އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، އަލްފާޟިލް ޙުސައިން ފިޔާޒް މޫސާ އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

ޙުސައިން ފިޔާޒް މޫސާ އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019 ގައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު:1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.