ސުވާލު 1: ޖާދުﷲ ތައުފީޤު – ޓީ.ވީ މޯލްޑިވްސް:

މަނިކުފާނަށް މިދަތުރުފުޅުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

ސްރީލަންކާ ސަރުކާރާ އެކީގައި ރާއްޖެއާ ގުޅޭގޮތުން ދައްކަންހުރި ވަރަށްގިނަ ވާހަކަތައް، ދެ ސަރުކާރުގެ ދެމެދުގައި ދައްކަން ހުރި ވަރަށްގިނަ ވާހަކަ މިހާރުވަނީ ދެކެވިފައި. ސްރީލަންކާއާ އެކީގައި ކުރިއަށް ގެންދެވޭނެ ކިތަންމެ ކަމެއް އަޅުގަނޑުމެންނަށް އެބަފެނޭ. މިތަނުގައި ހަމައެކަނި ޙަރަކާތްތެރިވަނީކީ ސިލޯނުގެ ވިޔަފާރިވެރިންނެއް ނޫން. މިތަން ވެފައި އޮންނަނީ ޔޫރަޕްގެ އެތައް ވިޔަފާރިވެރިންނެއް އައިސް މަޑުކޮށްގެން ތިބޭ މައިގަނޑު ޖަގަހައަކަށް. އެހެންވީމާ، އަޅުގަނޑުމެންނަށް އެބޭފުޅުން މެދުވެރިކޮށްގެން އެބޭފުޅުންނާ އެކީގައި އެހެން ވިޔަފާރިވެރިންނާ ދިމާއަށް އެބަދެވޭ. އަޅުގަނޑުމެންގެ އެންމެބޮޑު ބޭނުމަކީ، މި ރާއްޖޭގައި އަޅުގަނޑުމެން އުފައްދަމުން މިއަންނަ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ސަރުކާރާ އެކީގައި ޙިއްޞާވާނެ ބައިވެރިން ހޯދުން. އެހެންވީމާ، އެމަގުން އަޅުގަނޑުމެން ބަލާއިރުގައި އަޅުގަނޑުމެން މިދެކެނީ މިދަތުރު ވަރަށް ކާމިޔާބުވަމުން އަންނަކަން.

ދެން ޒަމާނުއްސުރެ ފަށައިގެން ސިލޯނާ އެކީގައި އޮތް ގާތް ގުޅުމަށް ހަލުވިކަމެއް އިތުރު ކުރިއެރުމެއް މިދަތުރުގެ ސަބަބުން އެބަލިބޭ. މިދަތުރު މިހާ ފުރިހަމައަށް ގެންދެވޭތީ، ސިލޯނު ސަރުކާރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން.

ސުވާލު 2: ޖާދުﷲ ތައުފީޤު - ޓެލެވިޜަން މޯލްޑިވްސް:

ދެޤައުމުގެ ދެމެދުގައި ޤަދީމީ ގުޅުމެއް ޤާއިމު ކުރުމުގެ މުހިންމު ކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން ދެޤައުމަކީ ޤަދީމީ ގުޅުންތައް ވަރަށްބޮޑު ދެޤައުމު. އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. މިދަންނަވާހެން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށާ ހިސާބުގައި އަޅުގަނޑުމެންގެ ނަޒަރު ބެހެއްޓޭކަށް އަޅުގަނޑުމެން އެއްވެސް ބަޔަކަށެއް ނެތް. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ވިސްނުން ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން، ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދަން. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، ލާމެހިފައިވާ ދުނިޔެއެއްގައި. މިއަދު މިތަނުގައި ދިމާވާ ކަމެއްގެ ސަބަބުން، މާދަމާ އަޅުގަނޑުމެންނަށް އޭގެ އަސަރު ކުރާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ތަނެއްގައިވެސްވާ ގޮތާއި، ކަންތައްތައްދާނެ ގޮތް ބަލައި، ސަރުކާރުތަކާ ވާހަކަ ދައްކައި، ގުޅުންތައް ގާތްކޮށް ކުރިއަށް ގެންދަން.

ސުވާލު 3: ޖާދުﷲ ތައުފީޤު - ޓެލެވިޜަން މޯލްޑިވްސް

މަނިކުފާނު މިދަތުރުފުޅުގެ ތެރޭގައި މުހިންމު އެއްވެސް ނިންމެވުމެއް ނިންމަވާފައިވޭތޯ؟


ރައީސުލްޖުމްހޫރިއްޔާ

ޘަޤާފީ ގުޅުމުގައި ކުރިއަށް ދިޔުމަށާއި، ދިވެހިރާއްޖެއަށް ކަނޑައެޅިފައި ހުންނަ އެކިއެކި ސަފީރުންނާއި ހައިކޮމިޝަނަރުންނާ އެކީގައިވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ. އެހެންވީމާ، ކަންކަން މިދަނީ ނިމެމުން. ބޭނުންވާ ޓީޗަރުންގެ ވާހަކަވެސް އަޅުގަނޑުމެން ދައްކަމުން މިދަނީ. ބޭނުންވާ ނަރުހުން، ހޮސްޕިޓަލްތަކަށް ބޭނުންވާ އެހީ. އަދި އެނޫންވެސް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ޤާއިމު ކުރުމަށް އަޅުގަނޑުމެންގެ ރޭވުންތަކުގެ ތެރެއަށް މިޤައުމުތަކަށް ވަދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަމުން މިދަނީ.

ސުވާލު 4: ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް

މިހާރު އަޅުގަނޑުމެންގެ ބަޖެޓުގައި ޕްރޮފިޓް ޓެކްސްއެއްގެ ގޮތުގައި 250 މިލިޔަން ނެގޭނެ ކަމަށް އޮތްއިރުގައި، އަދިވެސް އިންލަންޑް ރެވެނިއުގައި އެކަމަށް ޤާބިލް އެންމެ މުވައްޒަފަކުވެސް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. މިފަދަ ވަރަށް ނިކަމެތި ޙާލެއްގައި އޮތީ. ސްރީލަންކާއަކީ ޗާޓަޑް އެކައުންޓެންޓުން ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޤައުމެއް. އެހެންވީމާ، މިދަތުރުފުޅުގެ ސަބަބުން އަޅުގަނޑުމެންނަށް، ޢަލީ ހާޝިމަށް މިކަމުން އެއްވެސް ކަހަލަ ލުޔެއް ލިބޭނެ ކަހަލަ ގޮތެއްވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ

ވަރަށް ބޮޑަށް ލިބޭނެ. އަޅުގަނޑުމެން ސިލޯނުގެ ސިވިލް ސަރވިސް ސްކޫލުންނާއި އަދި ޓެކްސް ސްކޫލުން އެހީތެރިކަން ހޯދުމާ ބެހޭގޮތުންނާއި، ހަމަ ޚާއްޞަކޮށް، އިންލަންޑް ޓެކްސްއާ ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަ ދެއްކިން. އަޅުގަނޑުމެންގެ މުވައްޒަފުން ޓްރެއިން ކުރުމަށާއި، ވަގުތީގޮތުން ވެދެވޭނެ އެހީތެރިކަމެއް ވެދިނުމަށް. ދެން ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހަމަ ފާސްކުރާއިރުގައި، ސަރުކާރު އޮންނާނީ ތައްޔާރަށް ޓެކްސް ނަގަން ފަށަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަމުގެ އެކްސްޕަރޓީޒްވެސް ހޯދޭނެ. މިހާރު އެންމެ ފުރިހަމައަކަށް އެކަމެއް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިތަނުގެ އެކަމުގައި އެހީތެރިކަމާ އެކީގައި ކުރިއަށް އެބަދެވޭ.

ސުވާލު 5: ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށްވެސް އެދެން. އަޅުގަނޑަށް ސުވާލުތައްދިޔަ މައުޟޫޢު ނޭނގޭތީ. ރާއްޖޭގެ ހައުސިންގ ދާއިރާއަށް އެބައޮތް، 5 އަހަރު ދުވަހުގެ ތެރޭގައި 25000 ހައުސިންގ އެޅުމަށް. އެއީ، ކޮންމެ އަހަރަކު 5000. މިކަމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި މިވަނީ. އެއްވެސް ވަރަކަށް އެހީ ލިބިފައި އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ

މިތަނުގައި އެބަހުރި ބައިނަލްއަޤްވާމީ ބޮޑެތި ހައުސިންގ ކުންފުނިތައް. އެމީހުން އައިސް މިތަނުގައިވެސް އެބަ އެމަސައްކަތް ހިންގާ. އެމީހުންގެ ޝައުޤުވެރިކަން ވަރަށްބޮޑު ރާއްޖޭގައިވެސް އެކަން ހިންގަން. އެހެންވީމާ، 5000 ގޭގެ ކަންތައް ދެން ގާތްގަނޑަކަށް އޮތީ ނިމިފައި. އެ އިތުރުކުރާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން. އެހެންވީމާ، ގެތަކުގެ ކަންތައް ދެން ބައްލަވާ ނިމިފައި އޮތް ކަމެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ސީދާ ތަފްޞީލްތަކަށް ދެވޭނީ، އެތަފްޞީލުތައް ކަރުދާހުގައި ލިޔެވި، ގެތައް ހުންނާނެގޮތް ކުރެހި، ގެތައް އެޅޭނީ ކޮންކޮން ތަންތަނެއްގައިތޯކަން އެނގި، ޤުރްޢަތާ ހަމައަށް ދިޔައީމާ. އެހެންވީމާ، ދެން އަނެއްހެން ބައްލަވާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަމާޒަށް އެކަން ހިނގާނެކަން.

ސުވާލު 6: ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

ދަތުރުފުޅު ކާމިޔާބު ދަތުރުފުޅެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

ވަރަށް ކާމިޔާބު އިނގޭތޯ. އަޅުގަނޑުމެންނަށް އެތައް ގޮތަކުން މިދަތުރު ވަރަށްބޮޑު ކާމިޔާބު ދަތުރަކަށް ވެގެން މިދަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والسّـلام عليـكم