بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ދިއްލީއަށް އަޅުގަނޑުމެން މިކުރި ދެދުވަހުގެ ދަތުރު ނިމުމަކަށް މިއަދު މިއަންނަނީ. އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބު ދަތުރެއް ކުރެވިއްޖެ. އަދި މިދަތުރުގެ ކާމިޔާބީގެ ފޮނިކަން އޭގެ އެންމެފަހު ނިންމުމުގައި ތިޔަބޭފުޅުންނާ ބައްދަލުވެލެވުނުކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ރާއްޖޭގެ ސަރުކާރުގެ ދެވަނަ ބޭނުމެއްނެތް ރާއްޖޭގެ ރައްޔިތުންނަށް ޚިދްމަތްކުރުން ފިޔަވައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެމިތިބީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަދާކޮށް ފުއްދުމަށް މަސައްކަތް ކުރުމަށްޓަކައި. އޭގެތެރޭގައި، މިތަނުގައި ކިޔަވާ ވިދާޅުވުމަށް ވަޑައިގެންތިއްބެވި ބޭފުޅުންގެ ކަންތައްތައް ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް އަޅުގަނޑު ދެކެން. ތިޔަބޭފުޅުންގެ ވިސާއާ، ތިޔަބޭފުޅުންގެ އެކޮމޮޑޭޝަނާ، ތިޔަބޭފުޅުންގެ ކިޔެވުމުގެ ކަންކަމާ، އަދި އެނޫންވެސް އެހެން ކަންކަން ގާތުންބަލައި ހެދުމަކީ، ހައިކޮމިޝަންގެ ކައުންސިލަރ ސަރވިސަސްގެ ތެރެއިން ފުރިހަމައަށް ހިނގަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ހަމަގައިމުވެސް ހިތުގެއަޑިން ޤަބޫލުކުރަން. މިދަތުރުގައި ހައިކޮމިޝަންގެ ދައުރު އަޅުގަނޑުމެން ވަރަށްބޮޑަށް ފާހަގަކުރަމުންމިއައީ.

ވިޔަފާރީގެ ކޮމަރޝަލް ޑިޕްލޮމަސީގެ މިސްރާބަށް ކުރިއަށްގެންދިއުން އެއީ، މިސަރުކާރުގެ ސިޔާސަތު ކަމަށް ދެކެން. އަޅުގަނޑުމެންނަށް މިދަތުރުގެ ސަބަބުން، އއިންޑިޔާގެ ޔުނިވަރސިޓީތަކާ، ހަޔަރ އެޑިޔުކޭޝަންގެ އެހެން އިންސްޓިޓިއުޓްތައް މިހާރަށްވުރެ ބޮޑަށް ދިވެހިންނަށް ހުޅުވާލެވިގެންދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އިންޑިޔާ ސަރުކާރުންވަނީ ދެއްވާފައި. އަޅުގަނޑު އުންމީދުކުރަނީ، ވީހާވެސް އަވަހަކަށް އެއީ، ދެން އަންނަ ޓާރމެއް ފެށުމުގެ ކުރިން އިތުރު ސްކޮލަރޝިޕް ދިވެހި ކުދިންނަށް ދެވޭނެ ކަމަށް. އަޅުގަނޑުމެން އެކަމަށް ވަރަށްބޮޑަށް މަސައްކަތް ކުރާނަން. ސަރުކާރާ ސަރުކާރާ ދެމެދު ދެކެވޭ ވާހަކަތައް މިހާރު އެހެރީ ދެކެވި ނިމިފައި. އަނގަބަހުން އެބޭފުޅުން ވަނީ ކަންކަމަށް އެއްބަސްވެވަޑައިގެންފައި. ދެން އޭގެ ލިޔެކިޔުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އަވަހަށް ކުރިއަށް ގެންދަވަންޖެހޭނެ. އިރާދަކުރެއްވިއްޔާ ކުރިއަށްގެންދެވޭނެ. އެހެންވީމާ، ދާދި އަވަހަށް އަޅުގަނޑުމެންނަށް މިފުރުޞަތުތައް އިތުރު ދިވެހިންނަށް ހުޅުވާލެވިގެންދާނެ.

އަޅުގަނޑު ދެކޭހިތްވަނީ، މިހެން ދިވެހިން އެއްވެލާ ތަނެއްގައި، ދިއްލީ ވިޔަސް، އަދި އިންޑިޔާގެ ކޮންމެ ރަށެއްގައިވިޔަސްވެސް، ހަތަރު ފައްސަތޭކައެއްހާ ކިޔަވާކުދިންނާ ދިމާވުން. ރަނގަޅު ރެލީއެއް ބޭއްވޭވަރަށް ކުދިން ތިބުން. އެހެންވީމާ، އެމަގަށް އަޅުގަނޑުމެން މަސައްކަތް ގެންދެވޭތޯ ބަލާނަން. ވީހާވެސް ގިނަބަޔަކަށް ތަޢްލީމުދެވޭތޯ، މަތީތަޢްލީމުގެ ފުރުޞަތު ހުޅުވާލެވޭތޯ. އަޅުގަނޑަށް އެނގޭ، އެންމެފަހުން އިހަވަންދުއަށް ދިޔައިރު، އިހަވަންދޫގައި ގްރޭޑް 12ގައި 51 ކުދިން އެބަތިބި. އަޅުގަނޑުމެން އެބަޖެހޭ، މިހުރިހާ ކުދިންނަށް މަތީތަޢްލީމުގެ ފުރުޞަތު ހޯދައިދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ވާނެ. އަދި ހަމަ މިއަދު އަޅުގަނޑަށް ފޮރިން އޮފީހުން އެބަ މަޢްލޫމާތު ދެއްވާ އޮސްޓްރޭލިޔާގެ 100 ޓީޗަރުން މިޓާރމް ފެށޭއިރުގައި ރާއްޖޭގައި މަސައްކަތް ކުރައްވަން ފަށާނެކަމަށް. އަދި އަޅުގަނޑުމެންނަށް އެއަދަދު އެއަށްވުރެ މާމައްޗަށް ގެންދެވޭނެ. އެއްފަހަރާ އަޅުގަނޑުމެންނަށް މާމައްޗަށް ނުގެންދެވުނީ، އެޑިޔުކޭޝަން މިނިސްޓްރީއަށް އެބްޒޯވް ކުރެވޭ ވަރަކުން އެކަން ކުރުމަށް. އެހެންނަމަވެސް، އަޅުގަނޑުމެން ބާރަށް މަސައްކަތް ހިންގަން ފަށާނަން. މިޓީޗަރުންތައް އައިސް އެމީހުންގެ ޚިދްމަތް އަޅުގަނޑުމެންނަށް ލިބި، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

ކިޔެވުމުގެ ދުވަސްވަރަކީ، އަޅުގަނޑުވެސް ހަމަ ވަރަށް ރަނގަޅަށް ހަނދާން ހުންނަ ދުވަސްވަރެއް. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ ހަމައެކަނި ކަމަކަށްވާނީ ކިޔެވުން ނޫންކަން. މިތަނުގެ ސަގާފަތާ، އެހެންމީހުން ދިރިއުޅޭ ގޮތާ، އެހެންމީހުންގެ ޢާންމު ވިސްނުމާ، ޚިޔާލާ މިކަންކަމަށް އިތުރަށް އަހުލުވެރިވެ ފަރިތަވުމަކީ، ކިޔެވުމުގެ ދައުރުގައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. ދަރިވަރުން ސިހިގެން ނުވާނެ. ކަންބޮޑުވެގެން ނުވާނެ. ކަންކަން ދިމާވާނެ. ދިމާވީމާ، އެކަންކަން ޙައްލު ކުރެވެންޖެހޭނެ. އަދި އަމުދުން އެކަނި އުޅުއްވާއިރުގައި، އެކަނިވެރިވެސްވާނެ. އެހެންނަމަވެސް، އެވަގުތުތައްވެސް ހަރުދަނާ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް، ގިނަދަރިވަރުން ހޯދާނެކަން އަޅުގަނޑަށް ޔަޤީން. ބަލައިލީމާ ފެންނަނީ އެހެން. އެހެންވީމާ، އަޅުގަނޑު އުންމީދު މިކުރަނީ، ކިޔެވުމުގެ ދުވަސްތައްވެސް އުފާވެރި ދުވަސްތަކަކަށް ވެގެންދާނެ ކަމަށް.

ތިޔަބޭފުޅުންގެ ޚިދްމަތް ދިވެހިރާއްޖެއަށް ކިތަންމެހާވެސް ބޭނުން. ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކަށް އެޚިދްމަތް ދެއްވުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދެން. ތިޔަބޭފުޅުން ވަޒީފާ އަދާކުރައްވަންވާނީ، މާލޭގައި އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ސަރަޙައްދީ ތަރައްޤީގެ މިމަރްކަޒު ތަކުގައި ތިޔަބޭފުޅުން ޚިދްމަތް ކޮށްދެއްވުމަށް ސަރުކާރުން ވަރަށްބޮޑަށް އެދެން. އަޅުގަނޑުމެނަށް ސީދާ އެތަންތަނަށް ކަމަށް ބުނެފައި، ސްކޮލަރޝިޕް ފޮނުވައިގެން ކުދިން ގެނެވޭއިރު އޮންނާނީ، އަޅުގަނޑުމެންގެ ދައުރުގެ ބޮޑުބައި ނިމިފައި. އެހެންވީމާ، އަޅުގަނޑުމެން މިވެފައިވާ ވަޢުދުތައް ފުއްދުމަށް، ސަރަޙައްދުތަކުގައި ފަންނީ ބޭފުޅުން ޚިދްމަތް ދެމުން ގެންދިޔުން ވަރަށް މުހިންމު. ޑޮކްޓަރުން، ބައިވަރު ދިވެހި އިންޖިނޭރުން، އައި.ޓީ. ސްޕެޝަލިސްޓުން، މީޑިއާ ބޭފުޅުންވެސް، މިތަނުން އަޅުގަނޑާ ދިމާވެއްޖެ. މިހުރިހާ ރޮނގުތަކެއްގައިވެސް ބާރަށް ކުރިއަށްގެންގޮސް، އެކިރޮނގުތަކުން ރާއްޖެއަށް ޚިދްމަތް ލިބުން އެއީ، އަޅުގަނޑުމެން ދިވެހި ސަރުކާރުން ވަރަށްބޮޑަށް އެދޭކަމެއް.

އަޅުގަނޑުވެސް މާގިނައިރު ނަގާކަށްނެތިން. މިއަދު އަޅުގަނޑުމެން ތިޔަބޭފުޅުންނާ އެކީގައި މިވަގުތުކޮޅު ހޭދަކޮށްލަން ލިބުނީތީވެ، އިންޑިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ޕްރެސް ސެކްރެޓަރީއަށާއި، ސްޓާފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިތަނަށް ވަޑައިގެންތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

اَلحَمْـدُ لِلّـهِ. والســّلام عليــكم