ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަޙްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޤުޟައިބިއްޔާ ޕެލެސްއަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއެވެ. އެއަށްފަހު މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން ދެޤައުމުގެ ޤައުމީ ސަލާން ކުޅުމާއި، ބަޙްރައިންގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ވަޑައިގެންނެވި ބޭފުޅުން، ބަޙްރައިންގެ ރަސްގެފާނަށް ތަޢާރުފުކޮށް އެރުވިއެވެ.

މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި ބަޙްރައިންގެ ރަސްގެފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދެ ޤައުމުގެ ގުޅުން އާ މަރުޙަލާއަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ބަޙްރައިންގެ ރަސްގެފާނު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ތަޢުރީފުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަމާއި އަދި، މި ދަތުރުފުޅަކީ އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއްކަން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދުގެ ބޭފުޅުންނަށް ބަޙްރައިންއިން ވިދާޅުވި ހޫނު މަރުޙަބާއަށާއި ދެއްވަމުންގެންދަވާ މެޙެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި ބަޙްރައިނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތަކަށްފަހު ދެބޭފުޅުން ވަނީ ވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބަޙްރައިނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1980 މާރޗް މަހުގެ 24 ވަނަ ދުވަހުގައެވެ.