ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ހާމަކުރައްވައިފިއެވެ. މަބްރޫކް މި މަޢުލޫމާތުތައް ހާމަކުރައްވާފައި ވަނީ މިއަދު މީޑިޔާއަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސް ގައެވެ.

އެގޮތުން މަބްރޫކް ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކާއި އަދި ރިޒޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އެނޫންވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތަފްޞީލުތައް ހާމަ ކުރައްވައިފައެވެ.

ވެކްސިންގެ ދެޑޯޒް ހަމަކުރުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށް، މޮނިޓަރިންގައި ނެތް ރަށްތަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކީގައި ދަތުރުކުރެވޭ ގޮތަށް މިހާރު އުސޫލަށް ބަދަލުގެނެސްފައިވާކަމުގައި މަބްރޫކް ވިދާޅުވިއެވެ. މިއާއެކު މިހާރު ވެކްސިންގެ 2 ޑޯޒްހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކުން މާލެއިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި، މޮނީޓަރިންގައި ނެތްރަށެއްނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެއެވެ.

ރިޒޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ލުއިތަކުގެ ތެރޭގައި، ރިޒޯޓްތަކުން ކޮންމެ މަހަކު 1 ފަހަރު އެރިޒޯޓެއްގެ 10 އިންސައްތަ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް، އެކްޓިވް ސަވައިލަންސްގެ ގޮތުގައި ނަގަަންޖެހޭގޮތަށް ހަމަޖެއްސުމާއެކު، އެގޮތަށް ކަންކުރާ ރިޒޯޓްތަކުގެ މުވައްޒަފުންނަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމުގައި، ވެކްސިންގެ 2 ޑޯޒް ފުރިހަމަަކޮށް 14 ދުވަސް ހަމަވެފައިިވާނަމަ ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ބޭރުގެ ޕޯޓްތަކުން ރާއްޖެއަށް ވަންނަ އިންޓަރނޭޝަލް ޓްރެވެލާސްއަށް ދޭ ލުއިތަކުގެ ތެރޭގައި ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާނަމަ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ގެނައުމާއެކު 7 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ރިލީސް ސާމްޕަލް ނަގަންޖެހޭގޮތަށް މިހާރު ވަނީ އުސޫލުގައި ހިމަނާފައެވެ. އެގޮތުން ވެކްސިންގެ ގޮތުގައި ރާއްޖެއިން ބަލައިގަންނާނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިއު.އެޗް.އޯ އިިން "އެމަޖެންސީ ޔޫސް ލިސްޓު"ގައި ހިމަނާފައިވާ ވެކްސިންތައް ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިނަށް ދޭ ލުއިތަކުގެ ތެރޭގައި، ދެކުނު އޭޝިޔާ ސަރަޙައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް 15 ޖުލައި އިން ފެށިގެން ރިޒޯޓުތަކަށް ދަތުރުކުރެވޭގޮތަށް ލުއިދިނުން ހިމެނެއެވެ. ހަމަ މިއާއެކު އެޗް.ޕީ.އޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ދާއިމީ ގޮތެއްގައި ރިޒޯޓްތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި މިހާރު ކަނޑައަޅާފައި އޮތް ކާފިއުގަޑި އުވާލުން ވެސް ހިމެނެއެވެ. އަދި އެއާއެކު ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، ސިނަމާފަދަ ތަންތަނުގެ ޚިދުމަތްދިނުމަށް ލިބިގެންދާނެ ލުއިތަކާއި އަދި މުބާރާތްތައް ނުހިމެނޭ ގޮތަށް ކުޅިވަރުކުޅުންފަދަ ކަންކަމަށް ދޭ ލުއިތަކުގެ ތަފްޞީލުތައް ވެސް މި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ޙިއްޞާކުރެއްވިއެވެ.

މި ޕްރެސްކޮންފަރެންސްގައި މަބްރޫކްގެ އިތުރުން އެޗް.ޕީ.އޭގެ ސްޕޯކް ޕާރސަން، ޑޮކްޓަރ ނަޒްލާ ރަފީޤް ގެ އިތުރުން އެޗް.ޕީ.އޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ ފާޠިމަތު އަނާ ވަނީ ކޮވިޑް ކޭސްތަކާ ގުޅޭ މަޢުލޫމާތާއި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ. މި ޕްރެސް ކޮންފަރެންސްގައި މި ތިން ބޭފުޅުން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ.