بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އާ އަހަރުގެ ހެޔޮ ދުޢާއާއި ސަލާމާއި ހެޔޮއެދުންތައް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރިސް ކުރަން. ބޭރުގައި އުޅުއްވާ ދިވެހިންނާ ބައްދަލުވީމާ، އަޅުގަނޑުމެން ސަލާން ގަލާންކޮށް އަހާލެވެނީ، ތިޔަބޭފުޅުންނާ ގުޅޭގޮތުން މިރަށުގައި ކަންތައްތައް ހަމަޖެހިފައި ހުންނަނީ ކިހިނެއްތޯއޭ؟ މިތާނގެ މައްސަލަތަކާއި އެހެނިހެން ތާށިތައް ތިޔަބޭފުޅުންނާ ދިމާވޭ. ހަމައެހެންމެ، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އަބަދުވެސް އެންމެ ބޮޑަށް އަޑުއައްސަވާހިތްޕުޅުވާ ޚަބަރަކަށްވެފައި އޮންނަނީ، ރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން. މިކަންކަމާ ގުޅިގެން ތިޔަބޭފުޅުންނަށް މަޢްލޫމާތު އޮޅުންފިލާފައި ހުރުމަށް އަބަދުވެސް ވަރަށް ބޭނުންވޭ. ހަމަ އޭގެއިތުރުން، ސިލޯނުގައި އޮންނަ ބައްދަލުވުމެއްގައި ވާހަކަ ދައްކާއިރުގައި، މާބޮޑަކަށް އަޅުގަނޑު ތަފާތެއް ނުކުރަން. މިސާލަކަށް، ތިނަދޫގައި އޮންނަ ބައްދަލުވުމެކޭ، ކުޅުދުއްފުށީގައި އޮންނަ ބައްދަލުވުމެކޭ، ކޮޅުނބުގައި އޮންނަ ބައްދަލުވުމެކޭ، މާބޮޑު ތަފާތުތަކެއް ހުންނާނެ ކަމަކަށް ނުފެނޭ. އެންމެބޮޑު ތަފާތަކީ، އެކިއެކި ރަށްރަށުން އެކިއެކި ތަންތަނުން އެކިއެކި ގޭގެއިން ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެން ތިއްބެވިކަން.

އަޅުގަނޑު ތިޔަބޭފުޅުންނާ އެކުގައި މިރޭ ބައެއް ވާހަކަ ފާހަގަކޮށްލަން ބޭނުން. ޚާއްޞަކޮށް، ސަރުކާރު ހިންގަމުން އަންނަގޮތާއި، ސަރުކާރަށް ދިމާވެފައިވާ ބައެއް ކަންކަމާއި އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކު. އެއީ ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންގެ ސަރުކާރު އެކުލެވިފައި މިއޮތީ ރައްޔިތުންނަށް ވަޢުދުތަކެއް ވަމުން އައިސް. އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތަކަށްވާނީ، އެ ވަޢުދުތައް ރައްޔިތުންނަށް ފުއްދައިދިނުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެން ރެޔާ ދުވާލު މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވި ސަބަބު އެއީ އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދު ފުއްދުން. އެ ވަޢުދުތައް ފުއްދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެކަން އަޅުގަނޑުމެން ކުރާ ގޮތަކީ ކޮބައިތޯ؟ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދަނީ ކޮންއުޞޫލަކުން، ކޮން ސިޔާސަތެއްގެ ދަށުންތޯ؟ އެކަމާ ގުޅޭގޮތުން އަޅުގަނޑު ބައެއް ނުކުތާ މިރޭ ފާހަގަކޮށްލަން ބޭނުން.
ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ވަރަށްގިނަގުނަ އަސާސީ ޚިދްމަތްތަކެއް ހަމަ މިހާރު ބޭނުންވޭ. އެކަމަކާ އަޅުގަނޑުމެންނަކަށް ޝައްކު ކުރެވޭކަށެއް ނެތް. އޭގެކުރީގައި މައިގަނޑު ގޮތެއްގައި ރަށްރަށުގެ އެންމެބޮޑު އެއް ޝަކުވާއަކަށް ވެފައި އޮންނަނީ، ބަނދަރުގެ ވާހަކައާއި މަދަރުސާއާއި ހެލްތް ސެންޓަރާއި ހޮސްޕިޓަލުގެ ވާހަކަ. މާލޭގައި ދިމާވެފައި އޮންނަ އެންމެބޮޑު އެއްދައްޗަކީ، ގޯތިގެދޮރާއި މާލެ ތޮއްޖެހުމާއި، ކަރަންޓް ބިލާއި، ފޯނު ބިލާއި، ފެން ބިލުގެ ހާސްކަން ބޮޑުކަން. އަޅުގަނޑުމެންގެ ޚަރަދުތައް ފުއްދޭވަރަށް އަޅުގަނޑުމެންނަށް އާމްދަނީ ނުލިބި އޮތްކަން. މިދެންނެވި ކަންކަމުން އަރައިގަތުމަށް އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ؟

މީގެކުރީގައި ސަރުކާރުން، ސަރުކާރުގެ ބަޖެޓުން ވަރަށް ގިނަގުނަ ޚަރަދުތަކެއް ކުރަމުން އައި. އޭގެތެރޭގައި މިދަންނަވާ ބާވަތުގެ ބައެއް މަސައްކަތް ކުރުމަށް ބަޖެޓު ކުރެވިފައިހުރޭ. އެއީ ފްލެޓް އެޅުމަށް، ނަރުދަމާ ހެދުމަށް، ބަނދަރު ކޮނުމަށް، ބަނދަރު ހެދުމަށް ނުވަތަ ހޮސްޕިޓަލް އެޅުމަށް ނުވަތަ މިނޫންވެސް ކޮންމެވެސް އެހެން ކަމަކަށް. މިދިޔަ ސަރުކާރުގައި އެކަންކަން ކުރަމުން އައީ ބަޖެޓުގައި ހިމެނޭ މައިގަނޑު ޕްރޮގްރާމެއްގެ ތެރޭގައި. އަޅުގަނޑުމެން ކިޔަމުން މިއައީ، އެއީ ޕީ.އެސް.އައި.ޕީ ޕްރޮގްރާމޭ ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމޭ.

ބަޖެޓާ ގުޅޭގޮތުންނާއި ސަރުކާރުގެ ބައެއް ސިޔާސީ އަދި އިދާރީ ކަންކަމާ ގުޅޭގޮތުން ވިސްނަވައި މަޢްލޫމާތު ހޯއްދަވާ ބޭފުޅުން، ތިޔަބޭފުޅުންގެ ތެރެއިން ވަރަށް ގިނަކަން އަޅުގަނޑަށް އެނގޭ. ތިޔަބޭފުޅުންނަށް ފާހަގަކުރެއްވިފައި އޮންނާނެ، މިދިޔަ ދެތިން ހަތަރު އަހަރެއްގެ ތެރޭގައި، ދިވެހި ސަރުކާރުގެ ބަޖެޓު ކުއްލިއަކަށް ވަރަށްބޮޑުތަން ބޮޑުވެގެންދިޔަ. އެއީ، މިދެންނެވި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީ. ޕްރޮގްރާމް ބަޖެޓުގައި ހިމެނުމަށްޓަކައި، އެ ބަޖެޓު ބޮޑުވެގެން ދިޔައީ. މިދަންނަވާ ޕްރޮގްރާމަށް ސަރުކާރުގެ ބަޖެޓުގައި މިދިޔަ ތިން ހަތަރު އަހަރުވެސް، ދެތިން އަހަރުވެސް ހަމަގައިމު މަދުވެގެން 200 މިލިޔަން ޑޮލަރު ނުވަތަ 2.2 ބިލިޔަން ރުފިޔާ ހިމެނިފައި އޮތް. މި ފައިސާ ހޯދަން އަޅުގަނޑުމެންނަށް ދަތިވޭ. ޙަޤީޤަތުގައި ސަރުކާރަކަށް، އެ ފައިސާއެއް ނުލިބޭ. އަޅުގަނޑުމެންގެ ސަރުކާރުގެ އާމްދަނީއަކީ، ޖުމްލަ ގާތްގަނޑަކަށް 7 ބިލިޔަން ނުވަތަ 8 ބިލިޔަން ރުފިޔާ. އޭގެތެރެއިން ސަރުކާރު މުވައްޒަފުންގެ މުސާރައަށް އެކަނި ޚަރަދު ކުރަން އެބަޖެހޭ 3 ބިލިޔަން، 4 ބިލިޔަނާ ގާތަށް އޮތް ޢަދަދަކަށް. އަޅުގަނޑުމެންނަށް އާމްދަނީއަށް ލިބެނީ 7 ބިލިޔަނޭ، އޭގެ ދެބައިކުޅައެއްބައި އަޅުގަނޑުމެން އެބަ ޚަރަދުކުރަންޖެހެއޭ ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް އެކަނި. ސަރުކާރު ހިންގުމަށް ފައިސާ ނެގުމަށްފަހުގައި، ތަރައްޤީއަށް ޚަރަދުކުރާނެ ފައިސާއެއް ޙަޤީޤަތުގައި ދިވެހި ސަރުކާރަކު ނުހުރޭ.

އެހެންވީމާ، ސަރުކާރުން މިޖެހެނީ ދަރަންޏަށް ފައިސާ ނަގަން. މިވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ދަރަންޏަށް ފައިސާ ނަގަމުން އައިސް، ދިވެހި ސަރުކާރު މިހާރު މިވަނީ ވަރަށް ބޮޑަށް ދަރާފައި. ޚާއްޞަ ގޮތެއްގައި، އާދައިގެ ވިޔަފާރި ބޭންކުތަކަށް ސަރުކާރު މިވަނީ ވަރަށްބޮޑު ޢަދަދަކަށް ދަރާފައި. އެހެންވީމާ، ސަރުކާރުގެ ނަމުގައި އަނެއްކާ އިތުރަށް ދަރަންޏަށް ފައިސާ ނެގުމަކީ، ބުއްދިވެރި ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. މިހާރުވެސް އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ ނިސްބަތުން ބަލާއިރުގައި، ދަރަނި އެބަވޭ ބައިނަލްއަޤްވާމީ މާލީ އިދާރާތައް މިކަމާ ކަންބޮޑުވާ ދަރަޖައިގައި. އަޅުގަނޑުމެންގެ ތެރެއިން މިކަމަށް ބަލައި ދުރުވިސްނާ ކޮންމެ މީހަކުވެސް އެކަމާ ކަންބޮޑުވާ ދަރަޖައިގައި.

އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިފަހުން މިދިޔަ ދެމަސްދުވަހުގެ ތެރޭގައި، ފުރަތަމަ މަހު ސަރުކާރަށް ޖެހުނު، ލިބުނު އެއްޗަކަށްވުރެ 200 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުކުރަން. އަޅުގަނޑު އުންމީދުކޮށްގެން ހުރީ ދެވަނަމަހު ތަންކޮޅެއް ރަނގަޅުވާނެ ކަމަށް. ފުރަތަމަ މަހު 204 މިލިޔަން ރުފިޔާ. ދެވަނަ މަހު 208 މިލިޔަން ރުފިޔާ. ސަރުކާރަށް މިޖެހެނީ، ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ނުވަތަ އެހެންވެސް ގޮތަކަށް ލިބޭ ފައިސާއެއް ވެއްޖިއްޔާ، މިދަންނަވާ ދަރަނިތައް އަދާކުރުމުގައި އެފައިސާ ހޭދަކުރަން.

މި ދަރަނި ނުވަތަ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވެގެން ގޮސްފައި މިވަނީ، މިދިޔަ ސަރުކާރު ނިމިގެންދިޔަ ވަގުތުގައި ނުވަތަ އޭގެފަހުކޮޅުގައި ވަރަށްބޮޑު ޢަދަދަކަށް ވަރަށްގިނަ ކަންތައްތައް ކުރުމަށް، އެ ސަރުކާރުން ސޮއިކޮށްފައި އޮތީމާ. ބަނދަރުތައް ހެދުމަށް، މަދަރުސާތައް އެޅުމަށް، އަދި އެވެނި ކަމަކާއި މިވެނި ކަމެއް ކުރުމަށް. އެ ސޮއި ކޮށްފައިވާއިރުގައި، އެ ކޮންޓްރެކްޓްތަކާއި އެގްރީމަންޓްތަކާ ގުޅޭ ޗާޓަރއެއް ނުވަތަ އާމްދަނީ ލިބޭނެގޮތެއް އެއްގޮތަކަށްވެސް ސާފުކޮށް ހޯދިފައެއް ނެތް. ޙަޤީޤަތުގައި ހޯދިފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް ކޮންމެ އަހަރަކުވެސް، ކޮންމެ މަހަކު މިޖެހެނީ ކުރީގެ ސަރުކާރުގެ މިދެންނެވި ދަރަނީގެ ބޮޑުބައެއް ދައްކަން. އަޅުގަނޑުމެންގެ ތަރައްޤީއަށް ބޭރު ޤައުމަކުން ލިބޭ ފައިސާވެސް، އެހީވެސް މިޖެހެނީ، އެ ދަރަނި އަދާކުރުމަށްޓަކައި ދައްކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެދަރަނިވެސް އަދާކުރާނަން. އަލުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖޭގެ، އަޅުގަނޑުމެންގެ މާލިއްޔަތު، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ހަމަޖެހުމަކަށް ގެނެވޭނެ. ގެނެވޭއިރުގައި މިދެންނެވި މުހިންމު ކަންކަން ނުކޮށް އެހާއިރު މަޑުކުރާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. އެއީ ނަރުދަމާ ނުހަދާ، މަގު ނުހަދާ، ސާފު ބޯފެން ނުދީ، ބަނދަރުތައް ރަނގަޅަށް ނުހަދާ، ބޯހިޔާވާނެ ގޮތެއް ހޯދައިނުދީ އަޅުގަނޑުމެން ބޭނުމެއް ނޫން، އަތް އުރާލައިގެން ތިބޭކަށް.

އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލު ވަރަށް ސާފު. ސަރުކާރުގެ ބަޖެޓަކުން ނެތޭ މިކަންކަން ކުރެވޭކަށް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން އެކަންކަން ކުރަން ހަދަނީ ކިހިނެއްތޯއޭ. ލޯނު ނެގޭކަށް ނެތް. ބަޖެޓުން ލިބޭ އާމްދަނީން މިކަން ކުރެވޭކަށެއް ނެތް. އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެންގެ ރާއްޖޭގައި ހިންގަން މިހުރި ވަރަށްގިނަ މަސައްކަތްތައް، ވިޔަފާރީގެ އުޞޫލުން ހިންގީމާ، މާބޮޑުތަން އަގު ހެޔޮވެގެންދާކަމަށް. އަޅުގަނޑުމެން މިދެކެނީ، މިސާލަކަށް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން، ކުރީގައި ކުޅުދުއްފުށީގައި ނަރުދަމާއެއް އެޅުމަށް ކޮންޓްރެކްޓް ކޮށްފައި އޮތީ 96 މިލިޔަން ރުފިޔާއަށް ނުވަތަ 8 މިލިޔަން ޑޮލަރަށް. ކުޅުދުއްފުށްޓާ ޖެހިގެން އޮވޭ ނާގޯށި ކިޔާ ރަށެއް. ރިޒޯޓަކަށް ތަރައްޤީ ކުރަމުންދާ ރަށެއް. މިދެންނެވި ރަށުގެ ނަރުދަމާގެ ޖުމްލަ ދިގުމިނަކީ ހަމަ ގާތްގަނޑަކަށް ކުޅުދުއްފުށީގެ ނަރުދަމާގެ ދިގުމިން. އެކަމަކު މިދެންނެވި ނާގޯށީގެ ނަރުދަމާގައި ކުޅުދުއްފުށީ ނަރުދަމާއަށްވުރެ އިތުރަށް އެބައޮތް ޓްރީޓްމަންޓް ޕްލާންޓެއް. ނާގޯށީގެ ނަރުދަމާގެ އަގަކީ 3 މިލިޔަން ޑޮލަރު. ކުޅުދުއްފުށީގެ ނަރުދަމާގެ އަގަކީ 8 މިލިޔަން ޑޮލަރު. ސަރުކާރުން ކަމެއް ކުރީމާ، މިދަނީ ވަރަށް ބޮޑަށް އަގުބޮޑުވެގެން.

އަޅުގަނޑުމެން މީގައި މިދެކެނީ މިސާލަކަށް ނާޖާއިޒު ފައިދާއާއި ކޮރަޕްޝަނާ މިކަންކަމުގެ ސަބަބުން އަގު މައްޗަށްދަނީއޭ. އެހެންވީމާ، އަޅުގަނޑުމެން ގަބޫލު ކުރަންވީއޭ މި ސަރުކާރު، އަޅުގަނޑުމެންގެ ސަރުކާރުގައި ކޮރަޕްޝަނެއް ނޯންނާނެއޭ. އެހެންވީމާ، އަގު މައްޗަކަށް ނުދާނެއޭ. އަޅުގަނޑަށް ވަރަށް އުނދަގޫ އެކަން ގަބޫލުކުރަން. އަޅުގަނޑުމެންގެ ސަރުކާރުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނުހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަމެއް އަޅުގަނޑަކަށް ނެތް. އާދެ! ތެދުފުޅެއް. އަޅުގަނޑުމެން، އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރާނަން. ކޮރަޕްޝަނާ ގުޅޭ އެއްވެސް ކަމެއް ހިނގައިފިނަމަ، އެކަމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށްގެންނާއި، ޝަރުޢީ ދާއިރާ މެދުވެރިކޮށްގެން ބަލައި، އެކަމަށް ފިޔަވަޅު އެޅި، ޙައްޤު އަދަބު ލިބޭނެ.

އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، ސަރުކާރުން ކުރާ އެބާވަތުގެ ކަމަކަށްވުރެ ވިޔަފާރީގެ އުޞޫލުން ކުރާ ކަންކަމުގެ ޚަރަދު ވަރަށްބޮޑުތަން ކުޑަ. އެއީ ވިޔަފާރީގެ ހަމަތަކާއި ސަރުކާރުގެ ހަމަތަކާ ވަރަށްބޮޑުތަން ތަފާތު. އެހެންވީމާ، އަޅުގަނޑުމެންނަށް ފެންނަނީ، ނަރުދަމާތައް ހެދުމާއި، ބަނދަރުތައް ހެދުމާއި، ފެން ދިނުމާއި، ގޭސްހޮޅި ވަޅުލުމާއި، ބޯހިޔާވަހިކަން ހޯދުމާއި، މިބާވަތުގެ ކަންކަމަކީ ޕްރައިވެޓް ސެކްޓަރުން ކޮށްދެވިދާނެ ކަންތައްތައް ކަމަށް. އަޅުގަނޑުމެން މިކުރާ ދަތުރުގައި އަޅުގަނޑުމެން މިހޯދަނީ މިދަންނަވާހެން ދިވެހި ސަރުކާރާ އެކީގައި ޙިއްޞާވެގެން، މިދަންނަވާ ބާވަތުގެ ކަންކަން ކުރާނެ އެކިއެކި ވިޔަފާރިވެރި ޖަމާޢަތްތައް. ނުވަތަ ވިޔަފާރިވެރިން. އަޅުގަނޑުމެންނަށް ފެންނަނީ، ދިވެހިރާއްޖޭގައި އަޅުގަނޑު ހަމަ މިދަންނަވާ މިސާލުން ދަންޏާ، ކުޅުދުއްފުށްޓަށްވިޔަސް، އަދި ހޯރަފުށްޓަށްވިޔަސް، އިހަވަންދުއަށްވިޔަސް، ތަކަންދުއަށް މާރަންދުއަށްވިޔަސް، ތިނަދުއަށްވިޔަސް، މަޑަވެއްޔަށްވިޔަސް، ކޮންމެ ރަށަކަށްވިޔަސް، މިތަންތަނުގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ވަރަށްގިނަ ބައިނަލްއަޤްވާމީ ކުންފުނިތައް މިއަދު އެބަހުރި ކަމަށް. އެ ކުންފުނިތަކުން ބޭނުންވޭ، ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެދޮރުވެސް އަޅައިދޭން. އެކުންފުނިތަކުން ބޭނުންވޭ ވިޔަފާރީގެ ގޮތުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި އަދި ގޭހުގެ ޚިދްމަތް، ރާއްޖޭގެ އެކިރަށްރަށަށް ފޯރުކޮށްދޭން.

އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އެންމެ އައުލާކަންބޮޑު ގޮތަކީ، އެމަސައްކަތްތައް ސަރުކާރުން ކުރުމެއް ނޫނޭ. އެމަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ބައިވެރިވާނެ، ޙިއްޞާވާނެ، ބައިވެރިން ހޯދައި، އެ ބައިވެރިންނާ އެކީގައި ވިޔަފާރީގެ އުޞޫލުން އެކަންކަން ކުރީމައޭ، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ. އަޅުގަނޑުމެންގެ މަސައްކަތް މިގެންދަނީ މިދަންނަވާ އުޞޫލުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެން މި އުންމީދުކުރާ މައިގަނޑު މަސައްކަތްތަކުގެ ޢަމަލީ މަންޒަރެއް، މިއަހަރު ނިމުމުގެ ކުރީގައި ރާއްޖޭގެ ރަށްތަކުން ފެނިގެންދާނެކަމަށް.

އަޅުގަނޑު ދެން ދަންނަވާލަން އޮތީ، ސަރުކާރު ހިންގުމުގައި އަޅުގަނޑުމެން ބޭނުންވޭ ވަރަށް ބޮޑެތި ބަދަލު ގެންނަން. އޭގެތެރޭގައި ހިންގާ އެއްމަސައްކަތަކީ، ލާމަރްކަޒީ އުޞޫލުން ސަރުކާރުގެ ކަންކަން ހިންގުން. ޑިމޮކްރަސީއަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ކަންކަން ނިންމުނީމާ ރައްޔިތުންނަށް ފައިދާވާ ނިޒާމެއް. މާލޭގައި ތިބޭ ބަޔަކު، މާލޭގައި ތިބެގެން ކަންކަން ހިންގީމާ، އޭގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރާ އަސަރު ވަރަށް ކުޑަ. މިވޭތުވެދިޔަ ޒަމާންތަކުގައި އަޅުގަނޑުމެންނަށް ފެނިފައި މިވަނީ މިދެންނެވި ތަން. މާލޭގައި ތިބޭ ބަޔަކަށް މާލޭގައި ތިބޭ މީހުންނަށް ފެންނަ ގޮތަކަށް، ކުރާ ކަންތައްތަކެއް ކުރަނީ. ކުރީމާ އޭގެ ފުރިހަމަ ނަތީޖާ އަތޮޅުތަކަށް އޭގެ އެންމެ ރަނގަޅު ގޮތުގައި ފޯރައިގެނެއް ނުދޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވެގެން މިދިޔައީ، މުޅި ރާއްޖެ 7 ޕްރޮވިންސަކަށް ބަހާލުން. އަދި މިއިން ކޮންމެ ޕްރޮވިންސެއްގައި، ސަރަޙައްދީ ޚިދްމަތްދޭ އިދާރާއެއް ހުރުން. އަދި އެއިން ކޮންމެ ޕްރޮވިންސަކަށް ސްޓޭޓް މިނިސްޓަރަކު ހުރުން. މިހާރު އެނގިވަޑައިގަންނަވާނެ އުތުރަށް ކުޅުދުއްފުށީގައި ހުންނަވާ ސްޓޭޓް މިނިސްޓަރު އަޅުގަނޑުމެން ވަނީ މިހާރު ކަނޑައަޅާފައި. އަދި އައްޑުއަތޮޅު ހިތަދޫގައި ހުންނަވާ ސްޓޭޓް މިނިސްޓަރުވެސް ވަނީ ކަނޑައެޅިފައި. ކުޅުދުއްފުށީގައި އެއޮންނަ މަތި އުތުރު ޕްރޮވިންސަކީ، ހއ. ހދ. ށ. އެ ތިން އަތޮޅު. ދެން އޮތް ޕްރޮވިންސަކަށް މިއޮންނަނީ ނ. ރ. ބ. ޅ. ދެކުނުން އަންނައިރުގައި އައްޑުއާއި ފުވައްމުލަކާ، އެއީ ޕްރޮވިންސެއް. ހުވަދުއަތޮޅު އެއީ ޕްރޮވިންސެއް. ލ. އާއި ތ. އާއި އެއީ ޕްރޮވިންސެއް. ވ. މ. ފ. ދ. އެއީ ޕްރޮވިންސެއް. ދެން މެދުގައި އެއޮތީ މާލެ ނަގާފައި، މާލެއަތޮޅާއި އަރިއަތޮޅު. މިދަންނަވާހެން އަޅުގަނޑުމެން މިބަހާލަނީ 7 ޕްރޮވިންސަކަށް. އެއިން ކޮންމެ ޕްރޮވިންސެއްގައި ސްޓޭޓް މިނިސްޓަރަކު ހުންނަވައިގެން، ސަރުކާރުގެ ހުރިހާ ވުޒާރާއަކުންދޭ ހުރިހާ ޚިދްމަތެއް، އެ ތަންތަނުގައި ދެވޭ އުޞޫލުން އަޅުގަނޑުމެން މިދަނީ އެކަންކަން އިންތިޒާމު ކުރަމުން. އަޅުގަނޑުމެން އެދޭ ސްޕީޑްގައި މިމަސައްކަތް މިހާރު އެބަ ހިނގާ.

ޒަމާނުއްސުރެ ފަށައިގެން އެޓޮލްސް އެޑްމިނިސްޓްރޭޝަން ނުވަތަ އެޓޮލްސް ޑިވެލޮޕްމަންޓް ނުވަތަ ޕްރޮވިންޝަލް އެފެއާޒް މިނިސްޓްރީ ނުވަތަ އެހެންގޮސް އެކިއެކި ނަންނަމުގައި މިދިޔަ 30 އަހަރު ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ އިސް އިދާރީ މަރްކަޒެއްގެ ގޮތުގައި ތިޔަބޭފުޅުންނަށް، އަތޮޅުތަކުގެ ގިނަ ބޭފުޅުންނަށް ވެދެވަޑައިގެންފައި ހުންނާނެ، ފެނިވަޑައިގެންފައިވާނެ، ފާށަނާ ބިލްޑިންގ. އަތިރިމަތީގައި މެރިން ޑްރައިވްގައި އެހުރީ. އަޅުގަނޑުމެންގެ އަމާޒަކީ، އެ ބިލްޑިންގގައި ކުރާ ހުރިހާ މަސައްކަތް، މިދެންނެވި 7 ސަރަޙައްދަށް ބަހާލުން. އަދި އިރާދަކުރެއްވިއްޔާ، އަހަރު ނިމުމުގެ ކުރީގައި އެ ބިލްޑިންގ ތަޅާލުން.
މިދަންނަވާ އިދާރީ އަދި އިޤްތިޞާދީ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރުގައި، ރާއްޖޭގައި އަޅުގަނޑުމެންނަށް މިހާރު މިގެންދެވެނީ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރަމުން. އެޤާނޫނުއަސާސީގައިވަނީ، ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެން ވަކާލާތު ކުރަމުން އައި ވަރަށް ގިނަގުނަ އުޞޫލުތަކެއް، ހަމަތަކެއް. ޚާއްޞަގޮތެއްގައި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން، މިޤާނޫނުއަސާސީގައި މިވަނީ ވަރަށް ޞަރީޙަ ޢިބާރާތުން ލިޔެވިފައި. ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުން އެއީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް. މި ޤާނޫނުއަސާސީގެ 115 އާއި 119 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަވޭ.

މިޤާނޫނުއަސާސީގައި އިންތިޤާލީ މަރްޙަލާ ނިމި، އެހެން ގޮތަކަށް ދަންނަވަނީނަމަ، ފެނަށް ދިރިފައިވާ ހަމައެކަނި މުއައްސަސާއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ އިންތިޚާބު ނިމި، މިހާރު އެމަގާމު ފުރަމުން މިގެންދާ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑުގެ އެންމެބޮޑު ވާޖިބަކަށް ވެފައި މިއޮތީ، ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރުގައި، ޤާނޫނީ ހުސްކަމެއް އަޔަނުދީ، މި ޤާނޫނުއަސާސީގެ އެންމެހާ މާއްދާތައް ތަންފީޒު ކުރަން ފެށުން.

އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެންނަށް ދިމާވެގެން އެބައުޅޭ، ޤާނޫނީ މައްސަލައެއް. އެއީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ބޭނުންވެވަޑައިގަތީ ޗުއްޓީއަށް ވަޑައިގަންނަވަން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އެވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ކޮންމެހެން ނިންމަންޖެހޭ ދެ ބިލެއް، ދެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް. އެމަސައްކަތް ނުނިމި، މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަތީމާ، އަޅުގަނޑުމެންނަށް މިދިމާވާ ދަތިތަކަކީ، ޤާނޫނުއަސާސީގެ އިންތިޤާލީ ބާބު މަޖުބޫރުކުރާ ތާރީޚަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުބޭއްވޭނެގޮތް މެދުވެރިވުން. މިހާރު މިއޮތް މަޖިލީހަކީ އިންތިޤާލީ މަޖިލީހަކަށްވެފައި، އެމަޖިލީހުގެ ޞައްޙަ ދައުރު މާޗް 1 ގައި ނިމޭކަމަށްވަންޏާ، ނިމޭއިރުގައި ޢާންމު އިންތިޚާބެއް ބާއްވާނެ ޤާނޫނެއް ނެތިއްޖެނަމަ، މިދަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ. އޭރުން މަޖިލީހެއް ނެތި، އަދި މަޖިލީހެއްގެ އިންތިޚާބު ބާއްވާނެ ޤާނޫނެއްނެތި ހިނގައިދާނެ. އެކަހަލަ ފައްތަރަކަށް އަންނަން އަޅުގަނޑުމެންނަށް ޖެހިއްޖެނަމަ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާއެއް ޤާނޫނީ ހުސްކަމެއް އިރާދަކުރެއްވިއްޔާ އަޔަކަނުދޭނަމޭ. އަޅުގަނޑަށް ލިބިފައިވާ ޤާނޫނީ ބާރު އަޅުގަނޑު ބޭނުންކޮށް، ރައްޔިތުންގެ މަޖިލީހުގެ ޞައްޙަ އިންތިޚާބަކަށް އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މާޗް 2 ވަނަ ދުވަހު އަޅުގަނޑު ގޮވާލާނަމޭ.

މި ރިޔާސަތުން މި ޤާނޫނުއަސާސީ ޙިމާޔަތް ކުރުމަށްޓަކައި އެވަގުތު ކުރަން ޖެހިފައި އޮތް ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން. އަޅުގަނޑު އެއްވެސް ކަމެއް ކުރާކަށް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑެއް ހެއްދެވި ފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް، އެހެން ކަމަކަށް ބިރެއް ނުގަންނާނެ. ވެރިކަމަކީ އެއްވެސް ޙާލެއްގައި އަޅުގަނޑު މިކަމުގައި ތާއަބަދަށް ހުންނަން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑު ބޭނުމީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، މިނޫން ރިވެތި ގޮތުގައި ދިރިއުޅެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއައީ، އަޅުގަނޑުމެން ބޭނުމީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކީ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ. ތިމަންނާއަކީ ފަޚްރުވެރި، ޝަރަފްވެރި ދިވެއްސެކޭ ބުނެ، ތިމަންނާގެ އަމިއްލަ ދެފައިމައްޗަށް ތެދުވެ ހުންނަ މީހުންތަކަކަށް ދިވެހި ރައްޔިތުން ވެގެންދިޔުމޭ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މިއަދަށްވުރެ މާ ތަނަވަސް ދިވެހިރާއްޖެއަކަށްވުން.

އަޅުގަނޑު ނިންމާލަމުން އަނެއްކާވެސް ތިޔަބޭފުޅުންނަށް މި އާ އަހަރުގެ އެންމެހާ ހެޔޮ ދުޢާ ޘަނާ އަރިސް ކުރަން. އަދި އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، ހާސްކަމެއް ނެތް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލަން.

والسّـلام عليـكم. اَلحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!