ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްޤީގެ ދަތުރުގައި ދިވެހިން ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަމަށާއި، މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަޙުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަޙައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖްތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމުގައި ފާހަގަކުރައްވާފައެވެ.

ހަމަ އެފަދައިން ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ދިވެހިރާއްޖެ މިއަދު މިވަނީ، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައިފައިކަމަށާއި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވެވިފައި ވިޔަސް، ކޯވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ނޫންކަން ކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މިފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށް ވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއްކަމުގައި ވާނެކަން ހާމަކުރައްވާފައެވެ. އަދި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށާއި، އެފަދަ ކިތަންމެ އާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވެސް ތަރައްޤީއަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާޞިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށް ވުރެ ހަރުދަނާވެގެންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.