بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ގައްދުއަކީ، އަޅުގަނޑަށް ނުފަރިތަ ރަށެއް ނޫން. ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންގެ މޫނަކީވެސް، އަޅުގަނޑު ނުދަންނަ މޫނެއް ނޫން. އަޅުގަނޑު މިތާ މި ހުންނަނީ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ރަޙްމަތްތެރިންގެ ތެރޭގައި. ތިޔަ ހުރިހާ ބޭފުޅުންނަށް، ހިޖުރީ އާ އަހަރުގެ އެންމެހާ ތަހުނިޔާތައް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ރައްދު ކުރަން.

އަޅުގަނޑުމެން، އާ އަހަރެއް މި ފަށަނީ ޙަޤީޤަތުގައިވެސް ގައްދޫން. އާ އަހަރު އަޅުގަނޑުމެން ފަށާއިރުގައި، އަޅުގަނޑުމެން މި ފަށަނީ، މުޅިން އާ އުންމީދުތަކަކާ އެކުގައި. އަޅުގަނޑުމެންގެ ކައުންސިލަރ ވިދާޅުވެއްޖެ. ތެދުފުޅެއް. މި ރަށުގެ ރައްޔިތުންގެ އެދުންތަކާއި ބޭނުންތަކާއި އިޙްސާސްތަކާއި ރައްޔިތުންގެ ވިންދު އަޅުގަނޑުމެންނަށް އެނގެން ޖެހޭނެއޭ. ތިޔަބޭފުޅުން، ކަންކަމާ ގުޅޭގޮތުން ވިސްނާވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނަށް އަބަދުވެސް ސާފުވެފައި އޮންނަން ޖެހޭނެ. އެކަމުގެ މައްޗަށް ބިނާކޮށް، ރިވެތިގޮތުގައި ރައްޔިތުންގެ ވެރިކަމެއް އަޅުގަނޑުމެންނަށް ހިންގައިދެވޭނީ.

މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރުމަށްޓަކައި. އަޅުގަނޑުމެން އަބަދުވެސް ކުރަމުން ގެންދާނެ މަސައްކަތަކީ މިދެންނެވީ. އަޅުގަނޑުމެން މި އިންތިޚާބަށް ނުކުމެ ކެމްޕޭން ކުރަމުން ގެންދިޔައިރުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުތަކެއް ވަމުން ދިޔައީމު. އެކަމާ ގުޅޭ ބައެއް ޚާއްޞަ ކަންކަން، އަދި ޚާއްޞަކޮށް ގައްދުއާ ގުޅޭ ކަންކަން ފާހަގަކޮށްލުމުގެ އުފާ އަޅުގަނޑު މިއަދު ލިބޭތީވެ، ހުވަދުއަތޮޅަށް، މިރަށަށް އައުން ކުޑަތަންކޮޅެއް ލަސްވީ. އަންނައިރުގައި ކޮންމެވެސް އެއްޗެއް ހިފައިގެން އާދެވޭނެކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ކަންކަން އިންތިޒާމު ވަންދެން ނުވަތަ ކަންކަން ރޭވެންދެން ކުޑަތަންކޮޅެއް ފަސްޖެހިދިޔައީ.

އަޅުގަނޑަށް މިއަދު ދެންނެވެން އެބައޮތް، މިތާ ތިއްބެވި ޢުމުރުން 65 އަހަރުގެ ބޭފުޅުންގެ ތެރެއިން -/2000 ރުފިޔާ ލިބިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކަށް، އިރާދަކުރެއްވިއްޔާ މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއްސުރެ ފެށިގެން -/2000 ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން އަރުވާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ދޮށީ ޢުމުރުގައި މުޅި ޙަޔާތް އެކީގައި ބުރަ މަސައްކަތުގައި، ޤައުމު ބިނާކުރުމުގައި ހޭދަކުރެއްވި އަންހެން ބޭފުޅުންނާއި އަދި ފިރިހެން ބޭފުޅުންނަށް، ޢުމުރުން ދޮށީ ޢުމުރުގައި ރިވެތި ގޮތުގައި ދިރިއުޅުއްވޭނެ މަގެއް ހަމަޖައްސައިދިނުން. ހަމައެހެންމެ، ތިޔަބޭފުޅުންގެ ދަރިންނާއި، ދޮށީ ޢުމުރުގެ ބޭފުޅުންގެ ދަރިންނާއި، ދަރިންގެ ދަރިންނަށް، ތިޔަބޭފުޅުންގެ ދިރިއުޅުއްވުމުގެ ތަކުލީފު، ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ވެވެން އޮތް އެހީތެރިކަމެއް ވެދިނުމަކީވެސް އަޅުގަނޑުމެންގެ ބޭނުމެއް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް އެ ފައިސާ، އެ ޕެންޝަން އެރުވޭނެ ވާހަކަ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ އަރިހުގައި ހަމަ ވަރަށް އުފަލާއެކީގައި މިދަންނަވަނީ.

ހަމައެހެންމެ އެނގިވަޑައިގަންނަވާނެ، ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް، ބޭސްފަރުވާ ކުރުމަށްޓަކައި އިންޝުއަރެންސްގެ އުޞޫލުން އެކަން ހިންގުމަށް މިއަންނަ އަހަރުއްސުރެ ފެށިގެން އިންޝުއަރެންސް ލިބިވަޑައިގަންނަވާނެ. އޭގެ މާނައަކީ، ކޮންމެ ބޭފުޅަކުވެސް ބައްޔެއް ވެއްޖެނަމަ، އެ ބައްޔަކުން ޝިފާއެއް ލިބެންދެން، އެ ބައްޔެއްގެ ފަރުވާއަށްޓަކައި ތިޔަބޭފުޅުންނަށް ބޭސްފަރުވާގެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެޔޭ. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން މާލެ ވަޑައިގަންނަވާކަށް ނުޖެހޭނެ. މިރަށުގައި، މިއަތޮޅުގައި، އެކަމާ ގުޅޭ އެންމެހާ އިދާރީ ކަންކަން ހަމަޖެހިގެންދާނެ. އެކަންކަން ތިޔަބޭފުޅުންނަށް އަތޮޅު ތެރެއިން އަދި ރަށުން ފޯރުކޮށްދެވޭނެ ގޮތް، މިއަންނަ ޖަނަވަރީ މަސް ނިމޭއިރުގައި އިރާދަކުރެއްވިއްޔާ ފުރިހަމަވެގެންދާނެ.

ގައްދޫގެ ނަރުދަމާގެ ކަންތައް އޮތް ހިސާބު، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެކަން އޮތީ ހަމަ ހުސް ވާހަކައެއްގެ ގޮތުގައި، އެހެން އޮންނަތާ ވަރަށް ދުވަސް ވެއްޖެ. އެއީ މާދަން އެބައާދެއޭ، ލޯން އެގްރީމަންޓްގައި ސޮއިކުރަން. މާދަން އެބައުޅެއޭ، އެތަން ސަރވޭ ކުރަން. މާދަން އެބައުޅެއޭ، މިވެނި ކަމެއް ކުރަން. އަނެއް ލިސްޓެއްގައި، މިވެނި ލިސްޓެއްގައި މިކަން އެބައޮތޭ. މި އުޞޫލުން މިވާހަކަތައް ދެކެވެމުން އަންނަނީ. އަސްލަމަށް މީގެ ތަފްޞީލު އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން ސަރުކާރުގެ ހިންގުމާ ޙަވާލުވެ އަޅުގަނޑުމެން ބެލިއިރުގައި، ތެދުފުޅެއް ތިޔަބޭފުޅުންނަށް ނަރުދަމާއެއްގެ ޚިދްމަތް ދިނުމަށް ކުރީގެ ސަރުކާރުން ވަނީ ވަޢުދުވެފައި. އެއީ އަޅުގަނޑުމެންވެސް ހަމަ ތިޔަބޭފުޅުންނަށް ކޮށްދޭން ބޭނުންވާ ކަމެއް. އެހެންވީމާ، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ނަރުދަމާގެ މަސައްކަތް ފެށިގެންދާނެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙައްޤުތައް، އަސާސީ ބޭނުންތަކަށް ބޭނުންވާ، އަސާސީ ޚިދްމަތްތަކަށް ބޭނުންވާ ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ކޮބައިތޯ އަޅުގަނޑުމެން ތަފްޞީލުކޮށް، ޖަނަވަރީ 7 ވަނަ ދުވަހު ހުށަހެޅި ކަމުގައިވިޔަސްވެސް، ތިޔަބޭފުޅުންނާ އެކީގައި އެވާހަކަ ޙިއްޞާ ކޮށްލަން މިއަދު އަޅުގަނޑަށް މިލިބެނީ، ފުރްޞަތެއް. އެނގިވަޑައިގަންނަވާނެ، ޕީ.އެސް.އައި.ޕީ ކިޔާ ޕްރޮގްރާމެއްގެ ވާހަކަ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އައްސަވާފާނެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމެކޭ ކިޔާ ޕްރޮގްރާމެއް. އޭގައި ހިމެނިފައި މިހުންނަނީ، އެކިއެކި ރަށްރަށަށް ސަރުކާރުން އެ އަހަރަކަށް ކުރާނެ ކަމަށް ލަފާކޮށްފައިވާ ޚަރަދުތައް. އެ ޚަރަދުތައް ކުރީމާ، އެރަށަކަށް އެއިރަކަށް ބޭނުންވާ ނުވަތަ ސަރުކާރަށް ކޮށްދެވެން އޮތް ކަމެއްގައި އުޞޫލަކަށް މިކަން ކުރެވެމުން އައީ. ސަރުކާރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުގެ މުވައްޒަފުން އެކަން ކުރަމުން ކުރަމުން ގެންދިޔައީ.

އަޅުގަނޑުމެން މިދެކެނީ، ފެނާއި ނަރުދަމާއާއި ކަރަންޓާއި ގޭސް، އެއީ އެއްބާވަތެއްގެ އަސާސީ ޚިދްމަތްތަކެއް. އެޚިދްމަތްތައް، ޚާއްޞަކޮށް، ގައްދޫ ކަހަލަ ބޮޑު ރަށަކަށް އިންޞާފުވެރި ގޮތެއްގައި ލިބެންޖެހޭނެ. އެ ލިއްބައިދިނުމަށް އަޅުގަނޑުމެން ރާވާފައިވާ ގޮތް ނުވަތަ އަޅުގަނޑުމެން ކަނޑައަޅާ ސިޔާސަތަކީ ކޮބައިތޯ؟ އަޅުގަނޑުމެން މިރޭ އުފައްދާނެ ސަރުކާރު ޙިއްޞާވާ މި ސަރަޙައްދުގެ ކުންފުންޏެއް. "ހުވަދޫ ޔުޓިލިޓީޒް ކުންފުނި" ކިޔާ ކުންފުންޏެއް. އެ ކުންފުނީގެ މަސައްކަތަކީ، މިދަންނަވާ ޚިދްމަތްތައް މިރަށްރަށުގައި ޤާއިމުކޮށް، ތިޔަބޭފުޅުންނަށް އެ ޚިދްމަތްތައް ފޯރުކޮށްދިނުން. އެ ޚިދްމަތްތައް ޤާއިމުކޮށްދިނުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދަނީ، އަމިއްލަ ވިޔަފާރިވެރިންނާއި އަދި ސަރުކާރުގެ ބަޖެޓާ، މިކަންކަން ގުޅިގެން. މިކުންފުނީގައި ސަރުކާރާ އެކީގައި ޙިއްޞާވާނެ ބައިވެރިއެއް އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑު މިދޭތެރެއިން އިންޑިޔާއަށްދިޔަ ދަތުރެއްގައި އަޅުގަނޑުމެންނަށް ފެނުނީ، މިބާވަތުގެ ކުންފުނިތަކުގައި ޙިއްޞާވުމަށް ބައިނަލްއަޤްވާމީ ވަރަށްގިނަ ފަރާތްތަކުން ޝައުޤުވެރިވާ ކަމަށް.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މާލޭގައި ފެން ލީޓަރެއް ނުވަތަ ސަރުކާރުން ކަރަންޓް ޔުނިޓެއް އުފައްދާއިރުގައި ދާނެ ޚަރަދާއި، އަމިއްލަ ވިޔަފާރިވެރިއަކު ކަރަންޓް ޔުނިޓެއް އުފައްދާއިރުގައި ދާ ޚަރަދު ވަރަށް ތަފާތު. ސަރުކާރުން ފެން ލީޓަރެއް އުފައްދާއިރުގައި، ސަރުކާރުން ނަރުދަމާ ހޮޅިއެއް އަޅާއިރުގައި، އެދާ ޚަރަދާއި، އަމިއްލަ ވިޔަފާރިވެރިއަކު ހަމަ އެބާވަތުގެ ނަރުދަމާ އަޅާއިރުގައި ދާ ޚަރަދު، އެތައް ތަނަކުން ކުޑަ. މިރަށުގެ ނަރުދަމާއަށް 66 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރަށް އަންދާޒާ ކުރެވެނީ. މިވާހަކަ އަޅުގަނޑު އަމިއްލަ ވިޔަފާރިވެރިއެއް ގާތުގައި މިވަރުގެ ރަށަކަށް މިތައް މޭލު ނުވަތަ މިތައް ފޫޓުގެ ނަރުދަމާ ޤާއިމު ކުރުމަށް މިހާ ޚަރަދު އެބަދެޔޭ ބުނީމާ، އެބޭފުޅުން ގަބޫލެއް ނުކުރައްވާ. އެބޭފުޅުން އަމިއްލަފުޅަށް އެތައް ތަނެއްގައި މިބާވަތުގެ މަސައްކަތެއް ކުރައްވައިފި. ކުރައްވާއިރުގައި ޚަރަދުތައް ހުންނަނީ މުޅިން އެހެން ގޮތަކަށް. މިހުރިހާ އިސްރާފެއްގެ ޙަޤީޤަތުގައި އޭގެ ބުރަ މިއަންނަނީ ރައްޔިތުންނަށް. ސަރުކާރުން ކުރާ ކޮންމެ އިސްރާފަކީ، ކުރާ ކޮންމެ ބޭކާރު ޚަރަދަކީ ރައްޔިތުންގެ އަތުން ނެގޭ ފައިސާއިން ކުރެވޭ ޚަރަދަކަށް އެންމެ ފަހުން އައިސްވެފައި އޮންނަނީ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެންމެ ލުއި ގޮތެއްގައި، އެންމެ ފައިދާހުރި ގޮތެއްގައި، މިކަން ކުރެވެން އޮތް އުޞޫލަކީ ކޮބައިތޯ ބަލަން. އެހެން ބަލާއިރުގައި، މިކަމުގައި މިދިޔަ ދޮޅުމަހެއްހާ ދުވަހު ވަރަށް ފުންކޮށް ސަރުކާރުގެ ތެރޭގައި މަޝްވަރާ ކުރެވިއްޖެ. ސަރުކާރަށް ވިސްނުނީ، މި އަތޮޅުގެ މުއްސަނދިކަން މިއަތޮޅަށް ދޫކުރުމަށްޓަކައި، މިއަތޮޅުގެ ވަސީލަތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިއަތޮޅުގެ މުއްސަނދިކަން މާ ޙައްޤޭ. މިއަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ޚިދްމަތް ފޯރުކޮށްދިނުމުގައި، ބައިވެރިވެވަޑައިގަންނަވާ އަމިއްލަ ވިޔަފާރިވެރިންނަށް މިއަތޮޅުގެ މުއްސަނދިކަން މާ ބޮޑުތަން ޙައްޤޭ.

އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ އަޅުގަނޑުމެން މިރޭ މިއުފައްދާ ކުންފުނީގެ ޙިއްޞާވާނެ ފަރާތްތައް ދާދި އަވަހަށް ހާމަވެގެންދާނެކަމަށް. މިހާރުވެސް މިވަގުތު އެ ކުންފުނި އޮންނާނީ، ސަތޭކައިން ސަތޭކަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ ގޮތުގައި. އެކުންފުނީގެ ބޯޑެއް އެކުލަވާލުމާ އެކުގައި އެކުންފުނީގެ މަސައްކަތް ހަމަ ފެށިގެންދާނެ. އެކުންފުނި ހިންގާ ބޯޑެއްގެ ގޮތުގައި ތިއްބަވާނީވެސް ހަމަ މިއަތޮޅުގެ ހީވާގި ތަޢްލީމީ ޒުވާން ބޭފުޅުން. އެބޭފުޅުންގެ މަސައްކަތާއި ޢިލްމާއި ޙިލްމު، އަޅުގަނޑުމެން ހަމަ ކޮންމެހެންވެސް ބޭނުން. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެންނެއް ބަލާކަށް ނުޖެހޭ މީހެއްގެ ސިޔާސީ ވިސްނުމެއް. އަދި އެމީހަކު ހުރި ޕާޓީއެއް. އެއީކީއެއް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން. މަގާމުގެ ނުފޫޒެއް ބޭނުންކޮށްގެނެއް ނޫން، އަޅުގަނޑުމެންގެ ނަޒަރުގައި ރައްޔިތުންގެ ތާއީދު ލިބެނީކީއެއް. އަޅުގަނޑުމެންގެ ސަރުކާރަކީ އެކަމުގެ އަރާހުރި ހެތްކެއް. ދިވެހިރާއްޖޭގެ ރައްޔިތުންގެ ވިސްނުން ބަދަލުވެފައިހުރި ކަމުގެ ފުރިހަމަ ދަލީލެއް. އަޅުގަނޑުމެން މި ބޯޑަށް ޢައްޔަން ކުރާނީ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅުން. އެބޭފުޅުންގެ މަސައްކަތަކަށްވާނީ، މިދަންނަވާ ޚިދްމަތްތައް ފޯރުކޮށްދިނުން.

އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންގެ މިކުރު މުއްދަތުގެ އަމާޒެއްގެ ގޮތުގައި މި ބަލަނީ، މި ސަރަޙައްދުގެ 10 ރަށުގެ ފެނާއި ނަރުދަމާއާއި ގޭސްހޮޅީގެ މަސައްކަތް، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެށޭނެ ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ދެންހުރި ރަށްތަކާ ގުޅޭގޮތުން އަޅުގަނޑުމެން ޕްރޮގްރާމްތައް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ މިކަންކަން މިރަށްރަށުގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތް މިއަހަރު އަޅުގަނޑުމެން ފަށާނަން. މިގޮތުން ޖަނަވަރީ 7 ވަނަ ދުވަހުއްސުރެ ފެށިގެން ޢަމަލީ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިދަންނަވާ ކުންފުނީގެ ތެރެއިން ކަރަންޓްގެ ޚިދްމަތްވެސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް. މިހާރު ހުރި އިންޖީނުގެތައް އަމިއްލަ ފަރާތްތަކުން ހިންގަވާ އިންޖީނުގެތައްނަމަ، މިދެންނެވި ކުންފުނީގެ ޙިއްޞާ އަޅުގަނޑުމެން އެފަރާތްތަކަށްވެސް ހުށަހަޅާނަން. މި އިންޖީނުގެތަކުގައި މިކުންފުނީގައި ބައިވެރިވުމުގެ ފުރްޞަތު ރައްޔިތުންނަށް ލިބިގެންވޭ. އަދި ޚާއްޞަކޮށް، ރައްޔިތުންގެ އެކި ޖަމްޢިއްޔާތަކާއި ކޮމިޓީތަކާއި އަދި ވަކިވަކި ފަރުދުންނަށްވެސް ލިބިގެންވޭ. އަދި މިސަރަޙައްދުގެ އެކިއެކި ވިޔަފާރިވެރިންނަށްވެސް މިފުރްޞަތުގެ ދޮރު އަޅުގަނޑުމެން މިވަނީ ހުޅުވާލާފައި.

އެހެންވީމާ، އަޅުގަނޑުމެން މި ޔަޤީން ކުރަނީ، އަޅުގަނޑުމެން މި އުފައްދާ ޔުޓިލިޓީޒް ކުންފުނިން މިދަންނަވާ މައިގަނޑު އަސާސީ ޚިދްމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް، އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް. ހަމައެހެންމެ، އަޅުގަނޑުމެން އަދި އިތުރަށް އެބަ އުފައްދަން، ގެދޮރު އެޅުމާއި މަގު ހެދުމުގެ ކުންފުންޏެއް. އޭގެ ދަށުން ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަޅާ ނިންމާފައި ހުންނަ ގެ، ތިޔަބޭފުޅުންނަށް ގައްދޫންވެސް އިރާދަކުރެއްވިއްޔާ ލިބެން ހުންނާނެ. އޭގެވެސް ޢަމަލީ މަސައްކަތް، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޖަނަވަރީ މަހުގެ ތެރޭގައި، މީގެ ޢަމަލީ މަސައްކަތް ފަށައިގަންނާނަން. އިރާދަކުރެއްވިއްޔާ، ޖޫން ޖުލައިގައި ބިންގާ އެޅޭތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

ގައްދޫގެ މަގުތައް ހެދުން ރަނގަޅު ފެންވަރަކަށް ހެދުން އެއީ އަޅުގަނޑުމެންގެ އަމާޒު. މިދަންނަވާހެން 10 ރަށުގައި ނަރުދަމާއާއި ފެނާއި ގޭސްހޮޅި އެޅޭއިރުގައި، އަޅުގަނޑުމެންގެ އަމާޒެއް އެއީ، މިއަހަރުގެ ތެރޭގައި 4 ރަށެއްގައި މިދެއަތޮޅުގެ ހުވަދުއަތޮޅުގެ 4 ރަށެއްގައި ރަނގަޅު ފެންވަރަށް މަގުހެދުމުގެ މަޝްރޫޢުތައް ފަށައިގަތުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް މިއަހަރުގެ ތެރޭގައި ހިނގައިގަންނާނެ.

އަޅުގަނޑަށްވެސް އެނގޭ މިތަނުގެ ވާޓަރު ހެދުމުގެ ކަންތައް އަދި ބަނދަރު ފުރިހަމަ ކުރުމުގެ، މަރާމާތު ކުރުމުގެ މަސައްކަތް އަޅުގަނޑުމެންނަށް އެބަ ކުރަންޖެހޭ. އެމަސައްކަތްވެސް އަޅުގަނޑުމެން މިދެކެނީ، ހަމަ މިޖަނަވަރީމަހު އަޅުގަނޑުމެން މިއުފައްދާ ތިންވަނަ ކުންފުނިން، އެއީ ދަތުރުފަތުރު ކުރުމުގެ ކުންފުނި، އެއީ ލާމެހިފައިވާ ދިވެހިރާއްޖެ އުފައްދާ ކުންފުނި ނުވަތަ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މިއަތޮޅުގެ ރަށްތައް ގުޅާލެވޭ ކުންފުނި. އެ ކުންފުނި މެދުވެރިކޮށް އިރާދަކުރެއްވިއްޔާ ބަނދަރުގެ ކަންތައް ފުރިހަމަވެގެންދާނެ.

ކަންކަން ބޭނުންވީމާ، އަޑު އުފުލަންޖެހޭނެ. އަދި އަޑުއުފުލާނެވެސްމެ. އަޅުގަނޑުމެން ވަރަށް މަރްޙަބާ ކިޔާ ކަމެއް އެއީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ވަޒީރުން ޙިޞާރު ކުރުން، ރަހީނުންގެ ގޮތުގައި ހިފުން އެއީކީއެއް މުޅިއަކުން އަޅުގަނޑުމެންނަށް ހިތްހަމަޖައްސާލައިގެން ތިބެވޭނެ ކަމެއް ނޫން. ދެން އަދި ބޯޅަ މެޗެއްގެ ކިތަންމެ ހޫނުގައިވިޔަސް، މާތޮޑާ މީހަކަށްވިޔަސް، އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން ކަންކަން ހަމަޖެހެން. އަޅުގަނޑުމެންގެ ވެރިކަން އޮންނާނީ، ތިޔަބޭފުޅުންނަށް އަތްފޯރާ ހިސާބުގައި. އަޅުގަނޑުމެންގެ ވެރިކަމެއް ދުރަކު ނޯންނާނެ. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން، އެއީ ސަރުކާރުން ވާންއޮތް ހުރިހާ ކަމެއްވެސްވާނެ. އަޅުގަނޑުމެންނަށް ހަމަ މިދަންނަވާހެން އެ މޭރުމުން ބަނދަރުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. ދެން ބަނދަރު މިއީ މަރާމާތު ކުރަންޖެހޭ ބަނދަރަކަށްވާތީވެ، އަޅުގަނޑު ކައިރިއަކު އަސްލަމް ވިދާޅެއްނުވޭ، މިއަހަރު ނުނިންމޭނެ ވާހަކައެއް. އަޅުގަނޑު މި އުންމީދު ކުރަނީ، ތިޔަބޭފުޅުންގެ ބަނދަރުގެ ކަންތައްވެސް މިއަހަރުގެ ތެރޭގައި ހިނގައިގެންދާނެ ކަމަށް.

މިއަހަރު މާޗް މަހުގައި އޮސްޓްރޭލިޔާ ސަރުކާރުން އަޅުގަނޑުމެންނަށް އެބަ ހޯދޭ 120 ޓީޗަރުން. އެ ޓީޗަރުން އަޅުގަނޑުމެން އެކިތަންތަނަށް ބަހާއިރުގައި، ގައްދުއަށް އިސްކަމެއްދީގެން ގައްދުއަށް އަންނަ ޓީޗަރުންގެ ޢަދަދު އިތުރުކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން އަޅުގަނޑުމެންނަށް ލިބުނު ދުވަސްކޮޅު މަދުކަމުން، މި ޖަނަވަރީ މަހު މަދަރުސާ ހުޅުވޭއިރުގައި، އަޅުގަނޑުމެންނަށް އެ ޓީޗަރުން މިރަށުގައި ނުބޭތިއްބޭތީ. އެއީ އަޅުގަނޑުމެންނަށް ސަރުކާރާ ޙަވާލުވެވުނީ ނޮވެމްބަރު 11 ގައި. އޭގެފަހުން، މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، އެޓީޗަރުން މިތަނަށް ގެނެވޭވަރު އަޅުގަނޑުމެންނަށް ނުވީ. އަޅުގަނޑުމެންނަށް އެކަންވާނީ މާޗްމަހުގެ ތެރޭގައި. އެހެންވީމާ، ކުދިންގެ ދެވަނަ ޓާރމް ފެށޭއިރު، އިރާދަކުރެއްވިއްޔާ މާލޭގައި ތިޔަބޭފުޅުންގެ ތިމާގެ ބޭފުޅަކު ދަރިންނަށް ކިޔަވައިދޭން އުޅުއްވާ ކަމަށްވަނީވިއްޔާ، އެއީ މުޅިއަކުން ހަމަޖެހޭ ވާހަކައަކަށް މިއަހަރު ނިމޭއިރު ހަމަ ގައިމުވެސް ގައްދުއަކު ނުވާނެ.

ގައްދުއަށް ކުރަން ޖެހިފައި ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި އަޅުގަނޑަށް ފެންނަ ވަރަށް މުހިންމު ކަމެއް އަބަދުވެސްވޭ. ގައްދޫގެ ޒުވާނުންގެ ތެރެއިން ވަރަށްގިނަ ބަޔަކުވަނީ މަސްތުވާތަކެތީގެ ޝިކާރައިގައި ޖެހި މާޔޫސްވެފައި. އެކުދިން އަލުން އަނބުރާ މި މުޖްތަމަޢަށް ގެނައުން އެއީ އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އަދި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމެއް. އެހެންވީމާ، މިރަށުގައި މާޔޫސްވެ، މި އަވާގައި ޖެހި މިވާ ކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގެ ކަންކަން އަޅުގަނޑުމެން ހަމަ މިހާރުއްސުރެ ފެށިގެން މަސައްކަތް ކުރަމުން މިދަނީ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

ހަމައެޔާއެކީގައި ފުލުހުން ރަށްރަށުގެ އަމަން ބެލެހެއްޓުން، ރަނގަޅަށް އެކަން ކުރުން އެއީ އަޅުގަނޑުމެން ބާރުއަޅާ ކަމެއް. އަދި އަޅުގަނޑުމެންގެ އާ ކޮމިޝަނަރ އޮފް ޕޮލީސް އަޅުގަނޑަށް ވަނީ ވަރަށްބޮޑު ޔަޤީންކަމެއް ދެއްވާފައި. އެއީ އެބޭފުޅުން ވަރަށް މުހިންމު ކަމެއް ބަހައްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމެއްގެ ގޮތުގައި އެކަން ގެންދަވާނެ. އަޅުގަނޑުމެން ބޭނުންވަނީ އުފާވެރި ދިރިއުޅުމެއް. އަޅުގަނޑުމެން ބޭނުންވަނީ ހާސްކަމެއް ނެތް އަނެއް ދިވެހިރާއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން އަޅުގަނޑުމެންނަށް ޙާޞިލުވެގެންދާނެޔޭ. ކަންކަން ހުރީވާގޮތަށް.

އަޅުގަނޑު ރާއްޖެއިން ބޭރަށްވެސް ދަތުރެއް ކޮށްފައި މިއައީ. ބޭރު ދުނިޔޭގެ ޤައުމުތަކުގެ ވެރިން އަޅުގަނޑުމެންނާ ވަރަށް ރުހޭ. މިއީ، އަލަށް އުފެދުނު ޑިމޮކްރަސީގެ ޒުވާން ޤައުމު. ދެން އެބޭފުޅުން މިދެކޭ ޒުވާން ރައީސެއްވެސް ހުރޭ. އެހެންވީމާ، އަޅުގަނޑުމެންނާ އެބޭފުޅުންނާ ވަރަށް ގާތް ގުޅުމަކުން ގުޅެވޭނެ. އަޅުގަނޑުމެން މަސައްކަތްކުރި ވަރަކަށް އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަނީ، އަޅުގަނޑު ހަމަގައިމުވެސް މަދުވެގެން ދުވާލަކު 14 ގަޑިއިރު ސަރުކާރުގެ މަސައްކަތް ކުރާނަން. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންވެސް އަދި ސަރުކާރުގެ، އަޅުގަނޑުމެން މިދަންނަވާ ސިޔާސީ މަގާމުތަކުގައި އެތިއްބެވި ސްޓޭޓް މިނިސްޓަރުންނާ، މިހުރިހާ ބޭފުޅުންނަކީ، އަޅުގަނޑު 14 ގަޑިއިރު މަސައްކަތް ކުރާއިރުގައި، 18 ގަޑިއިރު މަސައްކަތް ކުރައްވާނެ ބޭފުޅުން.

މިހާރުވެސް އަޅުގަނޑަށް ހަމަ އެ އިތުބާރު އެބައޮވޭ. އަޅުގަނޑުމެން މިކަމާ ޙަވާލުވެ މިތިބީކީއެއް އިތުރު ކަމެއް ކުރާކަށް ނޫން. އަޅުގަނޑުމެންވެސް މި ބަދަލު ގެންނަން ބޭނުންވާތީ، އަދި މިބަދަލަކީ އަޅުގަނޑުމެންނަށް ގެނެވޭނެ ބަދަލެއްކަން ތިޔަބޭފުޅުންނަށްވެސް ސާބިތުކޮށްދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ މާދަމާ ވެގެންދާނީ، މިއަދަށްވުރެ މާ އުފާވެރި ދުވަހަކަށް. މި އަޅުގަނޑުމެން ފަށާ އާ އަހަރު، އެއީ އުފާވެރި އާ އަހަރަކަށް އަޅުގަނޑުމެންނަށް ވެގެންދާނެ.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!