بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން ހުވަދުއަށް ކުރާ ދަތުރެއްގައި ދާންދުއަށް ނާންނަންވީ ހަމަ އެއްވެސް ސަބަބެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށްވީ މިންވަރަކުން ދާންދުއާއި އަދި މިއަތޮޅުގެ އެހެން ހުރިހާ ރަށަކަށްވެސް އައިސް ގޮސް އުޅެވޭތޯ އަޅުގަނޑު ބަލާނަން.

މި ސަރުކާރު ހިންގުމުގައި އަޅުގަނޑުމެން މިތިބެނީ، މި ސަރުކާރު ދެމިއޮތުމުގައި އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަން އަޅުގަނޑުމެންނަށް ކޮށްދެވޭތޯ ބަލަން، މި ސަރުކާރާ އަޅުގަނޑުމެން ޙަވާލުވެ މިތިބީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވަޢުދުތަކެއްވުމަށްފަހުގައި، އެ ވަޢުދުތައް ފުއްދުމުގެ ބޭނުމުގައި. މި ސަރުކާރުގެ ބޭނުމަކީ، ވަޢުދު ފުއްދުން. އެހެންވީމާ، އަޅުގަނޑުމެންނަށްވީ މިންވަރަކުން އަޅުގަނޑުމެން މަސައްކަތްކޮށް، އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑުމެން މިއަދު މިރަށަށް މިއައީ، ސަރުކާރުން ކުރިއަށް މިއޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި މިރަށާ ގުޅޭގޮތުން ހިންގަން ބޭނުންވާ، ނުވަތަ ހިންގާނެ މައިގަނޑު ކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނާއެކު ޚިޔާލު ބަދަލުކޮށްލުމަށްޓަކައި. އަދި އެކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނަށް މަޢްލޫމާތު އެރުވުމަށްޓަކައި.

ރިޔާޒަކީ އަޅުގަނޑު ވަރަށް އިތުބާރުކުރާ، އަޅުގަނޑުގެ ނަޒަރުގައި ދުރުވިސްނޭ ސިޔާސީ މުފައްކިރެއް. ތިޔަބޭފުޅުންނާ ގުޅޭގޮތުން ކަންކަމުގައި އެބޭފުޅާ އަބަދުވެސް އަޅުގަނޑުމެންނާ މަޝްވަރާކޮށް ހައްދަވާ. އަދި އެބޭފުޅާ ނޫނަސްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ތިޔަބޭފުޅުންނާ މިބައްދަލުވަނީކީއެއް އަލަކަށެއް ނޫން. އަޅުގަނޑުމެންނަށް މި ސަރުކާރަށް ތިޔަބޭފުޅުންގެ ބޭނުންތަކާއި އިޙްސާސާއި، ތިޔަބޭފުޅުންގެ އެދުންތައް އަޅުގަނޑު ދަންނަވާނީ ވަރަށް ސާފުކޮށް އެނގެޔޭ. އޭގެތެރެއިން މިވަގުތަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން އަޅުގަނޑުމެން އަވަހަށް ކޮށްދޭނަން. އޭގެތެރޭގައި، ޚާއްޞަ ގޮތެއްގައި މިރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް މިއޮތް ދެމަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. މިހާރު ވަނީ ބަނދަރާ ގުޅޭގޮތުން ކުރަހަންހުރި ކުރެހުންތަކާއި ޑިޒައިންތައް ނިމި، އަދި އޭގެ އެންމެފަހު މަރްޙަލާއަށް ކަންތައްތައް ގޮސްފައި. އެހެންވީމާ، އަޅުގަނޑު މިދެކެނީ ލަސްވެގެން މާޗްމަސް ނިމޭއިރުގައި އެކަމުގެ ޢަމަލީ މަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، އެމެރިކަން ރެޑްކްރޮސްގެ އެހީއާ އެކީގައި މިރަށުގެ ނަރުދަމާ ހެދުމުގެ މަޝްރޫޢު ކުރިއަށް އެބަދޭ. އޭގެ ކަންކަން އޭގެ އެންމެފަހު މަރްޙަލާގައި މިހާރު ދަނީ، ހިމުންވަމުން. ސަރުކާރާ އަޅުގަނޑުމެން ޙަވާލުވިއިރުގައި، އެ ނަރުދަމާގެ ކަންތައް އޮތީ ނިމިފައި. އެހެން ނަމަވެސް، އަޅުގަނޑުމެން އިތުރަށް އެދެނީ، ނަރުދަމާއަށް ކޮންނައިރުގައި އޭގެތެރޭގައި ފެންހޮޅި ހިމަނަން ޖެހޭނެ ކަމަށް. އަދި އަޅުގަނޑުމެން އިތުރަށް އެދެނީ، މުޅި ރަށް އެހެން ކޮންނައިރެއްގައި، މިވަގުތު އަޅުގަނޑުމެން ބުއްދިވެރި ބަޔެއްގެ ގޮތުގައި ބަލާނީ، އެ ކާނަށް ލެވެންހުރި ހުރިހާ ނަރެއް އަޅުގަނޑުމެން ލިއްޔާއޭ. އެހެންވީމާ، އޭގެތެރޭގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ފެނާއި ކައްކާ ގޭހުގެ ހޮޅި، އެ ކާނަށް ލެވޭތޯ ބަލަން.

މީގެކުރީގައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމަކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގަމުން އައި މަސައްކަތްތައް ހިންގަމުން އައީ، ސީދާ ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން، ސަރުކާރުގެ ފަރާތުން އެމަސައްކަތް ކުރިއަށް ގެންދާ ގޮތަށް. އެހެން ނަމަވެސް، ގިނަ މަސައްކަތްތައް ކުރަމުން އައީ ކޮންޓްރެކްޓަށްދީގެން، އެކިއެކި މީސްމީހުން ލައްވާ. ސީދާ ސަރުކާރުން މަސައްކަތެއް ކުރީމާ، އެމަސައްކަތުގެ އަގު ވަރަށްބޮޑުތަނުން ބޮޑުވެގެންދޭ.

އަޅުގަނޑު ދަންނަވާނަން މިސާލެއް. މިސާލަކަށް ކުޅުދުއްފުށީގެ ނަރުދަމާ. ކުޅުދުއްފުށީގެ ނަރުދަމާ ސަރުކާރުން ހިންގާއިރުގައި، އެމަސައްކަތް އެ ހިންގަނީ 96 މިލިޔަން ރުފިޔާގެ އަގުގައި. އެއީ، 8 މިލިޔަން ޑޮލަރުގެ އަގުގައި. ކުޅުދުއްފުށްޓާ ދާދި ގާތުގައި ނާގޯށި ކިޔާ ރަށެއް އޮވޭ. އެތަނުގައި ބަޔަކު މީހުން ރިޒޯޓެއް އެބަހަދާ. އެތަނުގެ ނަރުދަމާގެ ދިގުމިން ނުވަތަ ނަރުދަމާ އަޅާ މިންވަރު ކުޅުދުއްފުށްޓަކަށްވުރެ ވަކި ކުޑައެއް ނޫން. އެކަމަށް ނުދޭ އެއް މިލިޔަން ޑޮލަރުވެސް.

ސަރުކާރުން ކަމެއް ކުރީމާ އަގުބޮޑުވެގެންދޭ. އަމިއްލަ ވިޔަފާރީގެ ތެރެއިން ކަމެއް ކުރީމާ، އެކަމުގެ އަގު ވަރަށްބޮޑުތަން ހެޔޮ. ސަރުކާރުން ކުރާ ކަމެއްގެ އަގު ބޮޑުވީމާ، އެފައިސާ އެ އިސްރާފު ކުރެވެނީ ތިޔަބޭފުޅުންގެ ޖީބުން. ސަރުކާރުގައެއް ނެތް ހަމަގައިމުވެސް އަޅުގަނޑުމެން އެކެއްގެ ފައިސާއެއްވެސް. ހަމަ ތިޔަބޭފުޅުންގެ ފައިސާއާ އެއްމިންވަރަށް ސަރުކާރުގައި ހުރީ އަޅުގަނޑުމެންގެ ފައިސާވެސް. ސަރުކާރުން ޚަރަދު ކުރަމުންދަނީ. ރައްޔިތުންގެ ފައިސާ. އެހެންވީމާ، އަޅުގަނޑުމެންނަށް ބެލެންހުރި އެންމެ ރަނގަޅަކަށް ބަލާފައި، އެންމެ ރަނގަޅު ގޮތަކަށް ނޫނިއްޔާ އެފައިސާ ޚަރަދު ކުރުމަކީ، ހަމަގައިމުވެސް ޤާނޫނުއަސާސީން އަޅުގަނޑަށް އަދި ތިޔަބޭފުޅުންވެސް ތަންދޭނެ ގޮތެއް ނޫން.

މި ސަރުކާރުން ރައްޔިތުންގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އާލާތް ޤާއިމު ކުރުމަށް އަޅުގަނޑުމެން މި ނިންމަނީ، ސަރުކާރު ޙިއްޞާވާ ކުންފުންޏެއް އުފައްދައި، އެ ކުންފުނީގައި ބައިވެރިވާނޭ، ޙިއްޞާވާނޭ ބައިވެރިން ހޯދައިގެން، އެ ކުންފުނި މެދުވެރިކޮށްގެން އެކަން ކުރުމަށް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ރޭގައި ވާނީ، މި ސަރަޙައްދަށް ނަރުދަމާއާއި، ފެނާއި، ކަރަންޓާއި، ގޭސް ހިމެނޭ ކުންފުނި އިފްތިތާޙުކޮށްފައި. ހަމަ އަޅުގަނޑު މާލެ ދިޔުމާ އެކީގައި، އެ ކުންފުނީގެ ބޯޑެއް އެކުލަވާލާނަން. މިހާރު މިތަނުގެ ނަރުދަމާވެސް އަދި މިހާރު މި ހުވަދުއަތޮޅުގައި ހިނގަމުން އަންނަ މިބާވަތުގެ ހުރިހާ މަސައްކަތްތައް، އެކުންފުނީގެ ދަށަށް އަޅުގަނޑުމެން ގެންދާނަން. އަދި ވިޔަފާރީގެ އުޞޫލުން އެކުންފުނިން ޙިއްޞާވާނެ ބައިވެރިން ހޯދައިގެން، މި ސަރަޙައްދުގައި އިތުރު މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އޭގެތެރޭގައި، އިތުރު މަސައްކަތުގެ ގޮތުގައި އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ، މިހާރު މިކޮނެވޭ ނަރުދަމާތަކުގައި ފެންހޮޅިއާއި ގޭސްހޮޅި، ހިމެނުމަށް. އަދި އޭގެއިތުރުން، އަޅުގަނޑުމެން މިގަސްދު ކުރަނީ، ގެދޮރު ޢިމާރާތްކޮށް، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެދޮރާއި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭނެ ނިޒާމެއް އުފެއްދުމަށް. އެއީ ހައުސިންގ ކޯޕަރޭޝަނަކުން ނުވަތަ ހުވަދުއަތޮޅުގެ ހައުސިންގ ކޯޕަރޭޝަނަކުން އެކަން ހިނގަމުންދާނީ. އެކަން އެހެން ހިނގާއިރުގައި، މިއަދު އަޅުގަނޑަށް ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުޖެހުމުގެ ކުރީގައި ދާންދޫގައި 100 ފްލެޓް އެޅުމުގެ މަސައްކަތް، އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ.

އަޅުގަނޑުމެން ބޭނުން، ދާންދޫގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހަދަން. އަޅުގަނޑުމެން ބޭނުން ދާންދޫގައި ތާރު އަޅަން. ދާންދޫގެ ބަނދަރު ހަދައި، ދާންދޫގެ ކާނުތަކަށް ޢާންމު އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ޤާއިމު ކުރުމަށްފަހު، އަޅުގަނޑުމެން އަވަސްވެގަންނާނީ، ދާންދޫގެ މަގު ހެދުމުގެ މަސައްކަތަށް. އަޅުގަނޑުމެންނަށް މިހާރު އަންދާޒާ ކުރެވޭގޮތުގައި، މަގު ހެދުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށޭތޯ އަޅުގަނޑުމެން ބަލާނަން.

އަޅުގަނޑުމެން ދެކޭގޮތުގައި، ކަރަންޓުވެސް އެއީ، މިދަންނަވާ އުޞޫލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނެ ޚިދްމަތެއް. ކަރަންޓުގެ ޚިދްމަތް ދިނުމަށްޓަކައިވެސް އަޅުގަނޑުމެން މި ޤާއިމުކުރާ ޔުޓިލިޓީޒް ކުންފުނި. މެދުވެރިކޮށް، އަޅުގަނޑުމެން މި ޤަޞްދުކުރަނީ މި ހުވަދުއަތޮޅުގެ ހުރިހާ ރަށަކަށް ކަރަންޓުގެ ޚިދްމަތް ދިނުމަށް. އެކަން ހިނގާނީ އެއް އުޞޫލަކުން. ހުރިހާ ރަށަކަށް އެއް އަގެއްގައި ކަރަންޓު ލިބިގެންދާނީ. މިހާރު ބައެއް ރަށްރަށުގައި ޖަނަރޭޓަރު ހިންގަވާ ބޭފުޅުން ނުވަތަ ހުރި ރައްޔިތުންގެ ޖަނަރޭޓަރުތައް، އަޅުގަނޑު މިދަންނަވާ ކުންފުންޏަށް ވިއްކެވުމަށް އަޅުގަނޑުމެން އެދޭނަން. އެގޮތް ބޭނުންފުޅުނުވަންޏާ، އެ ކުންފުނީގައި އެބޭފުޅުންނަށް ޙިއްޞާވެވޭނެ. ހަމަ އޭގެއިތުރުން، ރަށްރަށުގެ ރ.ކ. ކޮމިޓީއާއި، އެހެންވެސް ޖަމްޢިއްޔާތަކާއި އަދި ވަކި ފަރުދުންނަށްވެސް މިދަންނަވާ ކުންފުނީގައި ޙިއްޞާވެވޭނެ. އެ ކުންފުނީގައި މައިގަނޑު ޙިއްޞާދާރެއްގެ ގޮތުގައި ޙަރަކާތްތެރިވާނެ، ކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި އަދި މާލީ ޙާލަތުވެސް ރަނގަޅު، ރަނގަޅު ބަޔަކު ހޯދުމުގެ މަސައްކަތް، ދާދި ފަހުން އިންޑިޔާއަށް ގޮސްފައިވެސް އަޅުގަނޑުމެން މިއައީ ކޮށްފައި. އަޅުގަނޑުމެންނަށް ފެނުނީ، ވަރަށްގިނަ ކުންފުނިތަކުގެ ޝައުޤުވެރިކަން މިބާވަތުގެ މަސައްކަތަށް ހުރިކަން. އެހެންވީމާ، އަޅުގަނޑުމެނެއް ޝައްކެއް ނުކުރަން، ކާމިޔާބުކަމާ އެކީގައި އެކަން ކުރިއަށް ނުގެންދެވޭނެ ކަމަކަށް. މިކަންކަން އޭގެ ފުރިހަމަ ގޮތުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ގެންދެވޭނެ. ހަމަ މިދަންނަވާހެން، ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މާޗް މަހުގެ ތެރޭގައި ފެށޭނެ. އަދި ހަމައެހެންމެ، ނަރުދަމާގެ މަސައްކަތް ހަމަ ފެށުމާ އެކީގައި، އެ ނަރުދަމާގެ ތެރެއަށް ފެންހޮޅިލުމާއި، އަދި ނަރުދަމާގެ ތެރޭގައި ގޭސްހޮޅިއެއް ހިމެނުން އެއީ، އަޅުގަނޑުމެން އެމަސައްކަތް ފެނިގެންދާއިރުގައި ކުރިއަށް ބާރަށް ކުރަމުން ގެންދާނެ މަސައްކަތެއް.

އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައީ، ހެޔޮގޮތުގައި ވެރިކަމެއް ކުރެވޭނީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމޭ އުޞޫލަކުން، ވެރިކަމުގެ ކަންކަން އަތުރާލެވިގެން ކަމަށް. އެގޮތުން، ސަރަޙައްދީ އޮފީސްތަކެއް އަޅުގަނޑުމެން މިދަނީ އުފައްދަމުން. އެންމެފަހުން އައްޑުއަތޮޅު ހިތަދޫގައި، އައްޑުއަތޮޅާއި ފުވައްމުލަކު ހިމެނޭ ސަރަޙައްދުގެ ގޮތުގައި ވާނީ އޮފީހެއް ޤާއިމުކޮށް، އެ އޮފީހުގައި ސްޓޭޓް މިނިސްޓަރެއް އަޅުގަނޑުމެންވާނީ ބަހައްޓާފައި. ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި، ހުވަދުއަތޮޅަށް އަޅުގަނޑުމެން ސްޓޭޓް މިނިސްޓަރެއް ކަނޑައަޅާނަން. އެބޭފުޅާ ހުންނަވާނީ ހުވަދުއަތޮޅުގައި. މިހާރު މިއަތޮޅުގެ އާބާދީއާއި އަދި އަޅުގަނޑުމެންގެ ފަންނީ މާހިރުން އަތޮޅުގެ އެންމެހާ ކަންކަމަށް ބަލާ ބެލުމުގައި، އެ އޮފީސް ހުރުން އެންމެ ރަނގަޅު ތަނަކީ ގދ. ތިނަދޫ. އެހެންވީމާ، އެ އޮފީސް ތިނަދޫގައި ހުރި ނަމަވެސް، އެއީކީއެއް އަޅުގަނޑެއް ނުދެކެން، ހަމަ އެއްވެސް ޙާލެއްގައި މިދެރަށް ދޭތެރޭ ނުވަތަ މިދެ އަތޮޅުގެ ދޭތެރޭގައި މައްސަލައެއް އުފެދެންވީ ކަމެއް ކަމަކަށް. ތިނަދޫގައި އެ އޮފީހާއި، ސްޓޭޓް މިނިސްޓަރަކާއި އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ މަސައްކަތް ހަމަޖެހިގެންދާނެ. އެހެންވީމާ، މާލެއިން ލިބެންޖެހޭ ހުރިހާ ޚިދްމަތެއް އަތޮޅުތެރެއިން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ. އެކަމުގައި މާލެއަށް ބަރޯސާވެ ތިބޭކަށް ނުޖެހޭނެ.

ހަމަ މީގެއިތުރުން އަޅުގަނޑަށް އެނގޭ، އަދި އަޅުގަނޑުމެން ޢާންމުކޮށް ބުނަމުން އަންނަ ވާހަކައެއްވެސްމެ، މަދަރުސާތަކާއި، ހޮސްޕިޓަލާ، ނުވަތަ ޞިއްޙީ ޚިދްމަތާ މިދެކަންތައް ފުރިހަމައަށް ބާރަށް ތަރައްޤީކޮށް ގެންދިޔުމަކީވެސް އަޅުގަނޑުމެން ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އިރާދަކުރައްވައިގެން މާޗް މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އޮސްޓްރޭލިޔާގެ ޓީޗަރުން އެކަށީގެންވާ އަދަދަކަށް އެބަލިބޭ. އިރާދަކުރެއްވިއްޔާ އޭގެތެރެއިން ބައެއް ޓީޗަރުން ދާންދުއަށް އަޅުގަނޑުމެން ފޮނުވައިދޭނަން. ދާންދޫ މަދަރުސާ ދެރަވެގެން މާލެއަށް ނުވަތަ އެހެން ތަނަކަށް ކިޔަވަންދާން ނުޖެހޭ މިންވަރަށް، ދާންދޫ މަދަރުސާ ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ އެއީ، އަޅުގަނޑުމެން ދާންދުއަށާއި، މި ރާއްޖެއަށާއި، އަދި މިއަތޮޅަށް އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި، އަޅުގަނޑުމެން ކުރާނެ މަސައްކަތެއް، ކުރާނެ ކަމެއް.
ރާއްޖޭގެ ޒުވާނުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވަނީ ބާރުގަދަ ޑްރަގުގެ ޝިކާރައަކަށްވެ، އޭގެ އަވާގައި ޖެހިފައި. އެކުދިންނަށް ފަރުވާދީ، އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް މަސައްކަތް ކުރުމަކީ، މި ސަރުކާރުން އަޅުގަނޑު ވަރަށް ބޮޑަށް ހިންގާނެ މަޝްރޫޢެއް. އެގޮތުން، ދާންދޫގެ ޒުވާނުންނަށް ބޭސް ކުރުމަށާއި، ރީހެބިލިޓޭޝަންގެ ޚިދްމަތް ދިނުމަށާއި، ފަރުވާ ދިނުމަށް، އަޅުގަނޑުމެން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގާނަން. އެކަން ކުރެވެން އަޅުގަނޑުމެންނަށް އަންނަނީ، މާލޭގައި މިހާރު ހުރި މާފުށީ ޖަލުގައި އެއޮތް ތޮއްޖެހުމާއި، އެ ޖަލުގައި ހުރި އެންމެހާ ހަމަނުޖެހުންތައް ކޮންމެވެސް މިންވަރަކަށް ނަމަވެސް ޙައްލަކަށް ގެނައުމަށްފަހުގައި. އިރާދަކުރެއްވިއްޔާ އެކަންވެސް މާގިނަ ދުވަސްތަކަކަށް ދިގުދެމިގެނެއް ނުދާނެ. މަހެއް، ދެމަހުގެ ތެރޭގައި އެންމެހާ ކަންކަން އަޅުގަނޑުމެންނަށް ހަމައަކަށް ގެންދެވޭނެ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި އުންމީދުކުރާ އުފާވެރި ދިރިއުޅުން، އަޅުގަނޑުމެންނަށް ހޯދޭނެއޭ. އެކަމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރާނަމޭ. އަޅުގަނޑުގެ ސަރުކާރު އަބަދުވެސް މަސައްކަތް ކުރާނެއޭ. ހަމަގައިމުވެސް އަޅުގަނޑު ދުވާލަކު 12، 14 ގަޑިއިރު މަސައްކަތް ކުރާނެ. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ ހުރިހާ ވަޒީރުންވެސް، ސްޓޭޓް މިނިސްޓަރުންވެސް އަދި ކައުންސިލަރުންވެސް، އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެއީ ހަތްގަޑިބައިން ދެގަޑިބަޔަށް މަސައްކަތްކުރައްވާ ބޭފުޅުންނެއް ނޫން. އެއީ، އަބަދު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅުން. ހަމަ ނަރުހުންނެކޭ، ޑޮކްޓަރުންނެކޭ އަޅުގަނޑެކޭ އެއްވަރު. އޮންކޯލްގައި އަޅުގަނޑުމެން ތިބެން ޖެހެނީ. ރައްޔިތުންގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސްގެން ނޫނިއްޔަކާއެއް، މި ރާއްޖެ މިހާރު މިއޮތް ވަޅުގަނޑުން އަލުން އަނބުރާ ހެޔޮ މަގަށް ގެންދިޔުން އުނދަގޫވެގެންދާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެ މަސައްކަތް އެބަ ކުރިއަށް ގެންދެވޭ. އެމަސައްކަތް ކުރިއަށް ގެންދާއިރުގައި، މި ރާއްޖޭގެ އެންމެހާ ކަންކަމަށް އަޅުގަނޑުމެންނަށް މިދެވެނީ ބެލެމުން.

ދާދި ފަހުން، ތިޔަބޭފުޅުންނަށް އަޑުއިވިވަޑައިގެންފައި އޮވެދާނެ، ރައްޔިތުންގެ މަޖިލީހުން ދެޤާނޫނެއް ނުނިންމުމުގެ ސަބަބުން، ޤާނޫނީ ހުސްކަމެއް އަތުވެދާނެ ކަމުގެ ބިރު، އޮތްކަމަށް ބައެއް ޤާނޫނީ ވަކީލުންނަށް ފެނިވަޑައިގަންނަވާތީ އެބޭފުޅުން އުއްތަމަ ފަނޑިޔާރުގެ ލަފާފުޅަކަށް އެދިވަޑައިގަންނަވަމުން ގެންދަވާކަމުގެ މަޢްލޫމާތު. އެއީ، އަޅުގަނޑުމެންވެސް އެކަމާ ވިސްނަންޖެހޭ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 15 ފެބްރުއަރީގައި ބޭއްވުމަށް ޤާނޫނުއަސާސީގެ އިންތިޤާލީ ބާބު ލާޒިމުކުރޭ. އަދި އެކަން އެހެން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ ވާޖިބެއް ކަމުގައި ވަރަށް ޞަރީޙަ ޢިބާރާތުން ޤާނޫނުއަސާސީގައި ބަޔާންކުރޭ. އަދި ހަމައެހެންމެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނުއަސާސީ ޙިމާޔަތްކުރާ ފަރާތެއް ކަމަށް ޤާނޫނުއަސާސީގައި އަދި މާފުރިހަމައަށް ބިންވަޅު ނެގިފައި އެބައޮތް. އެކަން ކޮށްދިނުމަށް އަޅުގަނޑު މިހުރީ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އިރާދަކުރެއްވިއްޔާ އެއްވެސް ހުސްކަމެއް، އެއްވެސް ތާކަށް އަޔަކަ އަޅުގަނޑެއް ނުދޭނަމޭ. އަޅުގަނޑު މިހުރީ އިންތިޤާލީ މަރްޙަލާއިން ނެއްޓި، ތިޔަބޭފުޅުންގެ އަޣްލަބިއްޔަތާއެކު ސަރުކާރު ހިންގުމާ ޙަވާލުވެއޭ. މި ރާއްޖޭގެ ޤާނޫނީ ދައުލަތް، އޭގެ ފުރިހަމަ ގޮތުގައި ހިނގަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަމޭ.

ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ތަންކޮޅެއް ކުރިއްސުރެ ފަށައިގެން އަޅުގަނޑުމެންނަށް އިޢްލާނު ކުރެވިފައިވާ ދެކަމެއްގެ ވާހަކަ ނިންމާލުމުގެ ކުރީގައި، އަނެއްކާ އަޅުގަނޑު ތަކުރާރުކޮށްލާނަން. އަޅުގަނޑުމެން އަބަދުވެސް ދެކެނީ، ޤައުމެއްގެ އެންމެބޮޑު އެއް ރައުސްމާލަކީ އެޤައުމެއްގެ ދޮށީ ޢުމުރުގެ މީހުންނޭ. އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައިމު، ދެހާސް ރުފިޔާގެ އާމްދަނީއެއް ނުލިބޭ އުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް، އަންހެނަކަސް، ފިރިހެނަކަސް، މި ސަރުކާރުން ދެހާސް ރުފިޔާގެ ޕެންޝަނެއް ކޮންމެ މަހަކު އަރުވާނެއޭ. އިރާދަކުރެއްވިއްޔާ ޖަނަވަރީ މަސް އެއީ މިކަން ފަށާ މަސް. އެހެންވީމާ، ޖަނަވަރީމަސް ނިމޭއިރުގައި، ތިޔަބޭފުޅުންނަށް 65 އަހަރުން މަތީގެ އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާ ލިބިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކަށް، ދެހާސް ރުފިޔާ، ސަރުކާރުގެ ޕެންޝަނެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނެ. އަދި ހަމައެހެންމެ ޞިއްޙީ ބޭސް ފަރުވާއަށް ސަލާންޖަހަން ޖެހޭކަން އެއީ، އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެކަން ރަނގަޅު ކުރުމަށްޓަކައި، ސަރުކާރުން މިހާރު ވަނީ އިންޝުއަރެންސްގެ އުޞޫލުން އެކަން ހިންގުމަށް ނިންމާފައި. އެހެންވީމާ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ ސްކީމެއްގެ ޕްރޮގްރާމެއްގެ ދަށުން ބޭސްފަރުވާގެ ކަންތައް ހިނގަމުންދާނެ. އިރާދަކުރެއްވިއްޔާ ބޭސްފަރުވާއަށް ސަލާން ޖަހާކަށް ނުޖެހޭނެ.

އަޅުގަނޑު މާގިނައިރުތަކެއް ދެނެއް ނުނަގާނަން. ހަމަ ދާންދުއަށް އައިސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލަން ބޭނުންވީ، މިވަގުތަށް މިރަށާ ގުޅޭގޮތުންނާއި އަދި މިއަތޮޅުގެ އެންމެހާ ކަންކަމާ ގުޅޭގޮތުން، އަޅުގަނޑުމެން ކުރިއަށް ރާވާފައި، ކުރިއަށް ގެންދަމުން މިގެންދާ މަސައްކަތްތަކުގެ ވާހަކަ. އަދި މި އިންތިޚާބަށްފަހުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވާންޖެހޭ. ތިޔަބޭފުޅުން މި އިންތިޚާބުގައި ވަކިއަތަކަށް ޚިޔާރު ކުރެއްވީތީކީއެއް ނޫން. ކޮންމެ ބޭފުޅަކަށް ވޯޓު ދެއްވި ނަމަވެސް، ޑިމޮކްރަސީގެ މި މަސައްކަތުގައި ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައިފި. ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންފާނެކަންނޭނގެ، އަޅުގަނޑުމެން ރުހޭނީ، ހަމައެކަނި އަޅުގަނޑުމެންނަށް ވޯޓުދެއްވި ބޭފުޅުންނާއޭ. އެއީކީ އެއްގޮތަކަށްވެސް އެހެން އޮތް ކަމެއް ނޫން. އަޅުގަނޑު އެންމެ ރުހެނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވީތީއާއި، މި ޕާޓީގެ ނިޒާމު ގަބޫލު ކުރެއްވީތީއާއި އަދި މި އެންމެހާ ކަންކަން އެހާ އޮމާންކޮށް ގެންދިޔުމުގައި ތިޔަ ހުރިހާ ބޭފުޅުން އެހީތެރިވެދެއްވީތީ. އެހެންވީމާ، އެކަމަށްޓަކައި ދާންދޫގެ ރައްޔިތުންނަށާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން.

ނިންމާލުމުގެ ކުރީގައި، މިހާރު މިފެށުނު ހިޖުރީ އާ އަހަރުގެ އެންމެހާ ހެޔޮއެދުންތައް އަޅުގަނޑު ތިޔަބޭފުޅުންނަށް ރައްދުކޮށްދެން.

اَلحَمْـدُ لِلّـهِ. والســّلام عليــكم ވަރަށްބޮޑަށް ޝުކުރިއްޔާ!