ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހު ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާ، އަދި އަމިއްލަ އެދުމުގެ މައްޗަށް ދީނާއި ޤައުމު އިސްކުރަންޖެހޭނެކަން ކަމުުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާމު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުން މި އަންނަނީ، ހިތްވަރު ގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދީ، ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންކަމުގައި ވިދާޅުވެފައިވެއެވެ. އަދި ނަޞްރުގެ ދުވަހަކީ ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާން ނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަސްކަމަށާއި، މިއަދު ދިވެހިރާއްޖޭގައި ޤައުމީ ދިދަ ވިހުރެމުން އެދަނީ އެދުވަހު ދިވެހި ސިފައިން ވެދެއްވި މަތިވެރި ޤުރުބާނީގެ ސަބަބުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިން ވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއާ ކުރިމަތިވި ނިރުބަވެރި ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންކަމުގައި ވިދާޅުވެ، އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއްކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ އަވަށްޓެރި އިންޑިއާއިން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންކަމަށާއި، ނަމަވެސް ރައްޔިތުން އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، ކާމިޔާބާއި ނަޞްރު ލިބޭނެކަމުގައެވެ. އަދި، އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭކަމަށާއި، ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެ ދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.