بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ޙަޤީޤަތުގައި މުޅި މިދުވަހުގެ ވާހަކަ އެއްބަހުން ނިންމާލާފައި އަޅުގަނޑަށް ދެވެން އެބައޮތް. އެއީ އާނއެކޭ. ޝައްކެއްނެތް. އެގޮތެއް އަޅުގަނޑު ބޭނުމެއްނުވި. އަޅުގަނޑު އެންމެފަހުން މިރަށުން ފައިބަމުން ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާފައި އޮންނާނީ، އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން މިރަށަށް އަންނާނީ ދިވެހި ސަރުކާރާ އެކުގައޭ. އަޅުގަނޑުގެ ނަޒަރުގައި ދިވެހި ސަރުކާރާ އެކުގައި މިރަށަށް އައުމަކީ، ސަރުކާރުން މިރަށަށް ކޮށްދޭން ހުރި ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންނާ ތިޔަބޭފުޅުންނާ ދެމެދު އޮތް ޚަބަރެއް ދިނުމަށްޓަކައި އައުން. ލަސްވެގެންދިޔައީ އެހެންވެގެން.

އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންކަމާއި ކުރެވެން ނެތް ކަންކަމަކީ ކޮބައިތޯ މިނެކިރާލުމަށްޓަކައި، އަޅުގަނޑުމެން ކުޑަތަންކޮޅެއް ފަހަށް ޖައްސާލީ. ވަރަށް ނަޞީބުގަދަ. ދެންމެ އެވިދާޅުވި ހުރިހާ ކަންތައްތަކެއް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ކޮށްދެވެން މިފަހަރު އެބަހުރި. އެއީ ކީއްވެގެންތޯ؟ އެކަން ކޮށްދެވެން އޮތީ އަޅުގަނޑުމެންގެ މުޅި ސިޔާސަތު އަޅުގަނޑުމެން ބިނާކުރީ ތިޔަބޭފުޅުންނާ ވާހަކަ ދައްކައިގެންކަމަށްވާތީ. އަޅުގަނޑުމެން ކުރާނީ ކޮންކޮން ކަންތައްތަކެއްތޯ، އަޅުގަނޑުމެން ސަރުކާރުން ނިންމަމުން އައީ ތިޔަބޭފުޅުންނާ ވަރަށް ފުންކޮށް ވާހަކަ ދައްކައިގެން.

އެހެންވީމާ، އަޅުގަނޑުމެންނަށް އެނގުނު، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވާއިރު ކޮލަމާފުށީގެ ބަނދަރު މަރާމާތުކޮށް ތަރައްޤީ ކުރަންޖެހޭކަން. އަޅުގަނޑުމެންނަށް އެނގުނު، ކޮލަމާފުށީގެ ނަރުދަމާއާއި ފެނުގެ ކަންތައް ފުރިހަމަކުރަންޖެހޭކަން. އިރާދަކުރެއްވިއްޔާ، ކޮލަމާފުށީގައި ނަރުދަމާ އެޅުމާއި، ފެންހޮޅި އެޅުމުގެ މަސައްކަތް، ކުރިއަށް މިއޮތް ދެތިން މަސްދުވަހެއްގެ ތެރޭގައި ފެށޭނެ. އަދި އެކަން ކުރާއިރުގައި އަޅުގަނޑުމެންނަށް މިހާރު ދެކެވެނީ ފެންނަނީ، އެ ހޮޅިތަކުގެ ތެރެއަށް ކައްކާގޭސް ހޮޅިއެއް އިތުރުކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް. އެހެންވީމާ، އަޅުގަނޑު އަބަދުވެސް ކޮލަމާފުށީގައި ހުންނައިރުގައި ހިތަށްއަރާ، މީގެ ގޭސްފުޅިއެއް ގޮވާނީ ކޮންއިރަކުބާއޭ. އެއީ، އެގެނެސްގެން ބަދަލުކުރާވަރުން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އެ ގެނެސްގެން ބަދަލުކުރާއިރު، ތިޔަބޭފުޅުންނަކީ އާދައިގެ ވަރަކަށް ފަރިއްކުޅުއްވާ ބޭފުޅުންކަންވެސް. އެހެންވީމާ، އަޅުގަނޑުމެން ކޮންމެހެންވެސް ބޭނުން މިހާރު އަޅުގަނޑުމެން އުންމީދު މިކުރާ ސަރވޭ ކުރަމުން ގެންދާއިރު، އެނަރުތަކުގެ ތެރޭގައި ގޭސްހޮޅިއެއް އޮތުމަކީ، ބުއްދިވެރިކަމެއްކަން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮށްދެވޭނެ.

އަޅުގަނޑަށް އެނގޭ ކޮލަމާފުށްޓާ ގުޅިފައި މިއޮތް ކޮލަމާޔާ އެކީގައި ހިއްކި ހިއްކުމުގައި، އެމަސައްކަތް އެއޮތީ ކޮޅެއްގައި ނުޖެއްސިކަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިތަނުގެ ބަނދަރު މަރާމާތު ކުރެވޭއިރުގައި އެމަސައްކަތް އަޅުގަނޑުމެން ގެންގޮސް ކޮޅެއްގައި ޖައްސައިދޭނަން.

ޓީޗަރުންގެ ކަންތައްތަކަކީ އަޅުގަނޑަށް އަބަދުވެސް މިރަށާ ގުޅޭގޮތުން އެނގިފައި އޮންނަ ކަމެއް. ކަންދިމާކުރިގޮތުން އަޅުގަނޑަކަށެއް ނެތް 10 ޖެނުއަރީއަށް އިތުރު ޓީޗަރުން ފޮނުވައިދެވޭނެ ވާހަކަ ދެންނެވޭކަށް. އަޅުގަނޑުމެން ސަރުކާރު ހިންގުމަށް ޙަވާލުވީ 11 ނޮވެމްބަރުގައި. މިދިޔަ މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންނަކަށް އެކަމެއްނުވި. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން. އަޅުގަނޑުމެންނަށް އެކަން ވާންއޮތީ މާޗްމަހުގެ ތެރޭގައި. އިރާދަކުރެއްވިއްޔާ، އޮސްޓްރޭލިއާ ޓީޗަރުންގެ ހަތަރު ފަސް ޓީޗަރަކު މާޗް މަހުގެ ތެރޭގައި ކޮލަމާފުށީ މަދަރުސާއަށް އަޅުގަނޑުމެން ފޮނުވާނަން.

އަޅުގަނޑަށް އެނގޭ ބޯޅަދަނޑުގެ ވާހަކަ. އެއީ މުހިންމު ކަމެއް. ދަނޑު ތަރައްޤީ ކުރަން އެބަޖެހޭ. ކުޅިވަރު ތަރައްޤީވާން އެބަޖެހޭ. އެބާވަތުގެ ކަމެއް ކުރާކަށް ދެން އަޅުގަނޑުމެންނެއް މާގިނަ މަސައްކަތްތަކެއް ޙަޤީޤަތުގައި ބޭނުމެއްނުވޭ. އަޅުގަނޑު މިފަހަރު މިތަނަށް އައިއިރު، ޔޫތު މިނިސްޓަރާ އެކީގައި މިއައީ. އެހެންވީމާ، އެބޭފުޅާއަށް ތިޔަބޭފުޅުންނަށް އެކަންކަން ހަމަޖައްސަވައިދެއްވޭނެ. އިރާދަކުރެއްވިއްޔާ ކުޅިވަރު ކުޅުމާ ގުޅޭގޮތުން ތިޔަ ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ފުރިހަމަކޮށްދެވޭނެ.

މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން ތިޔަބޭފުޅުންނަށް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައި ހުރި ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އެނޫން އެހެން އެއްވެސް ބޭނުމެއް ނެތް، މިސަރުކާރު ދެމިއޮންނާކަށް. އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ، އެ މަސައްކަތް ބަރާބަރަށް ފުރިހަމައަށް ރަނގަޅަށް ކޮށްދެވޭތޯ ބެލުން. އަޅުގަނޑުމެން އެއްވެސް ބަޔަކަށް، އެކަކަށްވެސް އެންމެން ބޭނުންވާ ހުރިހާ ކަމެއް، ހުރިހާ ވަގުތެއްގައެއް ނުކޮށްދެވޭނެ. އެހެން ނަމަވެސް، ވީ މިންވަރަކުން ވީހާ ބޮޑަކަށް ހުރިހާ ކަމެއް ކޮށްދެވޭތޯ ބެލުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް.

މީގެކުރީގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތަކަށް ބޭނުންވާ އިންތިޒާމުތައް ނުވަތަ ނަރުދަމާޔާ، ފެނާ، ކަރަންޓާ މިބާވަތުގެ ކަންކަން ހިންގުމަށްޓަކައި ސަރުކާރުން ކަން ކުރަމުން އައީ، ސަރުކާރުގެ ބަޖެޓުގެ ޕީ.އެސް.އައި. ޕްރޮގްރާމްގައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ކިޔާ ޕްރޮގްރާމެއްގައި ހިމަނައިގެން. އެ މެދުވެރި ކޮށްގެން ސަރުކާރުން އެ މަސައްކަތް ހިންގަމުން ގެންދިޔައީ. ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ވިޔަފާރީގެ އުޞޫލުން ކުރާ ކަންކަން މާ ހެޔޮގޮތުގައި، މާ ރަނގަޅަށް، މާ ފުރިހަމައަށް ކުރެވިފައި ހުންނަ ކަމަށް ގަބޫލު ކުރެވޭއިރު، އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މިދަންނަވާ ވިޔަފާރީގެ އުޞޫލުގެ ދަށުން އެކަންކަން ހިންގޭނެ މަގެއް އަޅުގަނޑުމެން ހޯދުން.

އެގޮތުން، ސަތޭކައިންސަތޭކަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް، އަޅުގަނޑުމެން ރޭގައި ގާއިމުކޮށްފިން. އެއީ، "އަޕަރ ސައުތު ޔުޓިލިޓީޒް ލިމިޓެޑް" އެއީ، ހުވަދުއަތޮޅަށް ނިސްބަތްވާ ގޮތަށް އަޅުގަނޑުމެން އުފެއްދި ކުންފުންޏެއް. ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން އުފެއްދީ، އެ ކުންފުނީގެ ބޭނުމަކީ، އެއް ކުންފުންޏަކުން މިއަތޮޅުގެ ހުރިހާ އިންޖީނުގެއެއްގެ ކަރަންޓު ދިނުން. އަދި ހުރިހާ ރަށަކަށްވެސް އެއް އަގެއްގައި، އެއްހަމައެއްގައި، އެއްފެންވަރެއްގައި، އެއް އުޞޫލަކުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން. އެހެންވީމާ، އެ ކުންފުނިން އިރާދަކުރެއްވިއްޔާ މުޅި މިއަތޮޅުގައި ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ. އަދި ހަމަ މިއަތޮޅުގައި އެ ކުންފުނިން އަޅުގަނޑުމެން މިހާރުން މިހާރަށް ބޭނުންވާ ރަށްރަށުގައި ނަރުދަމާއާއި ފެނާއި ގޭހުގެ ޚިދްމަތް ފެށިގެންދާނެ.

މި ކުންފުނީގެ އިތުރުން، އަޅުގަނޑުމެން އަދި އެބަ އުފައްދަން ހައުސިންގ ކުންފުންޏެއް. އެ ކުންފުނީގެ މަސައްކަތަކަށްވާނީ، ގެދޮރު ޢިމާރާތްކޮށްދިނުމާއި، މަގު ހެދުން. އަޅުގަނޑު އިތުރަށް ދަންނަވަން އޮތް ވާހަކައަކީ، އިރާދަކުރެއްވިއްޔާ މިއަހަރު ދުވަހުގެ ތެރޭގައި، ކޮލަމާފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަމޭ. މިރަށުގައި ގެދޮރުގެ ކަންތައް ކުރިޔަށް ގެންދިޔުމަށްޓަކައި ގެދޮރުގެ ދަތިކަންވާ މީހުންނަށް ގެދޮރުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން މިރަށުގައި އަޅާ ނިންމާފައި ހުންނަ ގެ، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއޭ. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެން ފަށާނަން. އަދި މިރަށުގައި އިރާދަކުރެއްވިއްޔާ ފައްސަތޭކައެއްހާ ފްލެޓް އަޅުގަނޑުމެން އަޅާނަން. އެމަސައްކަތްވެސް އަޅުގަނޑުމެންނަށް މިރަށުގައި ކުރިޔަށް ގެންދެވޭނެ.

އަޅުގަނޑުމެން ދެން ބޭނުންވަނީ މަސްވެރިންނާ ގުޅޭގޮތުން މިރަށަށް އޮތް ޕްރޮގްރާމް ކުރިޔަށް ގެންދަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިރަށުގައި މަސްވެރިކަމުގެ ރޮނގުން މަތީ ތަޢްލީމު ދެވޭ މަދަރުސާއެއްގެ ކަންތައް، މިރަށުގައި ހިންގަން ފެށޭނެއޭ. މިކަމާ ގުޅޭގޮތުން އެކިއެކި ފަރާތް ފަރާތާ މަޝްވަރާ ކޮށްފިން. ވަރަށްބޮޑު ޝައުޤުވެރިކަމެއް ގިނަ ފަރާތްތަކުން ބަހައްޓާ. މިރަށުގައި އެކަމުގެ މަދަރުސާއެއް ހަދައިގެން ހިންގުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެށޭނެ.

އަޅުގަނޑަށް ސާފުވެފައި އޮތްގޮތުން، ބައެއްފަހަރަށް ތިޔަބޭފުޅުން އައިސް ހޯއްދެވުމަށްޓަކައި އިތުރު ތިންގަޑިއިރުގެ ދަތުރެއް އެބަ ކުރައްވަންޖެހޭ. މަސް ބާނައިގެން، އެ މަސް ތިޔަބޭފުޅުން ވިއްކުމަށްޓަކައި ނުވަތަ ކިރުމަށްޓަކައި ކުރަންޖެހޭ ދަތުރުގެ ދިގުމިން ކުރުކުރެވޭތޯ އަޅުގަނޑުމެން ބަލަން ބޭނުން. ހަމައެހެންމެ، އަޅުގަނޑުމެން އެންމެ ފުރަތަމައިނުން މަސައްކަތް ފަށައިގަތީ، ކޮލަމާފުށީގެ މީހުންނަށް ތެލުގެ އަގު ކުޑަކޮށްދިނުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރީ ކޮންކަމެއްތޯ، އަޅުގަނޑުމެން ފުރަތަމަ ދުވަހުއްސުރެ ފެށިގެން ބަލަން ފެށީ. އަޅުގަނޑުމެންނަށް އެނގުނީ އޭރުގައި ހަމައެކަނި ތެލުގެ އަގު ބޮޑުވެފައި އޮތީކީ، ބޭރު ދުނިޔޭގައި ތެލުގެ އަގު ބޮޑުވެގެން ދިޔައިމަކާއެއް ނޫން. ރާއްޖޭގައި ތެޔޮ ވިއްކުމުގެ މަސައްކަތްވެސް ކުރެވެމުން އައި ގޮތުގެ ސަބަބުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް މިވަނީ ތެލުގެ އަގު އެތައް ތަނަކުން ކުޑަކުރެވިފައި. އަދި މިއަހަރުގެ ބަޖެޓުގައި ތެލަށް އެއްވެސް ޑިއުޓީއެއް ނުނެގޭނެ. އެހެންވީމާ، ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ތެލުގެ އަގު އަދި އެތައް ތަނަކުން ކުޑަވެގެންދާން ޖެހޭނެ.

ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ބޯޓުފަހަރުގައި، ދޯނިފަހަރުގައި މަސްބޭނުމުގެ ކަންތައް ފަސޭހަގޮތުގައި ކުރެވި، އަދި އެމަހަށް ރަނގަޅު އަގު ލިބޭނެ މަގު ހޯދައިދޭނެ ކަމަށް އަޅުގަނޑުމެން ކުރީގައިވެސް އޮންނާނީ ވަޢުދުވެފައި. އެގޮތުން އަޅުގަނޑު ދެންނެވިން، އޭރުގައިވެސް އަދި އަނެއްކާވެސް އަޅުގަނޑު ހަމަ ތަކުރާރު ކުރަން ބޭނުން، މިރަށުގައި ބާނާ މަސް މިރަށުގައި އެމަހަށް އިތުރުގޮތްގޮތް ހެދޭނެ ވަސީލަތްތައް ގާއިމު ކުރުމަށް އަޅުގަނޑުމެން ބޭނުމޭ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މަސް ކައްކަވާކަން. އަދި ބޮޑު އަގުގައި ޖަޕާނަށް މަސް ބޭރުކުރެވޭ ގޮތަށް މަސް ކައްކައި ހިއްކުމާއި، ދިލަ ޖެއްސުމާއި އަދި މިނޫންވެސް މަހަށް ހެދޭނެ ގިނަގޮތްގޮތް ހުންނަކަމަށްވަނީ. އަޅުގަނޑުމެން މިހާރު މިދަނީ އެކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާތައް ކުރަމުން. އަޅުގަނޑު ޑޮކްޓަރ ދީދީއާއި، ޢާދިލް ސަލީމާ ދެބޭފުޅުންގެ އަރިހުގައި މިވާހަކަތައްވާނީ ދައްކާފައި. ޢާދިލް ސަލީމަކީ އަޅުގަނޑު ހިތުން މިރަށުގެ މަސްވެރިންނަށް، އާ ބޭފުޅަކަށް ނުވާނެ. އެބޭފުޅާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނަވަނީ.

އެހެންވީމާ، އަޅުގަނޑުމެން މަސްވެރިންނަށްޓަކައި މިހިންގާ މަޝްރޫޢުތަކުގެ ސީދާ ތަފްޞީލުތައް ތާރީޚުތަކާއެކީގައި ދާދި އަވަހަށް އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ދެވޭނެ. އަދި މިދެންނެވި އެންމެހާ ކަންކަން، އަޅުގަނޑުމެން މިބަލަނީ މިއަހަރުގެ މެދުޖެހުމުގެ ކުރީގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް. ޢަމަލީ މަސައްކަތޭ އަޅުގަނޑުމެން މިކިޔަނީ ބިންމަތީގައި ކޮނެގެން ކުރާ މަސައްކަތަށް. ގަނޑުގައި ރޮނގު އަޅައިގެން ކުރާ މަސައްކަތް އަޅުގަނޑުމެން ނުދެކެން އެއީ ޢަމަލީ މަސައްކަތް ކަމަކަށް. އެހެންވީމާ، މިހާރުވެސް މިގެންދަނީ ޗާޓުތައް ކުރަހަމުންނާއި ސަރވޭތައް ކުރުމުގެ މަސައްކަތްތައް ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ލަފާކުރެވެނީ މިދެންނެވިހެން މިއަހަރުގެ މެދެއްހާ ތަނުގައި މިކަންކަން ސީދާ ބަރާބަރަށް ބާރަށް، ރަށުގައި ހިނގަން ފަށާނެ ކަމަށް. އަޅުގަނޑު މި އުންމީދު ކުރަނީ ދާދި އަވަހަށް މިކަންކަން ކޮށް، އަޅުގަނޑުމެންނަށް ނިންމޭނެ ކަމަށް.

އަޅުގަނޑުމެންގެ ރާއްޖެއަށް ޚާއްޞަކޮށް މިދިޔަ ވިއްސަކަށް އަހަރަކީ، ރާއްޖެއަށް ވަރަށްގިނަ ފައިސާ ވަދެ، މިދިޔަ ތިރީސް އަހަރަކީވެސް ރާއްޖެއަށް ވަރަށްގިނަ ޢަދަދަކަށް އާމްދަނީ ލިބުނު އަހަރުތަކެއް. އެހެން ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަގުނަ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްނުދީ، އެ ފޯރުކޮށްދޭނެކަމުގެ ވަޢުދުތަކެއް، މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ވަމުންދިޔަ. އެއީ ހުރިހާ ރަށެއްގައިވެސް ބަނދަރު ހެދުމާއި ހުރިހާ ރަށެއްގައިވެސް ނަރުދަމާ ހެދުމާއި އަދި މިހެންގޮސް މިބާވަތުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމުގެ ވާހަކަ.

މިކަން ހިންގޭނެ އުޞޫލެއް އަޅުގަނޑުމެން މި ވިސްނީ. އަދި އެ އުޞޫލުގެ މަތިން އެކަން ކުރުމަށް އަޅުގަނޑުމެން މިހާރު މި ނިންމީ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިކަމުގެ ސީދާ ކަންކަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަދި ތިޔަބޭފުޅުންގެ ދިރިއުޅުމަށް އެކަމުން ލިބޭނެ އަރާމާއި ފައިދާއާއި ފަސޭހަކަން ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންނަކީ ހާސްކަމެއްނެތި، އުފަލުގައި ދިރިއުޅޭ ބަޔަކަށްވާން. އަޅުގަނޑުމެން ބޭނުމެއްނުވޭ، ތިޔަބޭފުޅުންނަކީ ފެންބިލް ނުދެއްކި، ކަރަންޓް ބިލް ނުދެއްކި، ވަންނާނެ ތަނެއް ނެތި، ދަރިން މަދަރުސާއަށް ފޮނުވޭނެ ގޮތެއްނެތި، ބޭސްފަރުވާ ނުކުރެވޭނޭގޮތަށް ތިއްބަވާ ބޭފުޅުންނަށް ވާކަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް އެކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށްވީ މިންވަރަކުން މަސައްކަތް ކުރަމުން ގެންދިޔުން.

ނިންމާލުމުގެ ކުރީގައި، އަޅުގަނޑު ދަންނަވާލަން އޮތީ، މީގެކުރީގައިވެސް އަޅުގަނޑުމެން ދަންނަވާފައިވާނެ، މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަދި ޖަނަވަރީ މަސް ނިމޭއިރުގައި ހުރިހާ ބޭފުޅުންނަށް، ތަކުރުފާނަށާއި ގޭގެ ހުރިހާ، ޢުމުރުން 65 އަހަރުގެ ހުރިހާ ބޭފުޅުންނަށް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ލިބިވަޑައިގަންނަވާނެއޭ. އެއީ، 65 އަހަރުން މަތީގެ ދެހާސް ރުފިޔާ ލިބިވަޑައިނުގަންނަވާ ހުރިހާ ބޭފުޅުންނަށް، އަންހެން ބޭފުޅުންނަށާއި ފިރިހެންބޭފުޅުންނަށް ދެހާސް ރުފިޔާގެ ޕެންޝަނެއް، މި މަސް ނިމޭއިރުގައި ލިބިވަޑައިގަންނަވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ބޭނުމަކީ، އުމުރުން ދޮށީ ބޭފުޅުން މަހަށް ނުފުރޭ އުމުރަށް ދިޔައީމާ، އެބޭފުޅުންނަށްވެސް ރިވެތިގޮތުގައި ދިރިއުޅެވޭނެ ގޮތެއް ހޯދުން.

ހަމައެއާއެކީގައި ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން ދާދި އަވަހަށް މިރަށުގައި ބޭންކެއްގެ ނުވަތަ ބޭންކުގެ ޚިދްމަތް ދޭން ފަށާނަމޭ. އެ ޚިދްމަތް ދޭން ފެށީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން، ހުރިހާ ބޭފުޅުންވެސް ފަހަށް ރައްކާކުރުމުގެ އާދަ ބޮޑަށް ހިފެހެއްޓެވުން. އަޅުގަނޑަށް އެނގޭ، މިއީ ކޮންބާވަތެއްގެ ރަށެއްކަން. މިރަށަށް ފައިސާ އަންނަ މިންވަރާއި، މިކަންކަމުގެ ކޮންމެވެސް ވަރެއްގެ މަންޒަރެއް އަޅުގަނޑަށްވެސް އޮންނާނީ ފެނިފައި. ބޭންކެއްގެ ޚިދްމަތް މިރަށަށް ވަރަށް ބޮޑަށް ބޭނުންވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، އެ ޚިދްމަތްވެސް ލަސްތަކެއްނުވެ މިރަށަށް ފޯރުކޮށްދޭނަން.

އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް މިއަދަށްވުރެ ފަހި މާދަމައެއް ލިބުން. ހިޖުރީ އާ އަހަރުގެ އެންމެހާ ހެޔޮދުޢާ ސަލާމްތައް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ކޮލަމާފުށީ އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ރާއްޖެއަށް މިގެނައި ބަދަލު ގެނައުމުގައި، އޭގެ މުގުލުގައި ކޮލަމާފުށީ ރައްޔިތުން ތިއްބަވައިގެން ތިޔަކުރެއްވި މަސައްކަތުގެ ފައިދާއާއި، އޭގެ މޭވާ، އެ ފޮނި އަޅުގަނޑަށް ޔަޤީން އެންމެ ބޮޑަށް ޙައްޤުވެރި ރަށަކީ މިއީ ކަން. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިދާއަށްޓަކައި، ކޮލަމާފުށީ ރައްޔިތުން އަދި އެއަށްވުރެ ބޮޑަށް އިސްނަގައިގެން ތިޔަކުރެއްވި މަސައްކަތުގެ ކާމިޔާބު، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ! السّـلام عليـكم