ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ޤަޠަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ޤަޠަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމާ، ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދިވެހިސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ޤަޠަރުގެ އަމީރު ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަނީ ޤަޠަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތް ޙަމަދު ބިން ސުޙައިމް އައްޘާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަޠަރުގެ ވެރިރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އަރޓް އަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. މި ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެޤައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެޤައުމުގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވާފައެވެ. ނޭޝަނަލް މާޓއަރޒް މެމޯރިއަލްއަކީ ބަންގްލަދޭޝްއަށް މިނިވަންކަން ލިބިދިން އެޤައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ، އެޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޘާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަޤްބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާޘާރަށް ނަން ދެވިގެންދިޔައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީޚީ އަދި ޘަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދާ، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ރަސްމިއްޔާތު އޮތީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލް ގައެވެ.

ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަނީ ބަންގްލަދޭޝްގެ ރައީސްގެ އަނބިކަނބަލުން ރާޝިދާ ޙާމިދު އާއި ވަކިން ބައްދަލުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުނގެ ޝަރަފުގައި ބަންގްލަދޭޝްގެ ރައީސް ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ރައީސްގެ ޕެލަސްއަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި މި ރަސްމީ ޖާފަތުގައި ކުރިއަށްދިޔަ ބަންގްލަދޭޝްގެ ސަޤާފީ އެކި ޕްރޮގްރާމްތައް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ބަންގުލަދޭޝްއިން ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.