بســم اللّـه الرّحمـن الرّحيــم


ހިޖުރީ އާ އަހަރުގެ ހެޔޮ އެދުންތައް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރިސްކުރަން. އަޅުގަނޑުމެން މިއަދު މިރަށަށް އައިސް މިތިބީ ހުވަދުއަތޮޅު ވިލިގިނލީގައި މި ހިންގާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ތިޔަބޭފުޅުންނާ އެކީގައި މި މަޢުލޫމާތު ޙިއްޞާ ކޮށްލުމަށްޓަކައި. ޙަޤީޤަތުގައި އަޅުގަނޑުމެން މިރަށަށް އައުން ދޮޅުމަހެއްހާ ދުވަހަށް ލަސްވެގެންގޮސްފައި މިވަނީ ކަނޑައެޅިގެން ތިޔަބޭފުޅުންނަށް މިވަގުތު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެންނަށް މިނެކިރާ ހެދެންދެން. އެހެންވީމާ، މިއަދު އަޅުގަނޑު ވަރަށް އުފަލުން މިހުރީ، އަޅުގަނޑުމެންނަށް އެބައޮތް ތިޔަބޭފުޅުން އަރިހުގައި އަޅުގަނޑުމެންގެ ސަރުކާރުން މިރަށުގައި ހިންގާނެ ބައެއް ކަންކަމުގެ ވާހަކަ ދަންނަވާލެވެން. ސަރުކާރުން އަބަދުވެސް ދެކެމުން އައީ، އަދި މި ސަރުކާރުން ދެކެނީ ހެޔޮގޮތުގައި ވެރިކަން ކުރެވޭނީ ރައްޔިތުންނާ ގާތުގައި ސަރުކާރުގެ މުއައްސަސާތަކުގެ ޚިދްމަތް ލިބޭ ގޮތަށް ހުރީމާ ކަމަށް. ލާމަރުކަޒީ އުސޫލުން ކަންތައްތައް ކުރެވުނީމާ ކަމަށް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މިވަނީ ހުވަދުއަތޮޅުގައި ސްޓޭޓް މިނިސްޓަރެއް ހުންނަވާ ގޮތަށް ހަމަޖައްސައި އެ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މިއަތޮޅުގެ އެންމެހާ ކަންކަން ހިންގާގޮތަކަށް ސަރުކާރުގެ ނިޒާމު ބަދަލުކުރެވިފައި. އެގޮތުން، މިހަފްތާ ތެރޭގައި އަޅުގަނޑު މިއަތޮޅަށް ސްޓޭޓް މިނިސްޓަރަކު ޢައްޔަންކުރާނަން. އަދި އެ މިނިސްޓަރާ އެކުގައި މަސައްކަތްކުރާނެ ނާއިބުންނާއި އެ އޮފީހުގައި މަސައްކަތްކުރާނެ އެހެނިހެން މުވައްޒަފުން އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މިހާރު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގައި މިދެއަތޮޅާ ގުޅޭގޮތުންކުރާ ހުރިހާ މަސައްކަތެއް މިދަންނަވާ އޮފީހަށް، އަތޮޅުގައި ހުންނަ އޮފީހަށް ބަދަލުކުރުން. ހަމައެހެންމެ، އެހެން މިނިސްޓްރީތަކުގެ މަސައްކަތްވެސް އެ އޮފީހުގެ އިންތިޒާމުގެ ތެރެއިން ހިނގާނެގޮތަކަށް ކަންކަން ރާވައި ހިންގުން. އެ އިންތިޒާމު މިހާރު މިދަނީ އައްޑުއަތޮޅުގަޔާއި ކުޅުދުއްފުށީގައި ހިނގަމުން. މިއަދު އަޅުގަނޑުމެން މި ނިންމަނީ މިއަތޮޅުގައިވެސް މިކަން އެގޮތަށް ކުރުމަށް.

މީގެކުރީގައި ސަރުކާރުން ކުރަމުން އައި މަސައްކަތްތަކަށް ބަލާއިރުގައި އަޅުގަނޑުމެންނަށް އެ މަސައްކަތްތައް މައިގަނޑު ދެބަޔަކަށް ބަހާލެވޭ. އެއްބާވަތެއްގެ މަސައްކަތަކީ އިދާރީ މަސައްކަތް. އަނެއް ބާވަތުގެ މަސައްކަތަކީ ޢަމަލީގޮތުން ހިންގަންޖެހޭ މަޝްރޫޢުތަކާއި ޢަމަލީ މަސައްކަތްތައް. އަޅުގަނޑުމެންގެ ސަރުކާރުން މި ނިންމަނީ ރަށްރަށުގެ ނަރުދަމާއާއި ކަރަންޓާއި ފެނާއި ބަނދަރާއި ގެދޮރު އެޅުމާއި މަގުހެދުމާ މިނޫންވެސް މިބާވަތުގެ އެންމެހާ ޢަމަލީ މަސައްކަތްތައް، ސީދާ ސަރުކާރުން އިދާރީ ކަމެއްގެ ގޮތުގައި ހިންގުމަށްވުރެ އެކަންކަން ވިޔަފާރީގެ އުސޫލުން ހިނގާ ކުންފުނިތަކެއް މެދުވެރިކޮށްގެން ހިންގީމާ ރައްޔިތުންނަށާއި ސަރުކާރަށް މާ ފައިދާ ބޮޑުވެގެންދާ ކަމަށް. އޭގެ މިސާލެއްގެ ގޮތުގައި އަޅުގަނޑު ރޭގައިވެސް ދެންނެވިން، ކުޅުދުއްފުށީގައި ނަރުދަމާއެއް ހެދުމަށް ސަރުކާރުން ޚަރަދުކުރަން އެބަޖެހެއޭ 96 މިލިއަން ރުފިޔާ ނުވަތަ 8 މިލިއަން ޑޮލަރު. ކުޅުދުއްފުށްޓާ ދާދި ގާތުގައި އޮންނަ ރިޒޯޓެއް، އެތަނުގައި ހަމައެހާ ބޮޑުމިނުގެ އެހާ ދިގުމިނުގެ ނަރުދަމާއެއް ހެދުމަށް އެ އަމިއްލަ ކުންފުނިން 1 މިލިއަން ޑޮލަރުވެސް ޚަރަދެއް ނުކުރެޔޭ. ފައިސާއެއް ބާކީވެ، ފައިސާއެއް އިސްރާފުވެ ދަންޏާ އެއީ، ހަމަ ސީދާ ތިޔަބޭފުޅުންގެ ފައިސާ. ސަރުކާރަށް ލިބޭ ކޮންމެ ލާރިއަކީވެސް ރައްޔިތުންގެ އަތުން ނެގޭ ލާރި. ނެގޭ ރުފިޔާ. އެރުފިޔާ ޚަރަދުކުރުމުގައި ޒިންމާދާރުގޮތުގައި އެކަންކުރުމަކީ ސަރުކާރެއްގެ ވާޖިބެއް.

އަޅުގަނޑުމެން މި ނިންމަނީ މިދަންނަވާ ބާވަތުގެ ބޮޑެތި މަސައްކަތްތައް ހުވަދުއަތޮޅުގައި ހިންގުމުގެ މައި މަރުކަޒަކަށްވާނީ ގއ.ވިލިނގިއްޔޭ. އަޅުގަނޑުމެން މިއަދު މި ނިންމަނީ މިއަތޮޅުގައި ނަރުދަމާއާއި ފެނާއި ކަރަންޓާއި ގޭހާއި ގެދޮރު ޢިމާރާތްކުރުމާއި އަދި މަގުތައް ހެދުމާއި ބަނދަރު ހެދުމާ މިބާވަތުގެ މަސައްކަތްތައް ހިންގާ މައިގަނޑު ކުންފުނީގެ އިދާރީ ނުވަތަ ކުންފުނީގެ މައި އިދާރާއެއް ހުންނާނީ މިރަށުގައި، ގއ. ވިލިނގިލީގައި ކަމަށް. އެއޮފީހުން މިވަގުތަށް ހިންގަންވެގެން އަޅުގަނޑުމެން މިއުންމީދުކުރާ ކަންކަމުގެ ތެރެއިން މިދެއަތޮޅުގެ ހުރިހާ އިންޖީނުގެއެއް ފުރަތަމައިނުންވެސް އެއް ކުންފުނީގެ ދަށަށް ގެނެވޭނެ. އެކުންފުނީގެ ދަށުން މިދެއަތޮޅުގެ ހުރިހާ އިންޖީނުގެއެއް ހިންގޭނެ. އިންޖީނުގެތަކުގައި އެއް އުސޫލަކުން ކަރަންޓު ދިނުމާއި، އެއްއަގެއްގައި ކަރަންޓް ދިނުމާއި، އެއްބާވަތެއްގެ އެ ފެންވަރެއްގެ ޚިދްމަތްތައް ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން މަސައްކަތްކުރާނެ.

އެކުންފުނި އަޅުގަނޑުމެންވާނީ ރޭގައި އުފައްދާފައި. މިވަގުތު އެކުންފުނީގެ ޙިއްސާދާރުންނަކީ ސަތޭކައިންސަތޭކަ ސަރުކާރު. އަޅުގަނޑުމެން މި ގަސްތުކުރަނީ، މި އުންމީދު ކުރަނީ އެކުންފުނީގައި ސަރުކާރާއެކީގައި ހިއްސާވާނެ ބައިވެރިން ސަރުކާރަށް ހޯދޭނެކަމަށް. ދާދިފަހުން އަޅުގަނޑުވާނީ އިންޑިޔާއަށް ދަތުރެއްކޮށްފައި. އެދަތުރުގައިވެސް އަޅުގަނޑުމެންނާ ބައްދަލުވި ވަރަށްގިނަ ބޭފުޅުން، މިދަންނަވާ ބާވަތުގެ މަސައްކަތްތަކުގައި ކުންފުނިތަކުގައި ޙިއްޞާވުމަށް ތައްޔާރަށް ތިއްބެވި. އަޅުގަނޑުމެންނާ އެބަ ބައްދަލުވޭ ބައެއް ބޮޑެތި ކުންފުނިތައް. އެބޭފުޅުން ބޭނުންވޭ އަތޮޅުގައި އެއްދިގަށް އެއްނަރަކުން އެއްއިންޖީނުގެއަކުން ކަރަންޓު ދީގެން މުޅި އަތޮޅަށް ކަރަންޓް ދެވޭނެ މަޝްރޫޢުތައް ހިންގަން. އެގޮތަށް ހިންގައިގެން މެނުވީ ރަށްތަކުގެ ކަރަންޓުގެ ޚިދްމަތް އެއްހަމައެއްގައި އަދި އެކަށީގެންވާ އަތްފޯރާ އަގެއްގައި އަޅުގަނޑުމެންނަށް ބެހެއްޓޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ. އެހެންވީމާ، އަޅުގަނޑުމެންގެ މިކުންފުނީގައި ޙިއްޞާވާނެ ބޭރުގެ ފަރާތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ. އެފަރާތްތަކުގެ އެހީއާ އެކީގައި މަސައްކަތާއެކީގައި މިކުންފުނި މިގޮތަށް ހިނގައިގަންނާނެކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް.

އެކުންފުނިން ހިންގާނެ މަސައްކަތްތަކުގެ ތެރޭގައި ވިލިނގިއްޔަށް އަޅުގަނޑުމެން ވިސްނާއިރު، އެމެރިކަން ރެޑްކްރޮސްގެ އެހީގައި ހެދުމަށް ކަނޑައެޅިފައި އޮތް ނަރުދަމާ ހެދޭއިރުގައި އެ ނަރުދަމާގެ ތެރެއަށް އިރާދަކުރެއްވިއްޔާ ފެން އިތުރުކުރެވޭނެ. އެހެންވީމާ، މިރަށަށް ފެނުގެ ޚިދްމަތް ދިނުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުޖެހޭ ތަނުގައި ފަށައިގަނެވޭނެ.

ހަމައެހެންމެ، އެ ނިޒާމުގެ ތެރެއަށް ކައްކާ ގޭސް އިތުރު ކުރަން އަޅުގަނޑުމެން ބޭނުން. މިހާރު ތިޔަބޭފުޅުން ކައްކާ ގޭސް ބޭނުންކުރައްވަމުން ތިޔަ ގެންދަވާ ގޮތަށް ބޭނުންކުރެއްވީމާ އޭގެ ޚަރަދުވެސް ވަރަށް ބޮޑުވާނެ. އަޅުގަނޑުމެން މި އުންމީދުކުރަނީ މިކުންފުނީގެ ވިޔުގައިގެ ތެރެއަށް، މިކުންފުނީގެ ނިޒާމުގެ ތެރެއަށް ހަމަ ފެނާއެކީގައި ގޭހުގެ ޚިދްމަތްދިނުންވެސް، މިއަހަރުގެ މެދުޖެހޭ ތަނުގައި ވިލިނގިލީގައި އެކަން ކުރެވިގެންދާނެކަމަށް.

ތިޔަބޭފުޅުންގެ ރަށުގެ މަގުތައް، ވިލިނގިލީގެ މަގުތައް ތަރައްޤީ ކުރުމަކީ، ރަނގަޅުފެންވަރަކަށް ތާރު އަޅާ ހެދުމަކީ މި ސަރުކާރުން ވިސްނަމުން މަސައްކަތްކުރަމުން އަންނަ ކަމެއް. އަޅުގަނޑުމެން މިދެކެނީ މިއަހަރުގެ މެދެއްހާ ތަނުގައި އޭގެ ޢަމަލީ މަސައްކަތްވެސް މިރަށުގައި ފަށައިގަނެވޭނެކަމަށް.

ބައިންދައިގެން އުޅޭ ތަންތަނަށްދާއިރުގައި ޢާންމު ގޮތެއްގައި ހަދިޔާ ހިފައިގެން އަޅުގަނޑުމެން ގޮސް މިއުޅެނީ. އަޅުގަނޑު ވިލިނގިއްޔަށް މިއައީ، އަޅުގަނޑުމެންނަށް މިވަގުތަށް ދެވެން ހުރި ހުރިހާ އެއްޗެއް ވިލިނގިއްޔަށް ފޯރުކޮށްދިނުމުގެ ޚަބަރު ތިޔަބޭފުޅުންނަށް އެރުވުމަށްޓަކައި. މިރަށުގެ ބަނދަރު މިއޮތީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި. އެހެންވީމާ، އޭގެ މަސައްކަތްވެސް ހަމަ ކުރިޔަށް މިއޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން، އިތުބާރު މިހާރު އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އެކުންފުނި މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް އެކަން ކުރެވިގެންދާނެ.

ސުނާމީގައި ގެއްލުން ލިބުނު ޢާއިލާތަކަށް ބޭނުންވާ ގެދޮރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކުންފުންޏަކާ އެކުގައި މިއަދު އެކޮންޓްރެކްޓްގައި ސޮއިކޮށްފި. އެހެންވީމާ، އަޅުގަނޑު މިދެކެނީ މިރަށުގައި އަޅަން ހަމަޖެހިފައި އޮތް 85 ގެ، އެ ގެތައް މިރަށުގައި އެޅުމުގެ މަސައްކަތް ކުރިޔަށް މިއޮތް ދެތިން ހަތަރު ހަފްތާއެއްގެ ތެރޭގައި ފެށޭނެކަމަށް.

ސުނާމީގެ ގޭގެ އިތުރުން، ސަރުކާރުން ދެކޭގޮތުގައި އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން އެބަ ފޯރުކޮށްދޭންޖެހޭ. އެކަން ކޮށްދިނުމަށްޓަކައި ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން މިރަށުގައި އަދި އިތުރު 100 ފްލެޓް އެޅޭނެކަމަށް އަޅުގަނޑުމެން އަންދާޒާކުރަން. އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް މިއަހަރުގެ މެދުޖެހުމުގެ ކުރީގައި ކުންފުނީގެ ފަރާތުން ފަށައިގަންނާނެ.

މި ސަރުކާރު ދެމި އޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި އަދި ތިޔަބޭފުޅުންގެ ބޭނުންތަކަށް އަޅުގަނޑުމެންގެ ކަންފަތްތައް ހުޅުވައި، ތިޔަބޭފުޅުންގެ އެދުންތައް އަޅުގަނޑުމެން ފުއްދައިދިނުމަށް މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް މަޑުޖެހުމެއް ނެތި އަޅުގަނޑުމެން ކުރަމުންދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވޭ، އަޅުގަނޑުމެންގެ ސިޔާސީ ވަޒީފާތަކުގައި މިތިއްބަވާ މުވައްޒަފުންނަކީ، ބޭފުޅުންނަކީ އެއްވެސް ހާލެއްގައި ހެނދުނު ހަތްގަޑިބައިން ދެގަޑި ބަޔަށް އެކަނި މަސައްކަތްކުރާ ބައެއްނޫންކަން. އަޅުގަނޑުވެސް ދުވާލެއްގެ މައްޗަށް ސާދަގަޑިއިރުވަރު މަސައްކަތްކުރަން. އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެންގެ ސިޔާސީ ހުރިހާ މުވައްޒަފުންވެސް، ހުރިހާ ބޭފުޅުންވެސް މިދަންނަވާހެން ތިޔަބޭފުޅުންގެ މަސައްކަތް އަވަދިނެތި އަބަދު ކުރައްވަމުން ގެންދަވާނެ. އެހެންވީމާ، އަޅުގަނޑުމެނެއް ނުދެކެން ސަރުކާރު ހުޅުވިފައި ހުންނަ މި ކުޑަވަގުތުކޮޅުގެ ތެރޭގައި އެކަނި މަސައްކަތް ކުރިޔަށް ގެންދަންވީކަމަކަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުމެއްނެތި މަސައްކަތްކޮށް އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެން ފުއްދާނަން.

މި ސަރަޙައްދުގެ ސިޔާސީ ކެޕިޓަލްކަމަށް އަޅުގަނޑުމެންނަށް ކަނޑައަޅަން މިޖެހެނީ ގދ.ތިނަދޫ. އެރަށަކީ މިސަރަޙައްދުގައި އެކަންޏެއް ނޫން، ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރެއިން ވަރަށް ބޮޑު އެއް ރަށް. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެކަން. އަޅުގަނޑު އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ، އަޅުގަނޑަކަށެއް ނެތޭ ތިމަންނާއަކީ މާލޭ މީހެކޭ، ތިމަންނާއަކީ ގަލޮޅު މީހެކޭ، ތިމަންނާއަކީ ހަނދުބަލާ ގޯތީގެ މީހެކޭބުނެ، އެކުޑަކުޑަ ޖާގައަށް އަޅުގަނޑުގެ ޙަރަކާތްތައްގެނެސް ހަނިކޮށްލެވޭކަށް. އަޅުގަނޑުމެން އެބަޖެހެއޭ އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅުގެ ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްކަނިންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުން ހުޅުވާލަން. އަޅުގަނޑު މިދެކެނީ، ހުވަދުއަތޮޅު އެކީގައި މިއީ އެއް ޕްރޮވިންސްކަމަށް. އެ ޕްރޮވިންސްގައި ސްޓޭޓް މިނިސްޓަރެއް ހުންނަވާނެ. މި ޕްރޮވިންސްގެ ހުރިހާ މަސައްކަތެއް ހިނގަމުންދާނީ މި ޕްރޮވިންސްގެ ތެރޭގައި. އެ މަސައްކަތްތައް ހިންގަނީ ތިނަދޫގައި ކަމަށްވެގެން އޭގެސަބަބުން ވިލިނގިއްޔަށް ލިބޭނެ އެއްވެސް ގެއްލުމެއް، އެއްވެސް ދެރައެއް ނޯންނާނެކަން އަޅުގަނޑަށް ޔަޤީން.

ހަމައެހެންމެ، އެއާއެކީގައި ކޮންމެ ޕްރޮވިންސެއްގައިވެސް އަޅުގަނޑުމެން އެބަ އެކަށައަޅަން ވިޔަފާރީގެ ބައެއް ކަންކަން ހިންގާ ލާމަރުކަޒެއް. އެ މަރުކަޒުގެ ގޮތުގައި އަޅުގަނޑުމެން މި ޕްރޮވިންސްގައި މިކަނޑައަޅަނީ ވިލިގިނލި. އެހެންވީމާ، މިއީއަކީ އަޅުގަނޑުމެން ވަކި ރަށަކަށް އެވެނިގޮތެއް މިވެނި ރަށަކަށް މިވެނިގޮތެއް ކިޔައިގެން ކުރާކަމެއް ނޫން. އަދި އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން ނިހާޔަތަށް އެބަ އެދެން ޤަބީލާގެ ގޮތް، އަޅުގަނޑުމެން ގައިގައި ހުންނަ ބޯދާ ސިފަތަކުގެ ތެރެއިން މިބާވަތުގެ އާދަތަކުން އަޅުގަނޑުމެން އަރައިގަތުމަށް.

އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކުރެވޭތޯ ބެލުން. އިއްޔެއަށްވުރެ ރަނގަޅު އެއްޗެއް މިއަދު ލިބޭތޯ ހޯދުން. އެމަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ކޮންހަމައަކުން ކޮން ގޮތަކުންތޯ ބަލައި އެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަންކަން ކުރަމުން ގެންދިޔައިމާ، އަޅުގަނޑުމެންގެ ނަޒަރުގައި ދެން ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވެގެންދާނެ.

މިއަތޮޅުގައި ކުރީ ސަރުކާރުން އަދި އިތުރު ދެ އެއަރޕޯޓެއް އަޅާދެއްވާ ވާހަކަ މިއޮތީ ޢިއުލާންކުރައްވާފައި. އެއް އެއަރޕޯޓު، މިހާރު އޮޔާ ދަމުންދަމުން އައިސް އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި ވިލިނގިލީ ބޭރަށް އައިސްފައި މިއޮތީ. މިއަތޮޅުގެ މިދުނީގައި ވަރަށް ގިނަ ތަންތަނުގައި މި އެއަރޕޯޓު ހަރުނުލައިގެން އެބަ އާދޭ. ހަމަ އެބާވަތުގެ އެއަރޕޯޓެއް ތިމަރަފުށީ ބޭރުގައިވެސް މިހާރު ހަރުލާ ވާހަކަ އެބަ ދައްކާ.

ފުރަތަމަ ކަމަކަށް، މިތަނުގައި އެއަރޕޯޓެއް އޮތުމާ ގުޅޭގޮތުން އަޅުގަނޑުމެން އިންކާރުކުރަނީކީއެއްނޫން. އެހެންނަމަވެސް، އެ އެއަރޕޯޓް ހަދަން ފެށޭނީ ކޮންއިރަކުންތޯ އާއި، އެ އެއަރޕޯޓު ނިމޭނީ ކޮންއިރަކުންތޯއާއި، އެ އެއަރޕޯޓުގެ މަސައްކަތް ޙަވާލުވަނީ ކޮންބަޔަކާތޯއާ މިކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނަށް ޔަޤީންކަމާ އެކީގައި ދަންނަވާ މިންވަރަކަށެއް އަޅުގަނޑުމެންނަކަށް ސާފު މަޢުލޫމާތެއް ނެތް. އަޅުގަނޑެއް ނޭދެން ދޮގުހަދާކަށް. ތިޔަބޭފުޅުން ބޭނުންވީމާ ކަމެއް ކޮށްދޭން އަޅުގަނޑުވެސް ބޭނުން. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުން އަރިހުގައި ދަންނަވާނީ އެއިރަކަށް ކޮށްދެވެން ހުރި ކަންކަމުގެ ވާހަކަ. އޭގެ އިތުރު ވާހަކައެއް އަޅުގަނޑުމެންނަކަށެއް ނުދެންނެވޭނެ އެކަން ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ނެތީހެއް.

މި އެއަރޕޯޓުގެ ކަންތައްހުރި ގޮތަކީ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދެވިދާނެކަމަށް ބައެއް ބޭފުޅުން ލަފާކުރައްވާ. އެކަމުގައި އެކައްޗެއް ވިދާޅުވާ ދެބޭފުޅެއް ސަރުކާރުގެ ތެރެއަކުން އަޅުގަނޑަށް އަދިވެސް ދިމައެއް ނުވި. އަޅުގަނޑު މިދަތުރުގައި އައުމުގެ ކުރީގައި މި އެއަރޕޯޓުތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށް ވާހަކަދެއްކިއިރުގައި ދެބޭފުޅަކު އެކައްޗެއް ވިދާޅެއްނުވޭ. އެހެންވީމާ، ތިޔަބޭފުޅުން އަރިހަށް އައިސް އަޅުގަނޑަކަށް ވަކި ދެންނެވޭނެ ވާހަކައެއް ނެތް.

އަޅުގަނޑުވެސް ބޭނުން، އަޅުގަނޑަށްވެސް އެނގޭ މިޞަރަހައްދުގައި ކިތަންމެ ރިޒޯޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ހިނގަމުންދާކަން. އެ ރިޒޯޓުތަކަށް ވައިގެ މަގުން ޚިދްމަތް ދެވޭނެ ގޮތް އޮތުމަކީ ބޭނުންތެރިކަމެއް. އެހެންވީމާ، އެއަރޕޯޓާ ގުޅޭގޮތުން ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު ތެދަށް ވާހަކައެއް ދަންނަވަންޏާ ދެންނެވެންއޮތީ އަދި ނޭނގެއޭ. އެނޫންގޮތަކަށް އަޅުގަނޑަކަށެއް ދެންނެވޭކަށެއް ނެތް. އެހެންނަމަވެސް، އޭގެއިތުރަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެ އެއަރޕޯޓު ހެދުމަށް މި ސަރުކާރަކުން އިންކާރެއް ނުކުރަމޭ. ހެދެން އޮތްގޮތެއް ހޯދައި އޭގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިޔަށް ގެންދާނަމޭ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެއަރޕޯޓުގެ ޚިދްމަތްވެސް ލިބިގެންދާނެއޭ. އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ އެއްޗަކީ އެއަރޕޯޓުގެ ޚިދްމަތް ނެތީހެއް ރިޒޯޓުތަކެއް ނުއުފެދޭނެކަން. ރިޒޯޓުތައް ނެތީހެއް އެއަރޕޯޓެއް ނުއުފެދޭނެ. އެހެންވީމާ، މިދެކަންތައްވެސް އެކުއެކުގައި ނޫންގޮތަކަށް ހިނގައެއް ނުގަނެވޭނެ. އެއަރޕޯޓުގެ މަސައްކަތްތައްވެސް އަދި އެހެން މަސައްކަތްތައްވެސް ހިނގައިގަނެވޭނީ މި ދެބައި އެކުވެގެން ދިޔައީމަ.

އެހެންވީމާ، އަޅުގަނޑުމެން އެބަ ބަލަންޖެހޭ ތަރައްޤީ ކުރަން ދީފައި ހުރި ރިޒޯޓުތައް ބާރަށް ތަރައްޤީ ކުރެވޭނެ އުޞޫލަކީ، ގޮތަކީ ކޮބައިތޯ. އެ ރިޒޯޓުތައް ތަރައްޤީ ކޮށްގެން މެނުވީ އެއަރޕޯޓުގެ ޚިދްމަތެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން ކުރަން ގަސްދުކުރާ ކަންތައްތައްވެސް އަދި ކުރަމުން ގެންދާ ކަންކަންވެސް ކުރަމުން ނުގެންދާނަމޭ ތިޔަބޭފުޅުން އެދިވަޑައިނުގަންނަވާ ކަމަށްވަނީވިއްޔާ. އަޅުގަނޑުމެން ބަނދަރެއް ހަދާކަށެއް ބޭނުމެއް ނުވެޔޭ ތިޔަބޭފުޅުން ބަނދަރު ހައްދަވަން ބޭނުންނުވާކަމަށްވަންޏާ. އަދި އެއަރޕޯޓެއްވެސް އަޅުގަނޑުމެން ހަދާކަށް ބޭނުމެއް ނުވެޔޭ އެއަރޕޯޓު އޮންނަ ގޮތް ނުވަތަ އޮންނަ ތަން ނުވަތަ އެތަނުންް ދޭންޖެހޭ ޚިދްމަތް އެއީ، ކަނޑައެޅިގެން ހިމުންވެފައިނުވާ ގޮތަކަށް އޮތްކަމެއްކަމަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަންޏާ އަޅުގަނޑުމެން އެކަން ކުރާކަށް ބޭނުމެއް ނުވެއޭ.

މިދެންނެވި ޢިމާރާތާ ނުވަތަ މިދެންނެވި ޢުމްރާނީ މަސައްކަތްތަކުގެ އިތުރުން، އެއީ، ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، ގޭހާއި، މަގާއި، ގެދޮރާއި، ބަނދަރު، މިކަންކަމުގެ އިތުރުން އަދި މާ މުހިންމު ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަންތައްތަކަކީ އެއީ. މަދަރުސާއާ ހޮސްޕިޓަލް. މިރަށުގައި ރަނގަޅު މަދަރުސާއެއް ޤާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. ފެންވަރު ވަރަށް ރަނގަޅު އޮސްޓްރޭލިޔާގެ ހަތަރު ފަސް ޓީޗަރުން އިރާދަކުރެއްވިއްޔާ މާޗްމަހު އަޅުގަނޑުމެންނަށް މިރަށަށް ފޮނުވޭނެ. އޭރުން ރަށުގެ މަދަރުސާގެ ޚިދްމަތާއި ފެންވަރު އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ. ޖަނަވަރީ 11ގައި މަދަރުސާ ހުޅުވޭއިރު އަޅުގަނޑުމެންނަކަށެއް އެޓީޗަރުން އަދި ފޮނުވޭކަށެއް ނެތް. އެއީ ވަރަށް ބޮޑު ދެރައެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ލިބުނު ވަގުތުކޮޅާއި، ބައިނަލްއަޤްވާމީ ދުނިޔެ ހިނގާ އުސޫލުތަކަށް ބަލައިގެން އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވެނީ މިޓީޗަރުންނަށް މިރަށްރަށަށް އާދެވޭވަރުވާނީ މާޗްމަސް ނިމޭހާތާނގައި ކަމަށް. އެހާތަނުގައި އިރާދަކުރެއްވިއްޔާ ވިލިނގިލީ މަދަރުސާގައި ރަނގަޅު ޓީޗަރުން ތިބޭނެކަމުގެ ވަރަށްބޮޑު އުންމީދެއް އަޅުގަނޑަށް އެބައޮތް.

ހޮސްޕިޓަލުގެ ކަންތައްތައް ތަރައްޤީ ކުރުން އެއީ، ބަޖެޓުގެ ތެރެއިން ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ކުރަންޖެހޭނެކަމެއް. އަޅުގަނޑުމެން އެކަން ކުރާނަން. އަދި އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ބޭފުޅުން އަދި އެ މިނިސްޓްރީގެ ބޭފުޅުން، ތިޔަބޭފުޅުންނާ، މިރަށުގެ ހޮސްޕިޓަލުގެ ކަމާބެހޭ ބޭފުޅުންނާ ވާހަކަދައްކަވައިގެން، މަޝްވަރާކުރައްވައިގެން އެކަންކަން ކުރިޔަށް ގެންދެވޭނެ އެންމެ ރަނގަޅު ގޮތްތަކަކަށް އިރާދަކުރެއްވިއްޔާ ކުރިޔަށްދާނެ.

އޭގެއިތުރުން، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ޒުވާނުން މިތިބީ މަސްތުވާތަކެތީގެ އަވައިގައި ޖެހި އޭގެ ޝިކާރައަކަށްވެފައި. ވަކި ވިލިނގިއްޔެއް ނޫން، ވަކި ހުވަދުއަތޮޅެއް ނޫން، ވަކި މާލެއެއް ނޫން، ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް މިކަން މިހާރު ވަރަށް ބޮޑު. މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އެއީ، އެ މަސައްކަތް، އެކަން ޙައްލުކުރުމަށްޓަކައި ވީހާވެސް ގިނަ ތަނެއްގައި ރީހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކޮށް އެ ސެންޓަރުތަކުން އެ ކުދިންނަށް ޚިދްމަތްދީ އެކުދިންނަކީ ރަނގަޅު ކުދިންގެ ގޮތުގައި ހަދައި، އަލުން އަނބުރާ މުޖްތަމަޢަށް ނެރުން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަތޮޅުގައިވެސް ދެ ތަނެއްގައި މިދަންނަވާހެން ރިހެބިލިޓޭޝަންގެ މަސައްކަތް، އޭގެ ކްލިނިކެއް ހިންގާނެ. އަދި މިއަތޮޅުގައި އެކަމުގެ އަވައިގައި ޖެހިފައި ތިބި ޒުވާނުންނަށް އެކަމުން ސަލާމަތްވެވެންދެން އަޅުގަނޑުމެން އެކަން ބަލަމުން ގެންގޮސް އެކުދިން އަލުން އަނބުރާ މުޖްތަމަޢަށް ނެރެވޭތޯ އަޅުގަނޑުމެން ބަލާނަން. އަޅުގަނޑަށް ޔަޤީން އެކުދިންނަކީ ވަރަށް ވަރުގަދަ ކުދިންތަކެއް. އެފަދަ ބޮޑު ނޭނގުމެއްގެ ތެރެއަށް ގޮސް ވެއްޓިގަންނާނީ ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސަށްވެސް ޔަޤީންކަމެއް އޮންނަ ބާވަތުގެ މީހުން. ލިބޭ ގެއްލުން ކަނޑައެޅިގެން އެނގިހުރެ އޭގެ ގެއްލުމެއްގެ ތެރެއަށް އެދަނީ، ތެދުފުޅެއް ވިސްނުންކޮށިވީމާ. އެހެންނަމަވެސް، ރިސްކް ނެގުމުގެ ގޮތް ބޮޑުވީމާ. އަޅުގަނޑުމެންނަށް އެކުދިން އަލުން އަނބުރާ މުޖްތަމަޢަށް ގެނެވިއްޖެނަމަ އެއީ، ވަރަށް ހަމަ ވަރުގަދަ ކުދިންތަކަކަށް ވާނެކަމާމެދު އަޅުގަނޑުމެންނެއް ޝައްކެއް ނުކުރަން.

އަޅުގަނޑު މިމެންދުރުގައި ތިޔަބޭފުޅުން މާގިނައިރު މިތަނުގައި ތިއްބަވާކަށް ނޭދެން. އެހެންނަމަވެސް، ސަރުކާރުން މިހާރު ހިންގަމުން އަންނަ ކަންތައްތަކުގެ ތެރެއިން މިރަށާ ގުޅޭގޮތުން ދަންނަވަން ހުރި ކަންކަމުގެ ވާހަކަ އަޅުގަނޑު މިދެންނެވީ. މީގެތެރޭގައި، މިސާލަކަށް ބަނދަރާއި އަދި ކަރަންޓް އެއީ، އަޅުގަނޑުމެން މުޅި އަތޮޅަށް އެ ޚިދްމަތްތައް މިއަހަރު ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަމާޒުކޮށްގެން މަޝްރޫއުތައް ހިންގަމުން ގެންދާ ކަމެއް. އެހެންވީމާ، ކަރަންޓުގެ ކަންތަކާއި ބަނދަރުގެ ކަންތައް އެއީ، ހުރިހާ ރަށަކަށްވެސް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމެއްގޮތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޔަޤީންކުރަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަކީވެސް، ހާސްކަމެއްނެތި ދިރިއުޅެމުން އަންނަ ބަޔަކަށްވުން. އުފަލުގައި އުޅޭ ބަޔަކަށްވުން. އެހެން އެކަންކުރުމަށްޓަކައި އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވާންޖެހޭ. އަދި އަޅުގަނޑުމެންނަށް ޢާންމު ޙާލަތު ރަނގަޅުކުރެވޭނީ ވަރަށް ބައިވަރު އަސާސީ ޚިދްމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވިގެން. އެކަންކަން ކުރުމަށް މީގެކުރީގައި ކުރަމުން އައިގޮތް އެއީ، އެންމެ ރަނގަޅު ގޮތްކަމަކަށް އަޅުގަނޑުމެންނަކަށެއް ނުފެނޭ. ކުރީގައި އެކަން ކުރަމުން އައި ގޮތުގެ ސަބަބުން ޙަޤީޤަތުގައި މިހާބޮޑަށް މިހުރިހާ ކަމެއް ނުވެ ހުރިހާކަމެއް އެއްފަހަރާ ބޭނުންވާ ރައްޔިތެއް އަޅުގަނޑުމެން ރާއްޖޭގައި މިތިބީ.

މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތަކުވިޔަސް، ހަމަ ބޭނުންނުވާ ވަކި އެއްކަމެއްވެސް ނެތް. އެއްވެސް ރަށެއްނެތް މަދަރުސާ ތަރައްޤީ ކުރަން ނުޖެހޭ. އެއްވެސް ރަށެއްނެތް މަގުތައް ހަދަންނުޖެހޭ. އެއްވެސް ރަށެއްނެތް ފެން ރަނގަޅު. އެހެންވީމާ، އަޅުގަނޑުމެންނަށް މި މަޝްރޫޢުތައް ހިންގުނީމާ، އިރާދަކުރެއްވިއްޔާ މިހާރަށްވުރެ އެކަންއެކަން އެތައް ތަނަކުން ރަނގަޅުވެގެންދާނެ.

އަޅުގަނޑު ނިންމާލަމުންވެސް އަނެއްކާވެސް ހަމަ ތަކުރާރު ކުރާނީ ވިލިނގިލީ ކައިރީގައި އެއަރޕޯޓެއް ހެދުމާ ދޭތެރޭގައި ނުވަތަ ގައްދޫ ބޭރުގައި އެއަރޕޯޓެއް ހެދުމާ ދޭތެރޭގައި އަޅުގަނޑުމެން އިންކާރެއް ނުކުރަމޭ. އެހެންނަމަވެސް، އެކަން ކުރެވެން އޮތް ގޮތާއި މަގާއި އެކަން ކުރެވޭނޭ އުސޫލުތައް އަޅުގަނޑުމެން އެބަޖެހޭ ކަނޑައެޅިގެން އަޅުގަނޑުމެންނަށް ސާފުވަންދެން ދިރާސާކޮށްފައި އެކަން ކުރަން ފަށަން. ނޫންނަމަ އެއިން ލިބިދާނެ ގެއްލުން ވަރަށް ބޮޑު. އަނެއްކާވެސް ނިންމާލަމުން އާއަހަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ތިޔަބޭފުޅުންނަށް ރައްދުކުރަމުން އަޅުގަނޑު މިތަނުން މި ވަކިވެލަނީ.

اَلحَمْـدُ لِلّـهِ.ވަރަށްބޮޑަށް ޝުކުރިއްޔާ!