ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ، އެ ސިޓީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ކުރިމަވެފައިވާ ދަތިތަކާ ގުޅޭ ގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ. އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގެންނެވީ، ދެކުނުގެ ދެ އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ އެއް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މި ގޮތުން، ފުވައްމުލަކުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމާ އެކު މަޝްވަރާ ކުރައްވާފައެވެ. އަދި، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކަށް ޒިޔާރަތްކުރައްވައި، އެ މަނިކުފާނު ވަނީ، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ހިންގާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ވަޑައިގަންނަވާ، އެ ތަނުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ވެސް ސާފުކުރައްވާފައެވެ. މި ޒިޔާރާތުގައި، ވެމްކޯއާއި ފުވައްމުލަށް ސިޓީ ކައުންސިލުން ގުޅިގެން ތައްޔާރުކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ޕްލޭނާ ގުޅޭ މަޢުލޫމާތު ވެމްކޯގެ އޮފިޝަލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.