ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަޙްމަދު ނަޝީދު، ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި އެއް ފެންވަރުގައެވެ.

އަޙްމަދު ނަޝީދު މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމުގައެވެ. އަދި އަޙްމަދު ނަޝީދު ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ.

އަޙްމަދު ނަޝީދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓަރ އޮފް އިންޖިނިއަރިންގ ސައިންސް (ރިނިއުބަލް އެނަރޖީ އިންޖިނިއަރިންގ) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.