ރާއްޖޭގައި ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ރޮނަލްޑް އައުޓްސްކޫން އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

1962 ވަނަ އަހަރުން ފެށިގެން 1990 ގެ އަހަރުތަކާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރެއްވި ރޮނަލްޑް އައުޓްސްކޫންއަކީ، ތަޢުލީމީ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު އަވަހާރަވީ 2021 މާރިޗު 6 ވަނަ ދުވަހުއެވެ.

ރޮނަލްޑް އައުޓްސްކޫންގެ ޢާއިލާއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރޮނަލްޑް އައުޓްސްކޫން މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައާއި އިދާރީ ބައިގައި އަދާކުރެއްވި ޚިދުމަތްތަކަކީ، އެ މަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުގައި، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރި ގިނަ އަދަދެއްގެ ދަރިވަރުންގެ ހަނދާނުން ފުވެހިގެންދާނެ ޚިދުމަތްތަކެއް ނޫން ކަމުގައެވެ. އަދި، ރޮނަލްޑް އައުޓްސްކޫންއަކީ، ޖީލެއްގެ ލޯތްބާއި އިޙުތިރާމު ލިބިވަޑައިގެންނެވި، ލާމަސީލު މުދައްރިސެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

މަޖީދިއްޔާ ސްކޫލްގެ އިތުރުން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގި ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގައި ވެސް ރޮނަލްޑް އައުޓްސްކޫން ޚިދުމަތް ކުރެއްވިއެވެ. ރޮނަލްޑް އައުޓްސްކޫން ފަސްދާނުލާފައި ވަނީ މިއަދުގެ ވަގުތެއްގައި ސްރީ ލަންކާގެ ކޮލަމްބޯގައެވެ. އަވަހާރަވިއިރު އަނބިކަނބަލާއި ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އަވަހާރަވިއިރު އުމުރަކީ 82 އަހަރެވެ.
.