ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަދު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ، ހަތަރު ބޭފުޅަކަށެވެ. އެއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން، އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން ގަލޮޅު ޕަރނިސް ލޯޖެހި އަޙްމަދު މަނިކަށާއި، މަސައްކަތްތެރިކަމުގެ ދާއިރާއިން، ބޯޓް ބިލްޑިންގގެ ރޮނގުން މާފަންނު ހަޒާރުމާގޭ އަޙްމަދު ވަޖީހަށާއި، ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ގަލޮޅު މައިނާގޭ މައިނާ އިބްރާހީމް ރަޝީދަށާއި، އަދި ޕަރފޯމިންގ އާޓްސްގެ ދާއިރާ، ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން މައްޗަންގޮޅީ ޗިޅިޔާވިލާ ޗިޅިޔާ މޫސާ މަނިކަށެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 10 ބޭފުޅަކަށެވެ. އެބޭފުޅުންނަކީ:

- އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމުގެ ދާއިރާ، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ފ. ނިލަންދޫ ވެނީލާގެ

- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން މުޙަންމަދު ޤާސިމް އއ. މަތިވެރީ ފިނިވާގެ.

- މުޖްތަމަޢުގައި ހިންގުން ހަރުދަނާ ކުރުމުގެ ދާއިރާއިން (ގުޑް ގަވަރނަންސް) ސަލްމާ ފިކުރީ މ. ގަހާ.

- ފަތުރުވެރިކަމުގެ ދާއިރާއިން - ފަތުރުވެރިން ރާއްޖެއަށް ޝައުޤުވެރިކުރުވުމުގެ ރޮނގުން އަޙްމަދު އާޞިފް ހ. ފޭދޫ.

- ދަނޑުވަރިކަމުގެ ދާއިރާއިން - ދަނޑުވެރިކަން ކުރިއެރުވުމުގެ ރޮނގުން ޤަމީރާ އާދަމް އއ. ތޮއްޑޫ ދޫރެސް.

- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން - ކޭކު އެޅުމާއި ކޭކު ޑެކަރޭޝަންގެ ރޮނގުން ޢަބްދުއްރަޝީދު ޢަބްދުﷲ ގ. ޖަނަވަރީމާގެ

- ޚަބަރާއި މަޢްލޫމާތު ފެތުރުމުގެ ދާއިރާއިން މުޙަންމަދު ސަޢީދު މޫސާ ވަޖުދީ ސ.ފޭދޫ ސުތުލިމާގެ

- ކުޅިވަރުގެ ދާއިރާއިން ނިޒާރު އިބްރާހީމް ވ. ތިނަދޫ ހޮނޑައިދޫގެ

- ވިޜުއަލް އާޓްސްގެ ދާއިރާއިން – ލިޔުމާއި ކުރެހުމާއި ފަރުމާ ކުރުމުގެ ރޮނގުން އިސްމާޢީލް ޝުޖާޢު މ. ސްޕޮޓްލައިޓް

- ވިޜުއަލް އާޓްސްގެ ދާއިރާއިން – ފިލްމު އުފެއްދުމާއި ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން ފާޠިމަތު ނަހުލާ މއ. ކަބީލާގެ

މިބޭފުޅުންގެ އިތުރުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކުންފުންޏަކަށާއި، ކޮލެޖަކަށާއި ޖަމާޢަތަކަށްވެސް މިއަހަރު ލިބުނެވެ. މިގޮތުން، މުވާޞަލާތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑަށެވެ. އެކުންފުނީގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ވަޙީދެވެ. ތަޢްލީމަށް ޚިދްމަތް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ ކްލީކް ކޮލެޖަށެވެ. އެ ކޮލެޖުގެ ފަރާތުން މި އިނާމާ ޙަވާލުވެވަޑައިގަތީ، ކޮލެޖުގެ ޕްރެޒިޑެންޓް ނައުޝާދު މުޙަންމަދެވެ. ޞިއްޙީ ދާއިރާއިން، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. އެ ސޮސައިޓީގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ، އެސޮސައިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢާއިޝަތު ޝިރްހާނާއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދު ދެއްކެވި ވާހަކަފުޅުގައި، މިހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ، މަސައްކަތްތެރިކަމުގެ ދާއިރާއިން، ބޯޓް ބިލްޑިންގގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި އަޙްމަދު ވަޖީހެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ޚިދްމަތުގެ އަގު، ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަން ކުރައްވާގޮތަށް ވަނީ ނިންމަވާފައެވެ. މިގޮތުން، ސަރުކާރުގެ ފަރާތުން ބާއްވަވާ ބައެއް ޖަލްސާތަކަށާއި، ބައެއް ބައްދަލުވުންތަކަށާއި، އެކިއެކި މުބާރާތްތަކުގެ ޝަރަފުވެރި މެހްމާނަކަށް ވެވަޑައިގަތުމުގެ ފުރްޞަތު، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ފަހިކޮށްދެއްވާނެއެވެ. އަދި ސަރުކާރުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކަށާއި ޖަލްސާތަކަށާއި، ބައްދަލުވުންތަކަށްވެސް، އެކަމެއް އިންތިޒާމު ކުރައްވާ ފަރާތަކުން ކަނޑައަޅުއްވާ އުޞޫލަކުން ދަޢުވަތު ދެއްވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ހަމައެއާއެކު، އިނާމު ޙާޞިލު ކުރެއްވި ބޭފުޅުން، އެ އިނާމު ޙާޞިލު ކުރެއްވި ރޮނގަކުން ކުރެއްވި ޚިދްމަތާ ބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށާއި، ތަފާތު އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢްލޫމާތު ދެއްވޭނެ ފުރްޞަތުވެސް ފަހިކޮށްދެއްވާގޮތަށްވަނީ ނިންމަވާފައެވެ.