ދިވެހިރާއްޖެއިން "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންއިން ހުށަހަޅާފައިވާ ކަރުދާހަކަށް މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މި ދެ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، މި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމުތަކުގައި، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި، އެ ޤައުމުތަކުގެ ކަމާގުޅޭ އިދާރާތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ރާއްޖޭގައިވެސް، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ބޭނުންކުރެވޭނެއެވެ.

މި ދެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައި ވީ ނަމަވެސް، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި، އެއް ޤައުމުން އަނެއް ޤައުމަށް އުޅަނދުފަހަރު ބަދަލުކުރާއިރު އުޅަނދު ރަޖިސްޓްރީ ކުރުމަކާ ނުލައި ދުއްވުމުގެ ހުއްދަދިނުމަށް ބަޔާންކޮށްފައިވާ ނުކުތާއަށް އިޢުތިރާޒު ކުރުމަށް، މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ލަފާދެއްވާފައިވެއެވެ.