ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭ ގޮތުން، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ހިންގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ސިލްސިލާކޮށް، ކޮންމެ މަހަކު ދެ ފަހަރު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މި މަހުގެ ދެވަނަ ބައްދަލުވުން މިއަދު މެންދުރުފަހު ވަނީ ބާއްވާފައެވެ.

ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ޚާއްޞަކޮށްފައިވާއިރު، މި ބައްދަލުވުމުގައި މަބްރޫކްގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހަށް ބަލައިލާއިރު، ސަރުކާރުން ހިންގަމުންދާ ތިން މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި، އިތުރު ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޖުމުލަ ހަތް މަޝްރޫޢެއްގެ މަސައްކަތް ނިމިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 16 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މި ކަންކަމުގެ ތަފުސީލު، ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން މަބްރޫކް ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ، "ހިޔާ" މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ދިރާސާކޮށް، އެ ފަރާތްތަކަށް ޕޮއިންޓް ދީފައި ވަނީ އުޞޫލާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްފަހު، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އިޢުލާނުކޮށްފައިވާ ދާއިމީ ލިސްޓުތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ. އަދި، މި މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް އެ މަނިކުފާނު ޖަވާބު އެރުވިއެވެ. ވަކިން ޚާއްޞަކޮށް، އެއް ކޮޓަރީގެ ފްލެޓްތަކުގެ މައްސަލައިގައި އުފެދިފައިވާ ގިނަ ސުވާލުތަކެއްގެ ޖަވާބު އެ މަނިކުފާނު ސާފުކޮށްދެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ރާވައި ހިންގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތަފުސީލުތައް ވެސް މިނިސްޓަރ އަސްލަމް ހާމަކުރެއްވިއެވެ. މި ގޮތުން، ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އެއް ކޮޓަރީގެ ފްލެޓްތަކަށް އިސްކަން ނުދޭނެކަން ހާމަކުރައްވައި، ހަތަރު ކެޓެގަރީއަކުން ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެ ކެޓެގަރީތަކަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނެ މިންގަނޑުތަކުގެ ތަފުސީލު ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.