މި ހިނގާ 1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 4/2021 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވުމާއެކު، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނަންބަރު 3/2021 ދެންނެވުމުގައި ޢަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށްވެސް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.