بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދު މިހުޅުވުނު ޖޮބް ސެންޓަރުގެ މަސައްކަތަކީ، އެއިން ކިތަންމެ ކަމެއް ހާމަކޮށްދޭ ކަމެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި ޚާއްޞަ ދެކަމެއް ސަރުކާރުން މިއަދު އެބަކުރޭ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އުފެދިފައި މިއޮތީ، މި ސަރުކާރު އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރިއިރުގައި ރައްޔިތުންނަށް ހުށަހެޅި ކިތަންމެ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށްޓަކައި.

މިއަދު އަޅުގަނޑުމެންނަށް ފެނިގެންދާ އެއްކަމަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯ، އަޅުގަނޑުމެންގެ ސިޔާސަތު ޢަމަލީގޮތުން ތަންފީޒުވާއިރުގައި ކަންކަން ހިނގަން ފަށާނެގޮތް ހާމަކުރުން. މިކަން ހިނގާނެގޮތް ޙަސަން ލަޠީފް ވަރަށް ފުރިހަމައަށް ވިދާޅުވެދެއްވައިފި. އެހެންވީމާ، އެކަމާ ބެހޭގޮތުން އިތުރަށް އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. ޙަސަން ލަޠީފްގެ މިނިސްޓްރީން އެކުރައްވާ ކަމަކީ، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާއިރު ކަންކަން ހިންގަވާނެގޮތް ކަނޑައެޅުއްވުން. މިބާވަތުގެ ކަންތައް، ފަހަރަކު ކަމެއް، ފަހަރަކު ކަމެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަމުންދާނެ.

ވަޒީފާއާ ގުޅޭގޮތުން އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރާއިރުގައި، ޢަމަލީގޮތުން ފެންނާނީ، މިބާވަތުގެ ސެންޓަރުތަކާއި މިބާވަތުގެ ކަންކަން ހުޅުވިގެންދާކަން. މިއަދަކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދުވަހެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގެ ސިޔާސަތެއް ކަމަށްވާ، ލާމަރްކަޒީ ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ފިޔަވައި، ދެވަނަ ސިޔާސަތެއް ތަންފީޒު ކުރަން ފެށުނު ދުވަސް. އެހެންވީމާ، އެގޮތުން ސަރުކާރުގެ މި މައިގަނޑު ސިޔާސަތު ތަންފީޒު ކުރައްވަން މިއަދު ފެށްޓެވި ކަމަށްޓަކައި، ލޭބަރ މިނިސްޓަރަށް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދު ހިނގާ ދެވަނަކަމަކީ، ވަޒީފާއަކީ ސިޔާސީ ފުރްޞަތަށްޓަކައި ދީ ނުވަތަ އަތުލާ ކަމެއް ނޫނޭ. ވަޒީފާއަކީ އެބާވަތުގެ އެއްޗެއް ނޫން ވަޒީފާއަކީ ބޯޑެއްގައި ޖަހައިގެން ޝަރުޠުތަކެއް ހަމަވީމާ، އެކަމަށް އެންމެ އެކަށީގެންވާ މީހަކަށް ދެވޭ އެއްޗެއް. ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި، މިކަންކަމުގެ ތެރެއިން ސިޔާސީ ފުރްޞަތު، ނުވަތަ ސިޔާސީ ކަންކަމަކީ ވަކި ކަންކަން. މިތަނުގެ ސިވިލް ސަރވެންޓަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކަށް، ވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ ބަލާކަށް، އަޅުގަނޑުމެން ބޭނުމެއް ނޫން. އެއީކީ އަޅުގަނޑުމެންނާ ގުޅޭ ކަމެއްވެސް ނޫން. ރައްޔިތުންނަށް އެންމެ ފައިދާވާނީ. ހަމަ ކަމަށް އެންމެ އެކަށީގެންވާ ޤާބިލު މީހާ، އެކަން ކުރީމާ އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ހޯދަން. އެމަގަކީ، ކަމަށް އެންމެ އެކަށީގެންވާ މީހާ، އެކަން ކުރީމާ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދްމަތެއް ދެވޭނެ މަގު.

މި ޖޮބް ސެންޓަރުން އެންމެ ބޮޑަށް ފާހަގަވާ އަނެއް ކަމަކީ، ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން، އެއީ ސިޔާސީ ޙަރަކާތެއް ނޫނޭ. އެއީ މަދަނީ އިންސާނީ ޙައްޤެކޭ. އެކަން އަޅުގަނޑުމެން ފާހަގަކުރުން އެއީ، އަޅުގަނޑުމެންގެ ސިޔާސަތުގެ ވަރަށްބޮޑު ވަރަށް މުހިންމު ފަލްސަފާއެއް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވީ، މިކަން ޢަމަލީގޮތުން ފެންނާނެ ގޮތަކަށް ވީހާވެސް އަވަހަކަށް ކުރެވޭތޯ ބަލަން. ޙަސަން ލަޠީފަށާއި، މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށާއި، އަދި މިކަން ރޭވުމުގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމާޢަތްތަކަށާއި، މިކަން ކުރިއަށް ގެންގޮސް ހިންގުމުގައިވެސް، މި ބައިވެރިވާ ޖަމްޢިއްޔާތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަޅުގަނޑު ބޭނުން.

ހަމައެހެންމެ، ތަރައްޤީގެ މަސައްކަތްތަކުގައި ޖަމްޢިއްޔާތަކުގެ ދައުރު، މިބާވަތުގެ މަގުމަގުން ފުޅާކުރެވޭނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. މިއީ، ކޮންމެ ރަށެއްގެ ޖަމްޢިއްޔާއަކަށްވެސް ސަރުކާރާ ގުޅިގެން ކުރެވެން އޮތް ކަމެއް. މިކަން ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންނަށް ހިންގޭނެ. އަދި ޙަސަން ލަޠީފް، އެ އިޝާރާތް ކުރެއްވި ފަދައިން، މިކަމުގެ ތެރެއިން ކުރިފަޅައިގެން، ހިނގާނެ ކިތަންމެ ކަމެއް އެބަހުރި. އެބޭފުޅުންގެ މަޝްރޫޢުތަކުގެ ކުރިމަރާކަށް ނުވަތަ އެބޭފުޅާ ބޭނުންފުޅުވެވަޑައިގަންނަވާ ތަރުތީބު ނޫން އެހެން ތަރުތީބަކުން ވާހަކަ ދައްކާ ހަދާކަށް ބޭނުމެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، ލޭބަރއާ ގުޅޭ، ވަޒީފާއާ ގުޅޭ ކިތަންމެ ކަމެއް، މިކަމާ ގުޅިގެން ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް. އަނެއްކާވެސް ލޭބަރ މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ވަކިވެލާނަން.

السّـلام عليـكم