މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ޕީ.އެސް.އެމް.ގެ ޑެޕިއުޓީ ޑިރެކްޓަރ، ނިއުސް އެންޑް ކަރަންޓް އެފެއާޒް އަޙްމަދު ޖަދުވާން އަދި ސީނިއަރ ޖާނަލިސްޓް ވަފީޤާ ޙާމިދު.


އަޙްމަދު ޖަދުވާން:

السَّلامُ عَلَيْكُم.

"ނޭޝަން ޗެޓް" ޕޮޑްކާސްޓް ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. އަނެއްކާވެސް ވަފީޤާއާ އަޅުގަނޑުމެން ދެމީހުން މިއޮތީ ބައްދަލުވެފައި އިނގޭތޯ.

ވަފީޤާ ޙާމިދު:

އާދެ.

އަޙްމަދު ޖަދުވާން:

މުޅިން އާ ޕޮޑްކާސްޓެއް، އެހެންނޫންތޯ؟

ވަފީޤާ ޙާމިދު:

އާދެ. އެހެން ޕޮޑްކާސްޓްތަކެކޭވެސް އެއްގޮތަށް، މި ޕޮޑްކާސްޓުގައިވެސް ރައީސް، އަޅުގަނޑުމެން ހަމަ ވަރަށް ގިނަ މައުޟޫޢުތަކަކާ ގުޅޭގޮތުން ވާހަކަ ދައްކާނަން. ޚާއްޞަގޮތެއްގައި މިހާރު ދެން އެންމެބޮޑަށް މި ދެކެވޭ ވާހަކަތަކާއި، އަދި މިއާއެކީގައި، ޤައުމީދުވަހުގައި ރައީސް މި ކުރެއްވި ތަޤުރީރާ ގުޅޭގޮތުންވެސް ވާހަކަ ދައްކަން ހަމަޖެހިފައި މިވަނީ.

އަޙްމަދު ޖަދުވާން:

އާދެ. މިދިޔަ ޕޮޑްކާސްޓުން ފެށިގެން މިއަދުގެ މި ޕޮޑްކާސްޓާ ހަމައަށް އައިއިރު ރައީސް، ވަރަށް ގިނަ ކަންކަން މިދިޔަ ގާތްގަނޑަކަށް މަހެއްހާ ދުވަހު ސަރުކާރުން މިވަނީ ކުރައްވާފައި. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދާއިރާގައިވެސް ހަމަ ހިނގާފައި އެބަވޭ. އެގޮތުން، ވަފީޤާ އެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑަށްވެސް ވަރަށް ފާހަގަކުރެވޭ، ޤައުމީދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ތަޤުރީރު އިނގޭތޯ. ވަރަށް ޤައުމީ، ވަރަށް ޖޯޝީ ތަޤުރީރެއް ދެއްވީ. ދެން އޭގައި ހަމަ ފާހަގަކޮށްލެވޭ މުހިންމު ކަންތައްތައް އެބަހުރި. ދެން އޭގެއިތުރަށް، އަޅުގަނޑުމެން މިއަދު އަލިއަޅުވާލަން ބޭނުންވާ އެއްކަމެއް މިއީ، މިހާރު ދެން އެންމެ ހިނގާ އެއް މައުޟޫޢު މިއީ، ޑޮލަރުގެ މައްސަލަ އިނގޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ.

އަޙްމަދު ޖަދުވާން:

ޑޮލަރާ ގުޅިގެން ރާއްޖޭގައި މި އެޅެމުންދާ ފިޔަވަޅު. ޑޮލަރެއް ނޫން ދެން ބޭރު ފައިސާ. ދެން ޑޮލަރަކީ އެ ދެން މުޅި ދުނިޔޭގައިވެސް ގްލޯބަލް ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗަކަށްވާތީ، އެންމެންގެ ދޫމަތީގައި މި އޮންނަނީ ޑޮލަރު.

ދެން މީގެ އިތުރުން، ވަރަށް ދިގުލައިގެން ގޮސްފައި އޮތް މަޝްރޫޢެއް ބުރިޖް މަޝްރޫޢު ދޮގެއްތޯ؟ ތިލަމާލެ ބުރިޖް މަޝްރޫޢު. ރައީސްވެސް ދެތިން ފަހަރަކު އަޅުގަނޑުމެންނާ މިހެން ބައްދަލުވި ފަހަރެއްގައިވެސް، އޭގެ ލަސްކަމުގެ ވާހަކަ ކަންބޮޑުވުމާ އެކީގައި ފާހަގަކުރެއްވި. އެހެންނަމަވެސް، މިހާރު ދެން މިއޮތީ، ހަމަގައިމުވެސް ހިނގާފައި ނޫނީ ބުރިޖް ހުރަސްކޮށް ދެވޭހާ ވަރަށް ތަރައްޤީކޮށް ނިންމަވާފައި. ދެން މީގެވެސް ވަރަށް ތަފާތު ވާހަކަތައް އެބަ ދެކެވޭ އިނގޭތޯ. މިކަހަލަ ވަރަށް ގިނަ ވާހަކަތައް އެބަހުރި.

ދެން މީގެއިތުރުން، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މިދިޔަ އެއްމަސްދުވަހުގެ ތެރޭގައި ކެބިނެޓުން ނިންމެވި ވަރަށް މުހިންމު ބައެއް ނިންމެވުންތައް އިނގޭތޯ. މިއާ ގުޅޭ އިތުރު ބައެއް ތަފްޞީލުވެސް އަޅުގަނޑުމެން ބޭނުން އިނގޭތޯ. އެހެންވީމާ، ވަރަށް އުފެއްދުންތެރި ޕޮޑްކާސްޓަކަށް ވާނެ ކަމަށް މިބަލަނީ. އެހެންނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިރާދަކުރެއްވިއްޔާ.

ވަފީޤާ ޙާމިދު:

އާދެ، ރައީސް ދެން ފެށުމުގެ ގޮތުން އެންމެ ފުރަތަމައިނުން ޤައުމީދުވަހުގައި މި ކުރެއްވި ތަޤުރީރަށް ދޮގެއްތޯ އަޅުގަނޑުމެން ބަލައިލާނީ. ވަރަށް ޤައުމީވަންތަ، އަޅުގަނޑުމެންނަށް ވަރަށް މުހިންމު ތަޤުރީރަކަށް ވެގެންދިޔައީ. ޚާއްޞަގޮތެއްގައި، ބޮޑުތަކުރުފާނު އެ ކުރެއްވި ޖިހާދު، އެ ދެއްކެވި ހިތްވަރު، ރައީސް ތަކުރާރުކުރައްވާފައި އެބަވޭ. އެބޭފުޅާގެ ސިޔަރަތަށް އަލިއަޅުވާލާފައި މިވަނީ. ރައީސް ކީއްވެގެންތޯ މިހާބޮޑަށް ޤައުމީދުވަހުގެ މި ތަޤުރީރުގައި ޤައުމީވަންތަކަމުގެ މި ވާހަކަ މި ދެއްކުނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަދިވެސް އެއްފަހަރު. ހަމަ ނޭޝަން ޗެޓުގެ މި ޕޮޑްކާސްޓަށް.

ދެން ތިޔަ ވިދާޅުވިހެން، ޤައުމީދުވަހުގެ ވާހަކަ އަޅުގަނޑު ގެންދިޔައީ ވަރަށްވެސް ބޭނުންތެރި މައުޟޫޢަކަށް. އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާނެ، ޤައުމީ ޖޯޝު އަދި އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ޙައްލުކުރަންޖެހިފައި ހުރި، އެކިކަހަލަ މައްސަލަތައް ޙައްލުކުރުމަށް އަލިއަޅުވާލުމާއި، ޤައުމީ ބަޠަލުގެ ޖިހާދާއި، މި ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ގޮތާއި، މި ހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑު އެ ދުވަހު ވާހަކަ ދެއްކީ. ޙަޤީޤަތުގައި އަޅުގަނޑު ގަބޫލުކުރަނީ، ރާއްޖޭގައި ދެމެހެއްޓެނިވި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިޞްލާޙުކުރާ ކަމަށްވަންޏާ، ކަންކަމުގެ ޙަޤީޤީ ވާހަކަ ދައްކަންޖެހޭނެއޭ. ޤައުމުގައި ހުރި މައްސަލަތަކުގެ ވާހަކަ، އިޚްލާޞްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި، އެކަންކަމަށް އެޑްރެސްކުރަން މަސައްކަތް ކުރަން ޖެހޭނެއޭ. އެންމެންވެގެން އެއް ނިޔަތެއްގައި، އެއް ވިސްނުމެއްގައި ވާހަކަ ދެކެވިގެންނޭ، މިކަންކަން ޙައްލުވާނީ.

އެހެންވީމާ، ޤައުމީދުވަހު އެ ވާހަކަ ދައްކަން އަޅުގަނޑު ގަސްދުކުރީ. އެއީ މި ޤައުމު، ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް އައީ، ކިހިނެއްކަމާއި، މިހާރު މި ޤައުމަށް ވެފައި އޮތީ ކިހިނެއްކަމުގެ ވާހަކަ ދައްކައިގެން، ކުރިއަށް އޮތް ތަނަށް އަޅުގަނޑުމެންގެ ޤައުމު އިޞްލާޙުކުރެވި، ރަނގަޅު މަގުގައި ކުރިއަށް ގެންދެވޭނީ. މިގެ ކުރީގައިވެސް ޤައުމީދުވަސްތައް އައިސްފައި ދިޔަ. އެހެންނަމަވެސް، އެދެވޭގޮތެއްގައި މިކަހަލަ ކަންކަމަށް އެޑްރެސް ކުރެވިފައިވާތަނެއް ނުފެނޭ އަޅުގަނޑަކަށް.

އެހެންވީމާ، އެއްކަމަކަށް އަޅުގަނޑު ހަމަ ފާހަގަކުރީ، އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ފޭރާން ހަލާކުވެފައި އޮތް އޮތުން އެއީ، ހިތާމަކުރަންޖެހޭ ކަމެއްގެ ގޮތުގައި. މީގެ ޒަމާންތަކެއް ކުރިން، ފަޚުރުވެރިކަމާ އެކީގައި ދެންނެވޭނެ، ދިވެހިންނަކީ މީހުންނަށް ވަރަށްވެސް ކަމޭހިތާ ބައެކޭ، ކުޑަކުދިން ބޮޑެތި މީހުންނަށް ކަމޭހިތާނެ. އަވަށްޓެރިން އެކަކު އަނެކަކަށް ކަމޭހިތާނެ. ދެން މިހެންގޮސް މުޖުތަމަޢުގެ ތެރޭގައި، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރި، ކުލުނުވެރި، ރަޙްމަތްތެރި ގުޅުމެއް އޮންނަ މުޖުތަމަޢެއް މި މުޖުތަމަޢަކީ. އެހެންނަމަވެސް، މިކަންކަން ބަދަލުވެގެން ގޮސްފައި މިއޮތީ. ޚާއްޞަކޮށް، ސިޔާސީ އޮއިވަރު މި ޤައުމުގައި ގަދަވި ގަދަވީނުންގޮސް އެއާއެކީގައި، އެކަކު އަނެކަކަށް އިޙްތިރާމު އަދާކުރުމުގެ މި ރޫޙު އެއްކޮށްހެން ނެތިގެންދާ ހިސާބަށް ދިޔައީ.

އެހެންނަމަވެސް، ޤައުމު، ޤައުމެއްގެ ގޮތުގައި ކުރިއަށް ގެންދަންޏާ، އަޅުގަނޑުމެންގެ މި ޤައުމު މިހިސާބަށް މިނިވަންކަމާއެކީގައި ބޮޑެތި ޖިހާދުތައް ކޮށްގެން ސަލާމަތްކޮށްދެއްވި ބޭފުޅުން ދެއްކެވި މިސާލާއި، އެ ބޭފުޅުން މި ޤައުމު ބައްޓަންކުރެއްވި ގޮތާއި، ދެން އެއާއެކީގައި، އެ ބޭފުޅުން މި ޤައުމު މިއަދާ ހަމައަށް ގެނެސްދެއްވި ދިނުން، އަޅުގަނޑުމެންގެ އަމާނާތެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައިވެއޭ، އެގޮތުގައި ކުރިއަށްގެންދަން އަނެއްކާވެސް ޤައުމު އިޞްލާޙުކުރުން. އެހެންވީމާ، މި ވާހަކަ ދެއްކީ. ދެން އަޅުގަނޑު ބައެއް މިސާލުތައްވެސް ފާހަގަކުރީ އެހެންވެގެން ޙަޤީޤަތުގައި. އަޅުގަނޑު ގަބޫލުކުރަނީ، މިކަންކަން އަޅުގަނޑުމެންގެ ތެރޭގައި އެންމެން އެއް ނިޔަތެއްގައި އިޞްލާޙުކުރަން މަސައްކަތް ކޮށްފީވިއްޔާ، މިއީކީ މާ އުނދަގޫ ކަމެއްނޫނޭ އަޅުގަނޑުމެންގެ ޤައުމުގައި އިނގޭތޯ. ވަރަށް ކުޑަ މުޖުތަމަޢެއް ޙަޤީޤަތުގައިވެސް މިއީ އިނގޭތޯ. ފަސް ލައްކައެއްހާ މީހުންވެސް ނެތް. ދެން ކޮންމެ ރަށެއްގައި އުޅޭ އެންމެންކަހަލަ ގޮތަކަށް، ޚާއްޞަކޮށް ކުޑަ މުޖުތަމަޢުތަކުގައި އެންމެންނަށް އެނގޭ. އެކަކުގެ ދިރިއުޅުން ހުރިގޮތް އަނެކަކަށް އެނގޭ. ރަޙްމަތްތެރިން އެކަކު އަނެކަކަކީ. ނޫނީވިއްޔާ، ޢާއިލާ މީހުން. ދެން ތަންކޮޅެއް އާބާދީ ބޮޑު ރަށްރަށާއި ސިޓީތަކުގައިވެސް، ހަމަ ގާތްގަނޑަކަށް ގިނަ މީހުންނަށް ގިނަ މީހުން އެނގޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، އެކަކު އަނެކަކަށް އިޙްތިރާމު އަދާކުރުމާއި، އަޅާލުމާއި، އޯގާތެރިކަން، އަށަގެންނެވިއްޖިއްޔާ އަޅުގަނޑުމެންގެ ޤައުމު ވާނީ އިރާދަކުރެއްވިއްޔާ ކުރީގައި، މީގެ ކުރީގެ ޒަމާންތަކުގައި އޮތްފަދަ މުޖުތަމަޢަކަށް. އެއީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް މުހިންމު ކަމެއް. މިސާލަކަށް، ކުޑަކުދިން، ޒުވާނުން، ޚާއްޞަކޮށް މިގޮތުގައި، ރަނގަޅުގޮތުގައި ބައްޓަންކޮށްގެން ބޮޑުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއަކަށް ވާންޖެހޭ. މިކަން މިގޮތުގައި ނުކުރެވި، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ އަޚްލާޤު މިގޮތުގައި އިޞްލާޙު ނުކުރެވި، އަޅުގަނޑުމެންނަކަށެއް ޙަޤީޤީ މާނައިގައި ޤައުމު، ޤައުމެއްގެ ގޮތުގައި، ރަނގަޅުގޮތުގައި ކުރިއަކަށް ނުގެންދެވޭނެއޭ. އެއީ އަޅުގަނޑު ދެއްކި ވާހަކައަކީ. އަޅުގަނޑުމެންނަށް ކިތަންމެ ގިނަ ޢިމާރާތްތަކާއި، ކިތަންމެ ބައިވަރު އިންފްރާސްޓްރަކްޗަރ ޢުމްރާނީ މަސައްކަތްތައް ކުރެވިދާނެ. އަތްލެވޭ ކިތަންމެ ތަރައްޤީއެއްވެސް ގެނެވިދާނެ. އެކަމަކު ސިކުނޑި، ހެޔޮގޮތުގައި ތަރައްޤީ ނުކުރެވެންޏާ، ވަށައިޖެހޭ ގޮތެއްގައި ޤައުމު ތަރައްޤީއެއް ނުވާނެ. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު އެ ދުވަހު ދެއްކީ. އަޅުގަނޑު ވަރަށް އުންމީދުކުރަން، އަދި ޔަޤީންވެސް ކުރަން، އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުންނަކީ، މި ކަންކަން ހެޔޮގޮތުގައި ބަލައިގަނެ، އިޞްލާޙުގެ މަގުން ކުރިއަށްދާނެ ބަޔަކަށްވާނެކަމަށް.

އަޙްމަދު ޖަދުވާން:

އާދެ، ރައީސް ވަފީޤާ އެ ކުރެއްވި ސުވާލާއެކީގައި، އަޅުގަނޑަށް ފާހަގަކުރެވުނު ދެ ނުކުތާ އިނގޭތޯ. ރައީސްގެ މި ތަޤުރީރުގައި ތިޔަ ވިދާޅުވި ވާހަކަފުޅުތަކުގެ ތެރެއިން، ވަރަށް މުހިންމު ދެ ވާހަކައެއް ފާހަގަކުރެއްވި. އެއީ ދެން އަޅުގަނޑުމެންނަށް ޤައުމިއްޔަތާއި، ތަހުޒީބު މުޖުތަމަޢަކާ ގުޅުވައިލުމަށްޓަކައި، ދުނިޔޭގެ ވަރުގަދަ ޙަޟާރަތްތަކުން ކަންތައްތައް ކޮށްފައި ހުރި ގޮތާއި، އަދި މި ޒަމާނުގައި ތަހުޒީބީ ޤައުމުތަކުން ކަންކަން ކުރަމުންދާގޮތުގެ މައްޗަށް ލިޔެފައި ހުރި ބައެއް ފޮތްތަކުގައިވެސް ހަމަ އޮތް މަފްހޫމެއް. ދެން ރައީސް، އެ ދުވަހު ވިދާޅުވީމާ، ދެން އަޅުގަނޑު ހިތަށްއަރާ ރައީސް، ކޮން މާނައެއްގައި، ކޮންކަހަލަ ސިޔާސަތުތަކެއްގެ ބޭނުމުގައި ބާވައޭ ނުވަތަ ކޮންކަހަލަ ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ މަޤްޞަދުގައި ބާވައޭ މިހެން މި ވިދާޅުވީ. އެއް ލަފްޒަކީ ޤައުމާ އެއްކޮޅު ވިސްނުމެއްގެ ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ.

އަޙްމަދު ޖަދުވާން:

ޤައުމާ އެއްކޮޅަށް އަޅުގަނޑުމެން ތިބެންވާކަން. ދެން އަޅުގަނޑުމެންނަށް މި ހީވަނީ އަޅުގަނޑުމެން އެންމެހައި ދިވެހިންނަކީ އަޅުގަނޑުމެން ޤައުމާ އެއްކޮޅަށް ތިބޭ ބައެކޭ. އެހެންނަމަވެސް، ރައީސްގެ އެ ވާހަކަފުޅުން އަދި ހިނގާފައި ހުރި ބައެއް ކަންކަން މިހެން މާނަކޮށްލާއިރުގައި، އެބަ އެނގޭ ދިވެހި ޤައުމުގެ ތެރޭގައިވެސް ޤައުމާ ދެކޮޅު ބަޔަކު ތިބީމަކަން މާޒީގައި ބައެއްކަހަލަ ނޭދެވޭ ކަންކަން ހިނގާފައި އޮތީ.

ދެން ހަމަ އެއާ ގުޅުވައި ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ކަހަލަ ކަމެއް، ޤާނޫނެއް ނެހެދޭނެ، ޤާނޫނީ ނިޒާމެއް ބައްޓަންކުރުމުގެ ވާހަކަ. ދެން މި ވާހަކަ ވިދާޅުވީމާ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރިން، މިއާ ގުޅިގެން، ބައެއް ކަހަލަ ބޭފުޅުންގެ، އެއަށްވުރެ މާބޮޑެތި ބައެއް ކަހަލަ ސިޔާސީ ކަންކަމާ ގުޅުންހުރި ވާހަކަފުޅު ވިދާޅުވީއިރުވެސް، އެއަށް ފާޑުވިދާޅުނުވާ ބައެއް ބޭފުޅުން، ކުއްލިއަކަށް މިކަމާ ކަންބޮޑުވެ ފާޑުވިދާޅުވާތީ އެބަ ފެނޭ. ކީއްކުރައްވަންހޭ، އިސްލާމްދީނުގެ ވާހަކަ މާބޮޑަށް ތިޔަ ގެންނަވަނީ. މިހާރުވެސް ރާއްޖޭގެ ޤާނޫނުއަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމްދީނެއް ނޫންހެއްޔޭ. އެއާ ދެކޮޅަކަށް ޤާނޫނެއްވެސް ނެހެދޭނެއެއްނޫންހޭ. ދެން މިހާރު ކޮންކަމެއް ކުރައްވަންހޭ ތިޔަ އުޅުއްވަނީ. މިހެންވެސް އެބަ ވިދާޅުވޭ. ކޮބައިތޯ ރައީސް އެ ވާހަކަފުޅު ދެއްކެވި މަޤްޞަދަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހަމަ ވަރަށް އިޚްލާޞްތެރިކަމާއި، ހެޔޮ ނިޔަތާ އެކީގައި ދެއްކި ވާހަކައެއް. ދެންމެ މި ދެންނެވި ވާހަކައިގެ ޝަރަޙައަކަށް ދެން ތީގައި ދާންޖެހެނީ. ޤައުމާ އެއްކޮޅަށް އެންމެން ތިބެންވާނެއޭ މި ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންގެ މާޒީއަށް ބަލާއިރުގައި، އަދި މިހާރުވެސް އެކިއެކި މަޤްޞަދުތަކުގައި، ގަސްދުގައި ނަމަވެސް، އަދި ބައެއްފަހަރު ނޭނގި ނަމަވެސް، ޤައުމާ ދެކޮޅަށް މަސައްކަތް އެބަ ކުރެވޭ އިނގޭތޯ. ޤައުމާ ދެކޮޅުވުމަކީ ކޮންމެހެން ކަނޑި ބަޑިން ހަނގުރާމަ ކުރުމެއްނޫން. ޤައުމާ ދެކޮޅުވެވިދާނެ ފިކުރީގޮތުންވެސް. އަތުން ލިޔެވޭ އެއްޗަކުންވެސް. ބުނެވޭ ބަހަކުންވެސް. ކުރެވޭ ޢަމަލަކުންވެސް. ދެން މިހެންގޮސް އެކިގޮތްގޮތުން ޤައުމާ ދެކޮޅުވެވިދާނެ. މި ޤައުމަކީ ކޮބައިކަން. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އެއްބައެއްވަންތަ ބައެއް. އެއްބައިވަންތަ ބައެއް. މިއީ ޤައުމަކީ. މިއީ ދިވެހި ޤައުމު. މި ދިވެހި ޤައުމުގައި މިއޮތް އަޞްލުތައް، މި ބަހާތައް، މި ޙަޤީޤަތްތަކާ ދެކޮޅުވާ، މިކަންކަން ފުނޑުފުނޑުވާ، މިކަންކަން ވީރާނާވާގޮތަށް ކުރެވޭ ހަމަ ކޮންމެ ކަމަކީ ޤައުމާ ދެކޮޅަށް ކުރެވޭ ކަމެއް. އެކަން އެބަ ކުރެވޭ. ކުރީގައިވެސް ވަނީ ކުރެވިފައި. ކުރެވުނީމާ ލިބުނު ގެއްލުންތައް އަޅުގަނޑުމެންނަށް އެނގޭ.

އެހެންވީމާ، އެކަންކަން އެހެންވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހޭއަރަންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ހުރެދާނެ އެކިކަހަލަ ޚިޔާލުތަފާތުވުން. އެކަމަކު މިއިން އެއްވެސް ޚިޔާލުތަފާތުވުމެއް މަތިކުރެވިގެން ނުވާނެ، މި ޤައުމާ އެއްކޮޅަށް، ޤައުމުގެ ވިސްނުން އިސްކުރުމަށްވުރެ މައްޗަކަށް. ސިޔާސީގޮތުން ޚާއްޞަކޮށް މިކަހަލަ ކަންކަން ދިމާވަނީ. ސިޔާސީ ބޭނުމެއްގައި، އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިޔުމުގައި، ހަމަ ޤައުމާ ދެކޮޅަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އިޤްތިޞާދީ ގޮތުންވިޔަސް، ޤައުމާ ދެކޮޅަށް ވާހަކަ ދެއްކިދާނެ.

މިސާލަކަށް، މީގެ ކުރީގައި ވަރަށް ގިނައިން ހުންނާނެ، ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާފައިވެސް އިނގޭތޯ. ކިތަންމެ ފަހަރަކު. އެއީ ޤައުމާ އެއްކޮޅަށް ކުރެވޭ ކަމެއްނޫން. ޤައުމަށް ފައިދާއެއްވާނެ ކަހަލަ އެއްވެސް ކަމަކަށް ހުރަސްއެޅޭ ވާހަކައެއް ދެއްކުމަކީ ޤައުމާ ދެކޮޅުވުން. ޓޫރިޒަމް ދާއިރާ ހަލާކުކުރަން، މަސްވެރިކަމުގެ ޞިނާޢަތު ހަލާކުކުރަން، އަޅުގަނޑުމެންގެ މާޒީގައި ސިޔާސީ ކަންތައް ފެށިގެން އައި ދުވަސްކޮޅު ހަނދާން ހުންނާނެ، ރަށެއްގެ އޮފީސްތެރެއަށް، ކައުންސިލްތެރެއަށް، މަސްތައް ގެންގޮސް އަޅާލި. ކޮން ކަމެއް މިއިން ދަސްކޮށްދެނީ؟

އަޙްމަދު ޖަދުވާން:

އާދެ، އެއީ ހިތްވަރުވެސް ދިނުން ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހިތްވަރުދީ، އެއިން އެތައް ކަމެއް ގޯސްވެގެންދިޔަ ނޫންތޯ. އަޅުގަނޑުމެންގެ ތެރޭގައި، އިޙްތިރާމު އަދާކުރުމުގެ މި އޮންނަ ރީތި އާދަ ނެތިގެންދިޔުމަށްވެސް މިފަދަ އެތައް ކަމެއް އެ ދުވަސްކޮޅު ގޯސްވެގެންދިޔަ. ޤައުމާ ދެކޮޅަށް ކުރެވުނު ކަންކަން، ޤައުމުގެ އިޖުތިމާޢީ ފޭރާން ހަލާކުކޮށްލުމަށް، އޭރު ހަމަ ސްޓްރެޓިޖިކަލީ ރާވައިގެން ކުރި ކަންކަން. އޭރު އެކި ނަންނަމުގައި ހެދި ވެބްސައިޓްތަކުގައި ލިޔަމުންދިޔަ އެއްޗެހި، އަޅުގަނޑުމެންގެ ވެރިންނަށް ތިބި މީހުންނާ ދިމާއަށް ގޮވަމުންދިޔަ އެކިކަހަލަ ވަނަންތައް ހަދައިގެން އެމީހުންގެ އަގުވައްޓާލައި، އެމީހުންގެ ދަރިންނާ ބެހި، ދަރިންގެ އަގުވައްޓާލައި، މުޅި މުޖުތަމަޢުގައި ވެރިންނަށް ތިބޭ މީހުންގެ، އެ އޮންނަ އިޙްތިރާމުކުރުން ކުޑަކޮށްލައި، މިހެންގޮސް އެ ކުރަމުންދިޔަ ކޮންމެ ކަމަކީ ޤައުމާ ދެކޮޅަށް ކުރެވުނު ކަންތައްތައް. ދެން އެއާއެކީގައި ހަމަ އެ ކޮންޓިނިއުވަމުން މި އަންނަނީ. އަޅުގަނޑުމެންގެ ތެރޭގައި ވެރިކަން ބޭނުންވެގެން، ބާރު ބޭނުންވެގެން، ނުފޫޒު ބޭނުންވެގެން، ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން މިހާރު އެބަ ފެނޭ. ކުރިންވެސް ފެނުނު.

އެހެންވީމާ، އެއީ ޤައުމާ ދެކޮޅަށް ކުރެވޭ ކަންކަން. މި ޤައުމުގެ އަބްޠާލުން، މި ޤައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު އަނބުރާ ހޯދައިދިނުމުގައިވީ ޤުރުބާނީއަށް ވެވޭ ހަރާންކޯރެއް. އެއީ ޤައުމާ ދެކޮޅުވުމަކީ. ޤައުމާ ދެކޮޅުވެވޭނެ ގަލަމުން ލިޔާ އެއްޗަކުންވެސް. ޤައުމާ ދެކޮޅަށް ކުރެވޭ ކަންކަން، ގަލަމުން ލިޔާ ކޮންމެ ދޮގު ވާހަކައަކީ. ކޮންމެ ދޮގު ޚަބަރަކީ. ޙަޤީޤަތް ނުބަލައި ޒިންމާދާރުކަމެއް ނެތި ލިޔެވޭ ކޮންމެ އެއްޗަކީ، ދުލުން ބުނެވޭ ކޮންމެ އެއްޗަކީ، ޤައުމާ ދެކޮޅަށް ބުނެވޭ އެއްޗެއް. ޒިންމާދާރުވާންޖެހޭނެ. ކޮންމެ މީހަކަށްވެސް އެބައޮތް، އެ މީހާގެ ފުރިހަމަ މިނިވަންކަން، އަމިއްލަ އިޚްތިޔާރު، ތެދު ޙަޤީޤަތް ބަލައިގެން ވާހަކަދެއްކުމުގެ. އެހެންވީމާ، އެކަން ނުކޮށް، މިކުރާ ކޮންމެ ކަމަކީ ޤައުމާ ދެކޮޅަށް ކުރެވޭ ކަމެއް. ދެން ދީނާ ޚިލާފުވުން. އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނެ އަޅުގަނޑުމެންގެ އިސްލާމްދީންދެކެ. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ މާތްވެގެންވާ އިސްލާމްދީން. ދެން އަޅުގަނޑު އެ ދުވަހުގެ ވާހަކައިގައި، އެ މައުޟޫޢުގައި ވާހަކަ ދައްކަމުން ފުރަތަމަވެސް ދެންނެވިން، ތެދެކޭ އަޅުގަނޑު ގަބޫލުކުރަމޭ، ރާއްޖޭގެ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެބައޮތޭ، އިސްލާމީ ޝަރީޢަތާއި، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެއޭ. ފޮތުގައި ލިޔެވިފައި، އަކުރުން ފިއްޔަށް އޮތީ އެހެންނޭ. އެކަމަކު އެގޮތަކަށް ނޫނޭ ޙަޤީޤަތުގައި މިކަން ތަންފީޒު ކުރެވިގެންދާކަން ޔަޤީންކުރުމުގެ ނިޒާމު އޮތީކީއެއް. ހަމައެކަނި ލިޔުމުގައި މިހެން އޮތުމޭ. އެއާ ދެކޮޅަށް ކަމެއް ކުރިކަން، ނޫނީވިއްޔާ ކުރާކުރުން ހުއްޓުވާނެ ގޮތެއް ނެތޭ. އެހެންވީމާ، ޤައުމަށް އިޚްލާޞްތެރިވަންޏާ، ޤައުމުގެ ކަންކަން ހެޔޮގޮތުގައި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިގޮތުގައި ކުރިއަށް ގެންގޮސްދޭން ބޭނުންވަންޏާ، މިހިރަ ކަންކަމަށް ޖެހޭނެއޭ އެޑްރެސް ކުރަން.

އެހެންވީމާ، އަޅުގަނޑު އެ ދުވަހު އެ ވާހަކަ ދެއްކީ އެ ބޭނުމުގައި. ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން، މިފަދަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަޖިލީހުގެ ދެން އޮތް ދައުރަށް، އިރާދަކުރެއްވިއްޔާ ހުށަހަޅާނަން. މަޖިލިސް މިހާރު ޗުއްޓީއަށް އެދަނީ. ޗުއްޓީއަށް ގޮސް ހުޅުވުނީމާ، އެ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނަން މިކަމާބެހޭ ނިޒާމު. އޭރުން ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނުތަކާއި، އަދި އެއާއެކީގައި، ހެދިގެންދާ ގަވާއިދުތަކާއި، މި ހުރިހާ ކަމެއްގައި، އިސްލާމްދީނާ ޚިލާފު، ޤާނޫނުއަސާސީގައި އެ ބަޔާންކުރާ މާއްދާގައި އޮތްގޮތަށް، އެކަން ވާނެކަން ޔަޤީންކުރެވިގެން އިރާދަކުރެއްވިއްޔާ ދާނެ. ޤާނޫނުއަސާސީގައި އެބައޮތް ލިޔެވިފައި. އެހެންވީމާ، އެކަން ޕްރެކްޓިކަލީ ތަންފީޒު ކުރެވިގެން ދިޔުން ކަށަވަރުކުރުން. އިރާދަކުރެއްވިއްޔާ އެ ޗެކް އެންޑް ބެލެންސް ނިޒާމު ގެނެސްދޭނަން. އެއީ މީހަކު ޚިޔާލުތަފާތުވާންޖެހޭ ކަމެއްނޫން.

ވަފީޤާ ޙާމިދު:

އާދެ، އިސްލާމްދީން ދެކެ ލޯބިވާ ދަރިންތަކެއް އަދި ޤައުމުދެކެވެސް ލޯބިވާ ދަރިންތަކެއް، ޖީލެއް އުފެއްދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ދޮގެއްތޯ ކުރައްވަމުން ތިޔަ ގެންދަވަނީ.

އަޙްމަދު ޖަދުވާން:

ރައީސް އެ ވިދާޅުވިހެން، ޤައުމާ ދެކޮޅު ބައެއް މީހުން އަޅުގަނޑަށް އެބަފެނޭ އިނގޭތޯ ވަރަށް ބޮޑަށް. ޚާއްޞަކޮށް، ސިޔާސީ ފޯރިގަދަ ދުވަސްވަރު. ދާދިފަހަކުން، ދެން އަހަރުތަކެއް ކުރިން އިނގޭތޯ، ދެތިން އަހަރު ކުރިއަށް ބަލައިލާއިރު އަޅުގަނޑުމެންނަށް ފެނުނު، ދިވެހިރާއްޖެއަށް ބޭރު ޤައުމުތަކުގެ ބައެއް ސިފައިން އައިސް ރާއްޖޭގެ ދާޚިލީ ކަންކަން ޙައްލުކުރަން ގޮވައިލެއްވި ބޭފުޅުންވެސް ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ.

އަޙްމަދު ޖަދުވާން:

އެހެންވީމާ، ތިޔަ ވިދާޅުވީ ހަމަ ވަރަށް މުހިންމު ނުކުތާއެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މާދުރުނޫން މާޒީއެއްގައި ދޮގެއްތޯ، އެ ކަންތައް ހިނގާފައި ހުރީ.

އަޙްމަދު ޖަދުވާން:

އާދެ، އާދެ، ދާދި މިދާކަށްދުވަހު ހަމަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަމިއްލަ އެދުމުން ފޯވެގެންގޮސް ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އަޅުގަނޑުމެންނަށް ހަމަ މާދުރުނޫން މާޒީއެއްގައިވެސް ފެންނަން އެބަހުރި.

އަޙްމަދު ޖަދުވާން:

އާދެ، މުހިންމު ފިޔަވަޅެއް ތިޔަ އެޅުއްވީ. ވަފީޤާ މީގެތެރެއިން އިނގޭތޯ، ރައީސް އެންމެފަހުން އެ ނިންމަވާލެއްވި ހިސާބުން ބަލާކަމަށްވާނަމަ، ބޭރުފައިސާގެ މައްސަލައިގައިވެސް ހަމަ ޤައުމާ ދެކޮޅަށް.

ވަފީޤާ ޙާމިދު:

އާދެ، ޤައުމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް އަދި މިއާއެކީގައި މީގެތެރެއިން، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން މި ގެންދަވަނީ.

އަޙްމަދު ޖަދުވާން:

އާދެ، ބައެއްފަހަރު ބައެއް ކަހަލަ ލިޔުންތައް ފެނުނީމާވެސް އެބަ ހިތަށްއަރާ، ރައީސް އަޅުގަނޑުމެން، މިއީ ހަމަ ދިވެހިންބާވައޭ. ރާއްޖޭގެ ބައެއް ކަންކަން ގޯސްވީމާ، އެކަން އެއްކަލަ ސެލެބްރޭޓްކުރާ ބައެއް މީހުން އަޅުގަނޑުމެންނަށް ފެނޭ އިނގޭތޯ ދިވެހިންގެ ތެރެއިން. މިހެންވީމާ، މި ބޭރުފައިސާގެ މައްސަލައިގައިވެސް ވަރަށް މުހިންމު ފިޔަވަޅުތަކެއް މިހާރު މި އަޅަމުންދަނީ.

ވަފީޤާ ޙާމިދު:

އާދެ، އަޅުގަނޑުމެންނަށް މިހާރު ދެން މި ދެކެވެމުންދަނީ ޑޮލަރުގެ މައްސަލައިގެ ވާހަކަ. ދެން އަބަދުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން މި ގެންދަވަނީ، ދިވެހިންގެ ރާއްޖެއެއް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރެވޭ މަންޒަރުތައް. އިޤްތިޞާދީ ދާއިރާއިން ކަމުގައިވީނަމަވެސް، ނުވަތަ އިޤްތިޞާދަށް ބަލާއިރުވެސް. އަދި މިހާރު އިތުރު ދާއިރާތަކަށް ބަލާއިރުގައިވެސް ދިވެހިން އިސްކޮށްގެން، ދިވެހިންގެ ރާއްޖެއެއް ބިނާކުރަން ދޮގެއްތޯ ރައީސް. އެހެންކަމަށްވުމާއެކީގައި، މިކަމަށްވެސް އަޅުގަނޑުމެން ބަލައިލާއިރުގައި، ހަމަގައިމުވެސް ޑޮލަރުގެ މައްސަލަ މިހާރު ފެންމަތިވެގެން އުޅޭއިރުގައި، ނުވަތަ މީގެ ކުރިންވެސް މި މައްސަލައަކީ ހަމަ ބޮޑު މައްސަލައެއްގެ ގޮތުގައި މި އޮންނަނީ. ސަރުކާރުން މިކަމާމެދު މި މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރައްވާ މަސައްކަތްތައް ކިހިނެއްތޯ ފާހަގަކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިއީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ޙަޤީޤަތުގައި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތުގައި، އެންމެންގެ އެއްބާރުލުން ފުރިހަމައަށް ލިބޭ. ލިބޭ ކަމުގައިވާނަމަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކަންތައްތައް ވަރަށް ރަނގަޅަށް ގެންދެވޭނެ. ހަމަ ޖުމްލަކޮށް ރަނގަޅު އިނގޭތޯ. ވަރަށް ގިނަ ފަރާތްތަކުން އެއްބާރުލުން ދެއްވާ. ދެން ތިޔަ ވިދާޅުވިހެން، ސިޔާސީގޮތުން އެކިކަހަލަ ބޭފުޅުން އެކިކަހަލަ ވާހަކަ އެބަ ދައްކާ. އެކަމަކު ޖުމްލަކޮށް، އާންމު ރައްޔިތުން ގަބޫލުކުރައްވާ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ޚާއްޞަކޮށް ބޭރުފައިސާއާ ގުޅިފައިވާ މައްސަލަ ރަނގަޅު ކުރުމަށްޓަކައި، އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތައް މިއީ އަޅަންޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައި އިނގޭތޯ. އަޅުގަނޑުމެން އެންމެންނާވެސް މަޝްވަރާ ކުރެވިގެން ކަންކަން ކުރިއަށް ގެންދަނީ. އަޅުގަނޑުމެން އަޅާ ފިޔަވަޅުތައް، ޤާނޫނެއް ހެދިޔަސް، ޤާނޫނަކަށް އިޞްލާޙެއް ގެނަޔަސް، މިކަންކަން މި ކުރަނީ، ފެކްޓް ބޭސްޑްކޮށް އިނގޭތޯ. އަޅުގަނޑުމެން ހަމަ ތިބެފައި ކުއްލިއަކަށް ކަމެއް ނުކުރަން. އެތައް މަހެއް، އެތައް ދުވަހެއްގެ މަޝްވަރާއާއި، އަދި ޓެކްނިކަލް އިވެލުއޭޝަންތަކާއި، ދިރާސާތަކާއި، ބޭރު ޤައުމުތަކުގައި މިކަންކަން ކޮށްފައި އޮންނަގޮތާއި، މިހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ އިނގޭތޯ. އަޅުގަނޑުމެންގެ ތެރޭގައިވެސް އިރާދަކުރެއްވީތީ އެކިކަންކަމާ ހަވާލުވެ މިކަހަލަ ޓެކްނިކަލް މަސައްކަތްތަކުގައި މިތިބީ ތަޢުލީމީ ގޮތުންނާއި، ފަންނީގޮތުންނާއި، ތަޖުރިބާގެ ގޮތުންވެސް ރަނގަޅު ބޭފުޅުން އިނގޭތޯ. ހަމަ ވަރަށް ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިންގޮސް މި އިޞްލާޙުތައް މި ހުށަހަޅަނީ. އަދި މި ގެންނަ ބަދަލުތައްވެސް ގެންނަނީ. ބޭރުފައިސާގެ މައްސަލައިގައިވެސް އަޅުގަނޑުމެން މި ގެންނަ އިޞްލާޙުތައްވެސް ގެނައުމުގައި، މި ހުރިހާ ކަމެއް މިގޮތަށް ބަލާފައި މިވަނީ. ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންނަށްވުރެ ބޮޑަށް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ސިޔާސަތުތަކެއް ގެނެސް، ތަންފީޒުކުރި ސަރުކާރެއް، ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑަކަށް ހީއެއްނުވޭ އޮތްހެނެއް.

އަޅުގަނޑުމެން މިގެންދަނީ، ވަރަށް ގިނަ ކަންކަން އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، ފުޅާކުރުމަށްޓަކައި، ތަރައްޤީކުރުމަށްޓަކައި ކުރަމުން. އެތައް ކަމެއް، މިދިޔަ ދެ އަހަރާއި ބައި، ތިން އަހަރުގެ ތެރޭގައި މިވަނީ ހާސިލުކޮށްދެވިފައި. އަދި ތަންފީޒުކުރަން ފެށިފައި. އިތުރު ކަންތައްތައް ތަންފީޒު ކުރުމަށްޓަކައިވެސް މަޝްވަރާގެ އުސޫލުން މިގެންދަނީ ގެންދަމުން. އެއީ ޓޫރިޒަމް ސެކްޓަރ ކަމަށްވިޔަސް، މަސްވެރިކަމުގެ ސެކްޓަރ ކަމުގައިވިޔަސް، އަދި އެކިކަހަލަ މަސައްކަތްތެރިކަން ކަމުގައިވިޔަސް، ޓެކްނޮލޮޖީ ބޭސްޑް، އައި.ޓީ. ބޭސްޑް ހުރިހާ ދާއިރާއެއް ކަމުގައިވިޔަސް، ކުދިކުދި ވިޔަފާރިތައް ކަމުގައިވިޔަސް، ޖުމްލަކޮށް ހަމަ ހުރިހާ ދިމާއެއްގައި އިޤްތިޞާދީ ގޮތުން ކުރެވެންހުރި ކަންކަން. އެހެންވީމާ، އަޅުގަނޑުމެންނަކީ ވަރަށް ޕްރޯ، އިޤްތިޞާދު ކުރިއެރުވުމުގެ، ވަރަށް ބޮޑަށް އިޤްތިޞާދީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްކުރާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންނެއް ނުކުރާނަން މިކަންކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް.

ދެން ބޭރު ފައިސާގެ ކަންތަކުގައި މި އަޅާ ފިޔަވަޅުތައްވެސް، ހަމަ ޔަޤީން އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ. ދެން ސިޔާސީ ބޭނުމެއްގައި، ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަ ދައްކައި ހަދައިފާނެ. އެކަމަކު އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ޖުމްލަގޮތެއްގައި ރަނގަޅުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އަޙްމަދު ޖަދުވާން:

ރައީސް، ދެން އަޅުގަނޑުމެންނަށް ބޭރުފައިސާގެ ކަންތަކުގައިވެސް ވަރަށް ބޮޑަށް އިވޭ އަޑެއް މިއީ. ދެން އަޅާކިޔަން ވަރަށް ފަސޭހަވާނެ. މިސާލަކަށް، ސިންގަޕޫރާއި އަޅުގަނޑުމެންނާ އަޅާކިޔަން ވަރަށް ފަސޭހަވާނެ. ނޯވޭއާއި ނިއުޒިލެންޑާއި، މި ތަންތަނާ. މި ތަންތަނުގައި މިހިރީއޭ، އަޅުގަނޑުމެންނާ އެކީގައި މިނިވަންވި ޤައުމެކޭ ސިންގަޕޫރަކީ. އެކަމަކު އަޅުގަނޑުމެން މިއުޅެނިއްޔޭ. ދެން އެހެންނަމަވެސް، ކަންކަން ކުރަން އުޅުއްވާ ބޭފުޅުންނާ މިހެން އަޅުގަނޑުމެން ވާހަކަ ދައްކައިލީމާ، އެބަ އެނގޭ، މީގައި ހުރި ތަފާތު އިނގޭތޯ. އަޅުގަނޑުމެންގެ ރާއްޖޭގެ ހިންގުމާއި، މާޙައުލާއި، ރައްޔިތުންނާއި، ރާއްޖެއާއި އެ ތަންތަނާ ހުރި ތަފާތު. އެހެންވީމާ، ކުރަންޖެހޭ މަސައްކަތުގައި ހުރި ތަފާތު. މި ހުރިހާ ކަމެއް އެބަ އެނގޭ. ދުނިޔޭގެ މާލީ އިދާރާތަކުގައިވެސް މި ތަފާތުތަކާ އެކީގައި ދެއްވާ ލަފައާއި އިރުޝާދުވެސް އެ ދެއްވަމުން ގެންދަވަނީ. އަޅުގަނޑު ހިތަށްއަރަނީ، ސަރުކާރުން މިހާރު އަޅުއްވަމުން މިގެންދަވާ ފިޔަވަޅުތަކާ އެކީގައި، ރާއްޖޭގައި މި އޮތް ބޭރުފައިސާގެ ކަޅު ބާޒާރު އިނގޭތޯ، މިއީ ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކީ މިއީ. މި ކަޅު ބާޒާރަށް ނިމުމެއް އަންނާނީ ކިހާތާކު، ކިހިނެއްބާއޭ އަޅުގަނޑުގެ ހިތަށްއަރަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން މިއީ ހަމަ ސީދާ ޖަވާބެއް ދިނުމަށްވުރެ ބޮޑަށް، ސީދާ ތާރީޚެއް ދިނުމަށްވުރެ ބޮޑަށް، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މީގައި ދެންނެވޭނެ ވާހަކައަކީ، އިރާދަކުރެއްވިއްޔާ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެއޭ. ކަޅު ބާޒާރު އުފެދިގެން އައީކީ އިއްޔެއަކު މިއަދަކު ނޫން. އެކަމުގައި އަޅުގަނޑުމެންނާ ހަވާލުވީއިރު އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު އޮތްގޮތް، އޭގެ އަބަދުވެސް ޙަޤީޤަތަކަށް އެ ބަދަލެއް ނާދޭ. ނާންނާނެ. އެހެންވީމާ، އެއާއެކީގައި އަޅުގަނޑުމެން މި ޤައުމުގެ ދަރަނިތައް ދައްކަމުން، އަދި އެހެނިހެން ކަންތައްތައްވެސް އިޤްތިޞާދީ ގޮތުން ރަނގަޅުކުރަމުން މި އަންނަނީ. އަޅުގަނޑުމެން ދަރަނި ދައްކައިފިން، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 1.3 ބިލިއަން ޑޮލަރާ ހަމައަށް ގާތްގަނޑަކަށް. ދެން އޭގެ އިތުރަށްވެސް މިދަނީ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަމުން.

ބޭރުމީހުން، ރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުން، ރާއްޖެއިން ބޭރަށް ބޭރުފައިސާ ގެންދިޔުމާއި، ރާއްޖޭގެ ތެރޭގައި އެކިކަންކަމަށް ބޭރު ފައިސާ ބޭނުންކުރުމާއި، މިހެންގޮސް އެތައްކަމެއް މިހުރީ ވަކިގޮތަކަށް ބައްޓަންވެފައި. އެހެންވީމާ، އެކަންކަން ރަނގަޅުކުރުމަށް ވަގުތުވެސް ނަގާނެ.
އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެހެންނަމަވެސް، ތަރުތީބެއްގެ ތެރެއިން އަޅަމުންދާންޖެހޭނެ. އެޅުމުގެ ސަބަބުން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި، ދާނީ މި މައްސަލަ ޙައްލުވަމުން. ދެން ޙައްލުކުރުމުގައި އަޅުގަނޑުމެން ހަމަ މަޝްވަރާގެ އުސޫލުން ކުރިއަށްގެންދާނީ އެންމެންގެވެސް ބައިވެރިވުމާ އެކީގައި. މިއީ އެންމެންގެވެސް ޤައުމު. އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ރަނގަޅުވާނެ.

ވަފީޤާ ޙާމިދު:

ދެން އަޅުގަނޑުމެންނަށް މި މައްސަލަތައް ޙައްލުކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެ އަޅުގަނޑުމެންނަށް މި ފާހަގަކުރެވުނީ ޚާއްޞަގޮތެއްގައި، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރާއިރުގައި، އެމީހުންނަށް ދޭންޖެހޭ މުސާރަ ދިނުމުގައިވެސް އެމް.އެމް.އޭ.ގައި ރަޖިސްޓަރީ ކޮށްފައި އޮތް ބޭންކް އެކައުންޓަކަށް، މުވައްޒަފުގެ ބޭންކު އެކައުންޓަށް ޖަމާކުރާގޮތަށް ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެއީ ކުރިންވެސް އޮތްގޮތެއް. އެހެންނަމަވެސް، މިދިޔަ ސަރުކާރުން އެކަން ރިލެކްސްކޮށްލީ. ދެން އަނެއްކާވެސް އަޅުގަނޑުމެން އެކަން އަލުން މި ފަށަނީ.

އަޙްމަދު ޖަދުވާން:

އާދެ، އުސޫލުތައް އެބަހުރި ހެދިފައި. އެހެންނަމަވެސް، ބައެއްފަހަރު ތަންފީޒުކުރާތަން ނުފެނޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތަންފީޒު ކުރުންވެސް ޙަޤީޤަތުގައި ވަރުގަދަ ކުރަންޖެހޭ، ތިޔަ ވިދާޅުވިހެން. ހަމަ ހުރިހާ މުއައްސަސާއަކުންވެސް ތަންފީޒީ މަސައްކަތް ރަނގަޅުކުރަންޖެހޭ. އެކަމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ބާރުއަޅަން.

ވަފީޤާ ޙާމިދު:

ދެން އަޅުގަނޑުމެން މަޖިލީހުގެ މަސައްކަތްތަކަށްވެސް ބަލައިލަން އެބަޖެހޭ ރައީސް. މަޖިލީހުގައި ދެން އަޅުގަނޑުމެންނަށް އެބަ ޤާނޫނުތަކަށް އިޞްލާޙުތައް ހުށަހެޅުމުގެ މަސައްކަތްތައް ކުރަމުންދޭ. ދެން ކޮންމެ ފަހަރަކު މިފަދަ އިޞްލާޙެއް ހުށަހަޅާއިރުގައި، މީގެ ފަހަތުގައި އަމިއްލަ މެންބަރަކު ހުށަހެޅި ކަމުގައިވީނަމަވެސް، ސަރުކާރަށް ފާޑުކިޔަމުން މިދަނީ ދޮގެއްތޯ.

އަޙްމަދު ޖަދުވާން:

މިހާރު މީގައި މިވާގޮތަކީ ވަފީޤާ، އިދިކޮޅު ފަރާތްތަކުން ރައީސް މިހާރު، އެ ބޭފުޅުން ހިތްހަމަނުޖެހޭ ކޮންމެ ކަމެއްވީމާ އޭގެ ފަހަތުގައިވެސް، އޭގެ ކުރީގައިވެސް، އެކަމުގައި މުޅިން އުޅެނީ ސަރުކާރުން ނޫނީ ރައީސް އިނގޭތޯ. އެގޮތަށް އަޅުގަނޑުމެންނަށް މި ވާހަކަތަކުން އަޑުއިވެނީ އިނގޭތޯ. ހަމަ އެގޮތުން ވަފީޤާ އެ ވިދާޅުވި މައްސަލަވެސް.

ވަފީޤާ ޙާމިދު:

އާދެ، މި ފަހުން ހުށައެޅި އިޞްލާޙުތައް، ލާމަރުކަޒީ ޤާނޫނަށް އިޞްލާޙުތަކެއް ހުށަހަޅުއްވާފައި މިވަނީ ތުޅާދޫ ދާއިރާގެ މެންބަރު. ދެން މިއާއެކީގައިވެސް އެ ބޭފުޅާ ހުށަހެޅުއްވި ކަމުގައިވީނަމަވެސް، މިއީ ސަރުކާރު އަޑީގައި އޮވެގެން ކުރެއްވި މަސައްކަތެއްގެ ގޮތުގައި، އިދިކޮޅު ފަރާތްތަކުން ސިފަކުރަމުން މިދަނީ. ކޮބައިތޯ ރައީސް މިކަމާ ދޭތެރޭގައި ދެކޭގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން ސަރުކާރުގެ މެންބަރުންނަށް އެކަންޏެއްނޫން ދޮގެއްތޯ، ރަނގަޅު ކަންކަން ވިސްނޭނީ. އަމިއްލަ މެންބަރަކަސް ރަނގަޅު ކަމެއް ވިސްނިވަޑައިގެން، އިޞްލާޙެއް ހުށަހަޅުއްވަފާނެ ނޫންތޯ؟ ދެން، ހުށަހަޅުއްވާ އިޞްލާޙަކީ، ޤައުމަށް ފައިދާހުރި، ޤައުމަށް ބޭނުންތެރި އިޞްލާޙެއް ކަމަށްވަންޏާ، ސަރުކާރުން އެއަށް ތާއީދުކުރުމަކީ ރަނގަޅު ގޮތެއް. ދެން ތިޔަ ވިދާޅުވި އިޞްލާޙަށް ބަލާއިރުގައި، އަޅުގަނޑުމެން މިހާރު ދުވަސްކޮޅެއްވެއްޖެ މި ވާހަކަ ދައްކާތާ ދޮގެއްތޯ؟ އަޅުގަނޑުވެސް ޕަބްލިކްގައި، މީޑިއާގައިވެސް އެ ވާހަކަ ދައްކަމުން އައި ކަމެއް. އަންނަމުންދާ ކަމެއް. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ބަލަން ކައުންސިލްތައް ބޭނުންކޮށްގެން، މެދުވެރިވެގެން، އެހީތެރިކަން ހޯދައިގެން، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި މަސައްކަތްތައް ކުރަން މާލޭގައިވެސް އަދި އެހެން ތަންތާނގައިވެސް. އެކަމަކު މި ފެންނަނީ، އަޅުގަނޑުމެންނާ ސިޔާސީގޮތުން ޚިޔާލު ތަފާތު ކައުންސިލްތަކުން ހަމަ އެއްގޮތަކަށްވެސް ޒިންމާދާރު ގޮތަކަށްނޫން، ވަރަށް އަންޕްރޮފެޝަނަލްކޮށް، ސިޔާސީ ވިސްނުން އިސްކުރާތަން. އެއްގޮތަކަށްވެސް ރައްޔިތުން ކުރިއަކަށް ނުނެރެ، އެ މީހުންގެ ސިޔާސީ ވިސްނުން ކުރިއަށް މި ނެރެނީ. ނެރެގެން ކަންކަމަށް ހުރަސްއަޅަނީ. އެހެންވީމާ، އޭގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭން ހުރި ޚިދުމަތްތައް، ވަޢުދުތައް ފުއްދުމަށް ލަސްތަކެއް އެބަވޭ. ހުރަސްތައް އެބައެޅޭ. ދެން އެހެންވީމާ، އެކަމަށް ޙައްލެއް އަންނަންޖެހޭ. ދެން އަޅުގަނޑަކީ ވަރަށް ބޮޑަށް ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ، ތަންފީޒުކުރަން މަސައްކަތްކުރި މީހެއް. އެތައް އަހަރެއްގައި އެތައް ހައިސިއްޔަތަކުން ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަންޖެހޭގޮތާއި، ކުރެވޭނެގޮތާ.

ދެން، އެހެންވީމާ، އެއްވެސްގޮތަކަށް ގަބޫލުކުރެވޭ އުޒުރެއް ނެތް، މިއިން އެއްވެސް ކައުންސިލަކަށް ދެއްކޭނެ އަޅުގަނޑަކަށް، މި ސަރުކާރަކަށް، ތިމަންނަމެން މިހެންނޭ މިކަން ކުރަނީ. އަޅުގަނޑަށް އެނގޭ، އިން އެންޑް އައުޓް ލާމަރުކަޒީ ނިޒާމުގައި، މީގައި ކުރެވިދާނެ ކަންކަމާއި، ނުކުރެވޭނެ ކަންކަމާ އިރާދަކުރެއްވީތީ.

މިހާރު ގިނަ ކައުންސިލްތަކުން އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތްކުރާ ކައުންސިލްތައް އެ ކުރަނީ، އެއްގޮތަކަށްވެސް ޒިންމާދާރު ކަންކަމެއް ނޫން. އެހެންވީމާ، އެއަށް ބަލައިގެނެއް ސަރުކާރަކަށް ނުތިބެވޭނެ. އަޅުގަނޑު ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ފުއްދުން މަޑުޖައްސާލައިގެނެއް ނުތިބެވޭނެ. އެހެންވީމާ، އެކަމަށް މަގުތަކެއް ހޯދަންޖެހޭ. އެއީ، އަޅުގަނޑުގެ ޒިންމާއެއް. އެހެންނަމަވެސް، އެކަން ކުރުމުގައިވެސް، މިހާރު އަމިއްލަ މެންބަރަކު ހުށަހެޅުއްވި އިޞްލާޙަށް، ސަރުކާރު ތެރެއިން، ސަރުކާރުން ވިސްނާފައި، އަޅުގަނޑުމެންގެ ފަރާތުން ބައެއް އެމް.ޕީޒުން މަޝްވަރާކޮށްފައި، އަޅުގަނޑު ހިތުން އެއަށް އިޞްލާޙުތަކެއް ލާފައި، އަޅުގަނޑަށް ހީވަނީ އޮންނާނީ. އަޅުގަނޑަށް މުޅިން ޔަޤީނެއް ނޫން.

އަޅުގަނޑު ދެންނެވިން، ޕީ.އެން.ސީ.ގެ ފަރާތުން މީގައި ބަލާށޭ، އެ ހުށަހެޅި އިޞްލާޙަށް އިތުރުކުރަން މަޝްވަރާގެ ބައެއް އިނގޭތޯ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައެއް. އެއީ މިސާލަކަށް، ކައުންސިލަށް ފުރުޞަތުތަކެއް ދޭން، އެ ބޭނުންވާ ބިންތައް، ނޫނީވިއްޔާ އެ ސަރަޙައްދުތައް ސަރުކާރުގެ މަޝްރޫޢަކަށް ނެގުމުގެ ކުރިން، ކައުންސިލުން އެއަށް އެއްޗެއް ބުނުމަށް. ދެން ހަމަ އެއާއެކީގައި، ރައްޔިތުންގެ ޚިޔާލަށް، ނޫނީވިއްޔާ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި، މަޝްވަރާއަށްވެސް ވަކި ވަގުތެއް، ވަކިވަރެއްގެ ފުރުޞަތެއް ހުޅުވައިލަން. ހުޅުވައިލާފައި، އެބައި ނިމުނީމާ، ދެން ސަރުކާރުން އެ ނިންމާ ނިންމުމަކާ އެކީގައި ކުރިއަށްދާން، އެއަށް ރިޢާޔަތްކޮށްގެން. އެ އިޞްލާޙު ހުށަހަޅަން އަޅުގަނޑު ލަފާދީފައި އޮންނާނީ.

އެހެންވީމާ، އެގޮތަށް އަންނަ މިނިވަން މެންބަރުންގެ ޚިޔާލުތައްވިޔަސް، އަދި އެހެން މެންބަރަކު ހުށަހަޅާ އިޞްލާޙެއްވިޔަސް، އޭގައި ރަނގަޅު ގޮތެއް އޮތީވިއްޔާ، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ކަމެއްވިއްޔާ، ސަރުކާރުން އޭގައި ބައިވެރިވެ، ނޫނީވިއްޔާ ސަރުކާރުގެ ޕާޓީން އޭގައި ބައިވެރިވުމަކީ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑަށް ފެންނަނީ.

އަޙްމަދު ޖަދުވާން:

އެހެންވީމާ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ނިޒާމެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނަށް ޚިދުމަތް ލިބުންތާ ދޮގެއްތޯ؟ ޚިދުމަތް ދެވޭނެ މަގެއް ފަހިކުރުމަށް ކުރެވޭ މަސައްކަތެއް ވާނީ ހަމަގައިމުވެސް ނިޒާމު ހަރުދަނާކުރުމަށް ކަމަށްވާނީ.

ރައީސް ދެން، މިދިޔަ ދުވަސްތަކުގައި ކެބިނެޓުން ނިންމެވި މުހިންމު ނިންމެވުންތަކަށް ބަލާއިރުގައި، ވަރަށް ތަފާތު، މުހިންމު ނިންމެވުންތަކެއް އެބަހުރި ނިންމަވާފައި. އޭގެތެރެއިން، އަޅުގަނޑަށް ފާހަގަކުރެވެނީ އެއްކަމެއް. ދެން، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެވެސް، މިހާތަނަށް ހަމަ އެންމެ ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ އެއްކަމެއް މިއީ، ދުންފަތާ ދެކޮޅަށް، ދުންފަތުގެ ވަބާއިން ދިވެހިން ސަލާމަތް ކުރުމަށް ކުރައްވާ މަސައްކަތް. އެގޮތުން، ޤައުމީ ޓީމުތަކުގައި ހިމެނޭ އެތުލީޓުންނަކީ، ނުވަތަ ކުޅުންތެރިންނަކީ، ދުންފަތުން ދުރުވެފައިވާ ބަޔަކަށް ހެއްދެވުމަށްޓަކައި އެޅުއްވި ފިޔަވަޅު. އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުމެންގެ ތެރޭގައި، ޚާއްޞަކޮށް ޒުވާނުންގެ ތެރޭގައި، ވަރަށް ބޮޑަށް އޮތް ވަބާއެއް މިއީ އިނގޭތޯ. މި ވަބާއިން ސަލާމަތްވުމަށްޓަކައި، ޒުވާނުންގެ ބެލެނިވެރިންވެސް، އަދި އެއާ ގުޅުންހުރި ވަރަށް ގިނަ މީހުންވެސް މަސައްކަތް ކުރަމުންދޭ. އެހެންނަމަވެސް، އެ ވަބާ އަދިވެސް އެބައޮތް. މިހެން އޮތް ކަމެއްގައި، މިވަރު ފިޔަވަޅެއް އެޅުއްވީމާ، ކިހިނެއްބާއޭ ވާނީ. އަދި، މިކަން ތަންފީޒުކޮށް، މޮނިޓަރ ކުރުމަށް ކިހާވަރެއްގެ ނިޒާމެއް އެބައޮތްބާއޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެއީ، އެންޑް ރިޒަލްޓަކީ އިނގޭތޯ. އެ ޙާލަތު ހާސިލުކުރަންށޭ ބޭނުންވަނީ. އެހެންވީމާ، މިއަދަކު އަޅުގަނޑުމެންނަށް ކުއްލިއަކަށް މި މަނައެއް ނުކޮށްލެވޭނެތާ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، އެ ނަތީޖާ ހާސިލުކުރަން. ދުންފަތުގެ އިސްތިޢުމާލު ކުރުމުން އެކީގައި ދުރުވެފައި ތިބި އެތުލީޓުންތަކެއް، އަޅުގަނޑުމެންގެ ހުރިހާ ޤައުމީ ޓީމުތަކެއްގައި ތިބުން. އެހެންވީމާ، އެ ޓާގެޓަށް ދަންޏާ، ކުރަންޖެހޭ މަސައްކަތްތަކެއް ނޫންތޯ އޮންނާނީ؟ އެހެންވީމާ، ސްޕޯޓްސް މިނިސްޓްރީއާއި، ދެން އެހެންހުރި ހުރިހާ ޖަމުޢިއްޔާ، ޖަމާޢަތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހިތްވަރުދީގެން، އިންސެންޓިވައިޒް ކޮށްގެން، ނޫނީވިއްޔާ ގޮތްގޮތް މަގުފަހިކޮށްދީގެން، އަޅުގަނޑުމެން ބަލަންޖެހޭނީ، އެތުލީޓުން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުކުރުވުމަށް. އެ އެތުލީޓުންގެ ޞިއްޙަތަށްވެސް، އަދި އެ ކުދިންގެ ޕަރފޯމަންސްވެސް ރަނގަޅުވާނީ އޭރުން. އެހެންވީމާ، އެ މަޤްޞަދު ހާސިލުކުރުމަށްޓަކައި، އެ ޓާގެޓް ކަނޑައެޅީ މި. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާ ހާސިލުވެގެންދާނެ.

ވަފީޤާ ޙާމިދު:

ދެން، އެކަމަކީ ހަމަގައިމުވެސް ވަރަށް މުހިންމު ކަމަކަށް އެބަވޭ. މިހާރު އަޅުގަނޑުމެންނަށް ދެން، މުޖުތަމަޢަށް ބަލައިލާއިރުގައި، އެކި އުމުރުފުރައިގެ މީހުން، ޚާއްޞަގޮތެއްގައި، ސްކޫލް އުމުރުފުރައިގެ މީހުންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ، ކުދިން ދުންފަތުގެ އިސްތިޢުމާލުކުރާ މަންޒަރުތައް. ރައީސް، ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާ އެކީގައި، ވަކިން ޚާއްޞަގޮތެއްގައި، ސްކޫލް މާޙައުލުންވެސް މިކަންތައްތައް މަދުވެ، ނުވަތަ ހުއްޓުމުގެ ވަރަށް ބޮޑު ބާރެއް އެބަ ލިބިގެންދޭ.

ދެން، ހަމަ މިއާއެކީގައި، ކުޅިވަރުގެ ދާއިރާއަށް ބަލައިލާއިރުގައިވެސް، މިކަންކަމަށް ހަމަ ރަނގަޅު ނަތީޖާތަކެއް ފެނުން. އާދެ.

އަޙްމަދު ޖަދުވާން:

އެދެވޭ ބަދަލުތައް ފެންނަމުންދޭ ދޮގެއްތޯ؟

ވަފީޤާ ޙާމިދު:

އާދެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ރަނގަޅުވާނެ. އެއީ، ސްކޫލް ކުދިންނަކީ އަޅުގަނޑުމެންގެ މުސްތަޤުބަލް ދޮގެއްތޯ؟ އެހެންވީމާ، ޖެނެރޭޝަނަލް ބޭން އަޅުގަނޑުމެން މި ގެނައީ އޭގެ ބޭނުމުގައި. ދެން، ސްކޫލް ނިޒާމުގެ ތެރޭގައިވެސް، ޖެނެރޭޝަނަލް ބޭންއަކީ، މިހާރު އަޅުގަނޑުމެން ބޭނުންވަނީ، ކުދިންނަށް، ޒުވާނުންނަށް ވިސްނައިދޭން، ކޮބައިކަން މީގެ މަޤްޞަދަކީ އިނގޭތޯ. މިސާލަކަށް، އެންމެ މުހިންމު މަޤާޞަދަކީ، ގައިންގަޔަށް ނާރާ ބަލިތަކުން ދުރުކުރުން. އެހެންނޫންތޯ؟ ޞިއްޙަތު ސަލާމަތުން ބޭތިއްބުން. އެހެންވީމާ، އެ މަޤްޞަދު ހާސިލުކުރުމަށްޓަކައި، ކުރަންހުރި ކަންކަން، ލައިފް ސްޓައިލް ބައްޓަންކުރަންޖެހޭނެ ގޮތަކީ ކޮބައިކަން. ޞިއްޙީގޮތުން ރަނގަޅު ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ދެން، މީގެތެރެއިން ދުންފަތުގެ އިސްތިޢުމާލުވެސް ނުކުރުމޭ. އެހެންވީމާ، އެ މެސެޖް ރަނގަޅަށް ދިނުމަށްޓަކައި، ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމާފައި ވަނީ.

ވަފީޤާ ޙާމިދު:

ދެން، މިހެންހުރި މައްސަލަތަކަށް ބަލައިލާއިރުގައި، ގިނަ ސިމް ކާޑުތަކެއް ބޭނުންކޮށްގެން ސްކޭމްގެ މައްސަލަތަކާއި، މުޖުތަމަޢުގެ ތެރޭގައި މިފަދަ ނޭދެވޭ ކަންތައްތައްވެސް ފެންނަމުން މިދަނީ ރައީސް. ވަކިން ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންނަށް ބިދޭސީންނަށް ބަލާއިރުގައިވެސް، އެއް ސިމް ކާޑަށްވުރެ ގިނަ ސިމް ކާޑު ގެންގުޅޭ މީހުން އެބަ ހިމެނޭ.

އަޙްމަދު ޖަދުވާން:

ގިނަ ކުށްތަކުގައި ހިމެނޭ ކަމަކަށް އެކަން ވަނީ ދޮގެއްތޯ؟ ޖަލަށް ވަގަށް ސިމް ވެއްދުމާ، މިކަންކަމުގައި. ދެން، ރަނގަޅަށް ބަލާއިރުގައި، ކޮންމެވެސް ބިދޭސީއެއްގެ ނަމުގައި. ދެން، މި މައްސަލައިގައި ދޮގެއްތޯ.

ވަފީޤާ ޙާމިދު:

އާދެ، ދެން، މި މައްސަލައިގައިވެސް ކެބިނެޓުން މުހިންމު ނިންމެވުމެއް ނިންމާފައި މިވަނީ. ދެން، މި ނިންމެވުމާ އެކީގައި، ބައެއް ފަރާތްތަކުގެ ކަންބޮޑުވުމެއް ރައީސް މިއީ، އެއް ސިމް ކާޑު ބިދޭސީ މީހުންނަށް ބޭނުންކުރެވޭގޮތް ހެދުމާއެކީގައި، މީގެ ނާޖާއިޒް ފައިދާ ދިވެހިން ނަގާފާނެ ކަމުގެ ބިރު. ކިހިނެއްތޯ ރައީސް އެކަން ފާހަގަކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން، ކޮންމެ މައްސަލައެއްގައިވެސް އޮންނާނެ ވަށާޖެހޭގޮތުން ބަލަންޖެހޭ ކަންކަން ދޮގެއްތޯ؟ އެހެންވީމާ، މީގެ ބޭނުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ކުށްކުރުމަށް ހުރި ދޮރުތައް ބަންދުކުރުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު މިއީ. ދެން، ދެންމެ ތިޔަ ފާހަގަކުރެއްވި، ޖަލުތަކުގައި ނުގަވާއިދުން އެއްޗެހި ވައްދާ މައްސަލަ. ދެން، މިކަން ޙައްލުކުރުމަށްވެސް، މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް މިހާރު ކުރެވިއްޖެ. ސްކޭނަރ ގެނައުން، ގަވާއިދުތައް ހަރުދަނާކުރުން، އަދި މީގެތެރެއިން، ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުން. ޖަލަށް މިގެންދަނީވެސް ނުގަވާއިދުން ކޮންމެވެސް ކަމެއް ކުރީމާ. އެހެންވީމާ، އެތާ އެތެރޭގައިވެސް ނުގަވާއިދުން ކަންތައްތައް ކުރަންޏާ ކަމަކުނުދާނެ. އެހެންވީމާ، އެތަނަށް ވެއްދޭ ތަކެތި ހުއްޓުވުމާއި، މި ހުރިހާ ކަމެއްވެސް މީގެތެރެއިން މިދަނީ. ދެން އެހެންވީމާ، ޖުމްލަކޮށް މުޖުތަމަޢުގެ ތެރޭގައި ކުށްކުރުމަށް ހުރި ދޮރުތައް ބަންދުކުރުމަށްޓަކައި ކުރެވޭ ކަންކަމުގެ ތެރެއިން އެއް ކަންތައް އެއީ.

އަޙްމަދު ޖަދުވާން:

އާދެ، ރައީސް މިހާރު ދެން އަޅުގަނޑުމެންގެ ތެރޭގައި، މި ސިޔާސީ ނިޒާމަށް މިއައި ބަދަލާ އެކީގައި، އެންމެ ބޮޑަށް ރައްޔިތުން ކަންބޮޑުވާ އެއްކަމަކީ، ދައުލަތުގެ މުދާ ނަހަމަގޮތުގައި، އެކިފަހަރު، އެކި ސަރުކާރުތަކުން، އެކި މީހުން، ނުފޫޒުގަދަ އެކި މީހުން ބޭނުންކޮށްފައި، އެ ގެއްލުވައިލާ ވާހަކަ އިނގޭތޯ. މިސާލަކަށް، ކުށް ކޮށްގެން، އޭގެ ނިވަލުގައި، ދައުލަތުގެ ބައެއް ކަހަލަ މާލިއްޔަތު ގެއްލޭ ވާހަކަ، މުދާ ގެއްލޭ ވާހަކަ. ދެން، އެސެޓް ރިކަވަރީގެ ވާހަކައަކީ މިއީ، އަބަދުވެސް އިވޭ އަޑެއް. މީގެ ކުރީގެ ބައެއް ސަރުކާރުތަކުންވެސް އެސެޓް ރިކަވަރީ، މީގެ ބައެއް މަސައްކަތް ކޮށްފައި އެބަހުރި. މިސާލަކަށް، ކޮމިޓީތައް ހަދައިގެން، ރައީސްގެ ޚާއްޞަ ނިންމެވުމުގެ ދަށުން ބައެއް ކަންކަން ކޮށްގެން. އެހެންނަމަވެސް، ނަތީޖާއެއް ނުއެއްނުކުމޭ ޙަޤީޤަތުގައި އިނގޭތޯ. ދައުލަތަށް ގެއްލިފައިވާ ފައިސާއެއް، މުދަލެއް، އަލުން ލިބި، އޭގެ ހިތްހަމަޖެހުން ލިބޭވަރެއް އަދި މިހާތަނަށް ނުއެއްވޭ. އެހެންނަމަވެސް، މި ސަރުކާރުން އެ މަސައްކަތް ކުރުމަށް، މި ދެންނެވީ، ކުރީގައި ވެފައިހުރި ކަންތައްތަކާއި، އެ ތަޖުރިބާގެ އަލީގައި ބައެއް މަސައްކަތްކުރާ ވާހަކަ، ސަރުކާރުން އެބައޮތް ހާމަކުރައްވާފައި. އެސެޓް ރިކަވަރީ ބިލެއްގެ ވާހަކަ. ކޮބައިތޯ މީގެ މުހިންމު ކަމަކީ؟ ރައްޔިތުން މި އެދޭ އަމާޒަށް މިކަން މިފަހަރު ދާނެބާ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އިރާދަކުރެއްވިއްޔާ ދާނެ އިނގޭތޯ. ވަރަށް އުންމީދު އެބައޮތް. އެއީ، ކުރީގައިވެސް ތިޔަ ވިދާޅުވިހެން، ކަންތައްތަކެއް ކޮށްފައި އެބަހުރި، ކުރީގެ ބައެއް ސަރުކާރުތަކުން. އެހެންނަމަވެސް، އަޅުގަނޑަށް އެކަންކަން ސިފަވަނީ، ސިޔާސީގޮތެއްގައި ކުރެވިފައި ހުރި ކަންކަން ގޮތުގައި. ވަކި ފަރާތްތަކެއްގެ ފަހަތުން ދިޔުމަށްޓަކައި. އެ ފަރާތްތައް ސިޔާސީގޮތުން މައިތިރިކުރުމަށްޓަކައި، ކުރެވުނު ސިޔާސީ ކަމެއް ގޮތުގައި އަޅުގަނޑަށް ފެންނަނީ. އިޚްލާޞްތެރި ކަމެއްނެތް. އެހެންވީމާ، އޭގޭ ނަތީޖާ ނުފެނުނު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑުމެން މިހާރު ނިޒާމީގޮތުން މިކަން ހަރުދަނާ ކުރަން، މިހާރު ހުރި ޤާނޫނުތަކުން ލިބޭ އިޚްތިޔާރުތަކާއި، ބާރުތަކާއި، ފުރުޞަތުތަކަށްވުރެ ރަނގަޅަށް މިކަން ޤާއިމުކުރުމަށްޓަކައި، އެސެޓް ރިކަވަރީއާ ބެހޭ ޤާނޫނަކާއި، އަދި އެއާ ގުޅިގެން ޖިނާއީ އިޖުރާތު ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާ އެކީގައި، މިހާރު އެއޮތީ އަޅުގަނޑު މަޖިލީހަށް ފޮނުވާފައި.

ބޭނުމަކީ، ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެކީގައި ނައްތައިލުން. އެކީގައި ނައްތައިލުމަކީ، އެއް ދުވަހަކުންވެސް ވާނެ ކަމެއް ނޫން. ދެން، ކޮންމެ ޤައުމެއްގައިވެސް ވަރަށް ބޮޑަށް މޫލާފައި އޮންނަ މައްސަލައެއް. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، މި ސަރުކާރުން މިކަމުގައި ވަރަށް ގިނަ، ބޮޑެތި މަސައްކަތްތަކެއް ކޮށްގެން، ނިޒާމުގެ ތެރެއިން ވީހާވެސް ބޮޑަކަށް ކުޑަކުރަން ކޮރަޕްޝަންގެ ޢަމަލުތައް. އެހެންވީމާ، ކުށް ކޮށްގެން ހޯދާ މުދަލާއި، އެކަންކަން އަނބުރާ ދައުލަތަށް، ރައްޔިތުންގެ ފައިސާ ނުގަވާއިދުން ބޭނުންކޮށްގެން މުދާ މި ހޯދަނީ މިސާލަކަށް. އެ ހޯދާ މުދާ އަނބުރާ ނެގޭނެގޮތެއް ވާންޖެހޭނެއެއްނު؟ އެހެންވީމާ، އެކަން ކުރުމަށްޓަކައި، ގެންނަންވާ ޤާނޫނީ ނިޒާމު ގެންނަން މަސައްކަތް މިކުރަނީ. ތަންފީޒު ކުރުން ދެން އޮންނާނީ. އެހެންވީމާ، ތަންފީޒީ އިދާރާތައް ވަރުގަދަކުރުންވެސް، އިރާދަކުރެއްވިއްޔާ މީގެތެރެއިން ހާސިލުކުރުން އޮންނާނެ.

އަޙްމަދު ޖަދުވާން:

ކޮބާ ބުރިޖުގެ މަސައްކަތް ނިމެނީއޭ ދޮގެއްތޯ؟

ވަފީޤާ ޙާމިދު:

އާދެ، ބުރިޖުގެ މަސައްކަތް ވަރަށްބާރު ދުވެލީގައި ކުރިއަށްދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް. ދެން، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުގައި، ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަންތައް. އޭގެކުރިންވެސް ވަރަށް ސްލޯކޮށް އޭރު މަސައްކަތްތައް ކުރިއަށްދިޔަ މަންޒަރު ފެނުނީ. އެހެންނަމަވެސް، މިހާރު ވިލިނގިއްޔާ ގުޅައިލެވިފައި މިއޮތީ ދޮގެއްތޯ؟

އަޙްމަދު ޖަދުވާން:

އާދެ، ރައީސް އިސްކޮށް ހުންނަވައިގެން ނޫނީ، ރާއްޖޭގައި އަދި މިހާތަނަށް ބުރިޖެއް ނިމިފައެއް ނެތް ހަމަގައިމުވެސް.

ވަފީޤާ ޙާމިދު:

އާދެ، ސިނަމާލޭ ބުރިޖަށް ބެއްޔަސް ދޮގެއްތޯ؟

އަޙްމަދު ޖަދުވާން:

އާދެ، އާދެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން، އާދެ، ތިޔަ ވިދާޅުވިހެން، މިހާރު މާލެއާއި، ވިލިނގިއްޔާ ދޭތެރޭގައި ތިޔަ އޮތް ބުރިޖު، ވަރަށް ގާތުން އަޅުގަނޑަށް ފެނުނު އިނގޭތޯ އޭރުގައި ދިޔަގޮތް. ދެން، ކަންދިމާކުރި ގޮތުން، އަޅުގަނޑުމެންގެ ގޭގެ، އަޅުގަނޑުމެންގެ ކޮޓަރީގެ ކުޑަދޮރުން އަޅުގަނޑަށް ފެނޭ، ބުރިޖުގެ މަސައްކަތް ދާގޮތް އޭރުގައި އިނގޭތޯ. ހަމަ ބަލައިލާއިރުގައި ފެންނާނެ، ކޮންމެވެސް ކެރޭނެއް އުޅެދާނެ، ދެން ވެއްޓިފައި އޮތްތަންވެސް ފެނިދާނެ. ދެން، ވައިގަދަވެގެން ގޮސް ލައްގާފައިވެސް އޮވެދާނެ. މިކަހަލަ ގޮތަކަށް ދެ އަހަރު ދިޔައީ. ދެން، އަޅުގަނޑުމެން ވެރިކަން ފެށުނުއިރުގައި، ތަނބެއް، ދެ ތަނބެއް ނެތް ވާހަކައެއް ނޫން.

އަޙްމަދު ޖަދުވާން:

ހުދުކުލައިގެ ތިން ރޮނގު ދަމާފައި އިން ތަނބެއް އަޅުގަނޑަށް ފެނުނު ގައިމުވެސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ދެން، ދެ އަހަރު ދިޔަގޮތް އެއީ. ދެ އަހަރާ ބައި. 2021ގެ އޮގަސްޓު ހިސާބުގައި ކަންނޭނގެ މި ޕްރޮޖެކްޓް ފެށިފައި އޮންނަނީ. ދެން އެހެންނަމަވެސް، ދެ އަހަރު، ނޫނީ ދެ އަހަރާ މަސްތަކެއް ގޮސްފައި، އަޅުގަނޑުމެންގެ މަސައްކަތް ފެށުނީ. ދެން، އަޅުގަނޑު ހަނދާން އެބަހުރި، އިންޑިއާގެ ބޮޑުވަޒީރާ އަޅުގަނޑު އެންމެ ފުރަތަމަ، ބޭރު ޤައުމެއްގައި އޮތް ކޮންފަރެންސެއްގައި ސައިޑްގައި ބައްދަލުކޮށްލަން ފުރުޞަތު ލިބުނީ، ކޯލެއް. ދެން، އެ ބައްދަލުވުމުގައި، ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑު ޕްރައިމް މިނިސްޓަރ މޯދީއާ އެކީގައި އެއީ. އެ ބައްދަލުވުމުގައި އަޅުގަނޑު އިސްނަގައިގެން، އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުމޭ، މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީގައި ތަންފީޒުކުރަން. އަޅުގަނޑު ހުށަހަޅަމޭ، ދެ ޤައުމުގެ ދޭތެރޭގައި ހައި ލެވެލް ކޮމިޓީއެއް މިކަމުގައި އުފައްދަން. އުފައްދައިގެން، މި ޕްރޮޖެކްޓްގެ ކަންކަން ގާތުން ބަލައިގެން، ޑެލިވަރ ކުރަން. މި ޕްރޮޖެކްޓާއި، ދެންވެސް ހުރި މުހިންމު ކަންކަމުގައި ހައި ލެވެލް ކޮމިޓީއެއް ހިނގާށޭ ހަދަން.

އެ ހުށަހެޅުމުގެ ނަތީޖާއެއްގެ ގޮތުން، ހައި ލެވެލް ކޮމިޓީއެއް ހެދި، ވަރަށް ގިނަ ކަންތައްތައް ފެށިގެންދިޔައީ. އަޅުގަނޑުމެން، މި ސަރުކާރުން، އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިކަމަށް ވަރަށް އިސްކަންދެން، އެ ދުވަހުން ފެށިގެން، ފުރަތަމަ ދުވަހުން ފެށިގެން. ހަމަ ސީދާ މިނިސްޓަރ، އަދި މިނިސްޓަރގެ ދަށުން އޮންނަ ޓީމު. ދެން، ކުރީގައިވެސް އަޅުގަނޑު އޭރުގައި، ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ހެދިއިރުގައިވެސް، އަޅުގަނޑުމެން އެއަށް ދިނިން އެންމެ އިސްކަން. ދީގެން މަސައްކަތްކުރީ. އަޅުގަނޑު ސީދާ ސައިޓަށް ހަފުތާއަކު އެއްފަހަރު ދިޔައިން. ޕްރޮޖެކްޓްގެ ކަންކަން ދާގޮތް އޮފީސް ތެރޭގައި، އަޅުގަނޑު ސީދާ ކޮންމެ ދުވަހަކު ބަލަން. ދެން، މިހެންގޮސް ވަރަށް ގިނަ، ހަމަ ސީދާ ޢަމަލީގޮތުން، އަޅުގަނޑާއި އަދި އަޅުގަނޑުގެ ދަށުން މުޅި ޓީމް މަސައްކަތް ކުރަމުންދިޔައީ، ހަމަ ގާތްގަނޑަކަށް 24 ގަޑިއިރު، ރެޔާއި ދުވާލު. ޗައިނާ ޓީމުވެސް އެ މަސައްކަތް ކުރަމުންދިޔައީ. އެހެން ކުރެވުނު މަސައްކަތެއް އެއީ. ދެން، މި ޕްރޮޖެކްޓްވެސް އަޅުގަނޑު ބޭނުންވީ ހަމަ އެ އިސްކަންދީގެން ކުރަން. އެހެންވީމާ، ކަމާބެހޭ މިނިސްޓްރީން އެ މަސައްކަތް އެގޮތަށް ފަށައިގެން، މިދިޔަ ދެ އަހަރާ ބައި ތެރޭގައި މިދިޔައީ.

އެހެންވީމާ، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، އޮތް ހިސާބުން، މިއަދު މިވަނީ އިރާދަކުރެއްވީތީ، ކުރިން މިދެންނެވި، އިންޑިއާގެ ބޮޑުވަޒީރާ އެކީގައިވެސް އަޅުގަނޑުމެންނަށް ދެކެވުނު ވާހަކައިގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާ ސަރުކާރުންވެސް މިއަށް ދެއްވި އިސްކަމާއެކީގައި، މިވަނީ މިހިސާބަށް ގެނެވިފައި އިނގޭތޯ.

އެހެންވީމާ، އިރާދަކުރެއްވީތީ، މާލެއާއި، ވިލިނގިއްޔާ ދޭތެރޭގައި މިހާރު ފިޒިކަލީ އެވަނީ ގުޅުވައިލެވިފައި. ދެން، ވިލިނގިލިންވެސް، ދެންހުރި ބައިތައްވެސް ވަރަށް ބޮޑަށް ނިމިއްޖެ. ދެން އަޅުގަނޑުގެ އުންމީދު އެބައޮތް. ދެން ސީދާ ތާރީޚެއް އަޅުގަނޑަށް ދަންނަވަން ނޭނގުނު ނަމަވެސް، އިރާދަކުރެއްވިއްޔާ އަހަރެއްހާ ދުވަސް ތެރޭގައި މުޅި ޕްރޮޖެކްޓް އެކީގައި ނިމޭނެ ކަމަށް، އުންމީދުކުރަން އަޅުގަނޑު. 2027ގެ ތެރޭގައި އެކީގައި ނިމިގެން، ތިލަފުށްޓާ ހަމައަށް މުޅި ޕްރޮޖްކެޓް އެކީގައި ނިމޭނެ ކަމަށް.

އެހެންވީމާ، ހަމަ ޔަޤީނުންވެސް އެއް ކަމަކަށް، މުޅި މި ސަރަޙައްދުގެ ތަރައްޤީ ލިބިގެންދާ، އިޤްތިޞާދީ ގޮތުން ޚާއްޞަކޮށް، އަދި އިޖުތިމާޢީ ގޮތުންވެސް، އުމްރާނީ ގޮތުންވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް، ގްރޭޓަރ މާލޭ އޭރިއާ ލޭންޑް ލިންކްއަކުން ގުޅިގެންދާ ދިޔުން. އެންމެ ފުރަތަމަ، މުޅި ސަރަޙައްދުގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޕްލޭނެއް އަޅުގަނޑު އޭރު ހައުސިންގ މިނިސްޓްރީގައި ހުރިއިރުގައި ހެދިގެންދިޔަ ޕްލޭންގެ ތެރޭގައިވެސް އޮތް ކޮންސެޕްޓްގެ ތެރެއިން، މި ހާސިލުވެގެން މިދަނީ. ދެން، އޭގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ގިނަ ދޮރުތައް އިރާދަކުރެއްވީތީ މި ހުޅުވެނީ. ދެން، އިންޑިއާ ސަރުކާރުން މިކަމުގައި ދެއްވާ އެއްބާރުލެއްވުމަށް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދެން، އުންމީދަކީ، މާ ލަސްތަކެއްނުވެ، މާލެއާއި ވިލިނގިއްޔާ ދޭތެރެ ބޭނުންކުރަން ނިމިގެންދާނެ ކަމަށް. އެހެންނަމަވެސް، މީގެ ޓެކްނިކަލިޓީތަކަށް ދެން ދާންޖެހޭނީ. އަޅުގަނޑަށް މަޢުލޫމާތު ލިބޭގޮތުގައި، ގުޅީފަޅާ ހަމައަށް ބުރިޖު ގުޅިގެން، މުޅި ބުރިޖުގައި ތާރުއެޅުމާ، މިކަންކަންވެސް ދާންއޮތީ. ސައިޓް ހުރީ ގުޅީފަޅުގައި. އެހެންވީމާ، އަދި ވިލިނގިއްޔާއި، މާލެއާ ދޭތެރޭގައި އަނެއްހެން ގުޅިގެންދިޔަޔަސް، ބޭނުންކުރަން ފެށޭ ހިސާބަކަށް އަދި ނުއެއްދޭ. އެހެންވީމާ، މިކަހަލަ ޓެކްނިކަލް ކަންތައްތަކެއް އެބަހުރި. ދެން، މިއާއެކީގައި ގޮސްފައި، ދެން ތިލަފުށްޓާ ހަމައަށްވެސް ގުޅިގެންކަންނޭނގެ، މުޅި ބުރިޖު ގުޅިގެން މި ބޭނުންކުރަން ފެށެނީ. އަޅުގަނޑަކަށް މުޅި ތަފްޞީލެއް، އަދި ސީދާ އެންމެފަހުގެ އަޕްޑޭޓްސްއެއް ލިބިފައެއް ނެތް. އެހެންނަމަވެސް، މިދެންނެވިހެން، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް.

ވަފީޤާ ޙާމިދު:

ރައީސް، ކޮލިޓީ ކިހިނެއްތޯ ފާހަގަކުރައްވާނީ؟ ރައީސްގެ ތަޖުރިބާއަށް ބެއްލެވުމަށްފަހު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ކޮލިޓި ރަނގަޅުވާނެ. އެއީ، އަޅުގަނޑު ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ކޮލިޓީ ބަލަހައްޓަން އަޅުގަނޑު އޭރުގައި ހަޔަރކުރި ކުންފުނި، އާރުޕް. އާރުޕްއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއް ކުންފުނި، ބުރިޖު ޕްރޮޖެކްޓްސްތަކުގައި، ބުރިޖު ކަންތައްތަކުގައި ކޮންސަލްޓެންޓަކަށް. އެހެންވީމާ، އާރުޕް، ހަމަ އެ ކުންފުނި. މިކަމުގައި އޭރުގައިވެސް އެންމެ އިސްކޮށް ހުރި އެ ކުންފުނީގެ ޑިރެކްޓަރ ހަމަ މިކަމުގައިވެސް އުޅެނީ. ހަމަ ސޭމް ކޮމްޕެނީ، ސޭމް ޓީމް. އެހެންވީމާ، އޭރުގެ ޕްރޮޖެކްޓް އަޅުގަނޑަށް ރަނގަޅަށް ބެލިފައި އޮތް އެއްޗެއްވީމާ، އެ މީހުންގެ ކޮލިޓީ އަޅުގަނޑަށް އެނގޭތީ، އަޅުގަނޑަށް އެނގޭ، ހަމަ އެ ކޮލިޓީގައި މި ޕްރޮޖެކްޓްވެސް ބަލަހައްޓާނެކަން. އަނެއްކާ އަޅުގަނޑުވެސް ސީދާ އެ ބޭފުޅުންނާ ބައްދަލުވި. މިނިސްޓްރީންވެސް ވަރަށް ގާތުން އެ ބޭފުޅުންނާ އެކީގައި ވަރކްކުރަނީ. އެހެންވީމާ، ކޮލިޓީ ރަނގަޅުވާނެ.

އަޙްމަދު ޖަދުވާން:

ރައީސް ދެން، މިކަހަލަ ކޮންމެ ކަމެއްގައި، ވަފީޤާ، ހަމައެކަނި ދެން، ބޭރުގެ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން މިކަހަލަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދިޔަ ކަމުގައިވީނަމަވެސް، ދިވެހި އިންޖިނިއަރުންގެ ދައުރުވެސް މީގައި ކުޑައެއްނޫން އިނގޭތޯ. ހަމަ ވަރަށް މުހިންމު ދާއިރާއެއް ދިވެހިރާއްޖޭގައި އިންޖިނިއަރުންގެ ދާއިރާއަކީ. ރައީސް ވަނީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި، ދިވެހިރާއްޖޭގެ ދިވެހި އިންޖިނިއަރުންގެ ދުވަހެއް ގޮތުގައި ޚާއްޞަ ދުވަހެއް ކަނޑައަޅުއްވައި، ފާހަގަކުރައްވަން ނިންމަވާފައި. ދެން، ވަރަށް ޚާއްޞަ، މުހިންމު މުނާސަބަތެއް އެ މުނާސަބަތަކީ. އެއީ، ސިނަމާލޭ ބުރިޖުގެ ތާރީޚް އިނގޭތޯ. އެ ދުވަސް މާދުރަކު ނޫން މިއޮތީ ދޮގެއްތޯ؟ އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، މިގޮތުން ދިވެހިރާއްޖޭގައި ޤައުމީގޮތުން ފާހަގަކުރެވޭ މީގެ ފުރަތަމަ ދުވަސް ކުރިމަތިވާއިރު، ރައީސްގެ ޝުޢޫރަކީ ކޮބައިބާއޭ؟ މިއީ ކިހާ މުހިންމު ދުވަހެއްބާ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް މުހިންމު ކަމެއް، އިންޖިނިއަރުންގެ ޚިދުމަތް ފާހަގަކުރުމާއި، އަދި އިންޖިނިއަރިންގ ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްކުރުން މިއީ. ޙަޤީޤަތުގައި، ރާއްޖޭގައި މިހާރު މަތީ ތަޢުލީމު ހާސިލުކުރަންދާ ކުދިންގެ ތެރެއިން، ވަރަށް ކުޑަ އިންސައްތައެއް މިދަނީ، އިންޖިނިއަރިންގ ބޭސްޑް ދާއިރާތަކަށް. ސައިންސް، މެތަމެޓިކްސް، އިންޖިނިއަރިންގ އެއްޗިއްސަށް ދަނީ ވަރަށް މަދުން. ބޮޑަށް ވިޔަފާރީގެ ދާއިރާއަށް، މެނޭޖްމަންޓް ދާއިރާތަކަށް، ޤާނޫނީ ދާއިރާތަކަށް، ނޫނީވިއްޔާ އެކަހަލަ ދިމަދިމާއަށް މިދަނީ ކުދިން. އެވެސް މުހިންމު ދިމަދިމާ. ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް، ރާއްޖޭގެ ޤާނޫނީ ދާއިރާ ކުރިއެރުވުމަށް، ރާއްޖޭގައި ހުރި އެކިކަހަލަ ސޯޝަލް ސެކްޓަރގެ ކަންކަމަށް ދިވެހިން ބޭނުންވޭ. ވަރަށް މުހިންމު ކަމެއް އެއީ. ޓީޗަރުންނާއި، ޑޮކްޓަރުންނާއި، ހުރިހާ އެންމެން ބޭނުންވޭ. ޑޮކްޓަރުން މަދު. ސައިންސް ބޭސްޑް ދާއިރާތަކުން މަދު. އެހެންވީމާ، ސައިންސް ބޭސްޑް، އިންޖިނިއަރިންގ ބޭސްޑް ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުން ވަރަށް މުހިންމު. އެހެންވީމާ، ސަރުކާރުން އެކަމަށް ޚާއްޞަ ކަމެއް ދީގެން، މިހާރު ފަށައިގެން މިއުޅެނީ.

އެހެންވީމާ، އިންޖިނިއަރިންގ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ، އެކިކަހަލަ އިންޖިނިއަރިންގ ފީލްޑްތަކުން ދިވެހިން، ދިވެހި ކުދިން ތަމްރީނުވުމަށް ޝައުގުވެރިކުރުވުން. ސިވިލް އިންޖިނިއަރިންގ، އިލެކްޓްރޯނިކް މެކޭނިކަލް، ދެން މިހެންގޮސް، ހުރިހާ ޒާތެއްގެ އިންޖިނިއަރިންގ. އޭގެ ސަބަބުން، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ތަރައްޤީގެ މައިދާނުގައި ކުރަންހުރި ކަންކަމުގައި، އަދި ރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި، ދިވެހިން ތިބޭނެ އިންޖިނިއަރިންގ ދާއިރާތަކުން ތަމްރީނުވެގެން އައިސް ތިބި. އެހެންނޫނީ، މިހާރު މި ޖެހެނީ، އަވަށްޓެރި، ނޫނީވިއްޔާ ދުރު ޤައުމެއްގެ މީހުން ގެންނަން. ގެނެސްގެން، މި މަސައްކަތްތައް ކުރުވަންޖެހެނީ. އޭގެ ބަދަލުގައި ދިވެހިން ތިބުމަކީ ވަރަށް މުހިންމު ކަމެއް އިނގޭތޯ. އެހެންވީމާ، އިންޖިނިއަރިންގގެ ދާއިރާއިންވެސް، އަދި ސައިންސް ބޭސްޑް ހުރިހާ ދާއިރާއަކުންވެސް، ދިވެހިން ތަމްރީނުކުރުމަށް ވަރަށް އިސްކަމެއް ސަރުކާރުން މި ދެނީ އެ ބޭނުމުގައި.

އަޙްމަދު ޖަދުވާން:

އާދެ، ދެން، ރައީސަކީ އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅަކަށްވާތީވެސް، ސިވިލް އިންޖިނިއަރަކަށްވާތީ، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާ، އެ ދާއިރާގެ ފުރަތަމަ ބޭފުޅާ، އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ. އެހެންވީމާ، އަޅުގަނޑާ މިހެން ބައްދަލުވީމާ، ކުރިއަށް މިއޮތް އެ ދުވަހުގެ މުނާސަބަތަށް ތަހުނިޔާ ދަންނަވަން އިނގޭތޯ ވަރަށް ބޮޑަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޝުކުރިއްޔާ އިނގޭތޯ. ދެން، ސިޔާސީ މަގާމަކަށް އައުމުގެ ކުރިން، ވަރަށް ބޮޑު ދައުރެއް އަދާކުރެވިފައި އަޅުގަނޑުގެ ޙަޔާތުގައި އޮންނާނީ އިންޖިނިއަރެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑަށް ވަރަށް މުހިންމު ދާއިރާއަކަށްވޭ އެ ދާއިރާ. އެހެންނަމަވެސް، ފަހުން ސިޔާސީ މަސައްކަތުގައި އުޅެންފެށި ފަހުން، އެކަމަކާ ނޫޅެވޭ. ދެން، އަޅުގަނޑު މި ބަލަނީ، އެ ދާއިރާއިން އެހެން މީހުން ތަމްރީނު ކުރެވޭތޯ.

ވަފީޤާ ޙާމިދު:

ދެން، ޖަދުވާން އަޅުގަނޑުމެން ކުރިން ޕޮޑްކާސްޓުގައިވެސް، ފަހުން މި ގެނެސްދިން ޕޮޑްކާސްޓުގައިވެސް ވަރަށް ބޮޑަށް ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދެއްކެވި.

އަޙްމަދު ޖަދުވާން:

އާދެ، ހާދަ މުހިންމު ކަމެކޭ އެއީ. އެހެންވީމާ ދޮގެއްތޯ.

ވަފީޤާ ޙާމިދު:

މިހާރު އަނެއްކާވެސް އިތުރު ބުރެއް ތަމްރީނު ކުރުމަށްޓަކައި، އިންޓަރވިއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި މިވަނީ. އޭގެކުރިން ފޮނުވި ބެޗު މިހާރު އެ ތަމްރީނުތައް ނިމުމަކާ ހަމައަށް އަންނާނެ. ރައީސް، އަޅުގަނޑުމެން އޭރުވެސް ފާހަގަކުރިން، މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ދޮގެއްތޯ؟

އަޙްމަދު ޖަދުވާން:

އިތުރު ފުރުޞަތަށް ބެލެނިވެރިން ވަރަށް އެދޭ.

ވަފީޤާ ޙާމިދު:

ވަރަށް ބޭނުންވޭ. ކިހިނެއްތޯ އެކަން އޮތީ ރައީސް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިޔައީ ހަމަ ވަރަށް ރަނގަޅު ވާހަކަފުޅެއް. ދެން، މި ޕްރޮގްރާމް ފެށިއިރުގައި ދެއްކި ވާހަކައިގެ މައުޟޫޢާ މިކަން މި ގުޅެނީ. ޤައުމުދެކެ ލޯބިވާ، ޤައުމާ އެއްކޮޅަށް ވިސްނާ، ޤައުމީ ފިކުރުހުރި، ވަޠަންދެކެ ލޯބިވާ ޒުވާނުންތަކެއް އުފެއްދުން މީގެ ބޭނުމަކީ. ދެން ކޮންމެހެން، މި ޕްރޮގްރާމްގެ ތެރެއިން އެކަންޏެއް ނޫން އެފަދަ ޒުވާނުން އުފެދެންޖެހޭނީއެއް. މުޅި ސްކޫލް ނިޒާމުގެ ތެރެއިން، މުޅި ސޮސައިޓީގައި ހިންގޭ ހުރިހާ މަސައްކަތެއްގެ ތެރެއިން އުފެދެންޖެހޭނެ އެކަހަލަ ކުދިން އިނގޭތޯ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް ދެންހުރި ޕްރޮގްރާމްތައްވެސް ހިނގާނީ. އެހެންވީމާ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާކުރަން ވަރަށްބޭނުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ ގޮތަށް ބެއްޔަސް، އަދި ހިއުމަން ރިސޯސަސްއަށް ބެއްޔަސް، މި ހުރިހާ ކަމެއްގެ ތެރޭގައިވެސް އެބަހުރި ލިމިޓޭޝަންސްތަކެއް. އަހަރަކު އެއްހާހެއްހާ ކުދިން އަޅުގަނޑުމެންނަށް އަދި ތަމްރީނުކުރެވޭވަރަށް މިއޮތީ ތައްޔާރުވެފައި. ދެން، އެގޮތަށް ކުރިއަށް އޮތް އަހަރެއް، ދެ އަހަރެއް ތެރޭގައި ކުރިއަށް ގެންދަން އަޅުގަނޑުމެން މަސައްކަތްކުރަނީ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. ދެން އެކަމަކު، އެއާއެކީގައި ފުޅާކުރަންވެސް މަސައްކަތް ކުރާނަން. ސިފައިންގެޔަށް ބޭނުންވާ ކުދިން މީގެތެރެއިން އެބަ ލިބޭ. ސިފައިން، އެމް.އެން.ޑީ.އެފް.އަށް އެބަ ލިބޭ. ފުލުހުންނަށް އެބަ ލިބޭ. އެކި ޔުނިފޯމް ބޮޑީޒްތަކަށް ކުދިން އެބަދޭ. އަދި އެހެން ދާއިރާތަކަށްވެސް އެބަދޭ. އެހެންވީމާ، އަދި އޭގެއިތުރަށް، ސިފައިންގޭގެ މިހާރު ތިބި ސިފައިން އިތުރަށް ތަމްރީނުވެސް ވާންޖެހޭ. އަދި އަނެއްހެން ނޯމަލް ރޫޓުން ވަންނަ ކުދިންވެސް ޖެހޭނެ ޓްރެއިން ކުރަން. އެހެންވީމާ، އެއަށްވެސް ޖެހޭނެ، އެމް.އެން.ޑީ.އެފް. ކެޕޭސިޓީ ބޮޑުކުރަން. އެހެންވީމާ، މި ހުރިހާ ކަމެއްގެ ތެރެއިން، ވަޠަނީ ޚިދުމަތަށްވެސް ކެޕޭސިޓީ ބޮޑުކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް އަހަރެއް، ދެ އަހަރެއް ތެރޭގައި، 1000ން 2000އަށް ގެންދެވޭނެތޯ، ނޫނީވިއްޔާ 1000ން 1500އަށް އިތުރުކުރެވޭނެތޯ، އެއީ ދެން އަޅުގަނޑުމެން ބަލާނެ ކަންތައްތަކަކީ. އެއަށް މަސައްކަތްތަކެއް ކުރާނަން. އެހެންނަމަވެސް، މަދުވެގެން 1000 ކުދިން ކޮންމެ އަހަރަކު، މި އަހަރު، އަދި މި އަންނަ އަހަރަށް، ދެން އަންނަ އަހަރުވެސް އިރާދަކުރެއްވިއްޔާ ތަމްރީނުކުރާނަން. އަދި، އަޅުގަނޑުމެން އުންމީދުކުރަނީ އެއަށްވުރެވެސް ފުޅާކުރަން. އިރާދަކުރެއްވިއްޔާ މި ކުދިންނަކީ، ދީންދެކެ ލޯބިވާ، ޤައުމުދެކެ ލޯބިވާ، ހުނަރުވެރި، މަސައްކަތް ކުރަން ދަންނަ، ކަމަށްކަމޭހިތާ، ވަގުތަށް ކަމޭހިތާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ، އަޅައިލާ، ރިވެތި އަޚުލާޤުގެ ކުދިން ގޮތުގައި އިރާދަކުރެއްވިއްޔާ މި ނުކުމެގެންދަނީ.

އަޙްމަދު ޖަދުވާން:

އާދެ، ރައީސް، ކަނޑައެޅިފައިވާ ވަގުތު އަޅުގަނޑުމެންނަށް މި ހަމަވީ އިނގޭތޯ. އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަޅުގަނޑު ހަމަ އަދި އެއް ސުވާލު ދަންނަވާލާނަން އިނގޭތޯ. ސިޔާސީ މަސްރަޙާ ގުޅޭގޮތުން ދެން ކޮންމެވެސް އެއްޗެއް ދަންނަވާނުލާ ނިންމާލުން އެހާ ރަނގަޅެއް ނުވާނެކަންނޭނގެ.

އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ، އިދިކޮޅު މައި ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ވަރަށް ގަދަވެފައި އޮއްވާ އިނގޭތޯ. ދެން، ހުސް ކެންޑިޑޭޓުން ތިއްބެވީ އިނގޭތޯ، މިހެން ދަންނަވާ ކަމުގައިވާނަމަ. ރަސްމީކޮށް އިޢުލާނު ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި، އެނޫން ބޭފުޅުންގެ ވާދަވެރިކަންވެސް ވަރަށް ބޮޑު. ދެން، މީގެތެރެއިން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ތިމަންނާމެންގެ ކޮންމެ ކެންޑިޑޭޓެއް ނުކުތަސް، ރައީސާ ވާދަކުރައްވައި، ކާމިޔާބުކުރައްވާނޭ. ރައީސް މި ރިޔާސީ ރޭހުގައި ތިމަންނަމެންނާ ވާދަކޮށް، ބައްޔޭވާނީ. އަޅުގަނޑު ހިތަށްއަރަނީ، ރައީސް ޖެހިލުންވެވަޑައިގަންނަވާ އެއްވެސް ކަހަލަ ސިޔާސީ ބޭފުޅެއް، އެ ބޭފުޅުންގެ ތެރޭގައި އެބަހުރިބާއޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ނުވެސް ވިސްނަން، އެ ބޭފުޅުން އެކުރާ ކަމަކަށެއް އިނގޭތޯ. އަޅުގަނޑު ވިސްނަނީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމައިގެން ކުރިއަށްދެވޭނެ ގޮތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކާމިޔާބުކުރުމުގައި، އަޅުގަނޑާއެކީ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާ އެކީގައި ދާނީ ކުރިއަށް. މިނިސްޓަރުން، އެމް.ޑީޒް، އެމް.ޕީޒް، ދެން އާންމު ރައްޔިތުން، ދެން ކިޔާނެ ކަމެއްނެތް، ހުރިހާ ފަރާތްތައް، އަޅުގަނޑާ އެކީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާ އެކީގައި، އަޅުގަނޑު މި ބަލަނީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި ކާމިޔާބީ ހާސިލުކުރަން. އެކަމުގައި ދުވަހެއް ދުވަހަކަށް މިދަނީ ކާމިޔާބީތައް ލިބެމުން. ކޮންމެ ދާއިރާއަކުން ބެލިނަމަވެސް އިރާދަކުރެއްވީތީ. އަޅުގަނޑު ފުރަތަމަ ދުވަހު ރައްޔިތުންނާ މުޚާޠަބުކުރިއިރުގައި ދެއްކި ވާހަކަ، އެ ދުވަހު އެ ދެއްކި ވާހަކައިގައި އަޅުގަނޑު ދެންނެވި ކަންތައްތައް ތަންފީޒުކުރުމުގައި، އެއްވެސް ކަހަލަ ގޮތަކަށް ޑައިވަރޓްނުވެ، ސީދާ އެގޮތަށް މިގެންދަނީ އިރާދަކުރެއްވީތީ، ކޮންމެ ދާއިރާއެއްވެސް. އެއީ، ޚާރިޖީ ދާއިރާ ކަމުގައިވިޔަސް، ޤައުމުގައި މިހިރަ އިޖުތިމާޢި ފޭރާން ރަނގަޅުކުރުން ކަމުގައިވިޔަސް، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުން ކަމުގައިވިޔަސް، ޢުމްރާނީ ތަރައްޤީ ހާސިލުކުރުން ކަމުގައިވިޔަސް، ދެން ގޮސް ވިޔަފާރީގެ ދާއިރާއިން ކުރިއެރުން ހޯދައިދިނުން ކަމުގައިވިޔަސް، ޒުވާނުން ބިނާކުރުން ކަމުގައިވިޔަސް، ޞިއްޙީ ދާއިރާ ތަރައްޤީކުރުން ކަމުގައިވިޔަސް، ދެން މިހެންގޮސް ކޮންމެ ދާއިރާއަކުން އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމުގެ، އެ ދުވަހުގެ ސްޕީޗްގައި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ކަންކަން ހާސިލުކޮށްދިނުމުގައި އަޅުގަނޑު ކުރިއަށް މިދަނީ. އެކަމަށް އަޅުގަނޑު ފޯކަސްކޮށްގެން މަސައްކަތް މިކުރަނީ.

އަޙްމަދު ޖަދުވާން:

ރައީސް، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، ވަރަށް މުހިންމު ގިނަ ދާއިރާތަކުން، މުހިންމު މަޢުލޫމާތުކޮޅެއް ތިޔަ ދެއްވީ. ހަމަގައިމުވެސް ތީގެ ސަބަބުން، ރައްޔިތުންނަށް އަނެއްކާވެސް އުންމީދުން ފުރިގެންވާ ކަންތައްތަކެއް، ރައްޔިތުންނަށް ގަބޫލުކުރެވިގެންދާނެ. އަދި، ރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމާއި، ރާއްޖޭގެ ވެށި ސަލާމަތްކުރުމަށް، ރާއްޖޭގެ ވެށި، ޤައުމިއްޔަތާއި، ދީނާއި، ދިވެހިވަންތަ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރައްވާ މަސައްކަތާ މެދު، ރައްޔިތުންނަށް އުންމީދުން ފުރިގެންވާ ވާހަކަފުޅުތަކެއް ތިޔަ ވިދާޅުވީ. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުމެންނަށް ތިޔަ ދެއްވި ވަގުތުކޮޅަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ!