"ހިޔާ" މަޝްރޫޢުގެ ދަށުން ދިރާސާކޮށް ނިންމައި، ވަގުތީ ލިސްޓުތައް ޢާންމުކޮށްފައިވާ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާއި، ޝަރުޡު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުގެ ހާލަތު ބެލުމުގައި އަމަލުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ނޫސްވެރިންނާ ޙިއްޞާކުރައްވައިފިއެވެ. މި ކަމަށްޓަކައި "ވަރޗުއަލް"ކޮށް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރެއްވީ އެ ކޮމެޓީގެ މެންބަރު އަލްއުސްތާޛު ޠާހާ މުޙައްމަދާއި، މެންބަރު އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދުގެ އިތުރުން ކޮމެޓީގެ ފަރާތުން ލިއުޝާ ޙަސަނެވެ.

ކޮމިޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވަމުން އަލްއުސްތާޛު ޠާހާ މުޙައްމަދު ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަ ކެޓެގަރީ ފިޔަވައި އެހެން ކެޓެގަރީތަކުގެ ފޯމުތައް ދިރާސާކޮށް ނިންމައި، ވަގުތީ ލިސްޓުތައް މިހާރު ޢާންމުކުރައްވާފައިވާ ކަމުގައެވެ. އަދި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަ ކެޓެގަރީގެ ވަގުތީ ލިސްޓު އިޢުލާނުކުރުމުގެ ކުރިން މިހާރު ކުރިއަށްދަނީ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކަމުގައެވެ. މީގެ އިތުރުން، މި ޑިސެންބަރު މަހުގެ ނިޔަލަށް ހުރިހާ ކެޓެގަރީއެއްގެ ދާއިމީ ލިސްޓުތައް އިޢުލާނުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ޠާހާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޡު ހަމަވާ ފަރާތްތަކުގެ ދިރިއުޅުގެ ހާލަތު ބެލުމުގައި އަމަލުކޮށްފައިވާ މިންގަނޑާއި، އަމަލުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ވެސް މި ބައްދަލުކުރެއްވުމުގެ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ ނޫސްވެރިންނާ ޙިއްޞާ ކުރައްވާފައެވެ. އަދި، ވަކިވަކި ކެޓެގަރީތަކުގެ ޝަރުޡު ހަމަވާ ގޮތާއި، އެ ކޮމިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ޢާންމުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މަޢުލޫމާތު ވެސް އެ ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.