكم