ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ބޭބޭފުޅު، ދުބާއީގެ ޑެޕިއުޓީ ރޫލަރ އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ފިނޭންސް، ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުބާއީގެ ޑެޕިއުޓީ ރޫލަރ އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ފިނޭންސް، ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ މަނިކުފާނަކީ އެ ޤައުމުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށާއި އެ މަނިކުފާނު ވަކިވެ ދިއުމުގެ އުނިކަން މުޅި ޔޫ.އޭ.އީ ގެ އިތުރުން މެދުއިރުމައްޗާއި މުޅި ދުނިޔެ ވެސް އިހުސާސްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ޔޫއޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.