ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫއަށާއި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ށ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމުގައެވެ.

"ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސްކޫލް ވަނީ މުޖުތަމަޢަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި. އެއީ އިންސާނީ ވަޞީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަޤާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން." ރައީސުލްޖްމުހޫރިއްޔާ ވިދާޅުވިއެވެ.

ށ. ފުނަދޫއާއި، ނ. ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ނ. ހޮޅުދޫއަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ. ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ރައީސުލްޖުމުހޫރިއްޔާ ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ. މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް ކަމަށެވެ.

"މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ޚިދުމަތްކުރާ މޮޅެތި ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ށ. ފުނަދޫ އަށާއި، ނ. ހޮޅުދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި ވަނީ، އެދެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

މި ދެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގެންނެވީ މިއަދު މެންދުރުއެވެ.