ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް 4 ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އަދި އެމަނިކުފާނު، ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްޠިތާޙްކޮށްދެއްވުމަށާއި، ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ބިންގާ އަޅައިދެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. މި ސިޓީގެ ކައުންސިލާއި ބައްދަލުކޮށްލެއްވުމާއި، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު އެމަނިކުފާނު، އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ޓްރެއިނިންގ ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރު 2021 ވާ ހުކުރު ދުވަހުއެވެ.