މިއަދު ފާހަގަކުރާ، މި އަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުުގައި، ކޮމަންވެލްތް ދުވަހަކީ ދުނިޔޭގެ ހަ ބައްރަކަށް ނިސްބަތްވާ 54 ޤައުމެއްގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރާ ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު ކަމުގައިވާ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" އިން ސިފަކޮށްދެނީ، 2.4 ބިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް ބިނާވެފައި އޮތް "ކޮމަންވެލްތް އޮފް ނޭޝަންސް" ނުވަތަ ކޮމަންވެލްތް ޢާއިލާގެ މެދުގައިވާ ގާތް ގުޅުން ކަމުގައެވެ. އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ޙާލަތުގައި ހޯދިފައިވާ އައު އީޖާދުތަކާއި ހެޔޮ ބަދަލުތަކަކީ މި ގުޅުމުގެ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެހީތެރިވެ އުޅުމުގައި ފުރިހަމަ މިސާލު ދައްކާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްއާ އަލުން ގުޅުނުތާ އަހަރެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި މި މަދު ދުވަސްކޮޅުގެ ތެރޭގައި ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ޙާޞިލުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަަގަކުރެއްވިއެވެ. އެ ގޮތުން ކޮމަންވެލްތްއަކީ އެ ޢާއިލާގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތުތަކަށް ޚާއްޞަ ސަމާލުކަމެއްދޭ ނަމޫނާ ޖަމުޢިއްޔާއެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކޮމަންވެލްތު ޢާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ވެކްސިން ހުރިހާ ޤައުމަކަށްވެސް ބޭނުންވާވަރަށް ހޯދުމަށްޓަކައި ކޮމަންވެލްތްއިން އަދާކުރަމުންދާ މުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަހަރު ރުވާންޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، ކޮމަންވެލްތު ޤައުމުތަކަށް ކުރިމަތިވާ އާންމު މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ލިބިގެންދާނެކަން އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. ރާއްޖެ ކޮމަންވެލްތުގެ ޢާއިލާއާ އަލުން ގުޅިފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.