ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު (ޤާނޫނު ނަންބަރު: 20/2021) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2021 އޮކްޓޫބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. އަދި، ފޮރިން ސަރވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި ވާގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

ޤާނޫނުގައިވާ ގޮތުން ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެއެވެ. އަދި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންކަމުގައި މި ޤާނޫނުގައި ވެއެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސަރވިސް އެކުލަވާލަންވާނެކަމަށާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބެހިގެންވަނީ އެގްޒެކެޓިވް ސަރވިސް ސްޓާފުން؛ އަދި ޖެނެރަލް ސަރވިސް ސްޓާފުންގެ މަޤާމުތަކުގެ މައްޗަށްކަމުގައި ޤާނޫނުގައި ވެއެވެ.

މީގެ އިތުރުން ވެސް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.