‎ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ އަތޮޅު މާފުށްޓަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ، އެނބުރި މާލެ ވަޑައިގެންފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މާފުށީގައި ޤާއިމުކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ ވަނީ އެ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާފުށީ ޖަލަށާއި މާފުށީ ހެލްތު ސެންޓަރަށް ވަޑައިގެން، އެ އެތަންތަނުގެ ޙާލަތު ވަޒަންކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.