ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ޢީދު ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް، ދިވެހިންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއްކަމަށެވެ. އަދި މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ޚާއްޞަ ދުވަހެއްގައި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުވައި، ޙާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ފިޠުރު ޢީދު ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، މާލޭގައި ދިން ނުރައްކާތެރި ޙަމަލާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އެމަނިކުފާނު ވަނީ އެ ހާދިސާ އަކީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއްގެގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިފަދަ ޙަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށާއި، އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ އެކަން ކުރި ފަރާތްތައް، މިނިވަން ތަޙުޤީޤަކަށް ފަހު، އިންސާފުގެ ކުރިމައްޗަށްގެނެސް އެމީހުން އެކުރި ޢަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރުގެ ކޮވިޑު-19 ގެ ޙާލަތަށްވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން، މީހުން ފައްސިވާ ނިސްބަތަށް ބަލައި އިތުރަށް ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި، މިހާލަތުގައި އެންމެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާ އެމަނިކުފާނު ވިދާޅުވީ އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެކަމަށެވެ. މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކޮވިޑް19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޞިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކާ، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަދަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކަމަށްވާތީ، ރާއްޖޭގެ ހުރިހާ ނަރުހުންނަށް، ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ނަރުހުން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ތަޢުރީފާއި ސާބަސްވެސް ރައްދުކުރައްވާފައެވެ.