ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކ. ގާފަރަށް މިހާރު ކުރައްވަމުންގެ ގެންދަވާ ދަތުރުފުޅުގައި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވައި މަސްވެރިކަމުގެ ކުރިމަގާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިރޭ ގާފަރު ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިންމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މަސްވެރިން ވަނީ، ސަރުކާރު ތެރެއިން މަސްވެރިކަމާ ގުޅޭ ކަންކަމުގައި ކުރިޔަށްދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. މިގޮތުން، މާލީކަންކަމުގައި ދިމާވާ ގޮންޖެހުމާއި، ބޭންކިންގ އަދި، މަސްވެރިކަމުގެ ސާމާނު އެތެރެކުރުމުގައި ހުރި ދަތިތަކަށް މަސްވެރިން ވަނީ އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ވެސް މަސްކިރުމުގެ އިންތިޒާމް ލަސްވުމުގެ ސަބަބުން މަސްބާނާ މޫސުމުގައި ނުހަނު ބޮޑެތި ދަތިތަކާކުރިމަތިވާކަމަށާއި، މިކަންކަމަށް އެކަށޭނަ ޙައްލެއް ގެނެސްދެއްވުމަށް މަސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. އަދި، ރާއްޖޭގެ މަސްވެރި ދޯނިތައް އެންމެ ގިނައިން ދަތުރުކުރާ ސަރަޙައްދުތައް ހޯދުމަށްފަހު މަސްކިރުވޭނެ ގޮތް އެ ސަރަޙައްދުތަކުން ހައްދަވައިދެއްވުމުގެ މުހިންމުކަމާއި، މަސްވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ކަންކަން މަސްވެރިން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މަސްވެރިންގެ ޚިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުޙަބާ ކިޔާކަމުގައި ވިދާޅުވެ، މަސްވެރިން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.