ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލަކު ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ، އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީގެ ބައެއް ރަށްތަކާއި ފުވައްމުލައް ސިޓީއަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ހޮސްޕިޓަލްގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ ތަނުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ޕްރެޒެންޓޭޝަންއެއްގެ ސިފައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މި ގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމާއި، އައު ޚިދުމަތްތައް ތަޢާރުފުކުރުމުގައި ހުރި ގޮންޖެހުންތަކާއި، ޢާންމު ޞިއްޙަތާއި އެހެނިހެން ދާއިރާތަކުން ފަންނީ މުވައްޒަފުން ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ.

މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަންކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީއަށް ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުން ފޯރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ހޮސްޕިޓަލުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، މިހިނދުން މިހިނދަށް ހައްލު ބޭނުންވާ ކަންކަމާގުޅޭ ގޮތުން، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާ، އެ ކަންކަން ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފުޞީލުކޮށް އަލިއަޅުއްވައިލެއްވިއެވެ. އަދި ހޮސްޕިޓަލުގެ އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބައްލަވައި، ކަމާގުޅޭ މާހިރުންގެ އިރުޝާދާއެކު މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.