2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމަށް ބޭއްވި އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި، އެ ކަމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ، ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، އަވަސް މުސްތަޤުބަލެއްގައި އެ ނުރައްކަލުން ދިވެހި ދީބު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި ކުރިއަށް ރާވާފައިވާ މުހިންމު މަސައްކަތްތަކުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެ މަނިކުފާނު މި ކަންކަން ބަޔާންކޮށްދެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެންމެހާ ދިވެހީން ގުޅިގެން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ ކުރިމަގަށް ކުރެވޭ ފޮނި އުއްމީދު ހާމަކޮށްދެވަމުންނެވެ.

މިއަދު ޤައުމަށް ކުރިމަވެފައި މިވާ ހާލަތުގައި، ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައި ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލްކަން އިތުރުކުރުމަށެވެ. އިޤްތިޞާދަށް ކުރިމަތިވެދާނެ ހީނަރުކަމުން ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މި ކަމަށް ޚާއްޞަކޮށް، ސަރުކާރުން މިހާރު ވަނީ 362 މީހަކަށް ތަމްރީނުދީފައެވެ. މަދު މަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ވަނީ، ކޮވިޑް-19ގެ ޓެސްޓު ހެދުމުގެ ޤާބިލުކަން ދުވާލެއްގެ މައްޗަށް 5,600 އަށް އިތުރުކޮށްފައެވެ.

"ތިން މަސްދުވަހަށް ފަހު ބޯޑަރު ހުޅުވައިލެވުނީ، ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން. އަދި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތުންކަން، އަޅުގަނޑު މިމަޤާމުގައިވެސް ޝުކުރެވިކަމާއެކު ފާހަގަކުރަން،" މިހެން ވިދާޅުވެ، ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިސްކަން ދެއްވީ، ސަރުކާރުން ކުރަމުންދާ މި މަސައްކަތަށް ޢާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވުމަށެވެ.

އަދި، ކޮވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވަމުންދިޔަ އެތައް ގޮންޖެހުމެއް ބަލައި ދިރާސާކޮށް، އެ ކަންކަމުގެ އެންމެ ފުނަށް ވިސްނަވައި، އެ ކަންކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ކުރިމަތިވާނެ ނުތަނަވަސްކަން ކުޑަކުރެއްވުމަށް އެންމެ ފަހު ފައިސާފޮއްޗާ ޖެހެންދެން ވެސް ޚަރަދުކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަމުގެ އުއްމީދު ރައްޔިތުންނަށް އައުކޮށްދެމުންނެވެ. އަދި، ތަޢުލީމީ ޒުވާން ޖީލެއް ބިނާކޮށް، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ތަޢުލީމީ ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދޭކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާ، އެ ކަމުގައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާމެދު އުފާކުރައްވާކަން ހާމަކުރެއްވިއެވެ.

"ފުރަބަންދުގެ ހާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ޤައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ. އެކަމުގައި ވަރަށް ދީލަތި އެއްބާރުލުމެއް ދެއްވި، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި އެންމެހައި މުދައްރިސުންނަށް އަދި އެންމެހައި ބެލެނިވެރިންނަށް ވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީ ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން 9,430 ދަރިވަރަކަށް މިހާރު ވަނީ އެ ފުރުޞަތު ފަހިކޮށްދީފައެވެ. ވަޒީފާގެ ބާޒާރަށް އެންމެ ބޭނުންތެރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކަށް އަމާޒުކޮށް، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް މިދިޔަ އަހަރު ފޯރުކޮށްދިން 550 ލޯނުގެ އަދަދު މި އަހަރު ވަނީ 770 އަށް އިތުރުކޮށްފައެވެ. "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްޞަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާނެކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ ޒުވާނުން ބިނާކުރުމުގަޔާއި، ޤައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ނިންމި ނިންމުމެއް،" އެ މަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ނުރައްކަލުން އަޅުގަނޑުމެން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް މި ބައްޔާ ދެކޮޅަށް ވެކްސިނެއް އުފެއްދުމާއެކު، ވެކްސިން ހޯދުމަށް ހަރުދަނާ އަދި އަވަސް މަސައްކަތްތަކެއް ދިވެހި ސަރުކާރުން ފެށިއެވެ. ވެކްސިން ހޯދުމުގެ ރޭހުގައި އެތައް ޤައުމެއް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރައްޔިތުންނަށް ވެކްސިން މުޅިން ހިލޭ ފޯރުކޮށްދެވޭނެކަމުގެ ހެޔޮ ޚަބަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. އަދި، އެ މަސައްކަތް ސަރުކާރުން މި ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިލްތިމާސަކީ، މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ހުރިހާ ބޭފުޅުން ވެސް ވެކްސިން ޖެއްސެވުމެވެ. ކޮވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަތުމަށް މަގުފަހިކުރުމަށެވެ. ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށުމަށެވެ. ޢާންމު އުޞޫލުން ދަތުރުފަތުރުތައް ފެށުމަށެވެ. މި ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދާ، ސަލާމަތުގެ އައްސޭރިއަކަށް ވާޞިލުވުމަށެވެ.