بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މި ސަރުކާރު އުފެދިފައި މިއޮތީވެސް އަދި ދެމިއޮންނަނީވެސް ހަމަ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ރައްޔިތުންގެ ބޭނުންތައް، ރައްޔިތުންނަށް ފުދޭނޭ މަގުތައް ފަހިކޮށްދިނުމަށްޓަކައި. އެކަންކަން ފުރިހަމަވާނޭ އިންތިޒާމުތަކެއް ހަމަޖައްސައިދީ، އެކަންކަން ކުރުމަށްޓަކައި. ރައްޔިތުންގެ އެދުންތައް، ރައްޔިތުންގެ ބޭނުންތައް ފުރިހަމަކުރުމަށްޓަކައި.
އަޅުގަނޑުމެން ސަރުކާރާ ޙަވާލުވުމުގެ ކުރީގައި، މިވޭތުވެދިޔަ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރަމުން އައިއިރުގައި، އަޅުގަނޑުމެން ހުށަހެޅީމު، އަޅުގަނޑުމެންގެ ސިޔާސަތު. އަޅުގަނޑުމެންގެ މެނިފެސްޓޯ. އޭގައި، އަޅުގަނޑުމެންގެ މި ސަރުކާރު ހިނގާނެ ގޮތުގެ ފުޅާ ވިސްނުމެއް ހުށަހެޅީމު. މިއަދު އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ، އެ އުޞޫލުތަކުގެ ތެރެއިން ރައްޔިތުންގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ތަފްޞީލުތައް އެކުލަވާލައި، އެ ތަފްޞީލުތަކާ އެއްގޮތަށް މަޝްރޫޢުތައް ރާވައި، އެކަންކަން ހިންގަން. އަޅުގަނޑުމެން މިއަދު ކުރަމުން މިގެންދާ މަސައްކަތަކީ މިދެންނެވީ. އަޅުގަނޑުމެންނަށް ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށް ހިންގަން ހުރި ކަންކަމަކީ ކޮބައިތޯ ތަފްޞީލީ ގޮތެއްގައި ދެނެގަނެ، އަދި އެކަންކަން ހިންގުމުގެ ކަންކަން މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުން.
މި ހިންނަވަރަކީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން ރަށެއް. ފަސްހާސް ރައްޔިތުން އެބަ ދިރިއުޅޭ. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ހަމަތަކުގެ މަތިން، މިރަށަށް އެކަނި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް އެބަ ލިބޭ. އެހެންވީމާ، މިރަށަށް ކުރަންހުރި ކަންކަން ކިތަންމެހާވެސް ގިނަ. މިރަށުގެ އާބާދީގެ ބޮޑުކަމާއި، އަދި ދިރިއުޅުމަށް ރަށުގައި މިހާރު މިއޮތް ޖާގަވެސް ކުޑަކަމަށް ބަލާފައި. އަދި މިހާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްގައި ލިބެންހުރި އަސާސީ ޚިދްމަތްތައް މަދުކަމާއި، ރައްޔިތުންނަށް އާމްދަނީއެއް ލިބޭނެ ގޮތެއްވެސް ފަހިވެފައި ނެތްކަމާއި، މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނީ، އަޅުގަނޑު ދަންނަވާނީ، މުޅިން އެހެން ވިސްނުމެއް އަޅުގަނޑުމެންނަށް ގެންގުޅެވިގެންނޭ. ހަމަ ކުރީގައިވެސް ކަންކަން ކުރަމުން އައި އުޞޫލުން ގިނަ މަސައްކަތް ކުރިޔަސް އަޅުގަނޑުމެންނަކަށެއް ލަފައެއް ނުކުރެވޭ، މިއޮތް ޙާލަތުން އަޅުގަނޑުމެންނަށް އަރައިގަނެވިދާނެ ކަމަކަށް. މިހާރު މިހުރި ގޮތްތަކުން އެހެން ގޮތްތަކަކަށް އަޅުގަނޑުމެންނަށް ބަދަލުވެވޭނީ، އަޅުގަނޑު ދަންނަވާނީ، މިހާރު އަޅުގަނޑުމެން ވިސްނަމުންމިދާ ފްރޭމުން ނެއްޓިގެން، އެހެން ފްރޭމެއްގައި އަޅުގަނޑުމެންގެ ވިސްނުން އަތުރާލެވިގެންނޭ.

އެމް.ޑީ.ޕީ.ގެ ސިޔާސަތު ރޭވިފައި އޮތީ، މިދަންނަވާފަދަ އާ ވިސްނުމެއްގައި. އަޅުގަނޑުމެން ކަންކަން ކުރުމަށް، އިންތިޒާމުތައް މި ރާވަނީ، ކުރީގައި އެކަންކަން ކުރަމުން އައި ގޮތުގެ މައްޗަކުންނެއް ނޫން. އަޅުގަނޑުމެންނަށް ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށް ފަސޭހަ ގޮތަކީ ނުވަތަ ކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބަލާއިރުގައި، މީގެކުރީގައި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކަން ކުރަމުން އައި ގޮތަކީ، ސަރުކާރުގެ ބަޖެޓުގައި، އެކަންކަން ހިމަނައިގެން، އެ ބަޖެޓުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުން. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ގާއިމުކުރަންޖެހޭ އެކިއެކި ވަސީލަތްތައް ގާއިމުކުރުން ވެފައި މިއޮންނަނީ، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި. މި ސަރުކާރަށް ވިސްނޭ ވިސްނުމުގައި، އެގޮތަށް އެކަން ކުރީމާ، ރައްޔިތުން ބޭނުންވާ ސްޕީޑްގައި ނުވަތަ ރައްޔިތުން ބޭނުންވާ ހަލުވިމިނުގައި، ރައްޔިތުން ބޭނުންވާ ޚިދްމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދެވޭކަށެއް ނެތް. ފެނާ ނަރުދަމާއަށް އެކަނި ބެއްލެވިޔަސްވެސް، ހިންނަވަރު ސައިޒުގެ ރަށެއްގައި، އެފަދަ ނިޒާމެއް ގާއިމު ކުރުމަށް އެބަ ޚަރަދުވޭ، މަދުވެގެން ސަތޭކަ މިލިޔަނެއްހާ ރުފިޔާ.

ރާއްޖޭގެ ހުރިހާ ރަށެއްގައި، ފެނާއި ނަރުދަމާގެ ޚިދްމަތް ނުވަތަ އެބާވަތުގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންގެ ކަންކަން ކުރަން ވިސްނާނަމަކަ. އެކަންކަން ހުރިހާ ރަށެއްގައި ކުރެވޭނެ ހަމަ އެއްވެސް ގޮތެއް އޮތްކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އަޅުގަނޑުމެން އަބަދުވެސް މީގެކުރީގައި، މިސާލެއް ޖަހަމުން ގެންދިޔައިން. އެއީ އަހަރެއްގެ ތެރޭގައި ސަރުކާރަށް ފުންކޮށްދެވޭނީ ނުވަތަ ބަނދަރު ހަދައިދެވޭނީ، އަހަރަކު ބަނދަރެއް، ދެބަނދަރެއް. އެހެން އެކަން ހިންގާއިރުގައި، އަޅުގަނޑުމެން ހިތަށްއަރައޭ، ދުއިސައްތަ އަހަރު ފަހުން ކޮން ރަށެއްގެ ބަނދަރެއްބާވައޭ ހިއްކާނީ.
މިއަދު ހަމަ އެ އުޞޫލުން ނަރުދަމާގެ ކަންތައް އަޅުގަނޑުމެން ވިސްނައިފިނަމަ، ފެނުގެ ކަންތައް އަޅުގަނޑުމެން ވިސްނައިފިނަމަ، ގެދޮރުގެ ކަންތައް އަޅުގަނޑުމެން ވިސްނައިފިނަމަ، އަޅުގަނޑުމެން ހަމަ ހިތާހިތުން އަހަން ޖެހޭނީ، ދުއިސައްތަ އަހަރުފަހުން ކޮން ރަށެއްގެ ނަރުދަމާއެއް ހެދުމަށް ބާވައޭ ސަރުކާރުން ވިސްނާފައިވަނީ. އަޅުގަނޑުމެންނަށް ވިސްނުނީ، އަޅުގަނޑުމެންނަށް މިކަން ކުރުމަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ، މިއީ ނޫން ކަމަށް. އެކަން ވަރަށް ސާފު. އެހެން ގޮތްތަކެއް އެބަ ހޯދަންޖެހޭ.

އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ނުވަތަ ޕީ.އެސް.އައި.ޕީ ޕްރޮގްރާމްގެ ނަމުގައި ބަޖެޓުގައި ވަރަށް ގިނަގުނަ މަޝްރޫޢުތަކެއް ހިމަނައިގެން، އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރި. އެކުރި މަސައްކަތުގައި، ޢާންމުކޮށް އަޅުގަނޑުމެންގެ ބަޖެޓު ހުރި މިންވަރަށްވުރެ ދެގުނައަށް ބަޖެޓު ބޮޑުވެގެންދިޔަ.
އެނގިވަޑައިގަންނަވާނެ، 2003 ވަނަ އަހަރު، 2004 ވަނަ އަހަރު، 2005 ވަނަ އަހަރު، 2006 ވަނަ އަހަރުގެ ބަޖެޓު، ވަރަށްބޮޑުތަން ބޮޑުވެގެންދިޔަ. އެދިޔަ ދިޔުމުގައި، އަޅުގަނޑުމެންގެ އިޤްތިޞާދަށް ކިތަންމެ ލޮޅުމެއް އެރި. ޚާއްޞަކޮށް، ތަކެތީގެ އަގުބޮޑުވުމާއި، އިޤްތިޞާދުގެ ތެރޭގައި ފައިސާ ގިނަވެގެން ދިޔައީމާ، ފައިސާގެ އަގު ވެއްޓުމާއި، އަދި އޭގެ ސަބަބުން އަނެއްކާވެސް ތަކެތީގެ އަގު ބޮޑުވެގެން ދިޔުން. މިކަންކަން މިހެން ވެގެން ދިޔައީ، ބަޖެޓުގައި މި މަޝްރޫޢުތައް ހިމަނައިގެން، މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ސަރުކާރުން މަސައްކަތް ކުރެއްވީތީވެ.

މިހާރު އަޅުގަނޑުމެން ކުރަން ރާވާފައި ހުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ރައްޔިތުން ބައްލަވަންވީ އެއްޗަކީ ހަމައެކަނި ބަޖެޓެއް ނޫން. މިވަގުތު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިއެވާ ބަޖެޓަކީ، މި ސަރުކާރުން ޙަޤީޤަތުގައި ހުށަހަޅަން ބޭނުންވާ ބަޖެޓެއް ނޫން. އެ ބަޖެޓު ހުށަހަޅާފައި އެވަނީ، އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިތާ 11 ދުވަހުގެ ތެރޭގައި. އެފަދަ ކުރު މުއްދަތެއްގެ ތެރޭގައި، އަޅުގަނޑުމެން މި އެދޭ ބާވަތުގެ ބަޖެޓެއް ނުވަތަ އެދޭ އަނެއް ވިސްނުން، ފުރިހަމަ ގޮތުގައި ހުށަހަޅަން އަޅުގަނޑުމެންނަށް ދަތިވި.

އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ސަރުކާރުން ނިންމީ، ބަޖެޓް އަލުން މުޠާލިޢާކޮށް، ތިންމަސް ދުވަހުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ބަޖެޓެއް ހުށަހެޅުމަށް. އެ ބަޖެޓު ހުށަހެޅޭއިރުގައި، އެ ބަޖެޓުގައި އަދި އަމުދުން މިދަންނަވާ ބާވަތުގެ މަޝްރޫޢުތަކެއް ހިމެނިފައެއް ނުވާނެ. އެ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވެގެން މިއުޅެނީ، މުޅިން އެހެން އުޞޫލެއްގައި. އެއީ، އެނގިވަޑައިގަންނަވާނެ، ސަރުކާރުން މިހާރުވާނީ ހުވަދުއަތޮޅުގެ ސަރަޙައްދުގައި ޔުޓިލިޓީޒް ކުންފުންޏެއްގެ ނަމުގައި ކުންފުންޏެއް އުފައްދާފައި. ހަމަ އެގޮތަށް، ނ. ރ. ބ. ޅ. މި ސަރަޙައްދު، މި ޕްރޮވިންސަށް ހިމެނޭގޮތަށް، ނިސްބަތްވާ ގޮތަށް ޔުޓިލިޓީޒް ކުންފުންޏެއް ސަރުކާރުން އުފައްދާނެ. އެ ކުންފުނީގެ މަސައްކަތަކަށް ވެގެންދާނީ، މިދަންނަވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ރާއްޖޭގެ ރަށްރަށުގައި ކުރުން. އެ ކުންފުނިން ނ. ރ. ބ. ޅ. ގެ ސަރަޙައްދުގައި އަޅުގަނޑުމެން މި އުންމީދު ކުރަނީ، ފުރަތަމައިނުން ފަށާއިރުގައިވެސް މަދުވެގެން 16 ވަރަކަށް ރަށުގައި އެއްފަހަރާ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް. އެއީ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް. އެހެން ނަމަވެސް، އެ ކުންފުނިން އެމަސައްކަތް ކުރިއަށް ގެންދާނީ، އެކުންފުންޏާ ބައިވެރިވާނެ ޙިއްޞާދާރެއް އެކުންފުނިން ހޯދައިގެން، އެއީ، ބޭރުގެ ޙިއްޞާދާރެއްކަމަށްވިޔަސް އެ ޙިއްޞާދާރެއްގެވެސް އެހީގައި. އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެ ކުންފުނީގައި ޙިއްޞާވީ ކަމުގައިވިޔަސްވެސް، އެ ކުންފުނިން އެމަސައްކަތް ގެންދާނީ، މިދަންނަވާހެން އެކުންފުނީގެ މަސައްކަތެއްގެ ގޮތުގައި.

އަޅުގަނޑަށް ލަފާކުރެވެނީ، މީގައި އަޅުގަނޑު މިސާލެއް ބޭނުންކޮށްގެން ވާހަކަ ދެއްކިއްޔާހެން ބޮޑަށް ސާފުވެވަޑައިގަންނަވާނީ. މިސާލަކަށް، މިތަނުގައި ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމަށް، މިދަންނަވާހެން އެމަސައްކަތް ސަރުކާރުން ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި އެއްފަހަރާ ކުރަން ބޭނުންވެއްޖެނަމަ، ސަރުކާރުން މިޖެހެނީ، ސަތޭކަ މިލިޔަން ރުފިޔާ މިރަށަށް ޚަރަދުކުރަން. އެހެންނަމަވެސް، ފެނާއި ނަރުދަމާގެ ހޮޅިތަކެއް ރަށުގައި އެޅީމާ، އެ ހޮޅިއަކީ ހަމަގައިމުވެސް އެއްއަހަރު ދުވަހުން ނެތިދާނެ ހޮޅިއެއް ނޫން. އަދި އެ ނިޒާމަކީ، ވިހި ތިރީސް އަހަރަށް ދެމިއޮންނާނެ ނިޒާމެއް.

މީގެކުރީގައި ސަރުކާރުން ބަޖެޓު އެކުލަވާލަމުން ގެންދިޔަ ގޮތަށް އަޅުގަނޑުމެން މިހާރު ބަޖެޓް އެކުލަވާލީމާ، ވެގެންމިދާ ގޮތަކީ، އެ ތިރީސް އަހަރު ދުވަހުގެ ޚަރަދު، އެއް އަހަރު ދުވަހުގެ ބަޖެޓުގައި ހިމެނުނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން މި ހުށަހަޅާ ގޮތަކީ، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމުގެ ކަންކަން، ކުންފުންނަކުން މި ރަށްރަށުގައި ގާއިމު ކުރާށޭ! ގާއިމުކޮށްފައި، އެކުންފުނިން ވިޔަފާރީގެ އުޞޫލުން ރައްޔިތުންނަށް ފެން ދެވޭނެ އަގެއް ކިޔުއްވާށޭ! ނަރުދަމާގެ ޚިދްމަތް ދެވޭނީ ކޮން އަގެއްގައިތޯ. އެ އަގަކީ ރައްޔިތުންނަށް ދެއްކޭ އަގަކަށް ނުވާނެ. އަޅުގަނޑުމެން ސަރުކާރުން ކޮށްދޭނެ ކަމަކީ، ރައްޔިތުންނަށް ނުދެއްކޭ ބައި ކޮންމެ މަހަކުވެސް ސަރުކާރުން ދައްކައިދިނުން. އޭރުން ސަރުކާރަކަށް ނުޖެހޭ، މުޅި ތިރީސް އަހަރުގެ ޚަރަދު، އެއްއަހަރުން ކުރާކަށް. ސަރުކާރުން އޭރުން މިޖެހެނީ، ކޮންމެ އަހަރަކުވެސް، އެ އަހަރެއްގައި ޚަރަދު ކުރަން، ނުވަތަ އެ އަހަރަކަށް ރައްޔިތުން ކުރާނެ ޚަރަދުގެ ބައެއް، ސަރުކާރުން ރައްޔިތުންނަށް ދޭން. އެ މަސައްކަތްކުރާ މީހުންވެސް އެމަސައްކަތް އެ ކުރަނީ، އެއްފަހަރާ އެމީހުން އެ ފައިސާ ހޯދާ ގޮތަކަށެއް ނޫން. ތިރީސް ސާޅީސް އަހަރުގެ ދިގު މުއްދަތުގައި، އެ ފައިސާ އަނބުރާ ހޯދާ އުޞޫލުން. އެހެންވީމާ، ސަރުކާރަށްވެސް ކޮންމެ މަހަކު ދޭންވާ ފައިސާ ދެމުން ގެންދެވޭނެ. ސަރުކާރަށް މިހާރު މިލިބޭ އާމްދަނީއަށް ބަލާއިރުގައިވެސް، ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން، އެކަން ސަރުކާރަށް ކުރިއަށް ގެންދެވޭނެ.

މިސާލަކަށް، އަޅުގަނޑުމެން ރާއްޖޭގައި ދިހަހާސް ގެ އެއްފަހަރާ އެޅުމަށް އެބަދޭ، ފައްސަތޭކަ މިލިޔަން ޑޮލަރު. ފަސް ބިލިޔަނަށްވުރެ ގިނަ ރުފިޔާ. މިފައިސާ އެއްފަހަރާ ސަރުކާރުން ދައްކަން ޖެހިއްޖެނަމަ، ސަރުކާރަކަށް މިމަސައްކަތެއް ނުކުރެވޭނެ. އެހެން ނަމަވެސް، ކުންފުންޏެއްގައި އަޅުގަނޑުމެން މި އެދުނީ، ދިހަހާސް ގެ އަޅާފައި، ދިގު މުއްދަތުގައި ފައިސާ ދައްކާ އުޞޫލުން ރައްޔިތުންނަށް، އެ ދިހަހާސް ގެ ފޯރުކޮށްދިނުމަށް. އެ ފައިސާ ދައްކަން މިޖެހެނީ ރައްޔިތުން. ރައްޔިތުންނަށް ނުދެއްކޭ ބައި، ސަރުކާރުން ރައްޔިތުންނަށް ދައްކައިދޭނަން. މި އުޞޫލުން އަޅުގަނޑުމެން މިކަން ކޮށްފިނަމަ، ދިހަހާސް ގެޔަށްވާ ފައިސާއަށް، ސަރުކާރުން އަހަރަކަށް މިދަނީ ދުއިސައްތަ މިލިޔަނެއްހާ ރުފިޔާ. މުޅި ހުރިހާ ފައިސާ އެއްފަހަރަކާ ސަރުކާރުން ދައްކާކަށް ނުޖެހޭނެ. އެހެންވީމާ، ތިޔައިން ބޭފުޅަކު ގެއެއް ބޭނުންފުޅުވާނަމަ، މިދަންނަވާހެން، އެ ކުންފުނި މެދުވެރިކޮށް، އެ ގެއެއް ހޯއްދެވިދާނެ. އޭރުން އެ ކުންފުންޏަށް ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާއިން ތިޔަބޭފުޅުންނަށް ނުދެއްކެވޭ ބައި ސަރުކާރުން ދައްކައިދޭނެ.
އެހެންވީމާ، އެ އުޞޫލުން މިކަން ކުރަން އަޅުގަނޑުމެން ވިސްނީމާ، އެ މަސައްކަތް ބަޖެޓުގެ ތެރެއިން، ސަރުކާރަށް ކުރިއަށް ގެންދެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި ހުށަހަޅާ އުޞޫލުން މިކަން ކުރިއަށް ގެންދެވޭނެޔޭ. އަދި މިދަންނަވާހެން ގެންގޮސް، އޭގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، މިއަހަރުގެ މެދެއްހާ ތަނުގައި އަޅުގަނޑުމެންނަށް ފެށޭނެއޭ. އެހެންވީމާ، އަޅުގަނޑެއް ޖެހިލުމެއްނުވޭ، މިއަހަރު ދުވަހުގެ ތެރޭގައި 150 ގެ އަޅުގަނޑުމެން އަޅައިދޭނަމޭ، ދަންނަވާކަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ކޮށްދެވޭނެ. އެކަން ތިޔަބޭފުޅުންނަށް ކޮށްދިނުމަށް އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ.

ހަމަ މިނޭވާގައި، އަޅުގަނޑަށް ދެންނެވެން އެބައޮތް. ހިންނަވަރުގެ ނަރުދަމާއާއި ފެނާއި އަދި ގޭސް ހޮޅި، މިރަށުގައި ވަޅުލުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެކަން އަޅުގަނޑުމެން އެގޮތަށް ކުރަމުން މިދަނީ. އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގައި ނުވަތަ އަޅުގަނޑުމެން މި އުންމީދުކުރާ މިންވަރަށް އެއްފަހަރާ އެހުރިހާ މަސައްކަތެއް ނުފެށޭނެ ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންފާނެ. އެހެން އެ ދެކެވަޑައިގަންނަވަނީ، އަޅުގަނޑުމެން މިކަން ކުރަން މިގެންގުޅޭ ވިސްނުން އެބޭފުޅުންނަށް މުޅިން ފިލާވަޑައިގެންފައިނުވާތީ. އަޅުގަނޑުމެންނެއް ނޫޅެން، 16 ނުވަތަ ރާއްޖޭގެ 50 ރަށުގެ ނަރުދަމާއަށްވާ ފައިސާ، އެއްފަހަރުން އެއްވެސް ބަޔަކަށްދޭކަށް. އަދި ނަރުދަމާއެއް އެޅުމަކަށް ފައިސާ ޚަރަދުކުރާކަށް، ސަރުކާރަކުން ނޫޅޭ. ސަރުކާރުން ފައިސާ ޚަރަދު ކުރަން ބޭނުންވަނީ، ރައްޔިތު މީހާއަށް. ނަރުދަމާ ކުންފުންޏަކަށެއް، ކަރަންޓް ކުންފުންޏަކަށެއް، އިންޖީނުގެއަކަށެއް ނޫން. ސަރުކާރުންދޭ އެއްޗެއް ދިނުމަށް މި ބޭނުންވަނީ، ސީދާ އެ އެއްޗެއް ނުލިބިގެން، އެ އެއްޗެއް ނުހޯދިގެން އުޅޭ ރައްޔިތު މީހާއަށް.

މިސާލަކަށް، ސަރުކާރުން ކޮންމެ ދުވަހަކުވެސް ވަރަށްގިނަ ޢަދަދެއްގެ ފައިސާ ސްޓެލްކޯއަށް އެބަ ޚަރަދުކުރޭ. އެއީ، ކަރަންޓުގެ ޚިދްމަތް ދިނުމަށްޓަކައި. އަޅުގަނޑުމެންގެ ވާހަކައަކީ، އަޅުގަނޑުމެންގެ ވިސްނުމަކީ، ކަރަންޓުދޭ ކުންފުނިތަކުން ކަރަންޓު ދެއްވާށޭ، ކަރަންޓު ދެއްވެން އޮތް އަގެއްގައި. ވިޔަފާރީގެ އުޞޫލުން ބައްލަވާފައި، އެކަން ކުރެވެން އޮތް އަގެއްގައި، އެކަން ކުރައްވާށޭ. އެހެން ކުރައްވާއިރުގައި، އެ ބިލު ނުދެއްކެވިގެން، ނުވަތަ އެ އަގުގައި ކަރަންޓު ބައްލަވައިނުގަނެވޭ ބޭފުޅުންނަށް، ބާކީ އޮތް ބައި ސަރުކާރުން ދެއްވާނެ. އޭރުން ސީދާ މީހާއަށް އަޅުގަނޑުމެންނަށް އެބަ އެހީތެރިވެވޭ. ހަމައެއާއެކީގައި، އެ ވިޔަފާރިތައްވެސް އޭގެ ގޮތުގައި ހިނގަމުން، ހަމަ ފައިމައްޗަށް ތެދުވެގެން ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުމެންގެ ވިސްނުމަކީ މިދެންނެވީ. އެމަގުން އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ، އެ މަގުގައި އަޅުގަނޑުމެން ކުރިއަށް ދިޔައީމާ، އަޅުގަނޑުމެންނަށް މިކަން ކާމިޔާބުވާނެ. ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ހިންނަވަރުގެ މަގުތައްވެސް ހެދުމޭ. ހިންނަވަރުގެ ބިންވެސް ބޮޑުކުރުމޭ. ހިންނަވަރުގައި ގެދޮރުވެސް ޢިމާރާތް ކުރުމޭ. ނަރުދަމާއާއި ފެނާއި ކަރަންޓާއި އަދި ގޭހުގެ ޚިދްމަތްވެސް ހިންނަވަރުގައި ދިނުމޭ. ހިންނަވަރުގެ ބަނދަރުވެސް މިހާރަށްވުރެ ބޮޑުކޮށް، އަދި ހިންނަވަރުގެ މަލަމައްޗެއްވެސް ރީތިގޮތެއްގައި އުފެއްދުން. އެކަންކަން ކުރުމަށް އަޅުގަނޑުމެން ނުކުމެ މިތިބީ. އަޅުގަނޑުމެން މި ވެރިކަމާ ޙަވާލުވެ މިތިބީ، މި މަސައްކަތްތައް ތިޔަބޭފުޅުންނަށް ކޮށްދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މި މަސައްކަތް ކޮށްދޭނަން.
އިންސާނީ ތަޖުރިބާ ދައްކާފައި އޮތް އެއް ޙަޤީޤަތަކީ، ރައްޔިތުންނާ ގާތުން އެމީހުންގެ ކަންކަން ނިންމުނީމާ. ރައްޔިތުންނަށް ކަންކަން ފުރިހަމަވެގެންދާލެއް ފަސޭހަކަންބޮޑޭ. ސަރުކާރަކީ، ރައްޔިތުންނާ ދުރުގައި އޮންނަ އެއްޗަކަށް ވެގެނެއް ނުވާނެ. ސަރުކާރުން ކުރާ ކަމަކީ، ރައްޔިތުންނާ ދުރުގައި އޮވެގެން ކުރާ ކަމަކަށް ވެގެނެއް ނުވާނެ. މާލޭގައި ތިބޭ ބަޔަކު، އެއިރެއްގައި ބޭނުންވާ ގޮތަކަށް، މި ރަށްރަށާ ގުޅޭގޮތުން ކަންކަން ނިންމަމުން ގެންދިޔައިމާ، އޭރުން މިރައްޔިތުންނަށް، ހިންނަވަރު ރައްޔިތުންނަށް އަދި އެންމެ ފުރިހަމަ އެހީތެރިކަން ނުވަތަ އެންމެ ފުރިހަމަ ފައިދާ އެއިން ލިބިގެނެއް ނުދެޔޭ.

އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ރާއްޖެ 7 ސަރަޙައްދަކަށް ބަހާލަން. ބަހާލާފައި، އެއިން ކޮންމެ ސަރަޙައްދެއްގައިވެސް، މާލޭގައި މިހާރު ސަރުކާރުން އެ ދޭ އެންމެހާ ޚިދްމަތްތައް ފޯރުކޮށްދިނުން. އެ ބޭނުމަށްޓަކައި އަޅުގަނޑުމެން، މި ސަރަޙައްދީ އޮފީސްތައް ހުޅުވަމުން މިއަންނަނީ. މިވަގުތު މި ސަރަޙައްދީ އޮފީސްތަކުގައި ކުރަމުން އެ ގެންދާ މައިގަނޑު މަސައްކަތަކީ، ކުރީގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން މާލޭގައި ކުރައްވަމުން ގެންދެވި މަސައްކަތް. އަޅުގަނޑުމެން މި އަމާޒު ކުރަނީ މާލޭގައި އެމަސައްކަތް ކުރުން ހުއްޓާލުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، މާލޭގައި އެހުންނަ އެޓޮލްސް އެޑްމިނިސްޓްރޭޝަން އޮފީސް ނުވަތަ ފާށަނާ ބިލްޑިންގގައި އެ ހިންގާ އޮފީސް ހުއްޓާލުން. އަދި އެ އޮފީސް ތަޅާވެސްލުން.

އިރާދަކުރެއްވިއްޔާ، އަތޮޅުތަކަށް، މި ރަށްރަށަށް، އަޅުގަނޑުމެންނަށް ބާރުދެވޭނެ. އެ ބާރު ދިނުމަށްޓަކައި، މިދަންނަވާ އިދާރީ ބަދަލު، އަޅުގަނޑުމެންގެ ހިންގުމަށް ގެންނަން ޖެހޭނެ. ބަދަލުވީ، ހަމައެކަނި ސަރުކާރުގައި ތިބި މީހުންނެއް ނޫން. ސަރުކާރުގައި އެންމެ ބޮޑަށް ބަދަލުވެގެން މިއުޅެނީ، ސަރުކާރު ހިންގާ ގޮތް. ބައެއް ފަހަރަށް، ބައެއް ފަރާތްތަކުގެ ޝަކުވާވެސް އަޅުގަނޑަށް ވަރަށް ބޮޑަށް އިވޭ. މިއިން ރަށެއްގައި ސަރުކާރު ބަދަލެއްނުވެއޭ. ސަރުކާރު ހިންގެވުމަށް ތިއްބެވި ބޭފުޅުން، ހަމަ ކުރީގައިވެސް އެ ތިއްބެވި ގޮތަށް އެބަ ތިއްބެވިއޭ. ކޮންކަމެއް ހެއްޔޭ ބަދަލުވީ. އެ ބަދަލުވި ކަންތައް، ތިޔަބޭފުޅުންގެ ކުރިމައްޗަށް އަޅުގަނޑުމެންނަށް ހުށަހެޅެން މި އަންނަނީ، މި ޢަމަލީ މަސައްކަތް ކުރަން ފެށޭ ހިނދެއްގައި.

ސަރުކާރު ހިންގާ އުޞޫލު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އަޅުގަނޑުމެންނަށް މިގެނެވޭ ބަދަލަކީ، އިޤްތިޞާދީ ބަދަލެއް. ގެނެވޭ ބަދަލަކީ އިދާރީ ހިންގުމުގެ ބަދަލެއް. އަޅުގަނޑުމެންނެއް އެހާ ބޮޑަކަށް ދެކިގެނެއް ނޫން މިތިބީކީއެއް، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވާ ދުވަހު ނޫން އަނެއް ދުވަހު، އޭގެކުރީގައި ސަރުކާރު ހިންގުމަށް ނުވަތަ ރަށްރަށުގައި ތިއްބެވި ހުރިހާ ބޭފުޅުން ގެންގޮސް ހިފާ ހައްޔަރު ކުރުމަށް. ނުވަތަ އެބޭފުޅުންނަށް ގޯނާކުރުން، ދެރަގޮތް ހެދުން، އަނިޔާ ކުރުން. އެބޭފުޅުންނަށް ބަދު ބަސް ބުނުން. އެއީކީއެއް ނޫން، އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވެގެން ތިބި ސަބަބަކީ. ނަފްރަތުގެ ނުވަތަ ބަދަލު ހިފުމުގެ ރޫޙެއްގައެއް ނޫން.

އަޅުގަނޑުމެންގެ ބޭނުމަކީ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް މިއަދަށްވުރެ ރަނގަޅު ގޮތެއް މެދުވެރި ކުރެވޭނެ މަގުތަކެއް ހޯދުން. އަޅުގަނޑުމެންގެ ނަޒަރުގައި، އެކަން ކުރުމަށް ރައްޔިތުންގެ ތެރެއިން ނުވަތަ ވެރިންގެ ތެރެއިން، ކުރީގައި ތިއްބެވި ވެރިންނަށްވެސް ކޮންމެހެނެއް އަނިޔާއެއްދީ، އަދި ޙަސަދަވެރިކަމެއްލައި އުޅޭކަށް އަޅުގަނޑުމެންނެއް ނުޖެހޭނެ. އެހެންނަމަވެސް، ދެންމެ ކައުންސިލަރުވެސް ފާހަގަކުރައްވައިފި، މި ސަރުކާރަކީ ވަރަށް ސިޔާސީ ސަރުކާރެއް. އެއީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން ވެރިކަމާ ޙަވާލުވެ އޮތް ސަރުކާރެއް. އަޅުގަނޑަކީ ވަރަށް ސިޔާސީ މީހެއް. އަޅުގަނޑަށް، އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން ބަޔަކު، އެހެން ޕާޓީއަކުންވިޔަސް، އަޅުގަނޑުމެންނާ އެކީގައި މިކަމުގައި އެހެން މަގެއްގައި ބައިވެރިވާން އަދި ނުވަތަ ކުރިމަތިލައްވަން އުޅުއްވަންޏާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މާބޮޑުތަނުން އަނެއްކާވެސް މޮޅުވާނަމޭ. ހަމަ މާބޮޑުތަނުން އަނެއްކާވެސް އަޅުގަނޑުމެން މޮޅުވާނަމޭ.

އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ އިތުބާރާ އެކީގައި، ރައްޔިތުންގެ އެދުމާ އެކީގައި ވެރިކަމާ ޙަވާލުވެ. އަޅުގަނޑުމެން މި ވެރިކަން ހިންގަމުންދާއިރުގައި، ރާއްޖޭގެ ޤާނޫނުތަކާއި، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ރާއްޖޭގައި ޢާންމުކޮށް މިކަން ކުރަމުން އަންނަ ގޮތްތަކަކާ އަޅުގަނޑުމެންނެއް ޚިލާފެއް ނުވާނަން. ޚިލާފުވިއްޔާ ޚިލާފުވާ މިންވަރަކީ، ކުރިއަށްވުރެ ރަނގަޅަށް އަޅުގަނޑުމެން މިކަންކަން ކުރެވޭތޯ ބެލުން. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެފައި ހުންނަ ފަހަރުފަހަރު ކުރީގައި ހުންނަ ވެރިމީހާ މަރާލަފާނެ. ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވާލަފާނެ. ރަށެއްގައި ހުރި ކަތީބެއް، މުދިމެއް، އަތޮޅުވެރިއެއް އަތޮޅެއްގައި ހުރިނަމަ ގެންގޮސް ހިމަރޯނުން ބަނދެ، ހިފާ ހައްޔަރު ކުރާނެ. އަދި އެތައް ދަޢުވާއެއް، އެތައް ކަމެއް އެމީހަކަށް ކޮށް، މުޅި ޢާއިލާއާ އެކީގައި ނެތިދާވަރު މިއޮތީ ކޮށްފައި.

އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ތެރެއިން ހަރު ބޭފުޅުންނަށް މިކަން އެނގިވަޑައިގަންނަވާނެ. މިދިޔަ ސަރުކާރު ހިންގުމާ ޙަވާލުވުމާ ގުޅިގެން، ކުރީގައި އިބްރާހީމް ނާޞިރުގެ ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް ކަންވެދިޔަގޮތް. އަޅުގަނޑުމެންނެއް ނުދެކެން، އެއީކީ ރިވެތި މިސާލެއް ކަމަކަށް. އަދި ކަންކަން ކުރިއަށް ގެންދަންވީ ގޮތްކަމަކަށް. އެބޭފުޅުންނާމެދު އެ ނަޒަރުން ދެކި، ކުރީގެ ސަރުކާރުގެ ބޭފުޅުންނަކާ އެގޮތަކަށެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް މުޢާމަލާތެއް ނުކުރާނަން.

އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ، މިހާރު މިއޮތް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މަސްރަޙުގެ ތެރެއިން، ސިޔާސީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ވަރަށްގިނަ ކަންތައް ކުރާނަމޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޕްރޮގްރާމަކަށް، ނުވަތަ އަޅުގަނޑުމެން ސަރުކާރު ހިންގުމަށް މި ގެންދާ އުޞޫލުތައް އެއްކައިރި ކުރުމަށް ނުވަތަ ހުރަސްއެޅުމަށް، ސިޔާސީ ޕާޓީއަކުންވިޔަސްވެސް އަދި އަމިއްލަ ބަޔަކު ކަމުގައިވިޔަސްވެ، އެބާވަތުގެ ކަމެއް ހިންގަވަން އުޅުއްވަންޏާ، އަޅުގަނޑުމެން ދެކޭނީ، އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އަޣްލަބިއްޔަތާ ޚިލާފު ކަމެއްކަމަށް. އަޅުގަނޑުމެން ރައްޔިތުންގެ އަޣްލަބިއްޔަތެއް ހޯދާފައި މިވަނީ، ކަނޑައެޅިގެން ވަކި ކަމެއް ކުރުމަށް ކަމަށް ބުނެ. އަޅުގަނޑުމެން ވަޢުދުތަކެއްވީމު. އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވީ، އެ ވަޢުދުތައް ފުއްދުމަށްޓަކައި. އެ ވަޢުދުތައް ފުއްދުމަށް އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތު އަޅުގަނޑުމެން ހުށަހެޅީމު. އަޅުގަނޑުމެން ކުރަމުން ގެންދާ ކަންކަން ކުރަމުން ގެންދާނީ މިދަންނަވާ ސިޔާސަތުގެ ތެރެއިން. އެހެންވީމާ، އެ ސިޔާސަތަށް ހުރަސް އެޅުމަކީ، ރައްޔިތުންގެ އަޣްލަބިއްޔަތަށް ހުރަސް އެޅުން. އެކަމަކަށް އަޅުގަނޑެއް ފުރުޞަތެއް ނުދޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ކަނޑައަޅާފައި އޮތް މަގުން ޞުލްޙަވެރިކަމާއެކީގައި ރިވެތި ގޮތުގައި އަޅުގަނޑުމެން މި ވެރިކަންކޮށް، މި ފަސް އަހަރު ހަމަކުރާނަން. ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ތަރައްޤީ ފޯރުކޮށްދެވޭނެ ހުރިހާ މަގެއް އަޅުގަނޑުމެން ހޯދައިދޭނަން.

މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވުމަށްފަހު، މިއީ ހިންނަވަރަށް އާދެވުނު ފުރަތަމަފަހަރު. އަޅުގަނޑަށްވެސް އެނގޭ، އާދެވުނުލެއް ވަރަށްބޮޑުތަން ލަސްވެއްޖެކަން. އަޅުގަނޑާ ސަލާން ކުރައްވާ ބައެއް ބޭފުޅުން، އެހެން އެބަ ވިދާޅުވެސްވޭ. އެންމެފަހުން އައިސް އާދެވިއްޖެތާއޭ. އަޅުގަނޑު މިރަށަށް އައުން ލަސްކޮށްފައި މިއޮތީ، މިރަށަށް އައިސް ތިޔަބޭފުޅުންގެ އަރިހަށް ހުށަހެޅޭނެ ހުށަހެޅުމެއްވެސް، އަޅުގަނޑުމެންނަށް ފެންނަންދެން. އަޅުގަނޑަށް މިއަދު ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް މިވާހަކަތައް. އިރާދަކުރެއްވިއްޔާ، މިރަށުގައި 150 ގެ އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި އަޅުގަނޑުމެން ފަށާނަމޭ. ފެނާއި ނަރުދަމާއާއި ކަރަންޓާއި އަދި ގޭހުގެ ޚިދްމަތް ދިނުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެށޭނެއޭ. އަދި ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަމަޖެހުމުގެ ތެރޭގައި، ބަނދަރުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެށޭނެއޭ. މިދެންނެވި ހުރިހާ ފެށުންތައް ފެށޭނެ ވާހަކަ، ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވުން އެއީ، އެކަމަށް އަޅުގަނޑުމެން ބޭނުންވާ ބައެއް ތަރުތީބުތަކާއި ތައްޔާރީތައްވީމާ، މިރަށަށް އައުމަށް އަޅުގަނޑު ކުޑަކޮށް ލަސްކޮށްލީ. ދެން އެކަމަށްޓަކައި މާފު ކުރައްވާތި.

އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި ވަރަށް ގިނަގުނަ ސިޔާސީ މައްސަލަތައް. އަޅުގަނޑުމެން މިހާރު ޢަމަލު ކުރަމުން މިދަނީ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީއަށް. މި ޤާނޫނުއަސާސީއަކީ މީގެކުރީގައި އަޅުގަނޑުމެންގެ ރައްޔިތުން އަދި ދިވެހި ސަރުކާރުވެސް ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަދަ ހަމަތަކެއްގައި ހިންގަންޖެހޭ ޤާނޫނުއަސާސީއެއް. މިޤާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ވަރަށްގިނަ. އެ ޙައްޤުތައް ރައްޔިތުންނަށް ރައްކާތެރިކޮށްދިނުމުގެ މަސްއޫލިއްޔަތު، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުގައި އެބަވޭ. އަޅުގަނޑަށް މަޖުބޫރު، މިޤާނޫނުއަސާސީ ރައްކާތެރިކޮށްދިނުން. އަޅުގަނޑަށް މަޖުބޫރު، ތިޔަބޭފުޅުންގެ ޙައްޤުތައް، ތިޔަބޭފުޅުންނަށް ރައްކާތެރިކޮށްދިނުން. އެ ޙައްޤުތައް ލިބިދޭ ވަސީލަތަކީ ޤާނޫނުއަސާސީ.

އެހެންވީމާ، ޤާނޫނުއަސާސީގައި، އެ ޙައްޤުތަކުގެ ވާހަކަ ލިޔުނީ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ވަރަށްގިނަ ދުވަސް ވަންދެން ކޮށްގެންކަން. އަޅުގަނޑުގެ ކުރިމަތީގައި، ޚާއްޞަ މަޖިލީހުގެ މެންބަރުން، ޚާއްޞަކޮށް ދެބޭފުޅުން އަޅުގަނޑަށް އެބަފެނޭ، ޢަލީ ފާއިޒާއި ޙުސައިން އިބްރާހީމް. އިބްރާހީމް މުޙަންމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި. މި ޤާނޫނުއަސާސީ މި ސިފައަށް އެކުލަވާލެއްވުމަށްޓަކައި އެބޭފުޅުން ކުރެއްވި މަސައްކަތް، އަޅުގަނޑަށް ޔަޤީން، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ސާފުކޮށް ފިލާވަޑައިގެންފައިވާނެ. އެހެންވީމާ، އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، މި ޤާނޫނުއަސާސީ ނާކާމިޔާބުވެދާކަށް. އަދި މި ޤާނޫނުއަސާސީ ހިންގުމުގެ ތެރޭގައި އޮޅުންގަނޑެއްގެ ތެރެއަށްދާކަށްވެސް ބޭނުމެއްނޫން.

މިވަގުތު އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތީ އެބާވަތުގެ މައްސަލައެއް. ޤާނޫނުއަސާސީގައި މިވާ ހަމަތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް، 15 ފެބްރުއަރީގައި ނުބޭއްވިއްޖެނަމަ، ނުވަތަ 1 މާޗުގައި އާ މަޖިލީހަކަށް ނީށީނދެވިއްޖެނަމަ، ދެން ނުކުމެދާނޭ ޤާނޫނީ ހުސްކަމެއްގެ ވާހަކަ، އަޅުގަނޑު ހިތުން ތިޔަބޭފުޅުން މިހާރުވާނީ އައްސަވާފައި. އެ ވިދާޅުވާ ހުސްކަމަކީ، ރައްޔިތުންގެ މަޖިލީހެއް ނެތިގެން، އެ އޮންނާނެ ހުސްކަމުގެ ވާހަކަ. އިންތިޤާލީ ބާބު އެ ބުނާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މުއްދަތު 1 މާޗްގައި ހަމަވެ، އެ މަޖިލީހުގެ ޞައްޙަކަން ގެއްލިދާ ކަމަށްވަނީވިއްޔާ، އެ ދުވަސް އަންނަންވާއިރަށް، އެހެން މަޖިލީހެއް އިންތިޚާބުވާންޖެހޭ. އެހެން މަޖިލީހެއް އިންތިޚާބުވުމަށްޓަކައި އެކަން ކުރާނޭ ޤާނޫނީ ހަމައެއް އެބަ ބޭނުންވޭ. ޤާނޫނެއް އެބަ ބޭނުންވޭ. ރައްޔިތުންގެ މަޖިލީހުން މެންބަރުން އެ ޤާނޫނު އަދި ނުހައްދަވާ. އެބޭފުޅުން، އެ ޤާނޫނު ނުހައްދަވައި، ޗުއްޓީއަށް ވަޑައިގަތީ. ވަޑައިގަތީމާ ދިމާވެގެން އުޅޭ މައްސަލައެއް އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، މިދަންނަވާހެން އަޅުގަނޑުމެންނަކީވެސް، ހަމަ ޤާނޫނީ ދައުލަތެއް ހިންގުމަށް ނިޔަތްގަނެ، އަތުކުރިއޮޅައިގެން ތިބި ބަޔެކޭ. އަދި މިޤާނޫނުއަސާސީ ޙިމާޔަތް ކުރުމަށް މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން އަޅުގަނޑު މިހުރީ. އެހެންވީމާ، މިޤާނޫނުއަސާސީއަށް ގެއްލުމެއްވެދާއިރުގައި، މި ރައީސުލްޖުމްހޫރިއްޔާއެއް އަތް އުރާލައިގެންނެއް ނުހުންނާނެ. އަޅުގަނޑުމެންނަށް ލިބިފައިވާ ޤާނޫނީ ބާރުވެސް އެބަހުރި. އެ ހުރިހާ ބާރެއް ބޭނުންކޮށްގެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ، މި ޤާނޫނުއަސާސީ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އަދިވެސް އެބައޮތޭ. އެ ވިދާޅުވާ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް އަޅުގަނޑުމެން ވެއްޓިގެންދާނެ ޙާލަތެއްގައި، އެ ހުސްކަން ފުރުމަށް އަޅުގަނޑުމެންނަށް ބޭނުންކުރެވެން ހުރި ހުރިހާ ޤާނޫނީ ވަސީލަތެއް، އަޅުގަނޑު ބޭނުން ކުރާނަން. އެކަން ކޮށްގެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވާނެ ހަމަ ޞައްޙަ މަޖިލީހެއް، ރައްޔިތުންގެ މަޖިލީހެއް އޮތުމަށް.

ބައެއް ބޭފުޅުންނަށް ފަހަރެއްގައި ހީފުޅުވެވަޑައިގެންފައި އޮވެދާނެ، ރައްޔިތުންގެ މަޖިލީހެއް، ޞައްޙަ މަޖިލީހެއް ނެތިއްޔާ، ސަރުކާރަށް މާފަސޭހަވާނެއޭ. އެހެނެއް ނޫން އެކަން އޮތީ. މަޝްވަރާދޭނެ ބަޔަކު، ފާޑުކިޔާނެ ބަޔަކު ނެތުނީމާ ސަރުކާރަކަށް ފަސޭހައެއްނުވޭ. ސަރުކާރަށް އެންމެ ފަސޭހަވަނީ، ސަރުކާރުން ކުރާ ވިޔާނުދާ ކަންތަކާއި، ސަރުކާރުން ކުރާ ނުރަނގަޅު ހުރިހާ ކަމެއްގެ އަޑު، ރައްޔިތުން އުފުލީމާ. އެ އަޑު އަހައިގެން، އަޅުގަނޑުމެން ވެރިކަން ކުރަމުން ގެންދިޔައީމާ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ މަޖިލީހެއްގެ މުހިންމު ކަމަކީ، އަޅުގަނޑުމެންނަށް އެއްވެސް ޙާލެއްގައި ފަރުވާކުޑަކުރެވޭނެ ކަމެއް ނޫނޭ. ރާއްޖޭގައި ޤާނޫނު ހަދާ ބާރަކީ އެއީ. އަޅުގަނޑުމެންގެ ހުރިހާ ކަމެއް ހިންގަން މިޖެހެނީ އެ މަޖިލީހުން ކަނޑައަޅާ ހަމަތަކުގައި. އެހެންވީމާ، ޞައްޙަ މަޖިލީހެއް އޮތުން ކޮންމެހެންވެސް ބޭނުން.
އެނގިވަޑައިގަންނަވާނެ، މިކަމާ ގުޅޭގޮތުން މިއަދު އުއްތަމަ ފަނޑިޔާރު ޝަރީޢަތެއް ހިންގެވި. އެހެން ނަމަވެސް، އެ ޝަރީޢަތުގެ ނިންމުމަކާ ހަމައަށް މިއަދަކު ނުދެވޭ. އަޅުގަނޑަށް އަޑު އިވިފައި އޮތް ގޮތުގައި، މާދަމާ އަނެއްކާ އޭގެ އަޑުއެހުމެއް އެބައޮތް. އުއްތަމަ ފަނޑިޔާރު އެކަމާ ދޭތެރޭގައި އެވިދާޅުވާ އެއްޗެއް، އަޅުގަނޑުމެންނަށް ވަރަށް މުހިންމު. އެބޭފުޅާ އެކަމާ ދޭތެރޭގައި ވަކިގޮތަކަށް ވިދާޅުވީމާ، ދެން ސަރުކާރަށް ސާފުވާނެ، ސަރުކާރުން ޢަމަލުކުރަންވީ ގޮތް. އަޅުގަނޑު ދަންނަވާނީ، ކޮންމެ ގޮތަކަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިޤާނޫނުއަސާސީ ޙިމާޔަތް ކުރުމުގައި، މި ސަރުކާރު ހަމަ އެންމެ ތަންކޮޅެއްވެސް ފަހަތަކަށެއް ނުޖެހޭނެޔޭ.

އަޅުގަނޑު މިރޭ ތިޔަބޭފުޅުންނާ މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނޫން މިއައީ. އެހެން ނަމަވެސް، ހަމަ ދެތިން އެއްޗެއް ބުނެލުމުގެ ނިޔަތުގައި މިތަނަށް ހުއްޓުނީ. މިދަންނަވާހެން، އަޅުގަނޑުމެންގެ އަމާޒަކީ، ހިންނަވަރު އެއީ، މީގެކުރީގައި ތިޔަބޭފުޅުން ދުވަހަކުވެސް ވިސްނާވަޑައިގެންފައި ނުވާ ބާވަތުގެ ރަށަކަށް ބަދަލުކުރެވޭތޯ ބެލުން. އަޅުގަނޑު މިތާ ހުރެފައި، ހިންނަވަރާ އަޅުގަނޑާދެމެދު އޮތް ގާތްކަމުގެ ވާހަކަ ކޮންމެހެން ދައްކާކަށް އަޅުގަނޑު ނެތިން. އެހެން ނަމަވެސް، ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ހަމަގައިމުވެސް އަޅުގަނޑަށް އެންމެ ގިނައިން އާދެވިފައި އޮތް ރަށަކީ މި ރަށް، ހިންނަވަރު. ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެއްރަށަކުން އަޅުގަނޑު ދަންނަނީވެސް މިރަށުން. އަޅުގަނޑަށް މިރަށް ވަރަށް ސާފުކޮށް އެނގޭ. އަދި މިރަށުގެ އެކިއެކި ސިޔާސީ އޮއިވަރުތަކާއި، އެކަންކަންދާ މަގާއި، ހިނގާ ގޮސް ހުއްޓޭ ތަންތަނާއި އެކަންކަންވެސް އަޅުގަނޑަށްވެސް ސާފު.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރުގައި، އެކަން ބައްޓަންކުރާނެ އުޞޫލުތައް، ނުވަތަ ބައްޓަން ކުރާނެ ގޮތްތައް ނިންމުމުން، އަޅުގަނޑުމެންގެ ސިކުނޑިއަށް ހަމަގައިމުވެސް އަޅުގަނޑުގެ ސިކުނޑިއަށް އެކަންކަން ސިފަވަމުން އައީ، ހިންނަވަރާ ގުޅޭގޮތުން އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއްގެ މައްޗަށް ވަރަށްބޮޑަށް ބިނާކޮށް. އަޅުގަނޑަށް އަބަދުވެސް ވިސްނިފައި އޮތީ، ކޮންމެ ރަށެއްގައިވެސް އަބަދުވެސް އޮވެޔޭ ވެރިކަމުގެ ވާދަވެރިކަން. އެންމެ ބޮޑަށް އެ ވާދަވެރިކަން ހޫނުވެގެންދިޔަ އެއްރަށް މިއީ. 1970ގެ ދުވަސްވަރުގައި. މި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މިކަން ސިޔާސީ، ޞުލްޙަވެރި ވާދަވެރިކަމަކަށް ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރީ. ޢާއިލާތަކުގެ ވާދަވެރިކަމުގެ ބަދަލުގައި، ޕާޓީގެ ވާދަވެރިކަމަށް ވާދަވެރިކަން ބަދަލުކުރީ. ޞުލްޙަވެރި ސިޔާސީ ވާދައަކަށް ވާދަވެރިކަން އަނބުރާލީ. ހިންނަވަރުގައި މިހާރުވެސް ހަމަ ބާރަށް ހިނގާ ދެޕާޓީ އެބައޮތް. އެމް.ޑީ.ޕީ އާއި ޑީ.އާރު.ޕީ. އާ ދެ ޕާޓީގެ ވާދަވެރިކަން، މާދަމާ ކޮންމެހެންނެއް ކުޑަވެގެނެއް ނުދާނެ. ދެން އަޅުގަނޑުމެން މިތިބީ، ކުރިއަށް މިއޮތް ގިނަ ޒަމާން ވަންދެން، އަދި ކުރިއަށް މިއޮތް ފަސް ހަ އަހަރެއް ވަންދެން، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން މިތިބީ މޮޅުވާ ކޮޅުގައި.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް މެޗުގައި މޮޅުވާނެ. އަޅުގަނޑުމެން މިހާތަނަށްވެސް އާދެވިފައި މިތިބީ މޮޅުވަމުން. އަދި އަޅުގަނޑަކަށެއް ނުވިސްނޭ، މާދަމާ އަޅުގަނޑުމެން ބަލިވާންވީ ހަމަ އެއްވެސް ސަބަބެއް. އަޅުގަނޑަށް ޔަޤީން، ތިޔައިން ބޭފުޅަކަށްވެސް އެކަމެއް ވިސްނިވަޑައެއްނުގަންނަވާނެ. އަޅުގަނޑުމެން މީގެކުރީގައި ކުރަމުން އައި ކަންކަން އެއީ ވާދަވެރި ފަރާތުގައި ނުވަތަ އޮޕަޒިޝަންގައި ތިއްބަވައިގެން ކުރަން އެންމެ ރަނގަޅު ކަންކަމުގެ ގޮތުގައި ބައެއް ބޭފުޅުންނަށް މިހާރު ހީފުޅުވެވަޑައިގަންނަވާހެން އަޅުގަނޑަށް އެބަ ހީވޭ.

އެނގިވަޑައިގަންނަވާނެ، އެމް.ޑީ.ޕީ ފުރަތަމަ އުފެދިގެން އައި ދުވަސްވަރުގައި، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ސްޓޭޖްތަކުގައި ވަރަށްގިނަ ވާހަކަ ގޮވީމު. މިހާރު އަޅުގަނޑަށް އެބަ ފެނޭ، ޑީ.އާރު.ޕީ.އިން ހަމަ މިބާވަތުގެ ކަންތައްތައް ހިންގަވަމުން ގެންދަވާތަން. ދެން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު އެކަމަކާ ކަންބޮޑެއް ނުވެޔޭ. އަޅުގަނޑެއް އެނގެޔޭ، ދެއަހަރެއް، ތިންއަހަރެއް ވެލީމާ، އެބޭފުޅުންނަށް ހަމަ ވިސްނުމަކަށް އާދެވޭނެކަން. އެއީ އަޅުގަނޑު މިހާރު އެހެން މިދަންނަވަނީ، އަޅުގަނޑުމެންވެސް ދެއަހަރެއް، ތިންއަހަރެއްވެލީމާ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެނގިއްޖެ. އަދި މިއީކީއެއް ނޫންކަން ރައްޔިތުންގެ ރުހުމާއެކީގައި ތާއީދު ހޯދާ ގޮތަކީ. ކޮންމެހެން އެކަކު އަނެކަކާ ދިމާއަށް ހަޅޭއްލަވައިގެނެއް ނޫންކަން ތާއީދު ހޯދާނީކީ. އެ ވިސްނުން އަދި ޑީ.އާރު.ޕީ. އަށްވެސް އަޅުގަނޑު ދަންނަވާނީ ހަޖަމުވަމުން އަންނާނެއޭ. އެހެންވީމާ، އެބޭފުޅުންވެސް އެހެން ގޮތަކަށް އެވާހަކަތައް ފަހުން އަތުރައްވަން ފަށްޓަވާނެއޭ. ހަމައެކަނި އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔުން ނޫންކަން. އެބޭފުޅުންގެ ސިޔާސަތެއް، އެބޭފުޅުން ވެރިކަން ކުރައްވާނެ ގޮތެއް، އެހެން ގޮތަކަށް ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެ، އެކަންކަން ރައްޔިތުންނަށް ހުށަހަޅައިދޭ ހިސާބަށް އަދި އެބޭފުޅުން ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑަށް މިފެންނަނީ، އެކަމަށް އެބޭފުޅުން ދެއަހަރެއް ތިންއަހަރެއް އަދި ނަންގަވާނެ ކަމަށް. ހަމަ އަލަށް އަޅުގަނޑުމެންނަށް ދިމާވި ހުރިހާ މައްސަލައެއް އެބޭފުޅުންގެ ތެރޭގައި ދިމާވަމުން އެބައާދޭ. އަޅުގަނޑަށް މިތަން ވަރަށް ސާފުކޮށް އެބަފެނޭ. މިހާރު އެންމެ ބޮޑަށް އެބޭފުޅުންނަށް ދިމާވާ އެއް މައްސަލައަކީ، ވެރިއެއް ހޯދުމުގެ މައްސަލަ. އެބޭފުޅުންނަކަށް މިހާރަކު ޙަޤީޤަތުގައި ކާމިޔާބު މުސްތަޤްބަލް ވެރިއެއް ނެތް. ކުރިއަށް މުސްތަޤްބަލަށް އަމާޒުކޮށްގެން ކަމެއް ހިންގޭނެ ގޮތެއް އެބޭފުޅުންނަކަށެއް ނެތް. އެބޭފުޅުންގެ ވެރިއެއް ހޯދުމުގެ ތެރޭގައި، އެބޭފުޅުން މަދުވެގެން 8 މަސް، 9 މަސް ދުވަސް ނަންގަވާ. އޭގެތެރޭގައި، ކޮންމެވެސް ވަރަކަށް އެ ޕާޓީ ބައިބައިވެގެން ގޮސް، އޭގެތެރެއިން އެހެން ބަޔެއްވެސް ނުކުތުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށްވެސް ހަމަ އެކަން، އެ ދަތުރު ޖެހުނު. އެދަތުރު ދިމާވި. އެހެންވީމާ، ހަމަ އެކަން މިދާ މަގުން ވިއްޔާ، ޑީ.އާރު.ޕީ އަށްވެސް ދިމާވާނެ. މިކަންކަން ދިމާވުމަށްފަހުގައި، ގާތްގަނޑަކަށް މީގެ ތިން ހަތަރު އަހަރު ފަހުން އެބޭފުޅުންނަށް ރަނގަޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނާ ވާދަކުރަން ނުކުމެވޭނެ. ނުކުމެވެވޭއިރުގައި، ދެން އެ އިންތިޚާބުގައި ވާދަކުރީމާ ވާނެ ގޮތެއް ކޮންމެހެންނެއް އަޅުގަނޑު ނުދަންނަވާނަން. އެހެން ނަމަވެސް، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެން ވަރަށް ފަރިކަމާއެކީގައި މޮޅުވާނެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީން. އަޅުގަނޑު ދަންނަވާނީ، މާބޮޑަށް އަޅުގަނޑުމެންނާ ވާދަކުރައްވަން އަނެއްހެން ނޫޅުއްވާށެކޭ ނޫން. އެހެން ނަމަވެސް، މިވަގުތު ނުކުމެ މިތިބީ މިކަން ފިސާރިވާ ބަޔެކޭ. އެހެންވީމާ، އަޅުގަނޑުމެންނާ ދިމާއަށް ގޮތްގޮތަށް މިކަމުގައި މިވަގުތު ނުކުންނެވުން އެއީ ބުއްދިވެރި ކަމެއް ނޫނޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރާއްޖޭގައި އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާވަރު، މިއަހަރު ދުވަހުގެ ތެރޭގައި ކޮށްދޭނަމޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.