‎"ހިޔާ" މަޝްރޫޢުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފައިވާ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ޕޮއިންޓް ދީފައިވާ ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން ދެއްވައިފިއެވެ. ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ކުރި އިޢުލާނުގައި، އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ އުޞޫލުތަކުގެ ތަފްޞީލު ވެސް ހިމަނުއްވާފައިވެއެވެ.

‎މި ގޮތުން، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އިޢުލާނުކުރައްވާފައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ހުޅުވައިލައްވާފައި ވަނީ 2020 ޑިސެންބަރު 30 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 5 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. މިއީ ޝަކުވާ ހުށަހެޅުމަށް ހުޅުވައިލެވޭ ދެވަނަ ފުރުޞަތު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ކޮމިޓީއިން، މި ފަހަރު ރިޢާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމުގައި އެ ކޮމިޓީއިން ވިދާޅުވިއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުމަށް ވެސް އެ ކޮމިޓީން ކުރި އިޢުލާނުގައި އެދިވަޑައިގެންފައިވެއެވެ.

‎ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން ޢާއްމުކޮށްފައިވާ އިޢުލާނުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބުދާރީވަމުން ގެންދިއުމުގެ އިތުރުން، ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ ބަޔަށް ޝަކުވާ ހުށަހެޅުމަށްޓަކައި އިތުރު ފުރުޞަތެއް ހުޅުވާލެވިފައިވާތީ، ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުން ދާއިމީ ލިސްޓުތައް ޢާންމުކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި، ލިޔުމުން ޖަވާބުދީ ނިމުމުން ކަމަށް އެ ކޮމިޓީއިން ހާމަކުރައްވައެވެ.