ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް އަރުވާފައިވާ ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އިބްރާހީމް ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.

އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ޤައުމީ ޚިދްމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަޤާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހެލްތު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަޤާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

 

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.

އިބްރާހީމް ރަޝީދުގެ  ޤައުމީ ޚިދްމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ޤައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އެމަނިކުފާނެވެ. 1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ކުރެއްވި ޤައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތަޢްލީމުދޭން ފެށުމާއި، ގަވަރންމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ޞިއްޙީ މަރުކަޒު ހުޅުވުމާއި، އެއަރޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާޞަލާތުގެ ރޮނގުތަކުން އެދުވަސްވަރު ޤައުމަށް އައި ހުރިހާ ތަރައްޤީއަކާއި ކުރިއެރުމެއްގައި ޢަމަލީގޮތުން އެންމެ ޙިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދެވެ. 

ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ދާއިރާތަކުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ ޢަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިންވެސް އިސްވެރިއެކެވެ.