بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السّـلام عليــكم

ހުރިހާ ނޫސްވެރިންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، ދާދި ދެންމެއަކު އަޅުގަނޑުމެން މި ތަޞްދީޤުކުރީ ހަތް ބިލެއް. އެކިއެކި ކަންކަމާ ގުޅިފައިވާ، އެކިއެކި ޤާނޫނުތައް، މިހާރު ތަޞްދީޤު ކުރެވިގެން މިދިޔައީ. އާދެ، އަޅުގަނޑު މިކަންކަމަށް ކުޑަކޮށް އަލިއަޅުވައިލަން ގަސްދުކުރަން.

އާދެ، އަޅުގަނޑުމެން މިއަދު މި ތަޞްދީޤުކުރި ބިލުތަކަކީ، މީގެ ސަބަބުން އެކިއެކި ފައިދާތައް އަޅުގަނޑުމެންނަށް ކުރާނެ، އެކިކަހަލަ ބިލުތައް.

އާދެ، އެގޮތުން އަޅުގަނޑު ފުރަތަމަ ފާހަގަކޮށްލާނީ، ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އަދި އެއާ ގުޅިފައިވާ ބައެއް ބިލުތަކާ ގުޅޭގޮތުން. އާދެ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މި ގެނައި އިޞްލާޙު މިއީ، ވަރަށް މުހިންމު އިޞްލާޙެއް. އާދެ، އަޅުގަނޑުމެން މި ގެނައި މައިގަނޑު ބަދަލަކީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރަންޖެހޭ އަދަދު ބަޔާންކޮށްފައިވާ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙެއް. އެގޮތުން، ރިޒޯޓުތަކުން މީގެކުރިން، ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތްއޮތުން، މިހާރު މީގެ ސަބަބުން އުނިވެގެންގޮސް، އޭގެ ބަދަލުގައި، ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ބަދަލުވެގެން މިދިޔައީ. އަދި، މީގެ ސަބަބުން، އެއްވެސްވަރަކަށް ކެޓަގަރީ ބީ، ނޫނީވިއްޔާ ގެސްޓްހައުސް މަސައްކަތުގައި އުޅޭ، ޓޫރިޒަމްގައި އުޅޭ އެއްވެސް ވިޔަފާރިއަކަށެއް، މިހާރު ޤާނޫނުގައި އޮތްއޮތުމަކަށް އެއްވެސް ބަދަލެއް ނާދޭ. ރިޒޯޓުތަކުގެ ބޭރު ފައިސާ މާރުކުރުމަށް މީގައި މި އިޞްލާހު މިއައީ.

އާދެ، މިކަމުގެ ސަބަބުން، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާ އިތުރުވެގެންދާނެ ކަމަށް. އެމް.އެމް.އޭ.އަށް ލިބޭ ފައިސާ އިތުރުވެގެންދިޔުމަކީ، އަސާސީ ކަންކަމަށް ކުރެވެންހުރި ޚަރަދުތަކަށް އެއިން ފައިދާވާނެ ކަމެއް. އާދެ، އަޅުގަނޑުމެންނަށް ހިސާބުތަކުން އެބަ އެނގޭ، ފަތުރުވެރިކަމުގެ ޞިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް. އެހެންނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ވަދެފައިވަނީ، އޭގެތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު. މި 3.8 ބިލިއަން ޑޮލަރުގެ ތެރެއިންވެސް، އެންމެ 21 އިންސައްތަ މިވަނީ، ބޭންކުތަކަށް މާރުކޮށްފައި. ދެން، މި ޤާނޫނު އައުމުގެ ކުރިން، މި އަދަދު މިއަށްވުރެވެސް މަދު. އެންމެ 10 އިންސައްތަ މާރުކުރަމުންދިޔައީ.

އާދެ، އަޅުގަނޑުގެ އަމާޒަކީ، މި އިޞްލާޙު މިހާރު ޤާނޫނަކަށް ވެގެންދިޔުމުން، މީގެ ފައިދާ ސީދާ ރައްޔިތުންނަށް ވެގެންދިޔުން. އާދެ، ސީދާ ރައްޔިތުންނަށް މިއިން ފައިދާވެގެންދާ ގޮތަކީ، މި އިތުރުވެގެންދާ އިންސައްތައިގެ ސަބަބުން، އާދެ، މި އިންސައްތައިން 40 އިންސައްތައަށް މި މާރުކުރުން އިތުރުވެގެންދިޔުމުން، އެ ލިބޭ ފައިސާ ބޭނުންކުރުމަށް އަޅުގަނޑުމެން ގަސްދުކުރަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކުމަށް ޓީ.ޓީ. ހެދުމާއި، މިފަދަ ކަންކަމުގައި. އަސާސީ މުދަލަށް ޚާއްޞަގޮތެއްގައި އިސްކަންދެވިގެން، ވިޔަފާރިކުރާ ފަރާތްތަކަށް ޓީ.ޓީ. ހެދުމަށް އިތުރުކުރެވިގެންދާނެ.

އާދެ، އަޅުގަނޑުމެން ބޭނުންވަނީ ވިޔަފާރިތައް ކުރިއަރުވަން. އެހެންވީމާ، ވިޔަފާރިތަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، އާންމުކޮށް ޓްރޭޑްގައި އުޅޭ އެކިއެކި ވިޔަފާރިތަކަށް، އެކިކަހަލަ ގޮތްގޮތުން މި މަގުފަހިކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ޤާނޫނުތަކަށް މި އިޞްލާޙު ގެންނަނީ. އެހެންވީމާ، އެގޮތުން ބޭރުފައިސާ މާރުކުރުން މިގޮތަށް އިތުރުވެގެންދިޔުމުން، އޭގެ ފައިދާ ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ކުރަމުންދާނެ.

ދެން، ވަރަށް ގިނަ ކަންބޮޑުވުންތައް ބައެއް ރިޒޯޓުތަކުން، ބައެއް ރިޒޯޓުތަކުގެ ވިޔަފާރިވެރިން ފާހަގަކުރަމުންދިޔަ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބަދަލު ގެނައީ، ވަރަށް ރަނގަޅަށް ދިރާސާ ކުރެވިގެންކަން. މިއީ، ހަމަ ތިބެފައި ކުރި ކަމެއް ނޫން. މިކަމުގެ ޢިލްމީ، ފަންނީ، ޤާބިލް ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ. އެމް.އެމް.އޭ.އިން، ފިނޭންސް މިނިސްޓްރީން، އިކޮނޮމިކް މިނިސްޓްރީން، ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް ކޮށްފައިވަނީ، ހިސާބު ކިތާބު ބަލާފައި. ސްޓެޓިސްޓިކަލް މަޢުލޫމާތު އެއްކޮށްގެން.

އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި ދަންނަވާލަން ބޭނުން، ރިޒޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން، އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި އެނގޭ. ރިޒޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނީވިއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނޫނީވިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ، 40 އިންސައްތަ މާރުކޮށްގެނެއް. އެއީ ޔަޤީންކަމެއް.

މިހާރުވެސް އެބަ ފެނޭ، ނޫސްތަކުންވެސް ފެނޭ، އަދި އެހެން ގޮތްގޮތުންވެސް އެބަ އެނގޭ، ކަޅު ބާޒާރުގައި، ބޮޑު އަގުގައި ބައެއް ފަރާތްތަކުން މާރުކުރަމުން އެބަދޭ. ޔަޤީނުންވެސް ފައިސާ އެކްސެސް ހުރީމަ މިކަން ކުރާނީ. ދެން އެހެންނޫނަސް، ހިސާބު ކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް، 40 އިންސައްތަ މާރުކުރުމަކީ، އެއްވެސް ރިޒޯޓަކަށް ދަތިވާނެކަމެއް ނޫން. އެހެންވީމާ، ރިޒޯޓު މުވައްޒަފުން އެ ދައްކާ ވާހަކައަށް، ސަރުކާރުން ފުރިހަމައަށް ތާއީދުކުރަން. ފުރިހަމައަށް، ވަރަށް ފުރިހަމައަށް، އަދި ވަރަށް ބޮޑަށް އަޅުގަނޑު ތަރުޙީބުވެސް ދެން. ވަރަށް ބޮޑަށް އެކަމަށް ބާރުވެސް އަޅަން، މުވައްޒަފުން އެ ދައްކަވާ ވާހަކަފުޅުތަކަށް. އެ ބޭފުޅުންނަށް އެ ލިބެމުންދާ މުސާރަ، ޑޮލަރުން ދިނުން، އެއްގޮތަކަށްވެސް ހުއްޓައިލައިގެން ނުވާނެ. އެއީ، އެއްވެސް ރިޒޯޓަކުން ކޮށްގެންވާނެ ކަމެއްނޫން. ކުރުމަކަށް އެއްވެސް އުޒުރެއްވެސް ނެތް. މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދީފައި، ލޯނު ދައްކާފައި، ޚަރަދުތަކަށް ފައިސާ ދައްކާފައި، މާ ފަސޭހައިންވެސް، މި 40 އިންސައްތަ މާރުކުރެވޭނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، ހުރިހާ ރިޒޯޓުތަކުން މިކަމުގައި ޤާނޫނަށް ތަބަޢަވެ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި މި ކުރެވޭ ކަންކަމުގައި، ޤައުމީ ޒިންމާ އަދާކޮށްދެއްވުން. ޤައުމީ ޒިންމާ އަދާކޮށްދެއްވުމަކީ، ކޮންމެހެންވެސް ކުރައްވަންޖެހޭނެ ކަމެއް. އެ ބޭފުޅުންގެ ވިޔަފާރީގެ ޒިންމާވެސް މިކަމުގެ ތެރެއިން އަދާކުރެއްވޭނެ ކަމެއް.

އާދެ، މިކަން މިގޮތަށް ކުރިއަށް ގެންދިޔުމުގައި، ސަރުކާރުގެ ވުޒާރާތަކުން އަދި ހަމަ ޔަޤީނުންވެސް އަޅުގަނޑަށް އެނގޭ، އެމް.އެމް.އޭ.އިންވެސް އެ ބޭފުޅުންނާ އެކީގައި، އަދި ހުރިހާ ފަރާތްތަކާ އެކީގައިވެސް، އަބަދުވެސް ގާތް ގުޅުން ބާއްވަވައި މަޝްވަރާ ކުރައްވާނެ.

އެހެންވީމާ، މި ތަންފީޒުކުރުމުގައި، ޤާނޫނު ތަންފީޒުކުރުމުގައި، މި ޤާނޫނުގައި ބަޔާންކޮށްފައި ހުރި ހުރިހާ މާއްދާތަކަކަށް ފުރިހަމައަށް ތަބަޢަވުމުގައި، އަދި ތަންފީޒުކުރުމުގައި، ކަމާބެހޭ އިދާރާތަކުން ޚާއްޞަކޮށް، އެމް.އެމް.އޭ.އިން ފުރިހަމައަށް ތަންފީޒުކޮށްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި، އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުންވެސް، ފުރިހަމައަށް ބޯލަނބާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެއީ، މިއީ އެއްވެސް ދައްޗެއް އޮތް ކަމަކަށް ނުވާތީ. މިއިން ފައިދާވާނީ، ހަމަ ޔަޤީނުންވެސް އާންމު، ދިވެހި ރައްޔިތުންނަށް.

އެހެންވީމާ، ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަންޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ. އަދި އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ގޮތަކަށް ކަމެއް ކޮށްގެންވާނެ ކަމަކަށް ގަބޫލެއްނުކުރަން.

އާދެ، އޭގެއިތުރަށް، ދަންނަވާލަން ބޭނުންވަނީ، މިކަމުގައި ސަރުކާރުން އިރާދަކުރެއްވިއްޔާ ވަރަށް ސާބިތުކަމާއެކީގައި، ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުން ފަޅީގައި ތިބެގެން ކުރިއަށްދާނެ ވާހަކަ.

އާދެ، ދެން އަޅުގަނޑު ދެންމެ ތަޞްދީޤު ކުރެވުނު ބައެއް ބިލުތަކާ ބެހޭގޮތުންވެސް ދަންނަވާލަން ބޭނުން.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ޑެސްޓިނޭޝަން ޕްރިންސިޕަލާ ގުޅިފައިވާ ބަދަލެއް. އިޞްލާޙެއް. މިއީވެސް އާމްދަނީ އިތުރުވެގެންދާނެ ކަމެއް. ޓޫރިޒަމް ދާއިރާއަށް ޚާއްޞަކުރެވިފައި މިވަނީ. ޓޫރިޒަމް ދާއިރާއިން މީގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް މީގެ ތެރެއިން އެބަ ލިބިގެންދޭ. އިމްޕައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، އެކޮމޮޑޭޝަން، ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ޓޫރިޒަމް ހަރަކާތްތަކުން އަޅުގަނޑުމެންނަށް މިއިން މި ޖީ.އެސް.ޓީ ނެގުމުގެ ފުރުޞަތު، ދެން މެކްސިމަމް 17 ޕަސެންޓްގެ ރޭޓުގައި ނެގިގެން މިދަނީ. އެހެންވީމާ، ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރުފް ކުރެވިގެން ދިޔުމުން، އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ.

ދެން ހަމަ އެއާއެކީގައި، އަޅުގަނޑުމެން މި ތަޞްދީޤުކުރީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލު. މީގެ މައިގަނޑު ޚުލާޞާއަކީ، އެއްކަމަކީ، ކުދި ވިޔަފާރިތަކަށް މިއިން ވަރަށް ފަސޭހަތައް ވާނެ. ކުދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، ޓެކްސް ފައިލްކުރުމުގެ ލުއިތަކެއް މިއިން އެބަ ލިބޭ. އަދި އެއާއެކީގައި، މި ޤާނޫނުން ދެން ލިބޭ އެންމެ ބޮޑު ކަމަކީ، މީރާގައި ހުރި އެންފޯސްމަންޓް ޕަވަރ، މީގެ ކުރިން ގެނެވުނު އިޞްލާޙެއްގައި އޮތީ، ނަގާފައި. މާބޮޑު ބާރެއް މީރާއަކު ނޯވޭ ކުރިއަކު. އެހެންނަމަވެސް، މިހާރު އެންފޯސްމަންޓް، ނޫނީވިއްޔާ ތަންފީޒީ ބާރު އަނބުރާ މީރާއަށް ލިބިގެން އެބަދޭ ފައިސާ ހޯދުމުގައި، މި އިޞްލާޙުގެ ތެރެއިން. އެހެންވީމާ، އެއީ އެއިން އެ ހާސިލުވާ މައިގަނޑު ކަމަކީ.

ދެން ތަޞްދީޤު ކުރެވުނު އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދެވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ކުރުގޮތަކަށް ދަންނަވަންޏާ، ރާއްޖޭގައި އިމާރާތް ކުރުމާއި، ކޮންސްޓްރަކްޝަނާ، މިކަހަލަ މަސައްކަތުގައި އުޅޭ ދިވެހި ކުންފުނިތަކަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. އެހެން މި ދަންނަވާ ސަބަބަކީ، މި އިޞްލާޙުގެ ސަބަބުން، ވިތް ހޯލްޑިންގ ޓެކްސްއަށް މި ގެނައި ބަދަލާއެކީގައި، ބޭރުގެ ކުންފުނިތަކަށް ވަކި އިތުރު އެޑްވާންޓޭޖެއް ނުލިބޭނެ، ކޮންޓްރެކްޓްތައް ހޯދުމުގައެއް. ދިވެހި ކުންފުނިތަކާއި، ބޭރު ކުންފުނިތަކާއި ކޮންޕެޓިޓިވް ވާނެ، މިހާރު މިގެނައި ބަދަލުގެ ސަބަބުން. އެހެންނޫނީވިއްޔާ، ދިވެހި ކުންފުނިތަކަށްވުރެ މާފަސޭހަ އެބަވޭ، ބޭރުގެ ކުންފުނިތަކަށް ޕްރޮޖެކްޓްސްތައް ނަގަން. އެހެންވީމާ، ދިވެހި ކުންފުނިތަކަށް، ޚާއްޞަކޮށް، ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ އަދި އެހެންވެސް ކުންފުނިތަކަށް، ބޭރު ކުންފުނިތަކާ ވާދަކޮށްގެން ޕްރޮޖެކްޓްސްތައް، ކޮންޓްރެކްޓްތައް ނެގުމަށް ފަސޭހަވެ، މަގުފަހިވެގެންދާނެ އިޞްލާޙެއް އެއީ.

އާދެ، ދެން އަޅުގަނޑުމެން ތަޞްދީޤުކުރި ފަޅު ރަށްރަށާއި، ފަޅު ކުއްޔަށްދިނުމާ ބެހޭ ބިލަކީ، ޤާނޫނަކަށްވެގެން މިދިޔަ ބިލަކީ، ވަރަށް މުހިންމު ބިލެއް. ރާއްޖޭގެ އިޤްތިޞާދު ޑައިވަސިފައި ކުރުމަށް، ފުޅާކުރުމަށް އެޅިގެންދިޔަ ފިޔަވަޅެއް. އަޅުގަނޑުމެންގެ މިހާތަނަށް އޮތް ޤާނޫނުގައި އޮތްގޮތުންވިއްޔާ، ޞިނާޢީ އެކިކަހަލަ، އިޤްތިޞާދީ އެކިކަހަލަ ބޭނުންތަކަކަށް ފަޅުތަކާއި، ފަޅު ރަށްރަށާއި، މިގޮތަކަށް ދެވޭކަށް ނުއެއްއޮވޭ. އެހެންނަމަވެސް، މި ޤާނޫނުގެ ސަބަބުން، އެކިއެކި ބޭނުންތަކަށް ފަޅުތަކަށް އިންވެސްޓް ކުރެވޭނެ. އެކިއެކި ބޭނުންތަކަށް ފަޅުތައް ނަގައިގެން، ފަޅު ރަށްރަށް ނަގައިގެން އިންވެސްޓްމަންޓްތައް ގެނެސް، އޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ޤާނޫނެއް މިއީ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ، މިއީ ހުޅުވިގެންދާ ވަރަށް ބޮޑު އިޤްތިޞާދީ ދޮރެއް ކަމަށް. މި ޤާނޫނުގެ ސަބަބުން އިރާދަކުރެއްވިއްޔާ، ރާއްޖެއަށް އެކި ދާއިރާތަކުން، ފަޅުތަކަށް، ފަޅު ރަށްރަށަށް އިންވެސްޓް ކުރާނެ ފަރާތްތައް އަންނާނެ ކަމަށް.

އާދެ، ދެން ތަޞްދީޤު ކުރެވިގެން މިދިޔައީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު. މިއިން މައިގަނޑުގޮތެއްގައި މި ހާސިލުކުރާ ކަމަކީ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ސްޕޯޓްސް ފިޝިންގ ހާރބަރސް ހަދާ ވާހަކަ. ދެން އެހެންނަމަވެސް، ޤާނޫނު އޮތްގޮތުން އެއީކީ ކުރެވޭ ކަމަކަށް ނުއެއްވޭ. އެހެންވީމާ، އިޞްލާޙު މި ގެނެވުނީ. ކުރުގޮތަކަށް ދަންނަވަންޏާ، ސްޕޯޓްސް ފިޝިންގއާއި އަދި އެކިކަހަލަ ކަންކަމަށް. ބަނދަރުތައް ހެދުމާއި، އެކިކަހަލަ އިންވެސްޓްމަންޓްތައް. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި އޮތް ކަމެއް. އަޅުގަނޑުމެން އެކަމަށް އެކި ތަންތަން ކަނޑަވެސްއަޅާފައި އޮތް ކަމެއް. އެހެންނަމަވެސް، ޤާނޫނުން އެކަމަށް ފުރުޞަތު ނުލިބޭތީ، ކުރިއަށް ނުގެންދެވިފައި، ވަޢުދު ނުފުއްދިފައި އޮތް ކަމެއް އެ ކަމަކީ.

އާދެ، ހަމައެއާއެކީގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ބިލު. މިއީ ވަރަށް ބޮޑު ބަދަލެއް އަންނަ ކަމެއް. އާންމު ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ރައްކާތެރިކަމެއް ޚާއްޞަގޮތެއްގައި ލިބިގެންދާ ކަމެއް. ބާރު ސްޕީޑްގައި ނުބަލައި، ނުގަވާއިދުން ދުއްވުން. މި ދުއްވާ ދުއްވުމުގައި، މިހާރުވެސް ހުރޭ ޤާނޫނުގެ ތެރެއިން ފިޔަވަޅުތައް. އެހެންނަމަވެސް، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އަދި އެކަމަށް ހުރަސްއެޅޭނެ އެކިކަހަލަ ފިޔަވަޅުތައް މިއަށްލައި، އިތުރުކުރެވިފައި ހުރި، ވަރަށް ކޮމްޕްރިހެންސިވް ޤާނޫނެއް މިއީ. މި ޤާނޫނުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް އެބަ ހާސިލުކުރެވޭ. ކުރީގައި ހުރި ޤާނޫނުގައި ހުރި ޕްރެކްޓިކަލް ނޫން އެތައްކަމެއް ބަދަލުކުރެވިފައި އެބަހުރި.

އެހެންވީމާ، އެއްގަމު ދަތުރުފަތުރު ކުރުމުގައި، މިދިޔަ ދުވަސްތަކުގައި އެކްސްޕީރިއަންސާ އެކީގައި ގެންނަންޖެހޭ ބަދަލުތައް ގެނެވިފައި މިވަނީ. ދެން މީގެ ތެރެއިން، މާލޭ ސަރަޙައްދު މިއީ އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަޙައްދު ކަމުގައިވާއިރުގައި، މި ސަރަޙައްދަށް ވަކިން ޚާއްޞަ އޮފީހެއް އުފައްދައި، އެ އޮފީހަށް ވަރަށް ގިނަ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާއި، ބާރުތަކެއް ދެވިގެން މިދަނީ. މިއީ ދެން ވަރަށް ގިނަ އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެން ކުރި ކަމެއް. އަޅުގަނޑު އެކިފަހަރުމަތިން އެކި ހައިސިއްޔަތުން ކުރީގައި، މާލޭގެ ޓްރެފިކް މައްސަލައާއި، މަގުތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރިން. އެކަންކަމުގެ ތަޖުރިބާގެ އަލީގައި، މި އިޞްލާޙު މިގެނައީ. މިހާރު މިއީ އޮތް އެންމެ ބޮޑު އެއް މައްސަލަ. މަގުތަކާ ގުޅިފައި އޮތް މައްސަލައިގައި، އެއް އޮފީހެއް ޤާއިމުކުރެވި، އެއް ފުރާޅެއްގެ ދަށުން މާލޭގައި އޮފީސް ތެރެއިން ކަންކަން ކުރެވިގެން ދާނެ.

އެހެންވީމާ، ޓްރެފިކާ ގުޅިފައިވާ، މަގުތަކާ ގުޅިފައިވާ، މަގުތަކުގެ ޕާކިންގ ހުންނަ ގޮތާއި، މަގުމަތީގައި ދުއްވުމުގައި ބަލަންޖެހޭ ކަންކަމާއި، ދެން މިހެންގޮސް ހުރިހާ ކަމެއް، އެއް އޮފީހެއްގެ ތެރޭގައި ބެލެހެއްޓޭނެ ނިޒާމެއް މީގެތެރެއިން އެބައާދޭ. އެހެންވީމާ، މިކަހަލަ އެކި ކަންކަން ހިމެނޭގޮތަށް، ވަކިން ޚާއްޞަކޮށް، ނުރައްކާތެރިކޮށް ދުއްވާ ދުއްވުމަށް ހުރަސްއެޅުމަށްޓަކައި، އަދި ނޫނީވިއްޔާ އެކަމަށް ފިޔަވަޅު އެޅޭނެ ގޮތްތައް މީގައި އެބައާދޭ. އެހެންވީމާ، މިކަހަލަ ގިނަ ކަންތައްތަކެއް ހާސިލުވާގޮތަށް މި ބިލު މި ތަޞްދީޤު ކުރެވިގެން، ފަރުމާ ކުރެވިގެން ގޮސްފައި މިވަނީ.

އެހެންވީމާ، ޖުމްލަކޮށް މި ދެންނެވި ކަންތައްތައް ހިމެނޭގޮތަށް އަޅުގަނޑުމެންގެ މިއަދުގެ މި ތަޞްދީޤު ކުރވިގެންދިޔަ ގިނަ ބިލުތަކުގައި ކަންތައްތައް ފާހަގަކުރެވިފައި މިވަނީ.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މިއަދު މި ތަޞްދީޤު ކުރެވިގެންދިޔަ ކޮންމެ ބިލަކީވެސް، އެ ބިލެއްގެ ސަބަބުން، ރައްޔިތުންނަށް އެއިން ވަރަށް ގިނަ ފައިދާތައް ކުރާނެ ބިލެކޭ. ޚާއްޞަކޮށް، އިޤްތިޞާދީގޮތުން އާމްދަނީ އިތުރުކުރުމުގެ ވަރަށް ގިނަ ޤާނޫނުތަކެއް މިއަދު މިއައީ. ވަރަށް ގިނަ ފައިދާތައް ކުރާނެ. އަޅުގަނޑުމެން މިއިން އެއްވެސް ބިލެއް ފަރުމާކުރިއިރުގައިވެސް އަދި ދިރާސާކުރުމުގައިވެސް އަދި އެއްވެސް ކަމެއްގައި ބަލަންޖެހޭ ކަންކަމަށް ނުބަލައެއް ނުހުންނާނެ. ފަންނީގޮތުން ބަލަންޖެހޭ ކަންކަން، އެއްކުރަންޖެހޭ ޑޭޓާ އެއްކޮށް، ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން މަޖިލީހަށް ފޮނުވަނީ. އަދި މަޖިލިސް ތެރޭގައި ބަލަންޖެހޭ ކަންކަން ބަލާފައި މި ފާސްކުރަނީ. އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ޤާނޫނަކުންވެސް ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތައް ކުރާނެ. އަދި އޭގެ ތަންފީޒީ ކަންކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާނަން. ޤާނޫނުތައް ހެދުމުގެ ބޭނުމަކީ، އެއިން ރައްޔިތުންނަށް ފައިދާކުރުން. އަދި ޤާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރުމަކީ، ތަންފީޒީ އިދާރާތަކުގެ ޒިންމާއެއް. އެހެންވީމާ، އެ ތަންފީޒު ކުރުންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރިހަމައަށް ކުރިއަށް ގެންދާނަން.

މިއަދު އަދި ކިރިޔާ މި ބިލު ތަޞްދީޤު ކުރެވުނީ. މި ބޭރުފައިސާއާ ބެހޭ ބިލު. އަޅުގަނޑަށް ފާހަގަކުރެވޭ، މިހާރު، ސަރުކާރުން މި ފިޔަވަޅުތައް އަޅާނެކަން އިޢުލާނުކުރުމާ ހިސާބުން ފެށިގެންވެސް، މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދާކަން. މި އެންމެންވެގެން ގުޅިގެން މިކަން ކުރިއަށް ގެންދިޔައިމާ ރަނގަޅުވާނެ. ޤާނޫނާ ޚިލާފަށް، ކަންކަން ކޮށްގެން ފައިދާވާނެ އެއްވެސް ފަރާތެއް ނެތް. އަޅުގަނޑުމެން ހުރިހާ ވިޔަފާރިވެރިންނާ އެކީގައި މަސައްކަތް ކުރަނީ. އަޅުގަނޑުމެންނަކީ ވިޔަފާރިތަކަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތައް. މިއަދާ ހަމައަށް އައިއިރުގައިވެސް ޚާއްޞަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ކަންކަން މިވަނީ ކޮށްދީފައި. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، މި ޤާނޫނުތަކުގެ ޛަރީޢާއިން އަދި އެނޫން ގޮތްގޮތުންވެސް، އަޅުގަނޑުމެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ އެކީގައި ގާތުން މަސައްކަތް ކުރަމުން. އޭގެ ފައިދާ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ކުރަމުންދާނެ.

އާދެ، އެހެންވީމާ، ދެންމެ މި ތަޞްދީޤު ކުރެވުނު ބިލުތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްކަމުގައިވާނަމަ، ކޮށްލުމުގެ ފުރުޞަތު އަޅުގަނޑު އަރުވަން.


ރިޟްވާން މޫސާ - އަސްލު ޓީ.ވީ:

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ސުވާލު އަޅުގަނޑުވެސް ކޮށްލާހިތްވަނީ. ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން، ޙަޤީޤަތުގައި އުފެދޭ ސުވާލަކީ، ދެ ސުވާލު.

ފުރަތަމަ ސުވާލަކީ، ޤާނޫނުތޯއޭ މި ރާއްޖެއަށް މަދުވަނީ؟ އެ ޤާނޫނު މަދުވެގެންތޯއޭ، މި ރާއްޖެ މި ޙާލަތަށް މިދަނީ. އަޅުގަނޑަށް ފެންނަ މަންޒަރުތަކަކީ، ނުވަތަ އިވޭ އަޑުތަކަކީ، ތަކެތީގެ އަގު ބޮޑުވެއްޖެ ވާހަކައާއި، ޑޮލަރުގެ އަގު އުފުލެމުންދާ ވާހަކަ. މިކަހަލަ ވާހަކަތަކެއް ޕަބްލިކް ތެރޭގައި ދެކެވެމުންދަނީ. އަދި ޚާއްޞަގޮތެއްގައި، އިދިކޮޅު ފަރާތްތަކުން މިކަންކަމަށް މުޒާހަރާތަކެއްވެސް ކުރަމުން އަންނަތަން ފެނޭ.

ދެން، މިއާއެކީގައި، ރިޒޯޓްތަކުގެ ކަންބޮޑުވުން މަނިކުފާނު ތިޔަ ވިދާޅުވެލައްވާހެން، ރިޒޯޓްތަކުގެ ކަންބޮޑުވުންވެސް މީސްމީޑިއާގެ ތެރޭގައި އެބައޮތް ހަމަ ވަރަށް ބޮޑަށް މިހާރު ފެތުރިފައި، މި ވާހަކަތަކެއް.

ދެން، ފުރަތަމަ ސުވާލަކީ، ޤާނޫނު ނެތިގެންތޯއޭ، މި ރާއްޖޭގައި މި ޙާލަތަށް މިދަނީ. ދެވަނަ ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖެ ދެންމެ، މި ގެނެވުނު ބަދަލުތަކާ ގުޅިގެން، ޚާއްޞަގޮތެއްގައި، ރިޒޯޓު ހިންގާ ފަރާތްތަކުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ސަރވިސް ޗަރޖް، އަދި މުސާރަ ދިނުމުގައި ޑޮލަރުން ދޭންވާނެއޭ. ނުދީފިއްޔާ، ނުވަތަ ވަޒީފާ އަދާކުރަމުންދާ ބަޔަކަށް، މިކަމުގެ ސަބަބުންނޭ ކިޔާފައި ނުދެވިއްޖެ ކަމަށްވާނަމަ، ކިހިނެއްތޯ ދެން އެ ކަންތައްތައް ކުރާނީ؟ ބައެއްގެ ޙައްޤުތަކެއް ގެއްލޭކަމަށް ގަބޫލުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޤާނޫނުތައް ތަންފީޒުކުރުމަކީ، ޤާނޫނު ތަންފީޒުކުރުމުގެ ޒިންމާ އޮންނަ ފަރާތްތަކުން ކުރައްވަމުން ގެންދަވާނެ ކަމެއް. އަދި ކުރައްވާނެވެސް ކަމެއް.

ރާއްޖޭގައި ޑިމޮކްރަސީ ފައްކާވެގެން އަންނައިރުގައި، ގަވަރނަންސްގެ ނިޒާމު ހަރުދަނާވެގެން އަންނައިރުގައި، ދުނިޔޭގެ އެންމެ ރަނގަޅު، ބެސްޓް ޕްރެކްޓިސްތައް ތަންފީޒުކުރަމުންދާ ޤައުމުތަކުގައި ހުންނަ ޤާނޫނުތަކާއި، ގަވާއިދުތައް ގެންނަންޖެހޭނެ. ގެންނާނެ. އެއީ، ނިޒާމު ފުރިހަމަކުރުމަށްޓަކައި ކުރާ ކަމެއް. ޤާނޫނަކީ، ބަޔަކު އުޅޭ ތަނެއްގައިވިއްޔާ ހުންނާނެ އެއްޗެއް. ހަދަންޖެހޭ އެއްޗެއް. ދެން، ރޫލް އޮފް ލޯ ތަންފީޒު ކުރަންޖެހޭނެ. މިއަދު މިސާލަކަށް، މި ތަޞްދީޤު ކުރެވިގެންދިޔަ ބިލުތަކާއި، އަދި ކުރިންވެސް، އެ ބިލުތައް ތަޞްދީޤުކުރަނީ، ނޫނީވިއްޔާ ބިލުތަކެއް މި ފާސްކުރަނީ، ކުރިން ހުރި ބިލުތައް، އެއް ސަބަބަކީ، އެކަށީގެންނުވަނީ މިސާލަކަށް. ބައެއް ބިލުތައް އުވިގެން، އާ ޤާނޫނުތައް އަންނަނީ. އަނެއް ސަބަބަކީ، އެ ޙާލަތާ ގުޅޭ، ނޫނީވިއްޔާ އެ ވަގުތަކަށް ބޭނުންވާ ކަންކަމަށް. އަނެއްކަމަކީ، ދެންމެ މި ދެންނެވި ގޮތަށް، ނިޒާމު ފުރިހަމަކުރުމަށްޓަކައި. އެހެންވީމާ، ރާއްޖެ ކުރިއެރުވުމުގައި، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ކުރިއެރުން، އަޅުގަނޑުމެން މި ބޭނުންވާ ދިމާއަށް ކުރިއަށް ގެންދިޔުމުގައި، ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި، 2040އާ ހަމައަށް ދާންވާއިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީވެފައި އޮތް ޤައުމަކަށް ހަދާކަމަށްވަންޏާ، ރާއްޖޭގައި ހުންނަންޖެހޭ، ވަރުގަދަ ނިޒާމެއް ޤާއިމުކުރެވިފައި ޤާނޫނީގޮތުން. އެހެންވީމާ، ޤާނޫނުތަކަކީ ބޭނުންތެރި އެއްޗެއް. ހަމައެއާއެކީގައި، ޤާނޫނުތައް ތަންފީޒުވެސް ކުރެވެންޖެހޭނެ. އެންމެންގެ ޒިންމާއެއް އެއަށް ބޯލެނބުމަކީވެސް.

ދެން، ދެންމެ ތިޔަ ވިދާޅުވި ކަންތަކުގައި، ޓޫރިޒަމް ސެކްޓަރގައި، ނޫނީވިއްޔާ އެހެން ސެކްޓަރއެއްގައިވިޔަސް، ކޮންމެ ފަރާތެއްގެވެސް ޒިންމާ އެބައޮތް އިނގޭތޯ. ދެން، އަޅުގަނޑު މި ދެންނެވީ، މި ބިލު، މި އިޞްލާޙު ގެނައުމަށްޓަކައި ކުރެވުނު މަސައްކަތުގައި، ބިލު ފަރުމާކުރުމުގައި، ހުރިހާ ޑޭޓާއެއް ބަލާފައިކަން ހުރީ އިނގޭތޯ. އަޅުގަނޑު ހަމަ 100 ޕަސެންޓް ފުރިހަމަ ޔަޤީންކަމާއެކީގައި މި ދަންނަވަނީ، ރާއްޖޭގެ އެއްވެސް ރިޒޯޓެއް ނޯންނާނެ، މި 40 ޕަސެންޓް މާރުނުކުރެވޭނެ. ނޯންނާނެ! ލޯނު ދައްކާފައި، މުވައްޒަފުންނަށް މުސާރަދީފައި، ޚަރަދުކޮށްފައި، ޑޭ ޓު ޑޭ އޮޕަރޭޝަން، ހުރިހާ ކަމެއް ކޮށްފައި މި މާރުކުރެވެނީ. ދެން، ބައެއް ފަރާތްތަކުން އެބަ ވިދާޅުވޭ، ތިމަންނަމެން އާމްދަނީ ނުލިބޭކަމަށް ހިސާބު ކިތާބު ހަދާނީއޭ ދެން. ދެން، މަކަރު ހެދޭނެ. ދޮގުހަދަން މަސައްކަތް ކުރެވިދާނެ. އެކަމަކު، އެކަންވެސް ހުއްޓުވޭނެ ނިޒާމުތައް މިއަދުގެ ބިލުތަކުންވެސް އަތުވެއްޖެ އިނގޭތޯ. މީގެކުރީގެ ދުވަސްތަކެއްގައި ފަހަރެއްގައި ހުރެދާނެ، ރާއްޖޭގައި މަކަރުހަދައިގެން ސަލާމަތްވެވޭނެ ގޮތް. އެކަމަކަށް ފުރުޞަތެއް އަޅުގަނޑުމެން ނުދޭނަން އިނގޭތޯ. ރާއްޖެއަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން، އެ ޓޫރިސްޓް އައިކަމާއި، އޭނާ ދިޔަތަނާއި، އޭނާ ނިދީ ކޮންތަނެއްގައި ކަމާއި، އޭނާ ފުރައިފިކަން އެނގޭނެ ނިޒާމު، މީގެ އެއްމަސް ފަހުން، ރަސްމީކޮށް އަޅުގަނޑުމެންގެ ސިސްޓަމް ތެރެއިން ފެންނާނެ. ޤާއިމުވެފައި ހުންނާނެ. މަކަރެއް ނެހެދޭނެ އިނގޭތޯ. އެ ފުރުޞަތެއް ނުލިބޭނެ.

އެހެންވީމާ، އަޅުގަނޑުމެން މި ކަންކަން މިކުރަނީ، ކަންކުރަން އެނގި ތިބެގެން، ކަންކުރަންވާ ގޮތަށް. ވަރަށް ފަރމްވާނެ. މި ސަރުކާރުން ޙައްޤު ޤާއިމުކުރުމުގައި، ވަރަށް ފަރމްވާނެ. ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ. ތަފާތެއް ނުކުރާނެ. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި، ކީއްވެތޯ ވަކިބަޔަކު މުއްސަނދިވެފައި، އެހެން ހުރިހާ މީހުން ސަފަރކުރަންޖެހެނީ؟ ނުޖެހޭނެ އެހެން ކުރާކަށް. އަޅުގަނޑު މިކަމާ އުޅެންފެށީމާ، ބައެއް ބޭފުޅުން ވިދާޅުވި، ރާއްޖޭގެ ބަޖެޓް ކުޑަކުރާށޭ. ރައްޔިތުންނަށް ވެފައިހުރި ވަޢުދުތައް ހުއްޓައިލާށޭ. އަޅުގަނޑު އަތުގައި މެސެޖް އެބަހުރި. ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދަން، ބޮޑެތި ބަޖެޓުތައް ހަދައިގެން، ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުން ގެނެސްދޭން މަސައްކަތްކުރާ ކަމަށްވަންޏާ، ޑޮލަރު ރޭޓުވެސް ބޮޑުވާނޭ. ތިމަންނަމެން ބްލެކް މާކެޓުގައިވެސް ވިއްކާނަމޭ. މިއީ، ކަމުދާ ވާހަކައެއް ނޫން. އަޅުގަނޑު ވީ ވަޢުދުތައްތޯ ހުއްޓައިލަންވީ؟ ނޫނީވިއްޔާ، ތިމަންނަމެން ރިޒޯޓް ހިންގައިގެން ލިބޭ ޑޮލަރުން ޙައްޤު މިންވަރު ރައްޔިތުންނަށް ދޭންވީތޯ؟ މިއީ ކުރަންވީ ސުވާލަކީ ތިޔަބޭފުޅުން، ނޫސްވެރިންވެސް. ކާކަށްތޯ އޮޅުވައިލަން މިއުޅެނީ؟ އަމިއްލަ ނަފްސަށް އޮޅުވައިލަނީ ކީއްކުރަންތޯ؟ ރައްޔިތުންގެ ޙައްޤު އެބައޮތޭ. ރާއްޖޭގައޭ މި ހިންގަނީ މި ރިޒޯޓުތައް. މިއީ، ދައުލަތުގެ އެއްޗިއްސޭ. ދައުލަތުގެ އެއްޗެހި މިއީ. އެހެންވީމާ، އަޅުގަނޑުމެން ކަންކަން ކުރަނީ، ޒިންމާދާރުކަމާ އެކީގައި އިނގޭތޯ.

އެހެންވީމާ، އެހެން ބޭފުޅަކަށް ފުރުޞަތު. އެހެން ބޭފުޅަކު. އެބައޮތްތޯ އެހެން ބޭފުޅެއް؟

އާމިނަތު ޝަފާ - އެމް.އެމް.ޓީ.ވީ:

އަޅުގަނޑު އަމާޒުކޮށްލަން ބޭނުންވަނީ، މި މަސްވެރިކަމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން. ދެ ސުވާލެއް އަޅުގަނޑުގެ އެބައޮތް. ފުރަތަމަ ސުވާލަކީ، މިހާރު ދޭތެރެދޭތެރެއިން އަޅުގަނޑުމެންނަށް އަޑުއިވޭ ވާހަކައެއް މިއީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެންމެ ފުރިހަމައަށް ނުބެލެހެއްޓޭ ވާހަކަ އަދިވެސް. އަދި، ބޭރުގެ އުޅަނދުފަހަރުން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރާ ވާހަކަ. ދެން، މިފަދަ އުޅަނދުފަހަރު ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމުގައި، ކުރިން ހުރި ހުރިހާ ބޮޑެތި ދަތިތަކަށް، މި ބިލުގެ ސަބަބުން، ކިހާވަރެއްގެ ޙައްލެއް ލިބިގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށް ރަނގަޅު ވާހަކަފުޅެއް. މި ބިލުގެ ސަބަބުން ވަރަށް ބޮޑެތި މަގުތައް އެބަ ފަހިވެގެންދޭ މިކަމަށް އިނގޭތޯ. ޤާނޫނަކަށް މިހާރު މި ވެގެން މިދިޔައީ. ދެން، މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މި ސަރުކާރުން މި މަސައްކަތް ކުރަމުންދާވަރަށް، އަޅުގަނޑު ހިތުން އެއްވެސް ސަރުކާރަކުން މިހާތަނަކަށް ނެތް މަސައްކަތް ކޮށްފައެއް. ދެން، މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން ދޮގެއްތޯ؟ މަސްވެރިން އެ ވާހަކަ އެންމެ ގިނައިން މިހާރު އެ ދައްކަވަނީވެސް. އިއްޔެ 21 ރުފިޔާއަށް މަސް ލިބުނު. މަސްވެރިކަމުގެ ޞިނާޢަތު އޮތީ އަނދަވަޅެއްގައި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި. އެހެންވީމާ، އެ އަނދަވަޅުން ނަގައި، ކޮޅަށްޖަހައި، މަސްވެރިންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށްޓަކައި މި ކުރެވޭ މަސައްކަތް، އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ، އިރާދަކުރެއްވިއްޔާ މި ޤާނޫނުގެ ސަބަބުން.

ދެން، ސްޕޯޓްސް ފިޝިންގ ދާއިރާއަކީ، ރާއްޖޭގައި އެންމެ ފުޅާވަމުން އަންނަ އެއް ދާއިރާ. އަޅުގަނޑު ރަށްރަށަށް ދާއިރުގައި، އެންމެ ގިނައިން އަންނަ އެއް ރިކްއެސްޓް އެއީ، ސްޕޯޓްސް ފިޝިންގއަށް ބޮއެއް އަޅައިދިނުމަށް، ނޫނީވިއްޔާ އެހެން ކަމެއް ކޮށްދިނުމަށް. އެހެންވީމާ، ވަކި ސަރަޙައްދުތަކެއްގައި ބަނދަރުތަކެއް ހަދައިދިނުމާ އެކީގައި، ކަންތައްތަކެއް ކުރުމަށް ފަހިވެގެން އެބަދޭ މީގެތެރޭގައި، ދެންމެ ތިޔަ ވިދާޅުވި ކަންތައްތަކުގައިވެސް.

ދެން، ވެސަލް ޓްރެކިންގ ޑިވައިސްތައް ހަރުކޮށްގެން، އަޅުގަނޑުމެން މަސްވެރިކަމުގެ ޞިނާޢަތު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ. އެހެންވީމާ، ޖުމްލަކޮށް، މަސްވެރިކަމުގެ ޞިނާޢަތަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި، ވަރަށް ގިނަ ކަންކަން ފަހިވޭ، މި ބިލުގެ ސަބަބުން.

އާމިނަތު ޝަފާ - އެމް.އެމް.ޓީ.ވީ:

މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަށްޓަކައި، ރައީސް ހަމަ ވަރަށް އަހަންމިއްޔަތު ކަމެއް ދެއްވާއިރުގައި، މި ބިލުގައި އެކޯ ކަލްޗަރ ކުރުން ފުޅާކުރަން ޚާއްޞަ އިސްކަމެއް ދެއްވާފައި މިއޮތީ. ދެން، މިއީ ކުރިމަގުގައި ރާއްޖޭގެ އިޤްތިޞާދަށް ކިހާ މުހިންމު ކަމެއްތޯ؟ އަދި ޤައުމީ އާމްދަނީ ކިހާވަރަކަށް އިތުރުކުރުމުގެ ފުރުޞަތު އޮތް ކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ތިޔަ ވިދާޅުވިހެން، އެކޯ ކަލްޗަރ ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭނެގޮތް ފުޅާކުރުމާއި، އެކަމާބެހޭ އުސޫލުތައް މީގައި އެބައޮތް. ވަރަށް ގިނަ އިންވެސްޓަރުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައި އެބައޮތް، މި ދާއިރާއިން އިންވެސްޓް ކުރުމަށް. އިރާދަކުރެއްވީތީ، މިހާރު މިކަމުގައި ހުރި ޤާނޫނީ ހުރަސް ނެތިގެން މިދިޔައީ.

އެއްވެސް އެހެން ބޭފުޅަކު އެބަހުރިތޯ؟ އާދެ.

މުޙައްމަދު ޖިނާން ޙުސައިން ޖަބީން - އެކި އެމް.ވީ:

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން، އަޅުގަނޑުގެ އެބައޮތް ދެ ސުވާލު. ދެން، ފުރަތަމަ ސުވާލަކީ، މި ބިލު ޤާނޫނަކަށްވާއިރު، ކޮންސްޓްރަކްޝަން މަޝްރޫޢުތައް ހިންގާ، ބޭރުގެ ފަރާތްތަކުން ދައްކަންޖެހޭ، ވިތްހޯލްޑިންގ ޓެކްސް ބޮޑުވާއިރު، ދައުލަތަށް މިކަމުގެ ސަބަބުން ލިބޭނެ ފައިދާތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެންމެ އަޅުގަނޑު ކުޑަކޮށް މި ދަންނަވާލީ، ކުރުކޮށް، ތިޔަ ކަމަށް އިނގޭތޯ. ތިޔަ ވިދާޅުވިހެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން، ވިތްހޯލްޑިންގ ޓެކްސް، 5 ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކޮށް، އެ އަދަދަކީ، އެ ފަރާތަކުން ދައްކަންޖެހޭ ފުރިހަމަ ޓެކްސްގެ ގޮތުގައި ކަނޑައެޅުން. ދެން، މީގައި މި ދެންނެވިފަދައިން، ވިތްހޯލްޑިންގ ޓެކްސް ބޮޑުކުރުމުން، މި އީކުއަލް ޕުޓިންގއަކަށް ދިވެހި ކުންފުނިތަކަށް މި އާދެވެނީ. މިހާރު އެ ހުރަސްތައް އެބަހުރި. އަޅުގަނޑުމެން ބޭނުން، ރާއްޖޭގެ ކުންފުނިތައް ކުރިއަރައިގެން ދާން. މިސާލަކަށް، ރިޒޯޓެއްގެ މަސައްކަތް ނަގަން ބޭނުންވަނީ. ބިން ހިއްކުމުގެ މަޝްރޫޢެއް، ނޫނީވިއްޔާ ބޮޑު މަސައްކަތެއް، ނޫނީވިއްޔާ އިމާރާތް ކުރުމުގެ މަސައްކަތެއްވިޔަސް. ނަގަންބަލާއިރުގައި، މި ހުރަސް އޮތީމާ، ދިވެހި ކުންފުނިތަކަށް އެއިން ދަތިތަކެއް މި ދިމާވަނީ. އެ ކޮމްޕެޓިޓިވްނަސްއެއް ނުލިބޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމަށް ޙައްލެއް އަންނާނެ މިއިން.

މުޙައްމަދު ޖިނާން ޙުސައިން ޖަބީން - އެކި އެމް.ވީ:

ދެން، ދެވަނަ ސުވާލަކީ، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ދިވެހި ކުންފުނިތައް އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށް، މި ޤާނޫނުން މަގުފަހިކުރޭތޯ؟ ދެން، މަގުފަހިކުރަންޏާ، މިހާރު އެއީ ކޮންކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެންމެ ޖުމްލަކޮށް މި ދަންނަވާލި ކަހަލަ ބޮޑެތި ބަދަލުތައް މިއިން މި ލިބިގެންދަނީ.

ނިޝާން މުޙައްމަދުދީދީ - ޕީ.އެސް.އެމް:

އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ، ރައީސްވެސް އިތުރު ތަފުސީލު ތިޔަ ޙިއްޞާކޮށްލެއްވީ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން. ދެން، އަޅުގަނޑުމެން ރާއްޖެއާއި، އަވަށްޓެރި ޤައުމުތަކަށް ބަލައިލާއިރުވެސް، އަދި ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލައިލާއިރުވެސް، އެ ޤައުމުތަކަށް އެތެރެވާ ބޭރު ފައިސާއާ ގުޅޭ ކަންކަމުގައި، ވަރަށް ހަރުދަނާ، ހަރުކަށި އުސޫލުތަކެއް ހެދިފައި އެބަވޭ. ޚާއްޞަކޮށް، އެ ޤައުމަށް އެތެރެވާ ބޭރު ފައިސާ، ނުވަތަ ޑޮލަރު ވަކި ބައެއްގެ އަތުގައި ބޮޑުބައެއް ހުންނަގޮތަކަށް ނޫން މި އޮންނަނީ. އަދި ހަމައެހެންމެ، އެ ޤައުމެއްގެ ކަރަންސީ އެ ޤައުމެއްގައި ބޭނުންކުރާގޮތަށް މަޖުބޫރުކުރުވާފަދަ ގޮތަކަށް، މި ކަންތައްތައް މި އޮންނަނީ.

ދެން، އަޅުގަނޑުގެ މައިގަނޑު ސުވާލަކީ، ދިވެހި ރުފިޔާއަށް އިސްކަންދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށް މި ގެނެވުނު އިޞްލާޙާއެކު، ކިހާވަރެއްގެ ޖާގައެއް ލިބިގެންދާނެތޯ؟ އަދި ކުރިއެރުމެއް ލިބިގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޙަޤީޤަތުގައި، ރާއްޖޭގެ ލީގަލް ޓެންޑަރ، ހަމަ ދިވެހި ރުފިޔާ ދޮގެއްތޯ؟ ދިވެހި ރުފިޔާއިން ހުރިހާ މުޢާމަލާތެއް ކުރެވޭ ދިމާއަށް ދިޔުން އެއީ، އަޅުގަނޑުމެންގެވެސް އަމާޒެއް. އަބަދުވެސް، ހުރިހާ ސަރުކާރެއްގެވެސް އަމާޒެއް. އިރާދަކުރެއްވިއްޔާ، ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން، އެ އަމާޒަށް ދިޔުމުގެ މަސައްކަތް ކުރެވޭނެ. އެކަމަކު އެއީ، އެއް ދުވަހުން، ދެ ދުވަހުން ވާނެ ކަމެއް ނޫން. ރާއްޖޭގެ އިންވެސްޓްމަންޓްތަކާއި، ލޯނުތަކާއި، މި ހުރިހާ ކަމަކާ ގުޅިފައި އެބައޮތް، މިއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް. އަޅުގަނޑު ގަބޫލުކުރަނީ، ދިހަވަރަކަށް އަހަރު ދުވަހުގެ ރާސްތާއެކޭ މީގައި މިއޮތީ. ދިހަވަރަކަށް އަހަރު ދުވަސް ނަގާނެ ކަމަށް، އެ ހިސާބަށް އެކީގައި ގެންދަން. މާނައަކީ، 2035 ހިސާބަށް، 2036 ހިސާބަށް ދާއިރުގައޭ، މުޅި ރާއްޖޭގެ ނިޒާމު އެކީގައި ބަދަލުކުރެވޭވަރުވާނީ. އެކަމަކު، އެ ހިސާބަށް ދާންވަންދެންވެސް، ސްޓެޑިލީ ކުރެވޭނެ، ފަހަރަކު ކަމެއް ކުރެވޭނެ ކަންތައްތައް ހުންނާނެ. ރާއްޖޭގައި މިއޮތީ، މި ދެންނެވި ގޮތަށް، މަސްހުނި ނިޒާމެއް. ރާއްޖޭގައި ބޭރު ފައިސާ ވަރަށް ބޮޑަށް ބޭނުންކުރެވެމުން މިދަނީ. ޚާއްޞަކޮށް ޑޮލަރު. އެހެންވީމާ، މި ޙަޤީޤަތް، މިހެން އޮތްއޮތުމަށް ރިޢާޔަތްކޮށްގެން، ވަރަށް ތަފުސީލީ ގޮތެއްގައި، މަސައްކަތްތަކެއް ކުރެވެން މި ޖެހެނީ. އެހެންވީމާ، އެގޮތުން މިކުރެވޭ މަސައްކަތުން، ރާއްޖޭގެ މުޅި ނިޒާމު، އިރާދަކުރެއްވިއްޔާ ރުފިޔާއަށް ބަދަލުވެގެންދާނެ. އެކަމަކު އަޅުގަނޑަށް އަންދާޒާ ކުރެވޭ، ދިހަވަރަކަށް އަހަރު ދުވަސް ނަގާނެ އެކީގައި ބަދަލުކުރަން.

އުސައިމީން އަޙްމަދު - ސީ.އެން.އެމް:

السّلام عليكم

އަޅުގަނޑުގެ ސުވާލަކީ، މިހާރުވެސް ރިޒޯޓްތަކުން ޑޮލަރުން ދައްކާގޮތުގައި އޮންނަނީ. ޓެކްސްގެ ޕަސެންޓޭޖެއް ދައްކަނީ ހަމަ ޑޮލާރޒްއިން. ދެން އަނެއްކާ އެއީ ތަރޓީ ޕަސެންޓް. ދެން މީގެއިތުރުން، އަނެއްކާ ފޯޓީ ޕަސެންޓް އެބަ ދައްކަންޖެހޭ. މާރުކުރަންޖެހޭ ކަމަށް ތިޔަ ވިދާޅުވަނީ. ދެން ސެވަންޓީ ޕަސެންޓް ޑޮލާރޒް ސަރުކާރަށް ރިޒޯޓްތަކުން އެބަ ކޮންޓްރިބިއުޓް ކުރޭ މިހާރުވެސް. އެހެންވީމާ، އެކަމާ ދޭތެރޭގައި ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިއަށްވުރެވެސް ތި ހިސާބު ގޯސްކޮށް ދައްކާލެވިދާނެ ހަދާލާފައި އިނގޭތޯ. އެކަމަކު ޙަޤީޤަތް ތިގޮތަކަށްނޫން އޮތީކީ ދޮގެއްތޯ؟ އެހެންވީމާ، 40 ޕަސެންޓް މާރުކުރާ ވާހަކަ މި ދައްކަނީ. 40 ޕަސެންޓް އަނެއްކާވެސް އެކީގައި ދޭ ވާހަކައެއް ނޫނެއްނު މި ދައްކަނީ. އަޅުގަނޑު އެދެނީ ނޫސްވެރިންގެ ކިބައިން، ތިޔަބޭފުޅުން ވަޑައިގެން، ރިޒޯޓްތަކުގެ ހިސާބު ކިތާބު ދައްކަން، އެ ބޭފުޅުންނަށް ދަންނަވަން އިނގޭތޯ. އަސްލު މަޢުލޫމާތު. އަސްލު މަޢުލޫމާތު ބައްލަވައިފިއްޔާ، ހަމަ ޔަޤީންކަމާއެކީގައި މި ދަންނަވަނީ، ރާއްޖޭގެ އެއްވެސް ރިޒޯޓަކަށް މި ދަތިކަމެއް ނެތް އިނގޭތޯ. އެއްވެސް ރިޒޯޓަކަށް ދައްޗެއްނުވާނެ. ހަމަ ފަސޭހަކަމާއެކީގައި، 40 ޕަސެންޓަށް މާރުކުރެވޭނެ އިނގޭތޯ. އެއްވެސް ދައްޗެއް ނޯންނާނެ.

 މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

އާދެ، ޝުކުރިއްޔާ ރައީސް. އަޅުގަނޑުގެވެސް ސުވާލު މިއޮތީ މިއަދު ރައީސް ތި ތަޞްދީޤު ކުރެއްވި އަދި މާދަމާއިން ފެށިގެން ޢަމަލުކުރަން މި ފެށޭ ......

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެންމެ އޭ.ޖީ. ވިދާޅުވި އެއްޗަކަށް، ޓެކްސް އުނިކޮށްފައި ދެން އޮންނަ އެއްޗަކުން 40 ޕަސެންޓް ނަގަނީވެސް.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

ޝުކުރިއްޔާ ރައީސް. އަޅުގަނޑުގެ މައިގަނޑު ދެ ސުވާލު މިއޮތީ، މިއަދު ރައީސް ތި ތަޞްދީޤުކޮށް، އަދި މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާ ބޭރުފައިސާއާ ގުޅޭ އިޞްލާޙާ ގުޅޭގޮތުން. އެހެންނަމަވެސް، އަޅުގަނޑުގެ ސުވާލަށް ދިޔުމުގެ ކުރިން، ރައީސް ކައިރިން ސާފުކޮށްލަން ބޭނުންވާ ކަމެއް އެބައޮތް. މީގެ ހަތަރު މަސް ކުރިން، ރައީސްގެ ސަމާލުކަމަށް ނޫސްވެރިންގެ ފަރާތުން ގެނައި ދެކަމެއް އެއީ. އެމް.އޭ.ސީ.އެލް.ގެ 80 މުވައްޒަފުން ތިބިކަމަށް ގޭގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު އެދެން، އެހެން ސުވާލުތައް ހުރިއްޔާ، އެހެން ދުވަހަކުން އެ ސުވާލުތައް ގެންނެވުން އިނގޭތޯ. މިއަދުގެ މައުޟޫޢާ ގުޅޭގޮތުން ކުރިއަށް ގެންދަވާ.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

ރައީސް ކައިރިން އަހާލަން ބޭނުންވަނީ، އެމް.ޓީ.ސީ.ސީ.ގެ ޓެކްސީ އެޕްގެވެސް 13 މިލިޔަން އޭރު ނޫސްވެރިން، ރައީސްގެ ސަމާލުކަމަށް ގެނައިން. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު ސަރުކާރުގެ އެއްވެސް ތަނަކުން އޭގެ ޖަވާބެއް ނުދޭ. މިއަދު މި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސުވާލު ކުރަން މިޖެހުނީ، ރައީސްވެސް މިހާރު ގާތްގަނޑަކަށް ދެ މަސްވެއްޖެ އަޅުގަނޑުމެންނާ ބައްދަލު ނުކުރައްވާތާ. އެހެންވެ ރައީސްގެ އަރިހުން އެދެން، އޭގެ ތަފްސީލެއް އޮތްނަމަ، ނޫސްވެރިންގެ ބައްދަލުވުން ނިންމާލާފައި ނަމަވެސް ދެއްވުން ވަރަށް ބޮޑަށް އެދެން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިވެސް ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރަން އިނގޭތޯ. މިތާނގައި، މި މާޙައުލުގައި، މި މާލަމުގައި ޕްރެސްއެއް ނުބޭއްވި ހިނގައިދާނެ. އެކަމަކު އެއްވެސް ހަފްތާއެއް ނިމިގެން ނުދާނެ، ކޮންމެވެސް މީޑިއާއަކާއެކީގައި އަޅުގަނޑު އިންޓްރެކްޓް ނުކޮށެއް އިނގޭތޯ. ދެން ހައިރާންފުޅުވެވަޑައިގަންނަވާނެ ކަމެއްނެތް. މިއީ ޙަޤީޤަތް. ހަމަ ކޮންމެ ހަފްތާއަކު އަޅުގަނޑު އިނގޭތޯ. ދެން މިތަނުގައި އަޅުގަނޑަށް ޕްރެސް ނުބޭއްވި ދިޔުމަކީ، އަޅުގަނޑު ދެންނެވި ގޮތަށް އެކަން ނުކުރާ ސަބަބެއްވެސް ނޫން. އަޅުގަނޑު ކޮންމެ ހަފްތާއަކު ޕްރެސްއާ، ނޫނީ މީޑިއާ، ކޮންމެވެސް މީޑިއާއާއެކު އިންޓްރެކްޓް ކުރުމުގެ އިތުރަށް، މިތަނުގައި ކޮންމެ ހޯމަ ދުވަހަކު ބާއްވާ ބައްދަލުވުން، އަޅުގަނޑު ދެންނެވިން، ޒަރޫރީ، ނޫނީވިއްޔާ ކޮންމެހެން ކުރަންޖެހޭ ކަމަކަށް އަން އެވޮއިޑަބަލް ކަމެއް ދިމާނުވާހާ ހިނދެއްގައި މިތާ އޮންނާނޭ. މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުން ބައްލަވާ، ވަރަށް ގިނަ ހޯމަ ދުވަސްތަކުގައި ހުންނާނީ ކޮންމެވެސް އިވެންޓަކަށް އަޅުގަނޑު ދާންޖެހިފައި. ކޮންމެހެން ވަރަށްބުރަ މަސައްކަތެއްގައި އެ ދުވަހު އެކަމެއްގައި އުޅެންޖެހިގެން ނޫނީވިއްޔާ، އަޅުގަނޑު ހުންނާނީ މިތަނުގައި ޕްރެސް ބާއްވާފައި އިނގޭތޯ. މި ދުވަސްވެސް މިއީ ހޯމަ ދުވަސް. މިއަދު 10 ޖަހާއިރު އަޅުގަނޑުގެ އެހެންކަމެއް އޮތީމާ، 1 ޖަހާއިރަށް ބަދަލުކުރީ. އެހެންވީމާ، އަޅުގަނޑު ވަޢުދުވީގޮތަށް، ކޮންމެ ހޯމަ ދުވަހަކު ބައްދަލުވުން ބާއްވަމުން މިދަނީ އިނގޭތޯ. ދެން ހަމަ މީޑިއާތަކާއެކީގައިވެސް އަޅުގަނޑު ކޮންމެ ހަފްތާއަކު ކޮންމެވެސް ސިފައެއްގައި، ކޮންމެވެސް މީޑިއާއަކުން ކުރާ ސުވާލަކަށް ޖަވާބުދިނުމާއި، ކޮންމެވެސް މީޑިއާއަކަށް މަޢުލޫމާތުތައް ދިނުމަށް އަޅުގަނޑު ވަގުތު ހޭދަކުރަން އިނގޭތޯ. އެހެންވީމާ، އެއީ އެކަން.

ދެން، މިއަދުގެ މައުޟޫޢާ ނުގުޅޭ އިތުރު ކަމެއް އޮތްނަމަ އަޅުގަނޑު އެދެން، ތިޔަ ވިދާޅުވާ ކަމެއް އަޅުގަނޑުގެ ޗީފް ގަވަރންމަންޓް ސްޕޯކްސް ޕަރސަންއާ ހިއްސާކޮށްލަދެއްވާ. އޭރުން އިރާދަކުރެއްވިއްޔާ އެއަށް އަޅުގަނޑު މައުލޫމާތު ދޭނަން. އެހެންވީމާ، ސީދާ މިއަދުގެ މައުޟޫޢާ ގުޅޭ ސުވާލެއް އޮތިއްޔާ ވިދާޅުވެލައްވާ.

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

ޖަވާބު ނުލިބޭތީ ރައީސް މި ފުރުޞަތުގައިވެސް މިކަން މި ފާހަގަކޮށްލީ. ދެން މިއަދުގެ ސުވާލަށް ދާނަން. އަޅުގަނޑުގެ ސުވާލަކީ، ރައީސް ދެންމެ ނޫސްވެރިންގެ ސުވާލަށް ހުޅުވާލުމުގެ ކުރިން ވިދާޅުވެއްޖެ، 40 ޕަސެންޓަކީ މި ސީދާ، މި 40 ޕަސެންޓް ޑޮލަރ މާރުކުރާގޮތަށް ހެދުމުން މިއީ ސީދާ ރައްޔިތުންގެ ލާބައަށާއި، ރައްޔިތުންގެ ފައިދާއަށް ގެންނަ ބަދަލެއްކަމަށް. މި ޑޮލަރުތައް ޚާއްޞަކުރާނެއޭ، އަސާސީ ކާބޯތަކެތި ގެނައުމަށާއި، ޓީ.ޓީ. ހެދުމަށް. މީގެ ކުރިން އެންމެ ފުރަތަމަ ގަވާއިދެއްގެ ގޮތުގައި މި ބަދަލު ގެނައިއިރުގައި، އޭރު ބޮލަކަށް 500 ޑޮލަރާއި އަދި 20 ޕަސެންޓް މާރުކުރާގޮތަށް ހެދިއިރު، ރައީސް އޭރުވެސް ވިދާޅުވި، ހަމަ ރައްޔިތުންގެ ފައިދާއަށް ކަމަށް. އަދި ބައެއް ބަދަލުތައްވެސް ގެންނާނެ ކަމަށް ވިދާޅުވި. ޑޮލަރުގެ ކާޑު ލިމިޓް ބޮޑުކުރުމާއި، އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުންނަށް މިހާރު އެ ވިއްކާ 500 ޑޮލަރު 1000 ޑޮލަރަށް ބަދަލުކޮށްދޭނެ ކަމަށްވެސް ވިދާޅުވި. އެހެންނަމަވެސް، އެއްވެސް ކަމެއް ރަނގަޅުނުވެގެން ދިޔައީ. އިތުރަށް ހާލަތު ގޯސްވެގެން ދިޔައީ. ކަޅުބާޒާރުގައި ޑޮލަރު އުފުލެމުން ދިޔައީ ދުވަހެއް ދުވަހަކަށް. ކީއްވެގެންތޯ މިހާރު ރައްޔިތުން ގަބޫލުކުރަންވީ، ރައީސް މިއަދު ތިޔަ ދެއްކެވި ވާހަކަ މިއީ ރައްޔިތުންގެ ލާބައާއި ފައިދާއަށް މިކަން ރަނގަޅުވެގެން، ކީއްވެގެންތޯ އޭރު އެ ގެނައި ބަދަލުން، އޭރު ނޮވެންބަރު 2024 ގައި ރައީސް ވިދާޅުވީ. އެއީ ސަރުކާރަށް އަހަރު ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި. ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އަދި ޑޮލަރުގެ އަދަދަށްވެސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ؟ ދިވެހިރާއްޖޭގައިތޯ؟

މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:

ދިވެހިރާއްޖޭގައި، އާދެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެންވިއްޔާ މުޒައްޔިނަށް ނޭގެނީތޯ، ޑެބިޓް ކާޑުން ބޭރު މުޢާމަލާތްތަކަށް ކުރެވޭ އަދަދު 250 ޑޮލަރުން 1000 ޑޮލަރަށް ބޮޑުކުރިކަމާއި، ޑެބިޓް ކާޑުން ދަތުރުފަތުރާއި، ހޮޓެލް ބުކިންގއާއި، މެޑިކަލް ބޭނުންތަކަށް 3000 ޑޮލަރު ހަމަޖައްސައިދީފައިވާ ކަމާއި، ޑެބިޓް ކާޑުން ދަރިވަރުންނަށް 1200 ޑޮލަރުގެ ލިމިޓެއް ތަޢާރުފްކުރިކަމާއި، ކްރެޑިޓް ކާޑު ބޭނުންކުރެވޭ ފޮރިން ލިމިޓް، ދެ ގުނައަށް އިތުރުކުރިކަމާއި، ވިޔަފާރިތަކަށް ޓީ.ޓީ. ހެދުމަށް ދޫކުރާ ޑޮލަރު، 5 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރިކަމާއި، ދަތުރުފަތުރު ކުރާ ފަރާތްތަކަށް އެމް.އެމް.އޭ.ގެ އެހީތެރިކަމާއެކު ދޫކުރާ 500 ޑޮލަރުގެ އިތުރުން، އާސަންދަ މެދުވެރިކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކަށް 2000 ޑޮލަރަށް އިތުރުކުރިކަމާއި، އަމިއްލަގޮތުން ބޭސްފަރުވާއަށް ދިޔަ ދިވެހިންނަށް 1000 ޑޮލަރު އިތުރުކުރިކަމާއި، މި އެއްވެސް ކަމެއް ކީއްވެގެންތޯ އެނގިވަޑައިނުގަންނަވަނީ؟ އެހެންވެގެންނޭ ރާއްޖޭގައިތޯ ތިޔަ އުޅުއްވަނީ ސުވާލު ކޮށްލީ އިނގޭތޯ. މިއީ ހަމަ އޭގެ ފައިދާ. މިއީ ސީދާ އޭގެ ފައިދާ. ދެންމެ ތިޔަ ވިދާޅުވީ، އެއްވެސް ފައިދާއެއް ނުކުރެއޭ. އެހެންވީމާ، ޖަވާބު ދެވިއްޖެ. އެހެން ބޭފުޅަކު. އަޅުގަނޑު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުން. އެހެން ސުވާލެއް އެބައޮތްތޯ؟ އެހެން ބޭފުޅަކު އެބައޮތްތޯ ސުވާލެއް؟

ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެވެސް އެބައޮތް ދެ ސުވާލެއް. މައިގަނޑު ގޮތެއްގައި ދެ ސުވާލުވެސް މިއޮތީ، ބޭރުފައިސާގެ ޤާނޫނަށް މިގެނައި އިޞްލާޙާ ގުޅޭގޮތުން. ދެން ފުރަތަމަ ސުވާލަކަށް އަޅުގަނޑު އަހާލާހިތްވަނީ، މިދިޔަ އަހަރު 2025 ވަނަ އަހަރުގެ، މާރިޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި ''ރައްޔިތުންނާއެކު'' ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން، ރައީސް އެބައޮތް ވިދާޅުވެފައި، ސަރުކާރުގެ ކުންފުނިތަކުންވެސް ކަޅުބާޒާރުން ޑޮލަރު ގަންނަކަމަށް. ޑޮލަރު މާރުކުރާ ކަމަށް. އަދި އެއީ، މި ސަރުކާރުން ބަލައިގަންނަ މުޢާމަލާތެއް ކަމަށް، ރައީސް އެ ދުވަހު އެބައޮތް ވިދާޅުވެފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު އެހެންތޯ ދެންނެވީ؟ ސަރުކާރުން ބަލައިގަންނަ ކަމެކޭ ދެންނެވިންތޯ؟ ކީއްވެތޯ ވާރޑް ޓުވިސްޓް ކުރައްވަނީ؟ މިހާރު ނޫސްވެރިން ވާންޖެހޭނެ ޒިންމާދާރު ބަޔަކަށް ބައްލަވާ. މިހާރު ތިއީކީއެއް ޒިންމާދާރު ނޫސްވެރިކަމެއްނޫން ދޮގެއްތޯ؟ ތިޔަބޭފުޅުން ބޭނުންވާގޮތަކަށް، އަމިއްލަފުޅަށް ބޭނުންވާގޮތަކަށް ވާރޑްސް ޓުވިސްޓް ކުރައްވާފައި، ބޭނުންގޮތަކަށް ސުވާލު ފްރޭމް ކުރެއްވީމަ، އެއީ އަޅުގަނޑު ޖަވާބުދޭންޖެހޭ ސުވާލަކަށްވެސް ނުއެއްވެއެއް ނޫންތޯ؟ އެހެންނޫންތޯ؟

ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:

މިހާރު އަޅުގަނޑުގެ ސުވާލު ނިމެންދެން އަޑުއައްސަވައިލެއްވުންވެސް ރަނގަޅުވާނެތާ ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުވެސް މި ދަންނަވާ އެއްޗަކަށް، އެއްޗެއް ވިދާޅުވެދެއްވަންވީނު.

ޝައިހާން ޒަރީރު - ރާއްޖެ ޓީ.ވީ:

އަޅުގަނޑު މި ދެންނެވީ ރައީސް، ރައީސް އެބައޮތް އެ ދުވަހު ވިދާޅުވެފައި، ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުމުގެ މުޢާމަލާތްތައް ކުރާކަމަށް. އެހެންވީމާ، އެ ދުވަހު ރައީސް އެހެން ވިދާޅުވީއިރު ރައީސަށްވެސް އެބަ އެނގިވަޑައިގަންނަވާ، މި ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރުގަތުމުގެ މުޢާމަލާތް ކުރިއަށްގެންދާކަން. އެހެންވީމާ، އެއީ ޤާނޫނާ ޚިލާފަށް އޭރު ކުރަމުން ގެންދިޔަ ކަމެއްކަމަށް ގަބޫލުކުރައްވަންތޯ؟ އަދި ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރުގެ މުޢާމަލާތް މިހާރުވެސް ކުރަމުން ގެންދޭތޯ؟ އެއީ، އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ.

ދެން ދެވަނަ ސުވާލަކީ، ބޭރު ފައިސާގެ މި އިޞްލާޙު ފާސްކުރުމާއެކު، ރައީސްގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޚަލީލް އެބަވޭ މަގާމުން އިސްތިޢުފާ ދެއްވާފައި. ދެން ޚަލީލް އެބަވޭ މީޑިއާތަކަށް ވިދާޅުވެފައި، މަގާމުން އިސްތިޢުފާ ދެއްވީ، ރިޒޯޓްތަކުން 40 އިންސައްތަ މާރުކުރުމަށް ޤާނޫނަށް މި ގެނައި އިޞްލާޙަކީ އެއީ، ގަބޫލުކުރެވޭ އިޞްލާޙަކަށް ނުވާތީއޭ. ޚާއްޞަކޮށް އެއީ ރިޒޯޓުތަކަށް، ރިޒޯޓުތައް ހިންގާ ފަރާތްތަކަށް ވަރަށްބޮޑު ގެއްލުމެއް އޭގެ ސަބަބުން ކުރާނެ ކަމަކަށްވާތީ، އެކަން ގަބޫލުނުކުރެވޭތީ، ރައީސްގެ އެޑްވައިޒަރެއްގެ ގޮތުން ނުވަތަ ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި، ހުރުމަކީ ގަބޫލުކުރާ ކަމެއް ނޫންކަމަށް. އަދި ޑޮލަރުގެ މިއޮތް މައްސަލައާއި މި ތާށިކަން ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ކޮންމެހެން ރިޒޯޓުތަކުން 40 އިންސައްތަ މާރުކުރުން ނޫންކަމަށް. ސަރުކާރުގެ އެތެރޭގެ ސިޔާސަތުތައް ބަދަލުކޮށްގެން ޚަރަދުތައް ކުޑަކޮށްގެން، މިކަހަލަ ކަންތައްތަކުން، މިކަން ކުރަންޖެހޭނެ ކަމަށް ރައީސްގެ ޓޫރިޒަމް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ބޭފުޅާ ވިދާޅުވޭ. އެހެންވީމާ، ކީކޭތޯ ރައީސް އެއަށް ވިދާޅުވާނީ؟ ޚަލީލް އިސްތިޢުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމަށްތޯ ރައީސަށް ގަބޫލުކުރެއްވެނީ؟ އަދި އިސްތިޢުފާ ދެއްވުމަށްފަހު، ޚަލީލް އެ ދެއްކެވި ވާހަކައަށް ރައީސް އެއްވެސް އެއްޗެއް ވިދާޅުވާން އެބައޮތްތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސަރުކާރުގެ އެސް.އޯ.އީ.ތަކުން ކަންކަން ކުރަމުންދާގޮތް ފިނޭންސް މިނިސްޓްރީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ބައްލަވަމުން ގެންދަވާނެ. އަދި ޕީ.ސީ.ބީ. އިން ބައްލަވާނެ.

ދެން ދެންމެ ތިޔަ ވިދާޅުވި ކަންތަކުގައި، އަޅުގަނޑުގެ އެޑްވައިޒަރަކަށް ހުންނެވި ބޭފުޅާ ޚަލީލް، ތިޔަ ވިދާޅުވީ އިސްތިޢުފާ ދެއްވި ވާހަކަ. މިތަނަށް ސިޓީއެއް އަދި އައިސްފައެއް ނެތް. އަޅުގަނޑު މިއަދު ބަލައިލިން. ރަސްމީކޮށް ރައީސް އޮފީހަކަށް ސިޓީއެއް ނާދޭ. އެހެންނަމަވެސް، އަޅުގަނޑަށް މެސެޖެއް ކޮށްލައްވާފައި ވިދާޅުވި، ތިމަންނަ ވަކިވާ ވާހަކަ. ދެން އެއީ އެ ބޭފުޅާގެ އަމިއްލަ ނިންމުމެއް. އަމިއްލަ ޚިޔާލުފުޅެއް. އަޅުގަނޑު ރެސްޕެކްޓް ކުރަން. އަދި ޚަލީލް އަޅުގަނޑަށް ކޮށްދެއްވި، ސަރުކާރަށް ކޮށްދެއްވި ޚިދުމަތަށްވެސް ޝުކުރު ދަންނަވަން އިނގޭތޯ.

އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މި އިޞްލާޙުތައް މިގެނައީ، ވަރަށް ދިރާސާކޮށްފައި. މިއަކުނެތް އެއްވެސް މައްސަލައެއް. އެއްވެސް މައްސަލައެއް ނެތް. ހަމަ ވަރަށް ވަރަށް ފަރމްލީ ބެކްޑް، ޓެކްނިކަލީ ސައުންޑް ވަރަށް ރަނގަޅު ދިރާސާތަކަށް، ވަރަށް ވަރަށް ރަނގަޅު މައުލޫމާތުތަކަށް، ޑޭޓާތަކުގެ މައްޗަށް ބަލާފައި ނިންމާފައި އޮތް ނިންމުންތަކެއް. އެހެންވީމާ، މިކަމާ ޗެލެންޖްކޮށް، މިކަން މިއީ ގޯސްކޮށް ކޮށްފައި އޮތް ކަމެއްކަމަށް، މިއީ ނުކުރެވޭނެ ކަމެއްކަމަށް ވިދާޅުވާ ބޭފުޅުން އެ ވިދާޅުވަނީ، ވަރަށް އަދަބުވެރިކަމާއެކީ ދަންނަވާނީ، ރަނގަޅު ވާހަކައެއްނޫނޭ. ރަނގަޅު ވާހަކައެއް ނޫން އެއީކީ.

އަޅުގަނޑުމެން ސަރުކާރުގެ ޚަރަދު ކުޑަކުރަން. މި ސަރުކާރަށްވުރެ ޚަރަދު ކުޑަކުރަމުންދާ ބައެއްވެސް ނުހުންނާނެ. މިއަދާ ހަމައަށް އައިއިރުގައި، މުޅި ސަރުކާރަށް ބަލައިފިއްޔާ، ސަރުކާރުގެ އެސް.އޯ.އީ.ތަކުން ރައިޓް ސައިޒް ކުރުމަށްޓަކައި، އެތައް ސަތޭކަ މުވައްޒަފުންނެއް އެދަނީ މަދުކުރަމުން. ދެން މިވެސް ވަރަށް އެހެންކަހަލަ ވާހަކައެއް މިއީ. އިދިކޮޅު ފަރާތްތަކުން ފުރަތަމަ ގޮވާލީ، މުވައްޒަފުން މަދުކުރާށޭ. ހަމަ މަދުކުރީ ނުކުތީ. މަދުކޮށްގެން ނުވާނެއޭ. މިވާގޮތެއްވެސް ނޫސްވެރިން ބައްލަވައި ދެއްވަންވީނު. ރައިޓް ސައިޒް ކުރުމަށް ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް، އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވީއިރުގައި، ޕީ.ސީ.ބީ.ގެ ރައީސް ކަންނޭނގެ ކުރީ ދުވަހު ވިދާޅުވެފައި އޮތް، އެމް.ޑީ.ޕީ.ގެ ސަރުކާރުގައި 18,000 އަށްވުރެ ގިނަ މުވައްޒަފުން އެސް.އޯ.އީ.ތަކަށް ވެއްދިއޭ. އަޅުގަނޑުމެން 4000 ކޮންމެވެސްވަރެކޭ. އިރާދަކުރެއްވިއްޔާ މިހާރު މި ހިނގާ ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ނިމޭއިރުގައި، ވެއްދި އަދަދަށްވުރެ މަދުކުރެވޭތޯ، ގިނަވެގެން 6000 އެތައް މުވައްޒަފުންނެއް މަދުވާނެ. މިހާރު ހިސާބުތައް ދާގޮތުން. އެއަށްވުރެވެސް ގިނަވާނެ މަދުވާ އަދަދު.

އެހެންވީމާ، އަޅުގަނޑުމެން ހަވާލުވީއިރުގައި އެސް.އޯ.އީ.ތަކުގައި ތިބި އަދަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތައްވެސް މަދުކުރަމުން މިދަނީ. ވަރަށް އަވަހަށް ސްޕޯކްސް ޕަރސަން އޭގެ ޑޭޓާ ދެއްވާނެ އިނގޭތޯ. އެހެންވީމާ، ޚަރަދު އެބަ ކުޑަކުރަން. ހިންގުމުގެ ނިޒާމުގެ ޚަރަދު ކުޑަކުރަން އެބަ. އަދި އެހެން ހުރިހާގޮތަކުންވެސް އަޅުގަނޑުމެން ހަމަ ޑުބްލިކޭޝަންސްތައް، ނޫނީވިއްޔާ އެއްކަމަކަށް ދެގޮތަކަށް ކުރާ ޚަރަދުތަކާއި، މި ހުރިހާ ކަމެއްވެސް މަދުކުރުމާއެކީގައި، ޚަރަދުވެސް އެބަ ކުޑަކުރަން. އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ގެންދާނީ މިސާލަކަށް ދަންނަވަންޏާ، އާމްދަނީ އެންމެ ރަނގަޅަށް ލިބޭ، އިންކަމް ޓެކްސް ދައްކާ ފަރާތްތައް މިސާލަކަށް، މުއްސަނދި ފަރާތްތައް. އެ ފަރާތްތަކަށް ކޮންމެހެން ނުޖެހޭ އާންމު ރައްޔިތުންނަށް ދޭހާ ލުއިތައް ދޭކަށެއް. އެހެންނޫންތޯ؟ އެހެންވީމާ، މިކަހަލަ ކަންކަމަށްވެސް ދިރާސާތައް އެބަ ނިންމަން. އެބަ ނިމޭ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ހަމަ ޓާގެޓްކޮށްގެން އެންމެ މުއްސަނދިންނަށް، އެންމެ އާންމު ރައްޔިތުންނަށް އޮންނަ ލުއިތައް ކޮންމެހެން އޮންނާކަށް ނުޖެހޭ. އެހެންވީމާ، މިކަހަލަ ބަދަލުތައްވެސް ގެންނަމުންދާނަން ޚަރަދު ކުޑަކުރުމުގެ ތެރެއިން.

އެހެންވީމާ، އަޅުގަނޑުމެން ގެންދަނީ ނިޒާމެއްގެ ތެރެއިން، އުސޫލެއްގެ ތެރެއިން، ޕްލޭނެއްގެ ތެރެއިން، ޚަރަދުތައްވެސް ކުޑަކުރަމުން އިނގޭތޯ. ހަމަ ގަވަރނަންސް ނިޒާމު ވަރުގަދަކުރަމުން، ޚަރަދު ކުޑަކުރަމުން، މި ޑިޖިޓަލައިޒޭޝަން މިއީ މީގެތެރެއިން އެންމެ ބޮޑަށް ރާއްޖޭގެ ސަރުކާރުގެ ޚަރަދު ކުޑަވާނެ ކަންތައް އިނގޭތޯ. އެހެންވީމާ، އެއްވެސް ބޭފުޅަކު އަޅުގަނޑުމެންގެ ކަންތައްތައް މިގެންދާ، ޚަރަދުކުޑަކުރުމުގެ ކަންތައް މިގެންދާ ގޮތް ގޯހޭ ވިދާޅުވާނަމަ، އޭގެ ސަބަބުވެސް ވިދާޅުވާންޖެހޭނެ. މިހާރު ޕީ.ސީ.ބީ.އިން އެ ގެންދަނީ، ވަރަށް ވަރަށް ރޯބަސްޓްކޮށް މަސައްކަތްތަކެއް ކުރަމުން. އެސް.އޯ.އީ.ތަކުގައި އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ނުނިންމާ ހުރި އޮޑިޓްތައް އޭރުގައިވެސް ހުރި އިނގޭތޯ. އެއްވެސް އެސް.އޯ.އީ.އެއްގައި ނެތް އޭރު އޮޑިޓްތައް ނިންމާފައެއް. އެ އެއްޗެހިތައްވެސް ހަދާ އެބަ ނިންމަން. އަޅުގަނޑުމެން މިދަނީ މަޢުލޫމާތުތައްވެސް ހިއްސާކުރަމުން. މިހާރު ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއް ނުހުންނާނެ، އަމިއްލައަށް ހިއްސާކުރަން މަޖުބޫރުވާ ލިސްޓުގައި ހުރި މަޢުލޫމާތު ހިއްސާނުކުރާ. 100 ޕަސެންޓް އެޗީވްކޮށްފައި މިއޮތީ. އަދި ބައެއް އެސް.އޯ.އީ.ތައްވެސް މިހާރު އެޗީވްކޮށްފި އިނގޭތޯ. އަޅުގަނޑަށް ހީވަނީ ދެން މާގިނަދުވަސްތަކެއްނުވެ ހުރިހާ އެސް.އޯ.އީ.އަކުން އެކަން ހާސިލުކުރާނެހެން. އެހެންވީމާ، ވަރަށް ޓްރާންސްޕޭރަންޓްކޮށް، ވަރަށް ޒިންމާދާރުކޮށް، ވަރަށް ޖަވާބުދާރީވަނިވިގޮތަށް މިގެންދަނީ އަޅުގަނޑުމެންގެ ގަވަރނަންސް ނިޒާމު. އެހެންވީމާ، މިގޮތަށް ގެންދާ ގެންދިޔުމުގެ ތެރެއިން އަޅުގަނޑުމެން ދެންހުރި ކަންކަންވެސް ކުރިއަށް މިގެންދަނީ. އެހެންވީމާ، ސީދާ ސުވާލަށް ޖަވާބުދެމުން ތަންކޮޅެއް ފުޅާކޮށް ޖަވާބު މި ދެވުނީ.

ނިންމާލަންވެސް، 2 ޖަހާތީއާއެކީ 5 މިނިޓް ހުރީ. އެއްވެސް ސުވާލެއް. ސުވާލު ނުކުރައްވާ ބޭފުޅަކު އިނިއްޔާ ސުވާލެއްކޮށްލަން ފުރުޞަތު ދޭނަން.

މަރްޔަމް ރަޝީދާ - ތީރު މީޑިއާ:

ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ދައުލަތާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތުގައި ބޭނުންކުރުމަކީ، ދިވެހި ރައްޔިތުން އަބަދުވެސް އުންމީދުކުރަމުންދާ ކަމެއް. ދެން މި ބިލުގެ ސަބަބުން ފަޅުރަށްތަކާއި، ފަޅުތަކުން، ދައުލަތަށް ލިބޭ އާމްދަނީ ކިހާވަރަކަށް އިތުރުވެގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސީދާ އަދަދެއް އަޅުގަނޑަށް ދަންނަވާނުލެވިދާނެ. އެހެންނަމަވެސް، މި ގެނެވުނު ޤާނޫނުގެ ތެރެއިން ވަރަށް ގިނަ ކަންކަން އެބަ ހާސިލުވޭ. ފަޅުރަށްރަށަށް މިހާރު ކުލި ނަގަމުން އަންނަނީ، އަކަމީޓަރަކަށް 10 ލާރީގެ މަގުން. އެހެންނަމަވެސް، މި އަދަދު ވަރަށް ބޮޑަށް މިއިން އެބަ ބަދަލުވޭ. ޞިނާޢީ ބޭނުމަށާއި، އިޤްތިޞާދީ ބޭނުމަށް އަކަމީޓަރަކަށް 3 ރުފިޔާއަށް ބަދަލުވާނެ. މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާ 50 ލާރި، އިޖުތިމާޢީ ބޭނުމަށް އަކަމީޓަރަކަށް 2 ރުފިޔާ، ވަރުވާ ދޫކުރާނެ އަކަމީޓަރަކަށް 2 ރުފިޔާގެ ރޭޓުން. އެހެންވީމާ، އާމްދަނީ އިތުރުވެގެން އެބަދޭ. އަދި މި ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށް ގިނަ ލުއިތަކާއި، ކަންކަން ފަހިވެގެންދާނެ މި ޤާނޫނުގެ ތެރެއިން.

އެހެންވީމާ، އަޅުގަނޑުމެން ނިންމާލާނަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތާ އަނެއްކާވެސް އަޅުގަނޑު އިތުރު ކަންކަމައިގެން ތިޔަބޭފުޅުންނާ ބައްދަލުކުރާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.