ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ( ޤާނޫނު ނަންބަރު: 06/2013) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ 25 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގެ 3 ވަނަ މާއްދާއަށް އިޞްލާޙު ގެނެސްފައިވެއެވެ. އެގޮތުން މި ޤާނޫނުގެ ބޭނުމަށް ވިޔަފާރިތައް ބެހިގެންވާ 3 ގިންތީގެ ތެރެއިން ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމަށް ބަލާ މިންގަޑުތަކަށް ބަދަލުގެނެސްފައިވެއެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، 30 ޖުލައި 2022 ގެ ކުރިން، ރަޖިސްޓްރާރ އަލުން ގިންތިކޮށް ދަފްތަރުކޮށް، ޢާންމުކުރަންވާނެކަމުގައި ބަޔާންކޮށްފައި ވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ( ޤާނޫނު ނަންބަރު: 06/2013) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަށް ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.