ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެންދުރު ކުރީގައި އެ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރާތްކުރައްވާ އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ، ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމުގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެން ވަޑައިގެންނެވީ ހުޅުމީދުއަށެވެ. އަދި އެ ރަށުގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވިއެވެ. މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަންނަވާ، އައްޑޫ ފްލައިންގ ސްކޫލްގެ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވާ، އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެން ވަޑައިގެންނެވީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގަންނަވާ މަގު ހެދުމުގެ މަޝްރޫޢާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ހިންގާ ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ މަސައްކަތްތައް ބައްލަވައިލައްވާ، އެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިންނެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފުވައްމުލައް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވާ، އެ ތަނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.