ސުވާލު 1: ޖާދުﷲ ތައުފީޤު – ޓީ.ވީ މޯލްޑިވްސް:

މިދަތުރުފުޅުގައި ބޭނުންފުޅުވާ ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އެނގިވަޑައިގަންނަވާނެ. ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމަކީ، ވަރަށް ޒަމާންވީ ވަރަށް ގާތް ދެޤައުމު. ދިވެހިންނާ ސިލޯނުގެ އެހެންވެސް އަހުލުވެރިންނާ ދެމެދު އޮންނަ ގާތްތިމާގެ ކަމުގެ ގުޅުން އެއީ ތާރީޚީ ގޮތުންވެސް، ޤަދީމީ ގޮތުންވެސް ޒަމާނުއްސުރެ ފަށައިގެން ގުޅިފައި އޮންނަ ގުޅުމެއް. ދިވެހިރާއްޖޭގައި މި އުފެދުނު ގިނަ ޕާޓީތައް ވާދަކުރި ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހުގައި، އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް ރަޙްމަތްތެރިންނާ ބައްދަލުވެލުމަށްދާއިރުގައި، ސިލޯނަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ހަމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިޙްތިރާމް އަދާކުރުމަށްޓަކައި، ސިލޯނަށް ދިޔުމަކީ އޭގެ ޒާތުގައިވެސް މުހިންމު ކަމެއް.

އަޅުގަނޑުމެންނަށް މިދަތުރުގައި އެންމެ ބޮޑަށް ބޭނުންވަނީ، ދެފަރާތުގެ ދެމެދުގައި މިހުރި ވިޔަފާރީގެ އެންމެހާ ގުޅުންތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާކޮށް، އަޅުގަނޑުމެންނަށް އެވިޔަފާރި ކުރިއެރުވެން ހުރި ގޮތްތައް ހޯދުން. އަދި އިތުރަށް ތަރައްޤީ ކުރެވެންހުރި ގޮތްގޮތް ހޯދުން. ރާއްޖެއިން ބޭރުކުރާ ކަނޑުމަހާއި ހިކިމަހުގެ އެންމެބޮޑު އެއް ޕަސެންޓޭޖެއް ގަންނަ އެއްބަޔަކީ، ސްރީލަންކާ ރައްޔިތުން. އެހެންވީމާ، ދިވެހި މަސްވެރިންގެ އާމްދަނީއާވެސް ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ ސްރީލަންކާގައި މަހަށް އޮންނަ ޑިމާންޑް. އެހެންވީމާ، އެކަންތައްތަކާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ވާހަކަތައް ދެއްކުމަކީ، ވަރަށް މުހިންމު ކަމެއް. މިދަތުރުގައި އެވާހަކަތައް އަޅުގަނޑުމެންނަށް ދެކެވޭނެ.

އަދި ރާއްޖޭގެ ބައެއް ޤަދީމީ ބިނާތަކާއި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް ބަލަހައްޓައި، އަޅުގަނޑުމެންގެ އިޤްތިޞާދުގައި، އެތަންތަނުގެ ފުރިހަމަ ބޭނުން ކުރާނީ ކިހިނެއްތޯ ބަލައި، އެކަމުގެ މަޝްވަރާތައް ސިލޯނު ސަރުކާރާ އެކީގައި ކުރުން ހިމެނޭ. އަދި އާކިއޮލޮޖިކަލް ޑިޕާޓްމަންޓާ އެކީގައި، އެކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހަމައެހެންމެ، ޑްރަގް ރީހެބިލިޓޭޝަންގެ ކަންތައްތަކާއި، އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން ވާހަކަ ދައްކާ ހަދާނަން. ޖުމްލަ ގޮތަކަށް ދަންނަވަންޏާ، ވިޔަފާރީގެ ވަރަށްގިނަ ގުޅުންތަކުގެ ވާހަކަތަކާއި އަދި އިޖްތިމާޢީ ބައެއް ޚިދްމަތްތަކާ ގުޅޭގޮތުން ދައްކަންހުރި ކިތަންމެ ވާހަކައެއް އަޅުގަނޑުމެން ދައްކާނަން.

ސުވާލު 2: ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ރާއްޖޭގެ ސަރަޙައްދުތަކަށް، ޢާންމުކޮށް ސްރީލަންކާގެ ބޯޓުފަހަރު ވަންނަކަން. މިއީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ހުރި ގެއްލުމަކަށްވާތީ، ދެފަރާތުގެ ދެމެދުގައި މިކަމާ ބެހޭގޮތުން ރަނގަޅު ގޮތަކަށް މަޝްވަރާ ކުރެވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ

ސްރީލަންކާގެ ބައެއް ބޯޓުފަހަރު ބެހިގެން މަދުމަދުން އެބައާދޭ. އެ އަންނަނީ މަސްބޯޓުފަހަރު. އެކަންކަމާ ގުޅޭގޮތުން ތަޙްޤީޤުކޮށްފައި، އަޅުގަނޑުމެންނަށް ގިނަފަހަރަށް، އޭގެ ރަނގަޅު ޙައްލެއް ހޯދޭ. އެއީކީ ދިވެހިރާއްޖޭގެ މަސްވެރިކަމަށް، އަޅުގަނޑުމެންގެ މުދަލަކަށް ސިލޯނު މަސްވެރިން ގަސްދުގައި އަރައިގަތުމުގެ ފިކުރެއްގައި ކުރާ ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެކަމުގެ އަޞްލަކީ އެއީކީ ނޫން. ދެން ތިޔަ މައުޟޫޢުގައި ދަންނަވާނީ، އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަމުން މިދަނީ ސޭޝެލްސްގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ދިވެހިންނަށް މަސް ބޭނޭނީ ކިހިނެއްތޯ؟ ސިލޯނު ދަތުރުގައި މިވާހަކައެއް ނުދެކެވޭނެ. ތިޔަ ވިދާޅުވި ސުވާލުގެ ޖަވާބަކީ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސަރަޙައްދުގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ މުދަލަކަށް އަރައިގަންނަނީ ކަމަކަށް އަޅުގަނޑުމެން ނުދެކެމޭ. އޮޅިގެން، ބެހިގެން، އެހެން މަދުމަދުން ބައެއް މޫސުމުގައި އަންނާނެ. އެއީ އޮއިވާލިވެސް އެދިމާއިން އޮޅުދޫކަރައިން ލައްގާ މޫސުމުގައި އެކަން އެހެންވާނެ.

ސުވާލު 3: ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުމެންގެ އާސާރީ ތަންތަން ހޯދަން ވަރަށްގިނަ މަސައްކަތްތައް ކުރަންވަނީ ފެށިފައި. އެކަމަކު ގިނަ ތަންތަން އަދި ހުރީ ނުހޯދި. އަޅުގަނޑުމެންގެ ޘަޤާފަތާއި ސްރީލަންކާގެ ޘަޤާފަތާ ވަރަށް ބޮޑަށް ގުޅިފައި އޮތީ. އާޘާރީ ކަންތައްތަކުގައި، އެބޭފުޅުންނާ މަޝްވަރާ ކުރައްވަން ޚިޔާލު ކުރައްވަންތޯ؟ އަޅުގަނޑުމެންގެ ތާރީޚު، އަޅުގަނޑުމެންނަށް އޮޅުންފިލާތޯ ބެލުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ، އެހެން މިދަންނަވާލީ.

ރައީސުލްޖުމްހޫރިއްޔާ

މިދަތުރުގައި އެ ބައްދަލުވުން އެބައޮތް ޚާއްޞަވެފައި. ބަހާއި އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ބޭފުޅުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ. އެހެންވީމާ، އެބޭފުޅުންނާ އަޅުގަނޑުމެންނާ އެކީގައި މިވާހަކަތައް ދެކެވޭނެ. އެކަންކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ؟ މީގައި ދިމާވާ އެއް މައްސަލައަކީ، ކޮނެފައި ދެން ހާމައަށް ދޫކޮށްލެވެނީ. ދޫކޮށްލެވުނީމާ ގެއްލުން ވެގެންދާލެއް ބޮޑުވަނީ. އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކަށްވާންޖެހޭނެ ތަނެއް ހާމަ ކުރެވިއްޖެނަމަ، ތަނެއް ކޮނެވިއްޖެނަމަ، އެތަނެއް ރައްކާތެރި ގޮތުގައި ބެލެހެއްޓޭނެ ގޮތެއް ހޯދުން. އެހެންވީމާ، އެފަދަ ތަންތަން ދިވެހިންނާއި ޓޫރިސްޓުން ބަލައި، އޭގެ ދިރާސާތައް ކުރެވި، އެގޮތަށް ވިޔަފާރިއާއި މުޖްތަމަޢުގެ ތެރެއަށް މިކަންކަން ހިމުން ކުރެވޭނެ ގޮތަކަށް، ކަންކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މަޝްވަރާ ކުރާނީ.

ސުވާލު 4: ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

ސުވާލެއް ކޮށްލުމުގެ ފުރްޞަތު ލިބުނީތީ، އަޅުގަނޑު އަދި އެއް ސުވާލު ކޮށްލާނަން. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި އެބަހުރި އަޅުގަނޑުމެންގެ ތާރީޚު ހޯދަން ނޫނީ ތާރީޚާބެހޭ މަޖިލީހުން ކުރައްވަމުން މިގެންދަވާ މަސައްކަތްތައް، މި ސަރުކާރުން ތަންކޮޅެއް ލުއިކޮށް ނަންގަވާނެ ކަމަށް. އެހެންވީމާ، އެކަން އެގޮތަށްތޯ ދާނީ، ނޫނީ އެކަމަށް ރަނގަޅު ޙައްލެއް ގެނެވޭތޯ މަސައްކަތް ކޮށްދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ

މިފަހަރުގެ ޘަޤާފަތާބެހޭ ޑެލިގޭޝަން ލީޑް ކުރާނީ އަޅުގަނޑު. އަޅުގަނޑަކީ ތާރީޚުގެ އަހުލުވެރިއެއް. އަޅުގަނޑާ އެކުގައި ބައިވެރިވެވަޑައިގަންނަވާނީ މުޙަންމަދު ނަޞީރު. އަޅުގަނޑުމެން ދެކުނުގެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރާއި، ޠަލާލް، އެއީ އާކިއޮލޮޖިސްޓެއް. އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ޘަޤާފީ ކަންކަން ލުއިގޮތަކަށް ނުނަގާނެ. ތާރީޚީ ނަޒަރިއްޔާތަކީ، އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެއްޗެއް. އެޤައުމެއްގެ މާޒީ، އެޤައުމެއްގެ ރައްޔިތުންނަށް ފުރިހަމައަށް ސާފުނުވާހާ ހިނދަކު ޤައުމެއް ބިނާއެއް ނުކުރެވޭނެ. މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެއް. ދޭތެރެ ދޭތެރެއިން މިކަން އަޅުގަނޑުމެން އަމިއްލައަށް ހަނދާން ކުރަން. މިއަދު ވާނެ ގޮތް ބިނާވެފައި އޮންނާނީ އިއްޔެވެފައި އޮތް ގޮތުގެ މައްޗަށް. މާދަމާ ވާނޭގޮތްވެސް ބިނާވެފައި މިއޮންނާނީ އިއްޔެއާއި މިއަދުވާ ގޮތުގެ މައްޗަށް. އެހެންވީމާ، އެއީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންނަކަށް ލުއިގޮތަކަށް ދޫކޮށްގެން ތިބެވޭނެ ކަމެއް ނޫން. މި ރާއްޖޭގެ އެންމެ މުހިންމު އެއް ދާއިރާއަށް، އެ ދާއިރާ އިރާދަކުރެއްވިއްޔާ ވެގެންދާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނާ އެކޮޅުންވެސް އަދި އަޅުގަނޑުމެންނާ ދިމާވާނެކަން.

والسّـلام عليـكم